މިއުނިކް (ޖޫން 19) - އެންމެ ފަހުގެ ޗެމްޕިއަން ޕޯޗްގަލްގެ މައްޗަށް 4-2 އިން ކުރިހޯދައި، ޖަރުމަން ޔޫރޯގައި ކުރިއަށް ދިއުމަށް އުންމީދު އާކޮށްފި އެވެ.

ޖަރުމަން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި، ފްރާންސް އަތުން ބަލިވުމުން، މިރޭ ޕޯޗްގަލްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވުން ޖަރުމަނަށް އޮތީ މަޖުބޫރުވެފަ އެވެ.

މެޗު ފެށިގެން ހަތަރު ވަނަ މިނެޓުގައި ޖަރުމަނަށް ލީޑު ނެގުނު ކަމަށް ހީކޮށް އެ ޓީމުގެ ކުޅުންތެރިން އުފާފާޅުވެސް ކުރި އެވެ. ޖަރުމަނުން ނެގި ހުރަހުން ރޮބިން ގޯސަންސް ލަނޑު ޖަހައި ދިނެވެ. ނަމަވެސް ވީއޭއާރުން ބެލުމުން އެނގުނީ ލަނޑު ޖެހުމުގެ ކުރިން ޖަރުމަންގެ ތޯމަސް މުލާގެ އަތުގައި ބޯޅަ ޖެހިފައިވާ ކަމަށެވެ.

ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ މެޗުގެ 15 ވަނަ މިނެޓްގައި އެ ޓީމަށް ލީޑު ނަގައިދިނެވެ. ޖަރުމަނުން ނެގި ކޯނަރު ކްލިއާކޮށް އެ ބޯޅަ ހޯދީ ބެނާޑޯ ސިލްވާ އެވެ. ރޮނާލްޑޯވެސް ރަނގަޅު ވަގުތުގައި ދުވެފައި، ޖަރުމަންގެ ގޯލާ ހަމައަށް ދިޔަ އެވެ. ބެނާޑޯ ސިލްވާ ބޯޅަ ދިނީ ޑިއޭގޯ ޖޯޓާ އަށެވެ. އޭރު ރޮނާލްޑޯ ހުހަށް އޭރިއާގެ ތެރެއަށް ވަނެވެ. ޖަރުމަންގެ ކީޕަރު މެނައުލް ނޯޔާ ބޯޅައަށް އަރަން ފެށުމުން ޖޯޓާ ބޯޅަ ޕާސްކޮށްލީ ގޯލް ކުރިމައްޗަށެވެ. ރޮނާލްޑޯ ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަަށް ބޯޅަ ވައްދައިލައިފަ އެވެ.

ޕޯޗްގަލް އަށް ލީޑު ހިފަހައްޓާލެވުނީ 20 މިނެޓެއް ހާއިރު އެވެ. މެޗުގެ 35 ވަނަ މިނެޓްގައި ގޯސެންސް އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ އަށް ކައި ހަވާޓްޒް އެރި ނަމަވެސް، އެ ބޯޅަ ގޯލްގެ ތެރެއަށް ވަނީ ޕޯޗްގަލްގެ ޑިފެންޑަރު ރުބެން ޑިއާޒް ފައިގައި ޖެހިފަ އެވެ. އެހެންވެ އެ ގޯލް ގުނައިފައި ވަނީ ޑިއާޒް އަތުން ބައިކޮޅަށް ވަތް ގޯލެއްގެ ގޮތުގަ އެވެ.

ޖަރުމަންގެ ހަތަރުވަނަ ލަނޑު ޖަހައިދިން ގޯސެންސް  --- ފޮޓޯ: އޭއެފްޕީ
ޖަރުމަންގެ ހަތަރުވަނަ ލަނޑު ޖަހައިދިން ގޯސެންސް --- ފޮޓޯ: އޭއެފްޕީ

އޭގެ ހަތަރު މިނެޓް ފަހުން ޖަރުމަން ކޮޅަށް މެޗުގެ ނަތީޖާ އެނބުރިގެން ދިޔައީ ވެސް ޕޯޗްގަލްގެ ރަފައެލް ގުރޭރޯ އަތުން ބައިކޮޅަށް ވަތް ލަނޑަކުންނެވެ. ހަވަޓްޒް ނެގި ހުރަސް ޕޯޗްގަލްގެ ޕެނަލްޓީ އޭރިއާގެ ތެރޭގައި ހުރި ޖޯޝުއާ ކިމިޗަށް ލިބުނަ ނުދޭން ގުރޭރޯ މަސައްކަތް ކުރީ ބޯޅަ ކްލިއާ ކޮށްލާށެވެ. ނަމަވެސް އޭނާ ޖެހި ބޯޅަ ވަނީ އަމިއްލަ ގޯލްގެ ތެރެއަށެވެ.

ދެ ވަނަ ހާފުގައި ޖަރުމަންގެ ހަމަލާތައް ފެނުނީ މާ ނުރައްކާ ކޮށެވެ. ދެ ވަނަ ހާފުގެ ކުރީ ކޮޅު ޖަރުމަނުން ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ ފުޅާ ކުރި އެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު 51 ވަނަ މިނެޓްގައި ހަވަޓްޒް ކާމިޔާބު ކުރީ ގޯސެން ދިން ބޯޅައިންނެވެ. ހަތަރު ވަނަ ލަނޑު 60 ވަނަ މިނެޓްގައި ގޯސެންސް ކާމިޔާބު ކުރީ ކިމިޗް ހުރަސްކޮށްދިން ބޯޅައިންނެވެ.

އޭގެ ހަތް މިނެޓް ފަހުން ޕޯޗްގަލްގެ ދެ ވަނަ ލަނޑު ޖޯޓާ ކާމިޔާބު ކުރީ ގޯލް ލައިން މަތީގައި ހުރެފައި ރޮނާލްޑޯ ދިން ބޯޅަ ގޯލްގެ ތެރެއަށް ވައްދަލައިގެންނެވެ.