ކުޅިވަރު / ޔޫރޯ 2020

ޓީމް ޕްރޮފައިލް: ރަޝިއާ

ރަޝިއާ ޓީމުގެ ބައެއް ކުޅުންތެރިން. --ފޮޓޯ:އޭއެފްޕީ

ޔޫރޯގައި އެންމެ ފުރަތަމަ ވާދަ ކުރީ: 1960 ގައި ސޯވިއެޓް ޔޫނިއަންގެ ނަމުގައި - ރަޝިއާގެ ނަމުގައި ޔޫރޯގައި އެންމެ ފުރަތަމަ ވާދަ ކުރީ 1996 ގައި

ޔޫރޯގައި ހޯދި އެންމެ ބޮޑު ކާމިޔާބު: ސޯވިއެޓް ޔޫނިއަންގެ ނަމުގައި 1960 ގެ ޗެމްޕިއަން - ރަޝިއާގެ ނަމުގައި 2008 ގެ ސެމީ ފައިނަލް

ސޯވިއެޓް ޔޫނިއަންގެ ނަމުގައި ވާދަކުރީ ފަސް ފަހަރު - ކޮމަންވެލްތު އޮފް އިންޑިޕެންޑެންޓް ސްޓޭޓްސްގެ ނަމުގައި އެއް ފަހަރު - މިއީ ރަޝިއާގެ ނަމުގައި ޔޫރޯގައި ވާދަކުރާ ހަ ވަނަ ފަހަރު

ސިޔާސީ އަދި އަސްކަރީގޮތުން ދުނިޔޭގެ އެންމެ ބާރުގަދަ އެއް ގައުމަކީ ރަޝިއާ އެވެ. އެކަމަކު ފުޓްބޯޅައިގައި ބާރެއް ނެތް ގައުމެކެވެ. ޔޫރޯ 2008 ގެ ސެމީ ފައިނަލަށް އެ ޓީމު ދަތުރު ކުރި އެވެ. އޭގެ ފަހުން ބޭއްވި ދެ ޔޫރޯގައިވެސް އެ ޓީމު ކަޓައިގެން ދިޔައީ ގުރޫޕް ސްޓޭޖުންނެވެ. ކުރީގެ ސޯވިއެޓް ޔޫނިއަންގެ ގޮތުގައި އޮތް އިރު އެ ގައުމުން ވަނީ 1960 ގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

ސޯވިއެޓް ޔުނިއަން 1991 ގައި ރޫޅިގެން ދިޔައިރު، އެ ޔޫނިއަންގެ ގައުމީ ޓީމު އޮތީ ސްވިޑެންގައި 1992 ގައި ބޭއްވި ޔޫރޯއަށް ކޮލިފައިވެފަ އެވެ. ސޯވިއެޓް ޔޫނިއަން ރޫޅި އޭގެތެރެއިން ގައުމުތަކެއް އުފެދުނެވެ. ޔޫރޯއަށް ކޮލިފައިވި ފަހުން ސޯވިއެޓް ޔޫނިއަންގެ ޓީމާ މެދު ގޮތެއް ނިންމަން ޖެހުމުން، ޔޫއެފާ އިން ހުއްދަ ދިނީ ސޯވިއެޓް ޔޫނިއަންގެ ތެރޭގައި ހިމެނުނު ހުރިހާ ގައުމެއް ތަމްސީލް ވާނެ ނަމެއް އެ ޓީމަށް ކިއުމަށެވެ. އެގޮތުން ކޮމަންވެލްތު އޮފް އިންޑިޕެންޑެންޓް ސްޓޭޓްސްގެ ނަމުގައި 1992 ގެ ޔޫރޯގައި ވާދަ ކުރި އެވެ. ކޮމަންވެލްތު އޮފް އިންޑިޕެންޑެންޓް ސްޓޭޓްސްގެ ނަމުގައި އެކުލަވާލި ސްކޮޑްގައި ރަޝިއާ، ޔޫކްރޭން، ބެލާރުސްގެ އަދި ޖޯޖިއާ އަށް ނިސްބަތްވާ ކުޅުންތެރިން ހިމެނުނެވެ. ގިނައީ ރަޝިއާގެ ކުޅުންތެރިންނެވެ.

އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގައި އަމިއްލަ ގައުމުގައި ކުޅެ ރަޝިއާ މުބާރާތުގެ ކްއާޓާ ފައިނަލަށް ދަތުރު ކުރި އެވެ. އެ މުބާރާތުގައި އެ ޓީމު ބަލި ކުރަން އުނދަގޫ ވި އެވެ. އެ މުބާރާތުގައި މޮޅަށް ކުޅުނު ރެއާލް މެޑްރިޑްގެ ކުރީގެ ވިންގާ ޑެނިސް ޗެރިޝޭވް، ވޯލްޑް ކަޕްގެ ކުރިން މަނާ ބޭސް ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވުނެވެ. ނަމަވެސް އޭނާ ވަނީ އެކަން ދޮގު ކޮށްފަ އެވެ.

ބަލި ކުރަން އުނދަގޫ ޓީމަކަށްވިޔަސް، ރަޝިއާއަށް ދިމާވާ އަނެއް މައްސަލައަކީ ލަނޑު ނުޖެހުމުގެ މައްސަލަ އެވެ. ވޯލްޑް ކަޕްގައި އެ ޓީމަށް ކުޅުނު މުހިންމު ތިން ކުޅުންތެރިންކަމަށްވާ ގޯލްކީޕަރު އީގޯ އަކިންފީވް، ޝާގޭ އިގްނާޝެވިޗް، އެލެގްޒެންޑާ ސަމޭޑޯވް ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓައިލައިފަ އެވެ. އެހެންވެ މިފަހަރުގެ ޓީމުން ބަދަލުތައް ފެންނާނެ އެވެ.

ކޮލިފައިވީ ގޮތް

ރަޝިއާ ޔޫރޯ އަށް ކޮލިފައިވީ، ގުރޫޕް ޖޭގެ ދެ ވަނަ ހޯދައިގެންނެވެ. ކޮލިފައިންގައި ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗުން މޮޅުވި އެވެ. އެ ޓީމު ބަލިވީ ގުރޫޕްގެ އެއް ވަނަ ހޯދި ބެލްޖިއަމް އަތުންނެވެ. ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް ރަޝިއާ ބަލިވި އެވެ. މުޅި ކޮލިފައިންގައި ބެލްޖިއަމް ކޮޅަށް ވަން ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކުރީ ރަޝިއާގެ ޓީމުންނެވެ. ރަޝިއާއަށް ލިބުނީ 24 ޕޮއިންޓެވެ. ހުރިހާ މެޗަކުން މޮޅުވި ބެލްޖިއަމްއަށް 30 ޕޮއިންޓެވެ.

މުހިންމު ކުޅުންތެރިން

ޒެނިޓް ޕީޓާސްބާގްގެ އިސްކޮޅުން ދިގު ފޯވަޑް އާޓެމް ޑުޒޫބާ އަކީ ރަޝިއާގެ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. ކޮލިފައިގައި ކުޅުނު 10 މެޗުގައި ނުވަ ލަނޑު އޭނާ ޖެހި އެވެ. ބަދު އަހްލާގީ އަމަލެއް ހިންގަނިކޮށް އޭނާގެ ވީޑިއޯއެއް ލީކުވުމުން މިދިޔަ އަހަރު ނޮވެމްބަރު އޭނާ ގައުމީ ޓީމުން އެކަހެރި ކުރި އެވެ. އަލުން މާފަށް އެދުމުން ގައުމީ ޓީމަށް އޭނާ ނެގީ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ތައްޔާރު ވުމަށް، މި އަހަރުގެ މާޗް މަހު އެވެ. ސްޕާޓަކް މޮސްކޯގެ ސަޕޯޓަރުން އެންމެ ރުޅި އަންނަ އެއް ކުޅުންތެރިޔަކީ އޭނާ އެވެ. އެއީ އެ ކްލަބު ދޫކޮށް ވާދަވެރި ޒެނިޓް ޕީޓާސްބާގަށް އޭނާ ސޮއި ކުރުމުންނެވެ.

ޒެނިޓް ޕީޓާސްބާގްގެ ފޯވަޑް އާޓެމް ޑުޒޫބާ. --ފޮޓޯ:އޭއެފްޕީ

ރަޝިއާގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ތެރޭގައި ވެސް އޭނާގެ ނަން ހިމެނެ އެވެ. އެ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހަދަން އޭނާ ބޭނުން ވަނީ ދެ ލަނޑެވެ.

