ކުޅިވަރު / ޔޫރޯ 2020

ޕެންޑޭވް: "ގައުމަށް ވުރެ ދޮށީ" ކެޕްޓަން

ޕެންޑޭވް މެސެޑޯނިއާގެ މެޗެއްގެ ތެރެއިން --- ފޮޓޯ: އޭޕީ

ޔޫރޯގެ ފުޓްބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި ކުރިން އޮތް ކުރީގެ ޔޫގޮސްލޭވިއާ، އަހުލީ ހަނގުރާމަ އާއި ދާހިލީ ހަމަނުޖެހުންތަކާ ހެދި ރޫޅިގެންގޮސް އޭގެ ތެރެއިން އުފެދިގެން ދިޔަ ކުދި ގައުމުތަކުގެ ތެރެއިން އެއް ގައުމަކީ އުތުރު މެސެޑޯނިއާ އެވެ.

ހިމޭން ގައުމެއްގެ ގޮތުގައި އޮތް މެސެޑޯނިއާގެ ވާހަކަ މުޅި ދުނިޔެ އަށް މަޝްހޫރުވީ، ޔޫރޯ ފުޓްބޯޅަ މުބާރާތުން ފުރަތަމަ ފަހަރަށް އެ ޓީމު ޖާގަ ހޯދުމުންނެވެ. ޔޫރޯގައި އެ ޓީމު ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ އޮސްޓްރިއާ ދެކޮޅަށެވެ. މި މެޗުގެ އެންމެ ޚާއްސަ ކުޅުންތެރިއަކީ ޓީމުގެ ކެޕްޓަން ގޯރާން ޕެންޑޭވް އެވެ. އަންނަ މަހު 38 އަހަރު ފުރޭ ޕެންޑޭވް އަށް ޔޫރޯގައި ކުޅުމުގެ ފުރުސަތު ލިބުނީ އޭނާގެ ރިޓާޔާމެންޓާ މެދު ވިސްނަމުން ދަނިކޮށެވެ.

ގައުމީ ހަޔާތުގައި 30 އަހަރުގެ ކުރު މާޒީއެއް އޮތް މެސެޑޯނިއާ، ފުރަތަމަ ފަހަރަށް ބޮޑު މުބާރާތަކަށް ކޮލިފައިވުމުން، ގައުމަށް ވުރެ ދޮށީ ކުޅުންތެރިޔާގެ ވިސްނުން ބަދަލުކޮށްފި އެވެ. އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ހުވަފެން ދެކެމުންދާ މެސެޑޯނިއާ އަށް ވޯލްޑް ކަޕްގައި ކުޅުމުގެ އުންމީދު ވެސް ޕެންޑޭވް ކުރެ އެވެ. ވޯލްޑްކަޕާ ކުރިމަތިލާއިރު އުމުރުން 40 ގެ ޓަޗްލައިނާ ޕެންޑޭވް ގާތް ކުރާނެ އެވެ. އެހެންނަމަވެސް މިހާރު ރިޓަޔާމެންޓްގެ ވިސްނުމެއް އޭނާ ނުގެންގުޅެ އެވެ.

"ވޯލްޑް ކަޕަށް ވެސް ފަހަރެއްގައި ކޯޗު އަހަރެން ނަގައިފާނެ،" ވޯލްޑް ކަޕާ ހަމައަށް ދާއިރު ވެސް ކުޅުމުގައި ދެމިހުންނާނަންތޯ ސުވާލު ކުރުމުން ޕެންޑޭވް ބުންޏެވެ.

"ނަމަވެސް އޭރު އަހަރެން ހުރެދާނެ މިހާރު ހުރިވަރަށް ވުރެ 15 ކިލޯ ބަރުވެފައި ވެސް."

ލާޒިއޯއަށް ޕެންޑޭވް ކުޅުނުއިރު --- ފޮޓޯ: އޭއެފްޕީ

ޕެންޑޭވްގެ ހެވީވެއިޓް ނަމަކަށް ވަނީ އޭނާގެ ފުޓްބޯޅައިގެ ތަޖުރިބާގެ ސަބަބުން އެކަންޏެއް ނޫނެވެ. އެ ގައުމުގެ ރައްޔިތުންގެ މެދުގައި ވެސް އޭނާއަކީ މަގްބޫލް މީހެކެވެ. މިފަހަރުގެ ޔޫރޯގައި މުޅި ގައުމު އެއް ކުޅުންތެރިޔެއްގެ ފަހަތަށް އަރާނެ ދެ ވަނަ އެހެން ކުޅުންތެރިޔެއް ޕެންޑޭވް ނޫނީ ނެތެވެ.

