ކުޅިވަރު / ޔޫރޯ 2020

ޑައިނަމޯ-ޝަކްޓާގެ ވާދަވެރިކަމުގައި ޔޫކްރޭން ބައިބައިވެދާނެ

ނެދަލެންޑްސް އާ ދެކޮޅަށް ކުޅުނު މެޗުގައި ޔޫކްރޭންގެ ކުޅުންތެރިން --- ފޮޓޯ: އޭއެފްޕީ

ބުކަރެސްޓް (ޖޫން 17) - ސްޕެއިންގައި ރެއާލް މެޑްރިޑާއި އެފްސީ ބާސެލޯނާގެ ދެމެދުގައި އޮތް ވާދަރިކަން ނުވަތަ އިނގިރޭސި ވިލާތުގައި މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލާ ދެމެދު އޮތް ވާދަވެރިކަމާ އެއްވަރުގެ ވާދަވެރި ކަމެއް "ކްލަސިޗިން ޑާބީ"ގެ ނަމުން މަޝްހޫރު ވެފައިވާ ޔޫކްރޭންގެ ޝަކްޓާ ޑޮނެސްކް އާއި ޑައިނަމޯ ކިއޭވްއާ ދެމެދުގައި ވެސް އެބައޮތެވެ.

އެ ވާދަވެރިކަމުގެ އަސަރުން، ޔޫކްރޭންގެ ގައުމީ ޓީމަށް ވެސް ސަލާމަތް ވެވޭކަށް ނެތެވެ. ގައުމީ ޓީމުގައި ކުޅުންތެރިންގެ މެދުގައި އެ ވާދަވެރިކަން ފެންނާކަށް ނެތެވެ. ނަމަވެސް ގައުމީ ޓީމު އެކުލަވާލުމުގެ މަރުހަލާއިން އެ ދެ ކްލަބުގެ ދެމެދުގައި އޮންނަ ވާދަވެރިކަން ފެނިގެންދެ އެވެ. ގައުމީ ޓީމަށް އެންމެ ގިނައިން ކުޅުންތެރިން ނަގަނީ އެ ދެ ކްލަބުގެ ތެރެއިން ކޮން ކްލަބަކުންތޯ ވެސް ސަޕޯޓަރުން ބަލަ އެވެ. ވަކި ކްލަބަކުން ގިނަ ކުޅުންތެރިން ނަގާނަމަ އަނެއް ކްލަބުގެ ސަޕޯޓަރުންގެ ރުޅިވެރިކަން ގައުމީ ޓީމުގެ ކޯޗަކަށް ހުންނަ މީހަކާ މެދު އޮވެ އެވެ.

ޑައިނަމޯގެ ފޯވަޑް އާޓޭމް ބިސެޑެން އާއި ޝަކްޓާގެ ޑިފެންޑަރު ސާޖީ ކްރިވްސޯވް އަކީ، ކްލަބު ލެވަލްގައި ވަރަށް ވާދަވެރި ދެ ކުޅުންތެރިންނެވެ. އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކަށް ބަހުގެ ހަމަލާ ރައްދު ކުރުން ދެ ކްލަބުގެ ވާދަވެރިކަމުގެ ތެރެއަށް ވަދެ އެވެ. ނަމަވެސް ގައުމީ ޓީމުގައި ދެ ކުޅުންތެރިން ވެސް ވަނީ އެ ވާދަވަރިކަން ނޯންނާނެ ކަމަށް ބުނެފަ އެވެ.

ޔޫރޯ އަށް ގައުމީ ޓީމު އެކުލަވައިލިއިރު ކޯޗު އެންޑްރޭ ޝެވްޗެންކޯ ގިނަ ފުރުސަތު ދީފައި ވަނީ ލީގުގެ ޗެމްޕިއަން ޑައިނަމޯ އަށެވެ. އެ ކްލަބުން ގައުމީ ޓީމަށް 10 ކުޅުންތެރިން ނެގި އެވެ. ޝަކްޓާ ޑޮނެސްކްއިން ހަތް ކުޅުންތެރިންނެވެ.

ޔޫކްރޭންގެ ކުޅުންތެރިން --- ފޮޓޯ: އޭއެފްޕީ

އެހެންނަމަވެސް ޔޫރޯގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ނެދަލޭންޑްސްއާ ދެކޮޅަށް ފުރަތަމަ 11 އިން އެންމެ ގިނަ ފުރުސަތު ދިނީ ޑައިނަމޯގެ ކުޅުންތެރިންނަށެވެ. މެޗުގައި ރަނގަޅު ސޭވްތަކެއް ކުރި ޔޫކްރޭންގެ ކީޕަރު ޖޯޖީ ބަޝްޗާންއަކީ ފުރަތަމަ 11 އިން ފުރުސަތު ދިން ޑައިނަމޯގެ ފަސް ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާ އެވެ.

މި ސީޒަންގައި ޑައިނަމޯއަށް ލީގު ހޯދައިދިން ރޮމޭނިއާގެ ކޯޗް މިރެސިއާ ލުކެސްކޫ، މިދިޔަ އަހަރު އެ ޓީމުގެ ކޯޗުކަމަށް ހަމަޖެއްސުމުން ޑައިނަމޯގެ ސަޕޯޓަރުން ރުޅި ގަދަވި އެވެ. ސަބަބަކީ އޭނާ ޝަކްޓާ ޑޮނެސްކްއަށް ކުރިން ކޯޗް ކޮށްދީފައި ވުމެވެ. އޭނާގެ ކޯޗް ކަމުގެ ދަށުން ޝަކްޓާ ވަނީ 2009 ގެ ލީގު ޗެމްޕިއަންކަން އެ ޓީމަށް ހޯދައި ދީފަ އެވެ.

ޓީމު ލީޑުކުރުމުގައި، ގައުމުން ބޭރުގައި ކުޅޭ ކުޅުންތެރިންގެ ނުފޫޒު ވެސް ގަދަ އެވެ. މެންޗެސްޓާ ސިޓީގެ ޑިފެންޑަރު އެލެގްޒެންޑާ ޒިންޝެންކޯ އާއި އެޓަލާންޓާގެ މިޑްފީލްޑަރު ރުސްލާން މަލިނޮވްސްކީ އަދި އެންމެ ފަހުން ކުޅުނު މެޗުގައި ނެދަލެންޑްސް ކޮޅަށް ލަނޑު ޖެހި، ވެސްޓްހަމްގެ ވިންގާ އަންޑްރޭ ޔާމެލެންކޯ އަކީ ޓީމުގެ މުހިންމު ކުޅުންތެރިންނެވެ.

މުބާރާތުގައި ދެމިއޮންނަން ބޭނުން ނަމަ، މެސެޑޯނިއާއާ ދެކޮޅަށް ޔޫކްރޭން މިއަދު ކުޅޭ މެޗުން މޮޅުވުން މުހިންމެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 100%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454