ކުޅިވަރު / ޔޫރޯ 2020

ޗެކުގެ މަޑުމައިތިރި ކޯޗު ގެނައީ އިންގިލާބެއް

ޗެކް ރިޕަބްލިކުގެ ކޯޗު ޔޯރެސްލާވް ސިލްހަވީ. --- ފޮޓޯ: އޭއެފްޕީ

ގްލާސްގޯ، ސްކޮޓްލެންޑް (ޖޫން 14) - ކޯޗެއްގެ ކިބައިގައި ހުންނަން ޖެހޭ އެއް ސިފައަކީ ސްޓްރިކްޓް ވުން ކަމަށް ބައެއް މީހުން ބުނެ އެވެ. ކުޅުންތެރިން ތިމާގެ ބޮލަށް އެރޭވަރުގެ "ސޮފްޓް" ކޯޗަކަށް ފުޓްބޯޅައިގައި މަސައްކަތް ނުކުރެވޭނެ ކަމަށެވެސް ބުނެފާނެ އެވެ، ނަމަވެސް ޗެކް ރިޕަބްލިކްގެ ކޯޗް ޔޯރެސްލާވް ސިލްހަވީ އަކީ އެއާ ތަފާތު ކޯޗެކެވެ.

އޭނާ އަކީ ހަރުކަށި ކޯޗެއް ނޫނެވެ. ކުޅުންތެރިޔަކާ ދިމާލަށް ބާރަށް އެއްޗެއް ބުނާ ކޯޗެއް ނޫނެވެ. ނަމަވެސް އަޑިގަނޑަކަށް ވެއްޓިފައި އޮތް އެ ގައުމުގެ ފުޓުބޯޅަ ނަގަން އޭނާއާ ހަވާލުކުރި ޒިންމާ މިހާތަަށް ވަރަށް ރަނގަޅަށް އަދާކޮށްފި އެވެ. އޭނާގެ އެންމެ ބޮޑު ހަތިޔާރަކަށްވީ ހިމޭން ކަމެވެ. އޭނާގެ ހިމޭންކަން، ޗެކް ރިޕަބްލިކް ވަށައިލައި އެ ޓީމު ގަދަ ކޮށްލައިފި އެވެެ. މިހާރު އެއީ ބަލި ކުރަން އުނދަގޫ ޓީމަކަށް ވެއްޖެ އެވެ.

ސިލްހަވީގެ މައްޗަށް ތުހުމަތު ކުރެވުނީ "ސޮފްޓް" ކޯޗެއްގެ ގޮތުގަ އެވެ. އެހެންވެ އޭނާއަށް އޮތް ފާޑުކިޔުންވެސް ބޮޑުވި އެވެ.

"މީހަކު ބުނެފާނެ އެއީ ސޮފްޓް މީހެކޭ ނަމަވެސް އޭގެ ހަގީގަތަކީ މަޑުމައިތިރިކަން،" އޭނާ ބުންޏެވެ. "އަހަރެން ހީވަނީ އަހަންނަކީ ޕޮލައިޓް ކޯޗެއްހެން. އަހަރެން ނުދެކެން ކުޅުންތެރިންނަކީ އަހަރެންގެ ނުފޫޒާއި ބާރުގެ ދަށުގައި ތިބެން ޖެހޭ ބައެއް ކަމަކަށް. އަހަރެން ދެކެނީ ކުޅުންތެރިންނަކީ މި މަސައްކަތުގައި އަހަރެންގެ ޕާޓްނަރުން ކަމަށް."

ޗެކުގެ ކްލަބު ލިބެރެކްގައި ސިލްހަވީގެ ކޯޗުކަމުގެ ދަށުން ކުޅުނު އޮންޑްރެޔޭ ކުސްނިއާ ބުނިގޮތުގައި، ކުޅުންތެރިޔަކު ފޯމް ދަށްވިއަސް އެ ކުޅުންތެރިޔަކާ ސިލްހަވީ ވާހަކަ ދައްކާނީ ކެތްތެރިކަމާއެކު އެވެ. އަދި އެ ކުޅުންތެރިޔަކު އަލުން ފޯމަށް އެނަބުރިއައުމަށް އެހީތެރިވުމުގެ ގޮތުން އެކެއް ނުވަތަ ދެ މެޗަށް ރެސްޓެއް ދޭނެ އެވެ.

