ކުޅިވަރު / ޔޫރޯ 2020

ޓީމް ޕްރޮފައިލް: ފިންލެންޑް

ފިންލޭންޑްގެ ބައެއް ކުޅުންތެރިން

ދުނިޔޭގެ އެންމެ އުފާވެރި ގައުމެވެ. ދުނިޔޭގެ އެންމެ ކާމިޔާބު ސްކޫލް އެޑިއުކޭޝަން ސިސްޓަމް އޮތް ގައުމެވެ. ފިންލޭންޑްގެ ނަމާ އެކު އެންމެ ފުރަތަމަ ހަނދާނަށް އަންނާނީ މިކަހަލަ ވާހަކަތަކެކެވެ. ޔޫރޯއަށް ފިންލޭންޑް ކޮލިފައިވީ މުޅިން އަލަށެވެ. މިއީ ފިންލޭންޑުގެ ފުޓްބޯޅައިގައި ވެސް ހޯދި އެންމެ ބޮޑު ކާމިޔާބެވެ. ކެތްތެރިކަމާ އެކު ގިނަ އަހަރުތަކެއް ވަންދެން ކުރި މަސައްކަތެވެ. ސްވިޑަންގައި 2009 ގައި ބޭއްވި 21 އަހަރުން ދަށުގެ ޔޫރޯ އަށް ފިންލޭންޑް ކޮލިފައިވި އެވެ. އެ މުބާރާތުގައި ފިންލޭންޑް ޓީމުގައި ކުޅުނު ކުޅުންތެރިންނަކީ އެ ޓީމުގެ އުންމީދީ ޖީލް ކަމުގައި ބެލެވުނެވެ. ފިންލޭންޑުގެ ސީނިއާ ޓީމުގެ މިހާރުގެ ހެޑް ކޯޗް މާކޫ ކާނެވާގެ ކޯޗު ކަމުގެ ދަށުން 21 އަހަރުން ދަށުގެ ޔޫރޯގައި ވާދަކުރި ޓީމުގެ ކުޅުންތެރިންނަށް ސީނިއާ ލެވަލްގައި ކާމިޔާބަކާ ހަމައަށް ވާސިލުވާން 10 އަހަރު ނެގި އެވެ.

ކޮލިފައިވީ ގޮތް

މިއީ ބޮޑު މުބާރަތަކަށް ފިންލެންޑް ކޮލިފައިވި ފުރަތަމަ ފަހަރެވެ. ފިންލެންޑް ޔޫރޯއަށް ކޮލިފައިވީ، ކޮލިފައިންގައި ގުރޫޕް ޖޭ ގައި، އިޓަލީގެ ފަހަތުން ދެ ވަނަ ހޯދައިގެންނެވެ. ކުޅުނު 10 މެޗުގެ ތެރެއިން ހަ މެޗުން މޮޅުވެ އެ ޓީމު ވަނީ 18 ޕޮއިންޓް ހޯދައިފަ އެވެ. އެ ޓީމު ބަލިވީ ހަތަރު މެޗުންނެވެ.

މުހިންމު ކުޅުންތެރިން

ޔޫރަޕުގެ ބޮޑެތި ލީގުތަކުގައި ކުޅޭ މާ ގިނަ ކުޅުންތެރިންނެއް ފިންލެންޑްގެ ޓީމުގައި ނެތެވެ. ނޯވިޗް ސިޓީގެ ޓޭމޫ ޕޫކީ، ބަޔާން ލެވަކޫސަންގެ ލޫކަސް ހަރާޑެކީ، އައުގްސްބާގްގެ ފްރެޑްރިކް ޔެންސެން އަދި ބްރެޝާގެ ޔެސީ ޔޮރޯނެން އަކީ ޔޫރަޕުގެ ބޮޑެތި ލީގުތަކުން މޫސާރަ ލިބޭ ފިންލެންޑްގެ ކުޅުންތެރިންނެވެ. މިފަހަރުގެ ޔޫރޯގައި ސަޕްރައިޒިން ނަތީޖާތަކެއް ނެރޭނެ ކަމަށް ބެލެވޭ ފިންލެންޑްގެ ޓީމުގައި މި ކުޅުންތެރިންގެ ދއުރު ބޮޑުވާނެ އެވެ.

