ނެދަލެންޑްސްއަށް ލަނޑު ޖަހައިދިން ދެ ކުޅުންތެރިން، ޑިޕާއީ އާއި ޑެމްފްރީސް --- ފޮޓޯ: އޭއެފްޕީ
18 ޖޫން 2021 - 02:05
އެމްސްޓަޑަމް (ޖޫން 18) - އޮސްޓްރިއާގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ނެދަލެންޑްސްއިން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރަށް ދަތުރު ކޮށްފި އެވެ.
ޔޫރޯގެ ތާރީހުގައި އޮސްޓްރިއާގެ ފުރަތަމަ މޮޅު މިދިޔަ ހޮނިހިރު ދުވަހު، އުތުރު މެސެޑޯނިއާގެ މައްޗަށް ހޯދި ނަމަވެސް ނެދަލެންޑްސް ކުރިމަތީގައި އޮސްޓްރިއާއަށް ގަދަ ބާރެއް ނުދެއްކުނެވެ. ނެދަލެންޑްސްގެ ފުރަތަމަ މެޗުގައި އެ ޓީމު މޮޅުވީ ޔޫކްރޭން އަތުންނެވެ.
މެޗުގައި ނެދަލެންޑްސްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުން މެންފިސް ޑިޕާއީ އެވެ. އޮސްޓްރިއާގެ ކީޕަރު ޑެނިއެލް ބާކްމަން ޑައިވް ކުރީވެސް ރަނގަޅު ފަޅިއަށެވެ. އެހެންނަމަވެސް އޭނާގެ އަތުގައި އެ ބޯޅަ ލައްވައެއް ނުލި އެވެ.
ހަތް އަހަރަށް ފަހު ބޮޑު މުބާރާތަކަށް ކޮލިފައިވި، ހޮލެންޑްގެ ކިބައިން ފާއިތުވެދިޔަ މުއްދަތުގައި ގެއްލުނީ އެ ޓީމުގެ ޒަމާންވީ ގޭމް ސިސްޓަމެވެ. ނަމަވެސް އަލުން އެސިސްޓަމް އިތުރަށް ތަރައްގީކޮށް ޔޫރޯއިން ޖާގަ ހޯދި ހޮލެންޑުން މިރޭ ވެސް ވަނީ އެ ޓީމުގެ ގޭމް ރަނގަޅަށް ކުޅެން މަސައްކަތް ކޮށްފަ އެވެ. ކުޅުންތެރިން ޓެކްޓިކަލް ޑިސިޕްލިން ހިފައްހައްޓައިގެން ޑިފެންސާއި އެޓޭކް އެއްވަރެއްގައި ޕާފޯމް ކުރާނެ ފޯމޭޝަނެއް ކޯޗް ފްރޭން ޑެ ބޮއެ ވަނީ ހޯދައިފަ އެވެ. އޭނާގެ އާ ފޯމޭޝަނަށް ފާޑުކިއޔުން އަމާޒުވިއަސް، އެ ސިސްޓަމްގައި ނަތީޖާ ހާސިލު ވަމުން ދިއުމުން ފާޑުކިޔުންތަކަށް އޭނާ ސަމާލުކަމެއް ނުދެ އެވެ.
ނެދަލެންޑްސްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ
ހޮލެންޑް ގެ ދެ ވަނަ ލަނޑު ޑެންޒެލް ޑެމްފްރީސް ކާމިޔާބު ކުރީ ޑޮނިޔެލް މާލެން ދިން ޕާހަކުންނެވެ. އޮސްޓްރިއާގެ ހާފުގެ ތެރެއިން މާލެންއަށް ލިބުނު ބޯޅަ ހިފައިގެން ހުސްކޮށް އޭރިއާ ތެރެއަށް ވަދެ އޭނާ އެކަނި ފޮނުވާލަންވެސް ފުރުސަތު ލިބުނެވެ. ނަމަވެސް އޭނާ ބޯޅަ ފަހިކޮށް ދިނީ ޑެމްފްރީސްއަށެވެ. އޭނާ ވަނީ ބޯޅަ ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ.
މާލެން އޮފްސައިޑް ވެފައިވާ ކަމަށް ބުނެ، އޮސްޓްރިއާގެ ކީޕަރު ބާކްމަން ރެފްރީގެ ނިންމުމާ ދެކޮޅު ހަދާކަން ހާމަކޮށް ލައިސްމަނަށް ހިތްހަމަނުޖެހުން ފާޅު ކުރި އެވެ. އެކަމާ ގުޅިގެން އޭނާއަށް ރީނދޫ ކާޑެއް ދެއްކި އެވެ.
ހޮލެންޑް ދެ ވަނަ ލަނޑު ޖެހުމުގެ ކުރިން ޑެ ލިޓްއަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ކޯނަރަކުން ތަނަވަސްވި ބޯޅައިން އޭނާ ބޮލުން ފޮނުވާލި ބޯޅަ ގޯލް ތެރެއަށް ވަދަވަދެ އޮއްވައި އޮސްޓްރިއާގެ ކުޅުންތެރިން ދިފާއުކޮޮށް ކޯނަރަކަށް ބޭރުކޮށްލީ އެވެ.
މެޗުގެ 81 ވަނަ މިނެޓްގައި އޮސްޓްރިއާގެ ކެޕްޓަން ޑޭވިޑް އަލަބާއަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާގެ ބޭރުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިއާ އިންޗިއެއްހާ ކައިރިން ބޭރަށެވެ. އޭގެ ކުރިން ކެލާޗިޗްއަށް ލިބުނު ބޯޅަވެސް ދިޔައީ ތިރިތިރިން ގޯލް ދަނޑި ކައިރިން ބޭރަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy