މީހުން

މޫމިނާއްތަ؛ ރާއްޖޭން އިއްވި ދުނިޔޭގެ ފުރަތަމަ އަންހެން ފުޓްބޯޅަ ކޮމަންޓޭޓަރުގެ އަޑު

ފެންނާން ހުރި ހެކިތަކަށް ބަލާއިރު، ލިޔެފައި އެ އޮތީ ރަނގަޅު ވާހަކަ އެވެ. ދުނިޔޭގެ ފުރަތަމަ އަންހެން ފުޓްބޯޅަ ކޮމަންޓޭޓަރަކީ، ދިވެހި ރޭޑިއޯގެ ތާރީހުގައި ހިތްގައިމު އެއް އަޑު މޫމިނާ އިބްރާހިމް (މޫމިނާއްތަ) އެވެ.

މާނައަކީ؛ ފުޓްބޯޅަ މެޗެއް ހިނގަމުންދާ ގޮތް ސިކުންތުން ސިކުންތަށް ހުށަހަޅައިދިން ފުރަތަމަ އަންހެން އަޑަކީ، މޫމިނާއްތަގެ ސާފު އަޑެވެ. މި ވާހަކަ އިތުރަށް ބަލަން ކުރި ދިރާސާތަކުން ފެނުނީ، ބީބީސީ ރޭޑިއޯގެ ކުރީގެ ރިޕޯޓަރު ގެއިލް ހަންލަންގެ ނަމެވެ. އޭނާ އަކީ ފުޓްބޯޅައިގެ ފުރަތަމަ އަންހެން ބްރޮޑްކާސްޓަރެވެ. ފުޓްބޯޅަ މެޗަކާ ބެހޭގޮތުން އޭނާގެ އަޑު އިނގިރޭސި ރޭޑިއޯއިން އެންމެ ފުރަތަމަ އިއްވީ 1983 ގަ އެވެ. އެއީ، މެޗު ނިމުނު ފަހުން ނަތީޖާ ބުނެ ދިނުމަށެވެ. މެޗު ހިނގަމުންދާ ގޮތް ވަގުތުން ވަގުތަށް އޭނާ ވެސް ހުށަހަޅައިދީފައެއް ނުވެ އެވެ.

ރާއްޖޭގެ އެންމެ މަތީ ޑިވިޝަނުގެ ފުޓްބޯޅަ މެޗުތަކުގެ ލައިވް ކޮމެންޓްރީ ދޭން، މޫމިނާއްތަ ފެށީ 1984 ގަ އެވެ. ފުޓްބޯޅަ އަށް ޝައުގު ހުރެގެނެއް ނޫނެވެ. އޭރު މެޗުތައް ކުޅެމުން ދިޔަ ހެންވޭރު ދަނޑާ ކައިރީގައި އޭނާގެ ގެ ހުރި ކަމުގައި ވިޔަސް، އޭރު ވައިގައި ހިފައިފައި އޮތް ދިވެހި ފުޓްބޯޅައިގެ ފޯރި އާއި ސަޕޯޓަރުންގެ ގުގުމުންތަކުގެ އަޑުން މުޅި ހިސާބުގަނޑަށް ގުނޑުން އަރުވާލާ އިރު ވެސް މޫމިނާއްތަ އަށް، އެންމެ ފުރަތަމަ އެ ފޯރިގެ އަސަރެއް ނުކުރި އެވެ.

"މިވާހަކަ" ޕޮޑްކާސްޓްގައި މޫމިނާއްތަ

"އަޅުގަނޑަކީ ފުޓްބޯޅަ ބަލާ މީހެއް ވެސް ނޫން. ގޭ ކައިރީގައި ދަނޑު އޮންނާނީ ވެސް އެކަމަކު އެތަނަށް ގޮސްގެން ފުޓްބޯޅަ ބަލައެއް ނޫޅެން،" ފުޓްބޯޅަ ކޮމެންޓްރީ ދޭން ފެށުނު ގޮތް "މިހާރު" ގެ 'މި ވާހަކަ' ޕޮޑްކާސްޓްގައި ކިޔައިދެމުން މޫމިނާއްތަ ބުންޏެވެ.

