ކުޅިވަރު / ޔޫރޯ 2020

މެސެޑޯނިއާ ބަލިކޮށް، އޮސްޓްރިއާ އަށް ޔޫރޯގައި ފުރަތަމަ މޮޅު

އޮސްޓްރިއާގެ ދެ ވަނަ ލަނޑު ގްރެގޯރިޗް ފޮނުވާލަނީ

ބުކަރެސްޓް، ރޫމޭނިއާ (ޖޫން 13) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މުޅިން އަލަށް ވާދަ ކުރި ނޯތު މެސެޑޯނިއާގެ މައްޗަށް 3-1 އިން އޮސްޓްރިއާ ކުރި ހޯދައިފި އެވެ. މިއީ އޮސްޓްރިއާ ޔޫރޯގެ މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ.

ރޫމޭނިއާގެ ބުކަރެސްޓްގައި މިރޭ ޔޫރޯ 2020ގެ ގުރޫޕް ސީގެ މެޗުން އޮސްޓްރިއާ މޮޅުވިއިރު، މީގެ ކުރިން އެ ގައުމު ޔޫރޯގައި ދެ ފަހަރު ވާދަކުރިއިރު ވެސް، މުބާރާތުގެ މެޗުން މޮޅެއްނުވެ އެވެ. އެހެންކަމުން މިއީ އޮސްޓްރިއާ އަށް ތާރީހީ މޮޅެކެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީ އޮސްޓްރިއާއިންނެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ސްޓެފަން ލައިނާ އެވެ. މެޗުގެ 18 ވަނަ މިނެޓްގައި އޭނާ ލަނޑު ކާމިޔާބު ކުރީ މާސެލް ޒަބިޓްޒާ ތަަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. އެކަމަކު ލީޑު ނަގައިގެން އޮސްޓްރިއާގެ ޓީމަށް ހަމަޖެހިލައިގެން ތިބެވުނީ 10 މިނެޓަށެވެ.

އެ ޓީމުގެ ޑިފެންސަށް ހެދުނު ފީކަޅާ މިސްޓޭކެއްގެ ސަބަބުން މެސެޑޯނިއާއަށް ފަހިވި ފުރުސަތުގައި އެ ޓީމުގެ ކެޕްޓަން ގޯރާން ޕަންޑޭވް މެސެޑޯނިއާއަށް ލަނޑު ކާމިޔާބުކޮށްދިނެވެ. އެ ލަނޑަކީ ބޮޑު މުބާރާތެއްގައި މެސެޑޯނިއާގެ ޓީމުން ޖެހި ފުރަތަމަ ލަނޑެވެ. މެސެޑޯނިއާ ޔޫރޯއަށް ކޮލިފައި ކޮށްދޭން ޔޫރޯގައި ޖޯޖިއާ ކޮޅަށް ލަނޑުޖެހީ ވެސް ޕަންޑޭވް ،37، އެވެ.

މި ލަނޑާއެކު ޕަންޑޭވް ވަނީ ޔޫރޯގެ މުބާރާތެއްގައި ލަނޑު ޖެހި އެންމެ ދޮށީ ކުޅުންތެރިންގެ ލިސްޓުގެ ދެވަނަ އަށް އަރައިފަ އެވެ.

މެޗުގެ ދެވަނަ ހާފުގައި އޮސްޓްރިއާ ކޮޅަށް މެޗުގެ ނަތީޖާ އަލުން އަނބުރާލީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ދެ ކުޅުންތެރިންނެވެ.

މެޗުގެ 78 ވަނަ މިނިޓުގައި އޮސްޓްރިއާގެ ކެޕްޓަން ޑޭވިޑް އަލަބާ ހުރަސްކޮށްލި ބޯޅައަކުން، އެ ޓީމަށް އަލުން ލީޑު ހޯދައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައިހުރި މިޝޭލް ގްރިގޯރިއަކެވެ.

މެސެޑޯނއިާގެ ކުޅުންތެރިން އުފާފާލު ކުރަނީ

މެޗުގެ ފަހު މިނިޓުގެ ތެރޭގައި އޮސްޓްރިއާ އިން މެޗުން ތިން ޕޮއިންޓް ކަށަވަރުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ ހުރި ތަޖުރިބާކާރު ފޯވަޑް މާކޯ އާނާޓޮވިޗް ޖެހި ލަނޑުންނެވެ.

ދެ ވަނަ ހާފުގައި، ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. މެޗުގެ 63 ވަނަ މިނެޓްގައި މެސެޑޯނިއާގެ އެލްފް އެލްމާސް އަށް ލިބުނު ފުރުސަތަށް ހުރަސް އެޅީ އޮސްޓްރިއާގެ ކީޕަރު ޑެނިއެލް ބާކްމަން އެވެ. އެލްމާސް ފޮނުވާލި ބޯޅަ އަލުން ރީބައުންސްވެ ދެ ވަނަ ފަހަރަށް ވެސް އެ ބޯޅަ ޖަހަން މެސެޑޯނިއާގެ ކުޅުންތެރިންނަށް ފަހިވި އެވެ. ދެ ވަނަ ފަހަރަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލް ހުރަސްދަނޑި މަތިން ބޭރަށެވެ.

އޭގެ ދެ މިނެޓް ފަހުން އޮސްޓްރިއާގެ އަނާޓޮވިޗް އޭރިއާ ތެރެއަށް ނަގައިދިން ބޯޅައިން ސަބިޓްޒާ ނުރައްކާތެރި ހަމަލާއެއް ބޮލުން ފޮނުވާލި އެވެ. އެހެން ނަމަވެސް މެސެޑޯނިއާގެ ކީޕަރު ސްޓޯލް ޑިމިޓްރިއެވްސްކީ އެބޯޅަ އަތުން ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލީ އެވެ.

ގުރޫޕް ސީގައި ކުޅޭ ދެވަނަ މެޗުގައި މިރޭ ނެދަލޭންޑްސްއާ ދެކޮޅަށް ނުކުންނާނީ ޔޫކްރޭނެވެ. -- އޭއެފްޕީ

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454