ރަޝިއާގެ ޓީމުން ވިދާލާނެ ކަމަށް ބެލެވޭ އަނެއް ކުޅުންތެރިޔަކީ ސްޕާޓަކް މޮސްކޯގެ އެލެގްޒެންޑާ ސޮބޮލޭވް އެވެ. ލަނޑު ޖަހުމުގައި އޭނާއަކީ ތޫނުފިލި ފޯވަޑެކެވެ. ގައުމީ ޓީމަށް އޭނާ ކުޅުނު ފުރަތަމަ މެޗުގައި، އޮކްޓޯބަރު 2020 ގައި ސްވިޑަން ކޮޅަށް ވައްދާލި ލަނޑުން، ގައުމީ ޓީމަށް އޭނާ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިނެވެ. އިސްކޮޅުން ދިގު ސްޓްރައިކަރާ މެދު ގިނަ ބަޔަކު ދެކެނީ ޑުޒޫބާ، 32، ރިޕްލޭސް ކުރާނެ ކުޅުންތެރިޔާގެ ގޮތުގަ އެވެ.

ކޯޗު

ސްޓަނިސްލާވް ޝެރިޝޭސޮވްއަކީ ސޯވިއަޓް ޔޫނިއަންގެ ކުރީގެ ގޯލްކީޕަރެވެ. ސޯވިއަޓް ޔޫނިއަން 1991 ގައި ރޫޅި ރަޝިއާ އުފެދުނު ފަހުންވެސް އޭނާ ވަނީ ރަޝިއާގެ ޓީމަށް ވެސް ކުޅެފަ އެވެ. ސްޕާޓަކް މޮސްކޯގެ ކުރީގެ ކޯޗް ރަޝިއާގެ ޓީމާ ހަވާލުވީ ޔޫރޯ 2016 ގައި ރަޝިއާއަށް ކުރިމަތިވި ނާކާމިޔާބަށް ފަހު އެވެ.

ރަޝިޔާގެ ކޯޗު ޝެރިޝޭސޮވް. --ފޮޓޯ:އޭއެފްޕީ

ޓީމު ހަރުދަނާ ކުރުމަށް އޭނާ ގެނައި އެންމެ ބޮޑު ބަދަލަކީ، ޑިފެންސިވް ގޭމަކަށް ރަޝިއާގެ ސިސްޓަމް ބަދަލު ކުރުމެވެ. އެ ބަދަލާ އެކު ޓީމަށް ބޮޑު ކުރިއެރުމެއް ލިބުނެވެ. އެންމެ ފަހުގެ ވޯލްޑް ކަޕް ކްއާޓާ ފައިނަލަށް ދަތުރު ކުރުމުން ޝެރިޝޭސޮވްގެ ބަދަލުތަކާ މެދު ރަޝިއާގެ ފުޓްބޯޅަ ފެޑްރޭޝަނުން ހިތްހަމަޖުހުނެވެ.

އެހެން ނަމަވެސް މިފަހަރުގެ ޔޫރޯއާ ކުރިމަތިލާއިރު ޝެރިޝޭސޮވް އަށް އުނދަގޫ މައްސަލައެއް ކުރިމަތި ވެ އެވެ. ގޯލްކީޕިން ޑިޕާޓެމްންޓް ވަނީ ބަލިކަށިވެފަ އެވެ. ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދެއްކި ކީޕަރު އަކިންފީވް ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުން އެ މަގާމަށް އެކަށޭނެ ހައްލެއް ނުހޯދެ އެވެ. ޒެނެޓްގެ އަންޑްރޭ ލުނިޔޮވް އާއި ބްރެޒިލަށް އުފަން އަދި ފަހުން ރަޝިއާގެ ޓީމަށް ކުޅެން ފެށި ލޮކޮމޯޓިވް މޮސްކޯގެ ކީޕަރު ގުލިއޭރެމް މަރިނާޓޯއަށް ދިން ފުރުސަތުތަކުގައި ވެސް ހިތްހަމަޖެހޭ ވަރުގެ ކުޅުމެއް ނުދެއްކުނެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454