ކުޅިވަރު / ޓީމް ޕްރޮފައިލް

ޓީމު ޕްރޮފައިލް: ސްވިޒަލޭންޑް

ސްވިޒަލޭންޑް

އެންމެ ފުރަތަމަ ޔޫރޯގައި ވާދަކުރީ 1996 ގައި

ޔޫރޯގައި ހޯދި އެންމެ ބޮޑު ކާމިޔާބު: ޔޫރޯ 2016 ގެ ދެ ވަނަ ބުރަށް ދަތުރު ކުރުން

ޔޫރޯގައި ވާދަ ކުރާ ފަސް ވަނަ ފަހަރު

ދުނިޔޭގެ ކުޅިވަރުގެ އިދާރީ ހިންގުމުގެ ހިތަކީ ސްވިޒަލޭންޑެވެ. ކުޅިވަރުގެ މައި ފެޑްރޭޝަންތަކުގެ މަރުކަޒީ އިދާރާ ގާއިމުކޮށްފައި ވަނީ ސްވިޒަލޭންޑުގަ އެވެ. ފުޓްބޯޅަ، ވޯލީ، ބާސްކެޓްބޯޅަ އަދި އޮލިމްޕިކްސްގެ މައި މަރުކަޒުތައް އަދި މުޅި ކުޅިވަރުގެ އާބިޓްރޭޝަން އޮފީސްތައް ވެސް ހުންނަނީ ސްވިޒަލޭންޑްގަ އެވެ. އެހެން ނަމަވެސް މުބާރާތްތަކުގައި އެވަރުގެ ރަސްކަމެއް ސްވިޒަލޭންޑަކަށް ނުކުރެވެ އެވެ.

ކޮލިފައިވީ ގޮތް

ކޮލިފައިންގައި ލައްވާލި ފަސޭހަ ގުރޫޕްގެ ގޮތުން ފަސޭހަކަމާ އެކު ސްވިޒަލޭންޑް ދެމިގަންނާނެ ކަމަށް ބެލެވުނަސް އެ ޓީމު އެއް ވަނަ ހޯދީ ހަނި ތަފާތަކުންނެވެ. ރިޕަބްލިކް އޮފް އަޔަލޭންޑް އަތުން ޑެންމާކު އެއްވަރުވެ ޑެންމާކުން އަތުން ތާވަލުގެ އެއް ވަނަ މާގަމު ގެއްލުނެވެ. ސްވިޒަލޭންޑް ކުރިއަށް ޖެހުނީ ޖިބްރޯލްޓާ ކިޔާ ކުޑަ ގައުމެއްގެ އަތުން މޮޅުވެގެންނެވެ. ޖިބްރޯލްޓާ އަކީ ކޮލިފައިންގައި ވާދަކުރި 55 ގައުމުގެ ތެރެއިން ޕޮއިންޓެއް ނުލިބި ނިންމާލި ދެ ވަނަ ގައުމެވެ. ސްވިޒަލޭންޑަށް ލިބުނީ 17 ޕޮއިންޓެވެ. ޑެންމާކަށް 16 ޕޮއިންޓެވެ.

މުހިންމު ކުޅުންތެރިން

ސްވިޒަލޭންޑް ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔަކީ ލިވަޕޫލްގެ ޒާދާން ޝަކީރީ އެވެ. ކޮލިފިކޭޝަންގައި އޭނާ ނެތި ކުޅެން ޖެހުމުން ސްވިޒަލޭންޑްގެ ޓީމަށް ބޮޑު މައްސަލައެއް ކުރިމަތިވި އެވެ. އަނިޔާގެ ސަބަބުން ކޮލިފިކޭޝަންގައި އެންމެ މެޗެއްވެސް އޭނާ ނުކުޅެ އެވެ. އޭނާ ނެތުމުން ސްވިސް ޓީމުގެ ކްރިއޭޓިވިޓީ ނުފެނުނެވެ. ނަމަވެސް އާސެނަލްގެ ގްރެނިޓް ޒަކާ ފަދަ ކުޅުންތެރިންގެ ދައުރާ އެކު ކޮލިފައިވުމުގެ ކޮލިޓީ ހުއްޓެވެ.

ސްވިޒަލެންޑުގެ މުހިންމު ކުޅުންތެރިޔާ ޝަކީރީ

ޒަކާ އަކީ ސްވިސް ޓީމުން މުހިންމު އަނެއް ނަމެވެ. ނަމަވެސް އާސެނަލްގައި މިހާރު އޭނާގެ ދައުރު ކުޑަ އެވެ. އޭނާ އަށް ލިބެނީ ބެކަޕް ރޯލެކެވެ. ޒަކާ އާއި ޝަކީރީގެ އިތުރުން ހުނަރުވެރި ޓީމެއް ސްވިޒަލޭންޑްގައި އެބައޮތެވެ. ނިއުކާސަލްގެ ޑިފެންޑަރު ފެބިއަން ޝާ އަދި ބެންފީކާގެ ފޯވަޑް ހާރިސް ސެފޭރޮވިޗް އަދި އިޓަލީގެ ޓޮރިނޯގެ ޑިފެންޑަރު ރިކާޑޯ ރޮޑްރިގޭޒް ގިނަ ދުވަސްތަކެއް ވަންދެން އެއްކޮށް ކުޅެފައި ވުމުން ޓީމެއްގެ ގޮތުގައި ގިނަ ހުނަރުތަކެއް ސްވިސްގެ ޓީމުގައި އެބައޮތެވެ.

