ކުޅިވަރު / ޔޫރޯ 2020

ޓީމް ޕްރޮފައިލް: ޔޫކްރޭން

ޔޫކްރޭންގެ ޓީމުގެ ބައެއް ކުޅުންތެރިން. --ފޮޓޯ:އޭއެފްޕީ

ޔޫރޯގައި އެންމެ ފުރަތަމަ ވާދަކުރީ: 2012 ގައި

ޔޫރޯގައި ގުރޫޕް ސްޓޭޖް ފަހަނަޅައި ދެވިފައެއް ނުވޭ

މިއީ ޔޫރޯގައި ވާދަކުރާ ތިން ވަނަ ފަހަރު

ކުރީގެ ސޯވިއެޓް ޔޫނިއަންގެ ބައެއްގެ ގޮތުގައި އޮތް ޔޫކްރޭންގައި ވެސް އެންމެ މަޝްހޫރު ކުޅިވަރަކީ ފުޓްބޯޅަ އެވެ. ސޯވިއެޓުންނާ ކިތަންމެ ދެކޮޅުވިޔަސް ޔޫކްރޭންގެ ފުޓުބޯޅައިގެ ރޫޓް ގުޅިފައި ވަނީ ސޯވިއެޓާ އެވެ. ރަޝިއާ އާއި ޔޫކްރޭންއާ ދެމެދު އޮންނަ ސިޔާސީ ދެކޮޅުވެރިކަމުގެ އަސަރު ޔޫކްރޭންގެ ފުޓްބޯޅައަށް ވެސް ކުރި އެވެ. ޔޫކްރޭންގެ އިރުމަތީ ސަރަހައްދުގައި އޮންނަ ކްރިމިއާ އަށް ރަޝިއާގެ އަސްކަރިއްޔާ އިން ފެބްރުއަރީ 2014 ގައި އަތްގަދަ ކުރުމުން އުފެދުނު ހަމަނުޖެހުންތަކުގެ ސަބަބުން އެ ގައުމުގެ ލީގުގެ ރޭންކު ދަށް ވެގެން ދިޔަ އެވެ.

ދެ ގައުމުގެ ދެމެދުގައި އުފެދުނު ހަމަނުޖެހުންތަކުގެ ތެރެއަށް ފުޓްބޯޅަ ވެއްޓުނެވެ. ޔޫކްރޭންގެ ގައުމީ ޓީމުގެ އެންމެ މޮޅު ޑިފެންޑަރު ޔެރޮސްލާވް ރަކިޓްސްކީ ޔޫކްރޭންގެ، އެންމެ ކާމިޔާބު ކްލަބު ޝަކްޓާ ޑޮނެސްކް ދޫކޮށް ރަޝިއާގެ ޕްރިމިއާ ލީގުގެ ކްލަބު ޒެނިޓް ޕީޓާސްބާގަށް ބަދަލުވުމުން ޔޫކްރޭންގެ ގައުމީ ޓީމުގެ ދޮރު އޭނާ އަށް ބަންދުވި އެވެ. ގައުމީ ޓީމަށް 54 މެޗު ކުޅުނު ރަކިސްޓްސްކީ، 31، އަށް މަޖުބޫރު ވީ ގައުމީ ޓީމުން ރިޓަޔާ ކުރާށެވެ. ޔޫކްރޭންގެ ސަޕޯޓަރުން ރަކިޓްސްކީ ސިފަކުރީ ގައުމަށް ގައްދާރުވި ހާއިނެއްގެ ގޮތުގަ އެވެ.

ކޮލިފައިވީ ގޮތް

މީގެ ކުރިން ދެ ފަހަރަށް ޔޫރޯގައި ކުޅުނު ޔޫކްރޭންގެ ފުޓްބޯޅައިގެ ތާރީހްގައި ކޮލިފިކޭޝަން މަރުހަލާއެއްގައި އެންމެ ރަނގަޅު ނަތީޖާއެއް ނެރުނީ، މިފަހަރުގެ ކޮލިފިކޭޝަންގަ އެވެ. ޔޫރޯގެ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗްގަލް އާއި ސާބިއާ ލަގްޒަމްބާގް އަދި ލިތުއޭނިއާ ހިމެނޭ ގުރޫޕް ބީގެ އެއް ވަނަ ޔޫކްރޭނުން ހޯދީ ކުޅުނު އަށް މެޗުގެ ތެރެއިން ހަ މެޗު ކާމިޔާބު ކޮށްގެންނެވެ. އެއްވެސް މެޗަކުން އެ ޓީމު ބަލިވެފައެއް ނުވެ އެވެ. އެ ޓީމުން ވަނީ ޕޯޗްގަލް ވެސް ބަލިކޮށްފަ އެވެ.