އަޑުގެ ވަޒީފާގައި ނޫޅޭ ބައެއް މީހުން ވެސް ކޮމެންޓްރީ ދެމުންދާތީ، އެ ތަނުގެ އިތުރު މުވައްޒަފުން އެކަމުގެ ތެރެއަށް ވެއްދުމުގެ ގޮތުން ދަނޑަށް ގޮސް ކޮމެންޓްރީ ދޭން ދަސްކުރަން އެންގި މުވައްޒަފުންގެ ތެރޭގައި މޫމިނާއްތަ ވެސް ހިމެނުނެވެ.

މިހާރުގެ މި ވާހަކަ ޕްރޮގްރާމްގައި މޫމިނާއްތަ

"މިވެނި ކަމެއް ކުރާށޭ އެހެން ވިދާޅުވެއްޖެއްޔާ، ތިމަންނަ އަކަށް ނުވާނޭ ނުބުނަން ދުވަހަކު ވެސް. ކުރެވޭތޯ މަސައްކަތް ކުރަން. އެހެންވީމަ އެ ގޮތަށް ކުރެވުނު މަސައްކަތެއް އެއީ،" ބްރޮޑްކާސްޓިން ދާއިރާ އިން އެވޯޑް ވެސް ހާސިލުކޮށްފައިވާ މޫމިނާއްތަ ކިޔައިދިނެވެ.

ގަލޮޅު ދަނޑުގައި، ދަގަނޑު ހޮޅި ޖަހައިގެން އުސްކޮށް ހަދާފައި ހުރި ކޮމެންޓްރީ "ބޮކްސް" ގެ ފިލާގަނޑަށް އަރަން ޖެހެނީ، ހަރުގަނޑަކުންނެވެ. އުނދަގުލުން ދަސް ކުރި އެ މަސައްކަތް ފެށިއިރު، އެންމެ ފުރަތަމަ ފުޓްބޯޅައިގެ އުޑެއް ބުޑެއް އޭނާ އަކަށް ނޭނގެ އެވެ.

"ފުރަތަމަ ފަށައިގެން އިރު އަޅުގަނޑުމެންނަކަށް ނޭނގެ އެކައްޗެއް ވެސް ހަމަ،" އޭނާ ކިޔައިދިނެވެ.

"ހާފެއް، އެކައްޗެއް ވެސް ނޭނގެ. ބައެއް ފަހަރު ހިތައް އަރާ ކީއްވެހޭ އެހެން ގޯލަކަށް އެ ޖަހަނީ ވެސް. އެހާހިސާބުގައި އަޅުގަނޑުމެން ތިބީ. ފުރަތަމަ ބަދުރު [ނަސީރު] ގެ އެހީތެރި ކަމާ އެކު އަޅުގަނޑުމެން އެކަން ކުރަން ފެށީ."

ޝަރަފުވެރިކަމުގެ އިނާމު 2020 ގައި މޫމިނާއްތަ އަށް ވަނީ ސަރުކާރުން ދެއްވާފައި

އެ އުނދަގޫ ހަރުގަނޑުން އަރައި ފެށި މަސައްކަތުގައި ބައެއް މީހުންގެ ނުރުހުމުގެ ބަސްތައް އަމާޒުވެފައި ހުންނަ ކަމަށް މޫމިނާއްތަ ބުންޏެވެ. އޭނާ އާއި އޭރު ކޮމެންޓްރީ ދިން އެހެން، އަންހެން މުވައްޒަފުން ކޮމެންޓްރީ ދޭން ފެށިއިރު އެއީ އާންމުން ބަލައިގަންނަ ކަމަކަށް ނުވި އެވެ. އޮލިމްޕަހުގެ ކަންމަތީގައި ހުންނަ ސައި ހޮޓަލަށް މެޗު ނިންމާފައި ދަނޑުން ނުކުމެ ޖަމާވެފައި ތިބޭ ކްލަބްތަކުގެ ސަޕޯޓަރުންގެ ގުރޫޕްގަނޑު ދިމާކޮށްލިޔަސް، އެ މަސައްކަތުގައި ކުރިއަށް ދިއުން ނޫން އެހެން ވިސްނުމެއް މޫމިނާއްތަގެ ބޮލުގައި ނެތެވެ.

"ސައި ހޮޓާ ކައިރީގައި އެއްވެފަ ތިބޭ މީހުން ބުނެލާނެ ބަސްބަސް، 'އަންހެނުންގެ ކުޅިވަރެއް ނޫނޭ މިއީކީ. އަންހެނުން ކޮމެންޓްރީ ދޭތީ ރަނގަޅެއް ނޫނޭ'. މިކަހަލަ އެއްޗިހި ވެސް އެހެން ބުނެލާ އަޑު އިވޭ،" އޭނާ ބުންޏެވެ.

"ދެން އަޅުގަނޑު ހިތަށް އެރީ އެނގިދާނެތާއޭ ވާގޮތެއް މި މަސައްކަތް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދެވޭތޯ ބަލާނަމޭ."

އެކަމަކު އެހެން މީހުންގެ ފަރާތުން ހިތްވަރުގެ ބަސްތައް ލިބި، އުސް ހަރުގަނޑުން ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާ ކުރަމުން ގޮސް މޫމިނާއްތަގެ ކޮމެންޓްރީ އަށް އާންމުންގެ ހިތް ގެނބިގެން ދިޔަ އެވެ. އޭނާ ބުނީ އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި މަރްހޫމް އިބްރާހިމް ޝިހާބު ގުޅުއްވައި ކޮމެންޓްރީ އަޑު އަހާ ކަމަށް ވިދާޅުވެ ހިތްވަރު ދެއްވައިފައިވާ ކަމަށެވެ. އަދި އިތުރަށް ފުރިހަމަކޮށްލަން ޖެހޭ ކަންކަން އެބޭފުޅުން ވިދާޅުވެ ދެއްވާތީ ކުރިއަށް ދިއުމަށް އިތުރު ހިތްވަރެއް ލިބުނު ކަން މޫމިނާއްތަ ފާހަގަ ކުރި އެވެ.

އެންމެ ފުރަތަމަ އުޅުނީ ނަރުހަކަށް ވާން

އޭރު ހާލަތު ދިމާވި ގޮތުން، ގްރޭޑް 10 ނިންމަން މޫމިނާއްތަ އަށް ފުރުސަތެއް ނުލިބުނެވެ. ގްރޭޑް އަށަކުން ކެނޑެން ޖެހުނީ އޭނާ ބުނި ގޮތުގައި އޭރުގެ ހާލަތު ހުރި ގޮތުންނެވެ. ފަހުން ހާއްސަ ކްލާހަކަށް ގޮސް ކިޔެވި އެވެ. އޭރު އުމުރުން 15 އަހަރުގެ މޫމިނާއްތަގެ ވިސްނުން ހުރީ ނަރުހަކަށް ވާށެވެ.

"(ނަރުސް ޓްރޭނިންގައި) އެއް އަހަރުގެ ޓްރޭނިން ހަދައިފަ. އެގްޒާމްސް ވެސް ހެދިން. އެގްޒާމް ހަދައިފަ އެތަނުން ކެނޑުނީ. ދެން އެހެން ހުރެހުރެފައި 1970 ގައި ދިޔައީ ދިވެހިރާއްޖޭގެ އަޑަށް،" މޫމިނާއްތަ ބުންޏެވެ.

އޭނާ ބުނީ ބްރޮޑްކާސްޓިން ދާއިރާގައި މަސައްކަތް ފެށީ ކޮންމެހެން ސީދާ އެކަމަށް ޝައުގުވެރިވެގެންނޭ ބުނަން ނޭނގޭ ކަމަށެވެ. އޭރު ރޭޑިއޯއިން ފޮނުވާނީ ގިނައިން އިނގިރޭސި ލަވަ އެވެ. ދެން ސަރުކާރުގެ ވިޔާފަރި ކުންފުނި އެމްޖީބީއެސް (ބޮޑު އިސްޓޯރު) ގެ އިސްތިހާރު ކޮންމެ ދެ ލަވައެއްގެ ދެމެދުން ފޮނުވަނީ އެވެ.

"ޕްރޮގްރާމްތަކެއް ހަދައިގެން އޭރަކު ނުފޮނުވާ. އިނގިރޭސި ލަވަ ފޮނުވާނީ. އެމްޖީބީއެސްގެ ތިން އިސްތިހާރު ކިޔާފައި އަނެއްކާ ވެސް ލަވައެއް ފޮނުވާނީ،" އޭރު ރޭޑިއޯ ހިންގަމުން ދިޔަ ގޮތް ސިފަކޮށް ދެމުން މޫމިނާއްތަ ބުންޏެވެ.