ނޯވިޗަށް ކުޅޭ ފިންލެންޑުގެ ޕޫކީ

އޭގެ ތެރެއިން ހާއްސަކޮށް ޕޫކީގެ ނަން ފާހަގަ ކުރެވެ އެވެ. ނޯވިޗަށް 2018 ގައި ބަދަލުވުމުން އޭނާގެ ކުޅުން އިތުރަށް ކުރިއަރައިގެން ދިޔަ އެވެ. ފިންލެންޑަށް ކޮލިފިކޭޝަންގައި ކާމިޔާބު ލިބުމުގައި އޭނާގެ ދައުރު ބޮޑެވެ. ގިނަ ލަނޑުތަކެއް އޭނާ ޖެހި އެވެ. އައުގްސްބާގްގެ ވިންގާ ޔެންސެންއަކީ ވެސް ލަނޑު ޖެހުމުގައި ފިންލެންޑްގެ ޓީމުން ފާހަގަ ކުރެވޭނެ ކުޅުންތެރިޔަކެވެ.

ކޯޗު

ސްވެން ގޯރާން އެރިކްސަންގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މެންޗެސްޓާ ސިޓީގައި މަސައްކަތް ކުރި ސްވިޑެންގެ ހާންސް ބޭކްގެ ކޯޗު ކަމުގެ ދަށުން 2016 ގައި އެއްވެސް މެޗަކުން ފިންލެންޑް މޮޅެއް ނުވި އެވެ. ބޭރުގެ ތަޖުރިބާކާރު ކޯޗަކާ އެކު ކާމިޔާބު ނުލިބުމުން އަމިއްލަ ގައުމުގެ މާކޫ ކާނެވާއަށް ގައުމީ ޓީމު ހަވާލު ކުރި އެވެ.

ފިންލޭންޑް ކޯޗް ކާނެވާ

ސްކޫލް ޓީޗަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި، ކާނެވާ އަށް ސީނިއާ ޓީމާ އެކު ކާމިޔާބު ލިބިދާނެ ކަމަކަށް ފިންލެންޑްގެ ސަޕޯޓަރުން ހިއެއް ނުކުރެ އެވެ. ކުރިން ޓީމުގެ ޑިފެންޑަރަކަށް ކުޅުނަސް ކޯޗެއްގެ ގޮތުގައި އޭނާގެ މާބޮޑު ތަޖުރިބާއެއް ވެސް ނެތެވެ. ހާއްސަކޮށް ކްލަބު ލެވަލްގައި ކޯޗިންގެ އެއްވެސް ތަޖުރިބާއެއް ކޮށްފައި ނެތް މީހަކު ގައުމީ ޓީމުގެ ކޯޗު ކަމަށް ހަމަޖެއްސުމުން ފިންލެންޑްގެ އެފްއޭ އަށް ފާޑުކިޔުން އަމާޒުވި އެވެ. އެެހެންނަމަވެސް މެޗުތަކުން މޮޅުވާން ފެށުމުން ކާނެވާ އަށް ތައުރީފް އޮހެން ފެށި އެވެ. އެންމެ ފުރަތަމަ ޔޫއެފާ ނޭޝަން ލީގުގެ ގުރޫޕް ސްޓޭޖު ފަހަނަޅައި އަނެއް ބުރަށް ދަތުރު ކުރި އެވެ. އޭގެ ފަހުން ފިންލެންޑްގެ ފުޓްބޯޅައިގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބުގެ ގޮތުގައި، އެ ޓީމު ޔޫރޯއަށް ކޮލިފައި ކޮށްދިނެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454