ކުޅިވަރު / ޔޫރޯ 2020

ޓީމް ޕްރޮފައިލް: ހަންގޭރީ

ހަންގޭރީގެ ގައުމީ ޓީމު ގައުމީ ސަލާމަށް ހުއްޓިގެން --- ފޮޓޯ: އޭއެފްޕީ

ޔޫރޯގައި އެންމެ ފުރަތަމަ ވާދަކުރީ 1964 ގައި

ޔޫރޯގައި ހޯދި އެންމެ ބޮޑު ކާމިޔާބު: 1964 ގެ ތިން ވަނަ

ޔޫރޯގައި ވާދަކުރާ ހަތަރު ވަނަ ފަހަރު

ފުޓްބޯޅައިގައި މުއްސަނދި ތާރީހެއް އޮތް ގައުމެކެވެ. ދުނިޔޭގެ ފުޓްބޯޅައިގެ އައިކޮންއެއްގެ ގޮތުގައި ބަލާ، ފެރެންކް ޕުސްކަސް ނިސްބަތްވި ގައުމެވެ. ކޮންމެ އަހަރަކު ފީފާއިން ހޮވާ އެންމެ މޮޅު ލަނޑަށް އެވޯޑް ދެނީ ޕުސްކަސްގެ ނަމާ ގުޅުވައިގެންނެވެ.

ބަލި ނުވެ އެންމެ ގިނަ މެޗު ފުރިހަމަ ކުރި ރެކޯޑް އެއް ދުވަސްވަރެއްގައި އެ ގައުމުގެ އަތުގައި އޮތެވެ. މީގެ 70 އަހަރު ކުރިން، 1950 ގެ ކުރީކޮޅު ހަންގޭރީން ބަލި ނުވެ 31 މެޗު ފުރިހަމަ ކުރި އެވެ. އެއީ އޭރުގެ ރެކޯޑެކެވެ. އޮލިމްޕިކް ގޭމްސްގެ ފުޓްބޯޅަ އިން ތިން ފަހަރު ރަން މެޑަލް ހޯދި، ހެންގޭރީ ވަނީ އެ މުއްދަތުގައި އޮލިމްޕިކް ގޭމްސްގެ ފުޓްބޯޅަ އިން ފުރަތަމަ ފަހަރު ރަން މެޑަލް ހޯދައިފަ އެވެ. އަދި 1954 ގެ ވޯލްޑް ކަޕް ފައިނަލަށް ދަތުރު ކުރި އެވެ. އެއީ ފުޓްބޯޅައިގައި އެ ޓީމަށް ލިބުނު އެންމެ ބޮޑު ކާމިޔާބުތަކެވެ.

މިއީ ވިދިވިދިގެން ދެ ޔޫރޯގައި ހަންގޭރީ ކުޅޭ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ފްރާންސްގައި 2016 ގައި ބޭއްވި ޔޫރޯ އަށް ހެންގޭރީ ކޮލިފައިވީ 44 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު އެވެ. އެ ފަހަރު ޔޫރޯގައި ޕޯޗްގަލް އާއި އައިސްލެންޑް އަދި އޮސްޓްރިއާ ހިމެނުނު ގުރޫޕް އެފްގެ އެއް ވަނަ އެ ޓީމުން ހޯދި އެވެ.

ކޮލިފައިވީ ގޮތް

މިފަހަރުގެ ޔޯރޯއަށް ހަންގޭރީ ކޮލިފައިވީ، ޕްލޭއޮފް މަރުހަލާ ކަޑަތު ކުރުމަށް ފަހު އެވެ. ގުރޫޕް ސްޓޭޖުގައި އެންމެ ރަނގަޅު ނަތީޖާ ހޯދި ޓީމުތަކުގެ ތެރޭގައި ހިމެނިގެން، އެ ޓީމު ޕްލޭއޮފް ބުރަށް ކޮލިފައިވި އެވެ. ކޮލިފައިންގެ ގުރޫޕް ސްޓޭޖުގައި، ކޮރޮއޭޝިއާ، ވޭލްސް، ސްލޮވާކިއާ އަދި އަޒަރުބައިޖާން ހިމެނުނު ގުރޫޕް އީގެ ހަތަރު ވަނަ ހަންގޭރީ ހޯދީ 12 ޕޮއިންޓް ހޯދައިގެންނެވެ. ކޮލިފައިންގެ ޕްލޭއޮފްގެ ސެމީ ފައިނަލުގައި ބަލްގޭރިއާގެ މައްޗަށް 3-1 އިން މޮޅުވެ، ޕްލޭއޮފްގެ ފައިނަލަށް އެ ޓީމު ދަތުރު ކުރި އެވެ. ފައިނަލް ބުރުގައި އައިސްލެންޑްގެ މައްޗަށް 2-1 މޮޅުވެ ހަންގޭރީ ޔޫރޯގެ ޖާގަ ކަށަވަރު ކުރި އެވެ.