އެކަމަކު އޭގެ އަށް އަހަރު ފަހުން، މައުމޫނުގެ ވެރިކަމަށް ވަޑައިގެން ރޭޑިއޯ ހިދުމަތް ފުޅާ ކުރުމުގެ މަސައްކަތް ފެއްޓެވި އެވެ. އޮސްޓްރޭލިއާގެ ތަޖުރިބާކާރެއް ކަމަށްވާ ކީތު ޑެކްސަން ރާއްޖެ ގެނެސް، އަޑުގެ މުވައްޒަފުންނަށް ރޭޑިއޯ ޕްރޮގްރާމްގެ ސްކްރިޕްޓް ތައްޔާރު ކުރާނެ ގޮތުގެ ތަމްރީންތަކެއް ކުރިއަށް ގެންދިޔަ އެވެ.

އަޑުން ބާއްވާ ބެސްޓް ޕްރެޒެންޓާ މުބާރާތުގެ ޖަޖިން ޕެނަލްގައި މޫމިނާއްތަ

ރޭޑިއޯގައި ޕްރޮގްރާމްތަކެއް ހެދި، ފޮނުވަން ފެށި ހިސާބުން، އަޑުގެ ހިދުމަތާއި އެ ޕްރޮގްރާމްތައް ހުށަހަޅައި ދިން ޕްރެޒެންޓަރުންނަށް ބޮޑު މަގުބޫލުކަމެއް މުޅި ރާއްޖެއިން އޮހުނެވެ. އާންމުންނާ އެންމެ ޝައުގުވެރި އެއް ޕްރޮގްރާމްގެ ގޮތުގައި އޭރު ގެނެސްދިން "އާންމު ސިއްހަތު" ޕްރޮގްރާމާއި "މަގުމަތިން" ޕްރޮގްރާމް ހުށަހަޅައި ދިން މޫމިނާއްތަ އަށް ވެސް އެ މަގުބޫލުކަން ލިބުނެވެ.

އޭރު ހުށަހަޅައިދިން "ކުޑަ ކުދިންގެ ބަގީޗާ" އަދި "މަދަރުސާ ކުދީންގެ ގަޑި" ޕްރޮގްރާމުން، އާންމުންގެ މެދުގައި ފަހުން މޫމިނާއްތަގެ ނަމުން މަޝްހޫރުވި، މި ޕްރެޒެންޓަރު، 38 އަހަރު ބްރޮޑްކާސްޓިން ދާއިރާގައި ހިދުމަތް ކުރުމަށް ފަހު ރޭޑިއޯއިން ރިޓަޔާ ކުރިޔަސް، އަޑަށް އޭނާގެ ހިދުމަތް މެދު ނުކެނޑުމެއް ނެތެވެ.

ޒުވާނުންނަށް ހުޅުވާލާއިގެން އަޑުން ބާއްވާ، އެންމެ މޮޅު ރޭޑިއޯ ޕްރެޒެންޓާ މުބާާރާތުގައި ފަނޑިޔާރުކަން ކުރުމާއި، އަޑުގެ ތަމްރީން ޕްރޮގްރާމްތަކުގައި ސެޝަންތައް ނަގައިދޭން ދައުވަތު ދޭ ހަމަ ކޮންމެ ފަހަރަކު ކަހަލަ ގޮތަކަށް މޫމިނާއްތަގެ ހިދުމަތް ދިޔައީ ރާއްޖޭގެ ރޭޑިއޯ ބްރޮޑްކާސްޓިން އަށް ފޯރުކޮށްމުންނެވެ.

އޮކްޓޯބަރު 2021 ގައި ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި، ކޮމެންޓްރީ ދޭން ގަލޮޅު ދަނޑުގެ މިޑިއާ ބޮކްސް އަށް ވެސް ދިޔަ މޫމިނާއްތަ ބުނީ، ރޭޑިއޯގައި ވަޒީފާ އަދާނުކުރިޔަސް، އެދުނު ކޮންމެ އެހީތެރިކަމެއް ވީރަކުން ފޯރުކޮށް ދިނުމަކީ އޭނާ އަށް ލިބޭ އުފަލެއް ކަމަށެވެ.

18 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 4%
icon angry icon angry 4%
icon wow icon wow 4%
icon inlove icon inlove 65%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހަންމާކަލޯ

24 December 2023

މޫމިނާއްތަ ކޮށްދެއްވި އަގުހުރި ޚިދުމަތަށް ފަށްފަށުން ޝުކުރު ދަންނަވަން. އަދި ޚާއްސަކޮށް ދިވެހިބަހަށް ދެއްވާ އަހައްމިޔަތަށް ޝުކުރު ދަންނަވަން. އަޅުގަނޑުގެ ދުޢާ އަކީ މޫމިނާއްތަ އަށް ދެދުނިޔޭގެ އުފާވެރިން މިންވަރު ކުރެއްވުން.