މުހިންމު ކުޅުންތެރިން

ބެލަންޑޯ އެވޯޑް ހޯދި އަންދުރޭ ޝެވެޗެންކޯގެ ޓީމުގައި އެންމެ މުހިންމު ކުޅުންތެރިޔަކީ ވެސްޓަމްގެ ފޯވަޑް ޔާމެލެންކޯ އެވެ. ވެސްޓްހަމްގައި ފުރަތަމަ 11 އިން ފުރުސަތު ހޯދަން އުނދަގޫވިއަސް ޔޫކްރޭން ޓީމުގައި އެންމެ ކްރިއޭޓިވް ކުޅުންތެރިޔަކީ ޔާމެލެންކޯ އެވެ.

ވެސްޓް ހޭމްގެ ޔާމެލެންކޯ. --ފޮޓޯ:އޭއެފްޕީ

ކޮލިފައިންގައި އެ ޓީމަށް ކާމިޔާބު ވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ގޯލްކީޕަރު އެންޑްރީ ޕޭޓޮވް އާއި ޒުވާން ޑިފެންޑަރުން ކަމަށްވާ މީކޯލޯ މެޓްވިއެންކޯ، ވިޓާލީ މިކޮލެންކޯ އަދި އެޑްއާޑް ސޯބޯލްގެ އިތުރުން ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ، ސާރްހީ ކްރިވްސްޓޯވް އަދި އޮލެކްޒެންޑާ ކެރަވައެވް އަކީ ޔޫކްރޭންގެ ޓީމުގެ މުހިންމު ކުޅުންތެރިންނެވެ. އެ ލިސްޓަށް އިތުރު ވާނީ އެޓަލާންޓާގެ މިޑްފީލްޑަރު ރުސްލާން މަލިނޮވްސްކީ އެވެ. އޭނާ އަކީ ޔޫކްރޭން ޓީމުގެ ފުރީ ކިކް އެކްސްޕާޓެވެ.

ކޯޗު

ޔޫރަޕްގައި އުފެދުނު އެންމެ މޮޅު އެއް ސްޓްރައިކަރުންގެ ތެރޭގައި ޔޫކްރޭންގެ މިހާރުގެ ކޯޗް އަންޑްރޭ ޝެވްޗެންކޯ ހިމެނޭނެ އެވެ. އޭސީ މިލާންއާ އެކު 2003 ގެ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް 2004 ގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި އެވެ.

ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު، ޝެވްޗެންކޯ ގުޅުނީ ސިޔާސީ ދާއިރާއަށެވެ. އޮކްޓޯބަރު 2012 ގައި ބޭއްވި ޔޫކްރޭންގެ މަޖިލިސް އިންތިހާބަށް ޝެވްޗެންކޯ ކުރިމަތިލި އެވެ. ނަމަވެސް އިންތިހާބުގައި އޭނާއަށް ކުރިމަތިވީ ނާކާމިޔާބެވެ. ޖެހިގެން އައި ނޮވެމްބަރު މަހު ގައުމީ ޓީމުގެ ކޯޗްކަން ޔޫކްރޭންގެ ފުޓްބޯޅަ ފެޑްރޭޝަނުން އޭނާއަށް ހުށަހެޅި އެވެ. ނަމަވެސް އެ މަގާމާ ހަވާލުވާން އޭރު އޭނާ ދެކޮޅު ހެދި އެވެ.

ޔުކްރޭނުގެ ކޯޗް ޝެވްޗެންކޯ

އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރީ ޔޫކްރޭންގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގަ އެވެ. އޭރުގެ ކޯޗް މިކޯލާ ފޯމެންކޯގެ ހަތަރު އަހަރުގެ ކޮންޓްރެކްޓް އެ އަހަރުގެ ޔޫރޯއަށް ފަހު ހަމަވުމުން ހެޑް ކޯޗް ކަމަށް ޝެވްޗެންކޯ ޕްރަމޯޓް ކުރި އެވެ. އޭނާގެ ކޯޗް ކަމުގެ ދަށުން ގުރޫޕުގެ އެއް ވަނައިގައި ޔޫރޯއަށް ކޮލިފައި ކޮށްދިނުމުން މިފަހަރުގެ ޔޫރޯގައި ގުރޫޕް ސްޓޭޖަށް ވުރެ ދުރަށް ޔޫކްރޭނަށް ދެވޭނެ ކަމުގެ އުންމީދު ވަނީ ބޮޑުވެފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454