"ގޯރާން (ޕެންޑޭވް) ގެ ކިބައިގައި ހުރޭ ހާއްސަ ހަކަތައެއް އޭނާ ކުރީގައި ހުރެގެން މީހުން އެކުވެރި ކުރުމުގެ،" ޕެންޑޭވްގެ ފުޓްބޯޅަ އެކެޑެމީގެ ސްޕޯޓިން ޑައިރެކްޓާ ޖުގޯސްލާވް ޓްރޭންޗޮވްސްކީ ބުންޏެވެ.

"އޭނޭ އަކީ ގައުމީ ޓީމުގައި ގައުމުގެ ރައްޔިތުންގެ މެދުގައި ވެސް ބޮޑު ލީޑެއްރެއް."

ރާއްޖޭގަޑިން މިރޭ ނުވައެއް ޖަހާއިރު އޮސްޓްރިއާއާ ދެކޮޅަށް ކުޅޭ މެޗުން، ބޮޑު މުބާރާތެއްގައި ފުރަތަމަ ފަހަރަށް ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުމުގެ ޝަރަފް ޕެންޑޭވް އަށް ލިބޭނެ އެވެ. ގައުމީ ޓީމަށް ކުޅެންފެށިތާ 20 އަހަރު ފުރުން އޭނާ ފާހަގަކުރީ މިދިޔަ ހަފުތާގަ އެވެ. ޔޫރޯ އަށް، މެސެޑޯނިއާ ކޮލިފައި ކޮށްދިން ލަނޑު، ޖޯޖިއާގެ ވަރުގަދަ ޑިފެންސް ރޫޅާލުމަށް ފަހު ޕެންޑޭވް ކާމިޔާބުކުރުމުން ގައުމުގައި އޭނާ ބަތަލަކަށްވި އެވެ.

"އެންމެ ޒުވާން އިރުން ފެށިގެން އޭނާގެ ކިބައިގައި ހުންނަ "ޑީއެންއޭ"އެއް އެއީ ރަނގަޅު ވަގުތުގައި ކޮންމެ ކުޅުންތެރިޔަކާ އެކު ވެސް އެ ސިޓްއޭޝަނަކަށް ފިޓްވުން،" ލާޒީއޯއަށް ޕެންޑޭވް ގެންދިޔަ ޑެލިއޯ ރޮސީ ބުންޏެވެ.

"މިކަހަލަ ހުނަރުތަކުގެ ސަބަބުން އޭނާ ހާއްސަ ކުޅުންތެރިޔަކަށް ވަނީ. އެހެން ކުޅުންތެރިންނަށް މެޗުގެ އެންމެ މުހިންމު ދަނޑިވަޅު ދެނެގަތުމުގެ ކުރިން ގޯރާން (ޕެންޑޭވް) އޮންނާނީ އެ ދަނޑިވަޅު ބޭނުން ކޮށްފައި. އެއީ އޭނާގެ ކިބައިގައި ހުރި ޖާދޫއެއް ފަދަ ސިފައެއް."

ރޮސީ ބުނީ މެޗު ފެށުމުގެ ކުރިން ހާއްސަ ވާހަކަތަކެއް ދައްކާ ކުޅުންތެރިޔަކަށް ޕެންޑޭވް ނުވާނެ ކަމަށެވެ. އެހެން ނަމަވެސް އޭނާއަކީ ހަމަހިމޭން ލީޑަރެއް ކަމަށް ރޮސީ ސިފަކުރި އެވެ.

"އޭނާއަކީ ސައިލެންޓް ލީޑަރެއް. އެހެން ކުޅުންތެރިންނާ ތަފާތު ވާނެ. އެކަމަކު ހުރިހާ ކުޅުންތެރިން ވެސް އޭނާ ދެކެ ލޯބިވާނެ،" ރޮސީ ބުންޏެވެ.

ސެރި އާ ގައި 473 މެޗު ކުޅެ، އިންޓަ މިލާންއާ އެކު ޗެމްޕިއަންސް ލީގު 2010 ގައި ހޯދައި، މެސެޑޯނިއާގެ އެހެން ކުޅުންތެރިންނަށް ވުރެ އޭނާގެ މަގުބޫލުކަން ބޮޑުވިއަސް އެހެން ކުޅުންތެރިންގެ ކުރިމަތީގައ އޭނާ ވެސް އަމަލު ކުރަނީ އެ ކުޅުންތެރިންނާ އެއް ހަމައަކުންނެވެ.

0 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 43%
icon sad icon sad 14%
icon angry icon angry 0%
icon wow icon wow 43%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454