ސްވިޒަލޭންޑްގެ ޓީމުން ވިދާލާނެ ކުޅުންތެރިޔަކީ ބޮރޫޝިއާ މެންޗެންގުލެޑްބެކްގެ ފޯވަޑް ބްރީލް އެމްބެލޯ އެވެ. ސްވިޒަލޭންޑްގެ މަޝްހޫރު ކުލަބު އެފްސީ ބަޒެލްއިން ވިދާލުމުން ޖަރުމަން ކުލަބުތަކުގެ ލޯ އޭނާ އަށް އަމާޒުވީ އުމުރުން 19 އަހަރުގަ އެވެ. ޝާލްކޭ އިން އޭނާގެ ސޮއި ހޯދި އެވެ. އަނިޔާގައި އުނދަގޫ ދުވަސްތަކެއް ހޭދަ ކުރުމަށް ފަހު މިހާރު މެންޗެންގުލެޑްބެކްގައި އޭނާ ހުރީ ރަނގަޅު ފޯމެއްގަ އެވެ.

ކޯޗު

ބޮސްނިއާގެ ވެރިރަށް ސަރަޔޭވޯ އަށް އުފަންވި ނަމަވެސް ވަލްޑަމީރު ޕެޗްކޯވިޗް، 1997 އިން ފެށިގެން ސްވިޒަލޭންޑް ސިފަކުރަނީ އޭނާގެ އަމިއްލަ ގައުމުގެ ގޮތުގަ އެވެ. ސްވިސްގެ ކޯޗުކަމާ އޭނާ ހަވާލުވީ 2014 ވަނަ އަހަރު އެވެ. ޔޫރޯއާ ކުރިމަތލާއިރު ގައުމީ ޓީމުގައި އޭނާގެ ކުރިމަގާމެދު ވަނީ ސުވާލު އުފެދިފަ އެވެ. މި ފަހަރުގެ ޔޫރޯ އަށް ފަހު އޭނާގެ ކޮންޓްރެކްޓް ހަމަވާނެ އެވެ. ރަނގަޅު ނަތީޖާތަކެއް ނެރެގެން މެނުވީ އާ ކޮންޓްރެކްޓެއް ނުދޭނެ އެވެ. އޭނާގެ ކޯޗު ކަމުގައި ގުރޫޕް ސްޓޭޖު ފަހަނަޅައި ދެވުނަސް އެއްވެސް މުބާރާތެއްގައި އެއަށްވުރެ ދުރަކަށް ދެވިފައެއް ނުވެ އެވެ. މިފަހަރުގެ ޔޫރޯގައި އެންމެ ދަށް ވެގެންވެސް ކްއާޓާ ފައިނަލާ ހަމަށް ގޮސްގެން ނޫނީ އޭނާ އަށް މަގާމުގައި ދެމިހުރެވޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. ޕެޗްކޯވިޗް ސްވިޒަލޭންޑުގެ ޓީމާ ހަވާލުވުމުގެ ކުރިން އޭނާ ހުރީ އިޓަލީގެ ލާޒިއޯގެ ކޯޗަކަށެވެ. އޭނާ ވަނީ 2013 ވަނަ އަހަރު އިޓާލިއަން ކަޕުގެ ޗެމްޕިއަންކަން ލާޒިއޯ އަށް ހޯދައި ދީފަ އެވެ.

ސްވިޒަލެންޑުގެ ކޯޗު ޕެޗްކޯވިޗް

ސްވިޒަލެންޑުގެ ޓީމާ ހަވާލުވެ އޭނާ ވަނީ ކުޅުންތެރިންގެ މެދުގައި މެޗުގެ އެންމެ ފަހު ވަގުތާ ހަމަޔަށްވެސް ވަރުގަދައަށް މަސައްކަތް ކުރުމުގެ ރޫހެއް އުފައްދައިފަ އެވެ. އޭނާގެ ކުރިން ސްވިޒަލޭންޑްގެ ކޯޗަކަށް ހުރީ ޖަރުމަންގެ އޮޓްމާރު ހިޓްޒްފީލްޑް އެވެ. ބްރެޒިލްގައި 2014 ބޭއްވި ވޯލްޑްކަޕުގެ ދެ ވަނަ ބުރަށް ސްވިޒަލޭންޑް ގެންގޮސް ދިނެވެ. އެ މުބާރާތަށް ފަހު ހިޓްޒްފީލްޑް ކޯޗުކަމުން ރިޓަޔާ ކުރީ އެވެ. އޭނާ ވަނީ ބްރޫޝިއާ ޑޯޓަމުންޑާއި ބަޔާން މިޔުނިކަށް ޗެމްޕިއަންސް ލީގު ހޯދައިދީފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454