ސިލްހަވީ ޗެކް ޓީމުގެ ޓްރެއިނިންގައި --- ފޮޓޯ: އޭއެފްޕީ

"އޭނާ ބޭނުން ވާނީ ރަނގަޅު ކެރެކްޓާގައި ތިބި ކުޅުންތެރިން. އޭނާ އަކީ ކުޅުންތެރިން މޯޓިވޭޓް ކުރުމުގައި މޮޅު ސައިކޮލަޖިސްޓެއް. އޭނާއަށް އެނގޭނެ އޭނާ ވާހަކަ ދައްކަން ޖެހޭނެ ވަގުތާއި ކޮންމެ ކުޅުންތެރިއަކާ ވަކިވަކިން މުއަމާލަތް ކުރަން ޖެހޭނެ ގޮތް،" ކުސްނިއާ ބުންޏެވެ.

ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅޭ ސިސްޓަމްގައި ސިލްހަވީ އެންމެ ގިނައިން ބޭނުން ކުރާ 4-2-3-1 ގެ ފޯމޭޝަންގައި އެ ޓީމު ވެފައި ވަނީ ބަލިކުރަން އުނދަގޫ ޓީމަކަށެވެ. ފްރާންސްގައި އެންމެ ފަހުން ބޭއްވި ޔޫރޯ އަށް ޗެކް ކޮލިފައިވީ ނަމަވެސް އެފަހަރުގެ މުބާރާތުގައި އެއްވެސް މެޗަކުން އެ ޓީމު މޮޅެއް ނުވި އެވެ. އޭނާގެ ކޯޗުކަމުގެ ދަށުން ކުޅުންތެރިންގެ މަސައްކަތުގެ ރޭޓް ރަނގަޅުވި އެވެ.

ސިލްހަވީ އާއި ގައުމީ ޓީމުގެ ވަޒީފާ ހަވާލުވީ، ރަޝިއާގައި އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕަށް ސްވިޒަލޭންޑް ކޮލިފައި ނުވުމުންނެވެ. އޭގެ ކުރިން އޭނާ ވަނީ ޔޫރޯ 2004 ގއި ޓީމުގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

މި ފަހުގެ ތާރީޚުގައި ޗެކުގެ ފުޓްބޯޅައިން ފެނުނު ރަން ޖީލްގެ ކުޅުންތެރިން ކަމަށްވާ، ޕަވޭލް ނެޑްވެޑް، ތޯމަސް ރޮޒިސްކީ އަދި ޕީޓާ ޗެކުގެ ރަންޒަމާނުގައި އެފަހަރު މުބާރާތުގެ ސެމީ ފައިނަލުގައި އެ ޓީމު ބަލިވީ އެ އަހަރުގެ ޗެމްޕިއަން ގްރީސް އަތުންނެވެ.

ސިލްހަވީ ޕްރެސްގައި ވާހަކަ ދައްކަނީ --- ފޮޓޯ: އޭއެފްޕީ

ސިލްހަވީ ހެޑް ކޯޗަކަށްވި އިރު އަގުބޮޑު ތަރިއެއް އެ ޓީމުގައި ނެތެވެ. ނަމަވެސް އެ ޓީމަށް އޮތީ ސިލްހަވީގެ މަޑުމައިތިރި މިޒާޖެވެ. ކުޅުންތެރިންނަށް އޭނާ ދީފައި ވަނީ އިންތިހާ ދަރަޖައިގެ މިނިވަން ކަމެކެވެ.

"އަހަރެން ހުންނާނެ މެޗުތަކަށް ނުކުތުމުގެ ކުރިން ކުޅުންތެރިންނަށް ވަރަށް ބޮޑަށް މިނިވަންކަން ދީފައި. ސްލޮވާކިއާ އާ ދެކޮޅަށް އަހަރެމެން ކުޅުނު މެޗަށް ދިޔައީ އެހާ މިނިވަންކޮށް އުޅެން ކުޅުންތެރިން ދޫ ދިނުމަށް ފަހު."

ކުޅުންތެރިންނަށް އޭނާ ދިން އެ މިނިވަން ކަމާއެކުގައި، ސްލޮވޭކިއާގެ މައްޗަށް ޗެކް ރިޕަބްލިކް ކާމިޔާބު ހޯދި އެވެ. އޭނާގެ ކޯޗުކަމުގެ ދަށުން ޗެކް ރިޕަބްލިކް ޔޫރޯގައި ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ސްކޮޓްލެންޑާ ދެކޮޅަށެވެ. އެ މެޗު ފަށާނީ މިއަދު ހަވީރު ރާއްޖޭ ގަޑިން ހައެއް ޖަހާއިރު އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 33%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454