މުހިންމު ކުޅުންތެރިން

އާރްބީ ލައިޕްޒިކްގެ ވިލީ އޯބަން އަކީ ޓެކްލުކޮށް ބޯޅަ ހޯދުމުގައި ވަރުގަދަ ޑިފެންޑަރެކެވެ. ނަމަވެސް އޭނާގެ ތޫނުފިލިކަން ހިއްސާ ކުރަނީ ހަމައެކަނި ޑިފެންސިވް އޭރިއާގައެއް ނޫނެވެ. ލަނޑު ޖަހުމުގައި ވެސް އޭނާގެ އަތުގައި އޮތް ރެކޯޑް ކުޑައެއް ނޫނެވެ. ޑިފެންޑަރަކަށް ކުޅެމުން އޮކްޓޯބަރު 2018 އިން އޮކްޓޯބަރު 2020 އާ ދެމެދު ގައުމީ ޓީމަށް ހަތަރު ލަނޑު ޖަހައިދިނެވެ. އެ ދެ އަހަރު ގައުމީ ޓީމަށް އެންމެ ގިނައިން ލަނޑު ޖެހި ދެ ވަނަކުޅުންތެރިޔާގެ ގޮތުގައި ހިމެނުނީ އޭނާގެ ނަމެވެ.

ހަންގޭރިގެ ޑިފެންޑަރު ވިލީ އޯބަން --- ފޮޓޯ ރޮއިޓަސް

މިފަހަރުގެ ޔޫރޯގައި ހަންގޭރީ ޓީމުން ވިދާލާނެ ކަމަށް ބެލެވެނީ، ބުންޑެސް ލީގާގެ ކްލަބު ފްރައިބާގްގެ ވިންގާ ރޯލެންޑް ސާލައި އެވެ. ނިމިދިޔަ ސީޒަންގައި، އޭނާ ވަނީ ފްރައިބާގްއަށް އަށް ގޯލް ޖަހައިދީ އިތުރު ހަ ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ.

ކޯޗު

ރަޝިއާގައި 2018 ގައި ބޭއްވި ވޯލްޑް ކަޕަށް ހެންގޭރީ ކޮލިފައި ނުވުމުން، އެ އަހަރު ޖޫން މަހު ގައުމީ ޓީމު ހަވާލު ކުރީ އިޓާލީގެ މާކޯ ރޮސީ އަށެވެ. ގައުމީ ޓީމު އަލުން ބިނާކޮށް އާރާސްތު ކުރުމުގެ ޕްރޮޖެކްޓާ އެކު ރޮސީއާ ކޯޗްކަން ހަވާލު ކުރި އެވެ. އޭގެ ކުރިން އޭނާ ވަނީ ހަންގޭރީގެ ލީގުގައި މަސައްކަތްކޮށް ކާމިޔާބު ހޯދައިފަ އެވެ. އެހެންވެ އެ ގައުމުގެ ފުޓްބޯޅަ އަށް ގެންނަންޖެހޭ ބަދަލު ވަރަށް ރަނގަޅަށް އޭނާއަށް އޮތީ ދެނެގަނެވިފަ އެވެ.

ރޮސީއާ އެކު ހަންގޭރީގެ ފޯމް ރަނގަޅުވެގެން ދިޔަ އެވެ. ޔޫއެފާ ނޭޝަން ލީގުގައި 2018-2019 ގައި ލީގު ސީގެ ގުރޫޕް ދޭއްގެ ދެ ވަނަ ހޯދައި، ލީގު ބީ އަށް އެ ޓީމު ޕްރޮމޯޓް ކޮށްދިނެވެ. ލީގު ބީގައި ނިމިދިޔަ ސީޒަންގައި ރަޝިއާ، ސާބިއާ، ތުރުކީ ހިމެނުނު ގުރޫޕުން އެއް ވަނަ ހޯދައި 2022-2023 ގެ ނޭޝަން ލީގުގެ ގުރޫޕް އޭ އަށް އެޓީމު ކޮލިފައި ކޮށްދިނެވެ.

ހަންގޭރީގެ ކޯޗް މާކޯ ރޮސީ --- ފޮޓޯ: އޭއެފްޕީ

ޔޫރޯ ކޮލިފިކޭޝަންގެ އެންމެ މުހިންމު މެޗާ ކުރިމަތިލިއިރު ރޮސީ، ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ޓީމާ އެކަހެރިވެ ކަރަންޓީންވާން ޖެހުނެވެ. ޕްލޭއޮފް ފައިނަލް މެޗުގައި އޭނާ ބެންޗުގައި ނެތި އައިސްލެންޑްގެ މެޗުގެ އެންމެ ފަހު ވަގުތުގައި ކުރި ހޯދައި ޔޫރޯގެ ޖާގަ ކަށަވަރު ކުރި އެވެ. ކަރަންޓީންގައި ހުރެގެން އޭނާ ގެންދިޔައީ އޭނާގެ އެސިސްޓެންޓުން މެދުވެރިކޮށް ޓީމަށް އިރުޝާދު ދެމުންނެވެ.

ރޮސީއަކީ ލީޑްސް ޔުނައިޓެޑްގެ ކޯޗް މާސެލޯ ބިއެލްސާގެ ފުޓްބޯޅަ ފިލޯސަފީ ފޮލޯ ކުރާ މީހެކެވެ. ކޯޗެއްގެ ގޮތުގައި އޭނާ ރޯލް މޮޑެލްއެއް ކަމުގައި ބަލަނީ ބިއެލްސާ އެވެ. ބިއެލްސާގެ ކޯޗުކަމުގެ ދަށުން، ރޮސީ ވަނީ މެކްސިކޯގެ "ކްލަބު އެމެރިކާ" އަށް ކުޅެފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454