The name is already taken The name is available. Register?

ކޮމެންޓަރީ އަޑުއެހި މީހާ

24 December 2023

މުއުމިނާއްތަ މި ހަނދާން ހުންނާނެހެން ހާދަ ހީވެއެވެ..... 1984 ވަނަ އަަހަރު، މި އާޓިކަލްގައިވާ ގޮތުން ކަމަށް ވާނަމަ އެއީ މުއުމިނާއްތަ ކޮމެންޓަރީ ދޭން ފައްޓާނެ ދުވަސް ވަރެވެ...... 1984 އެވެ، ކޮމެންޓޭޓަރ މުއުމިނާއްތަގެ އަޑެވެ! ކުއްލިއަކަށް އިވުނީ، "އާތް! އަމައްޔާތް! އެއޮތްވީ ގޮތެއް!" ބުނި އަޑެވެ! ކޮމެންޓަރީ އިރުކޮޅަކަށް މެދުކެނޑުމަށްފަހުގައި ކުރިޔަށް ގެންދިޔައެވެ. ޔަގީނާ ގާތަށް އެނގޭ ގޮތުގައި މުއުމިނާއްތަ އަށް ބޭ ޢިޚުތިޔާރުގައި ހެއްވާ ދެތިން އެއްޗެއް ބުނެވުމުން ހިނިއައިސް ނުވަތަ ކިޔުނު އެއްޗެތި ރިއަލައިޒްވުމުން ކޮމެންޓަރީ މަޑުޖައްސާލުމަށް ފަހުގައި ކުރިޔަށް ގެންދިޔައީއެވެ.

The name is already taken The name is available. Register?

ޑަމީ

23 December 2023

ލެޖެންޑް! ތެންކިޔު ފޮ ދަ ގްރޭޓް މެމޮރީސް!

The name is already taken The name is available. Register?

އަބްޑޫޅް +

24 December 2023

މިހާރު އެ އިގިރޭސީ ވެރިންވެސް ލެޓިން އަކުރު ދޫކޮށްލާފަ ތާނައިން ލިޔަން ފެށީތަ؟

The name is already taken The name is available. Register?

ތިމާވެށި

23 December 2023

ރާއްޖެ އަށް ޕާޓީ ސިްޓަމް އައިސް އާއްމު ރައްޔިތުންގެ އަޑޫ ކެނޑީ ސިޔާސީ މީހުންގެ އަޑު ގަދަ ވެއްޖެ އެވެ. މިހާރު އަބަދު ދައްކާނީ ސިޔާސީ މީހެއްގެ ވާހަކަ އެވެ.

The name is already taken The name is available. Register?

ހާމިދު ޝާހިދު

23 December 2023

މޫމިނާ އައްތައަކީ ރޭޑިއޯ އިން އިންގްލިޝް ސަރވިސް ކުރިއަށް ގެންދެވި ދުވަސްވަރު، އެސަރވިސް ހިންގެވި އެންމެ އިސްވެރިއާ! އަޑަށް 1980 ގައި ވަޒީފާއަށް އަލަށް ވެންނެވި ބެޗްގައި ހިމެނޭ، އަމީނިއްޔާ ސްކޫލުން ކިޔަވާ ވިދާޅުވި އިނގިރޭސި ބަސް އެކަށީގެންވާވަރަށް އިނގިވަޑައިގަންނަވާ މަދު އެނައުންސަރުންގެ ތެރެއިން އެކަކު. މަދުންނަމަވެސް، އިނގިރޭސި ޚަބަރާއި، އިންޑެޕްތް ރިޕޯޓް އިނގިރޭސިބަހުން ހުށަހަޅުއްވާ ދެއްވި. މިއަދު މިފަދަ ބޭފުޅުން އަޑުގައިނެތުމުން ހިތާމަކުރަން

The name is already taken The name is available. Register?

ޒަންޖަބީލު

23 December 2023

ރާއްޖެއަކީ ފުޓްބޯޅައަށް މަރުދިންގައުމެއް، ސަޕޯޓް އިންތިހާއަށް އޮތް ރޭޑިއޯކޮމެންޓްރީ އަޑުއަހާ މީހުންވެސް އެހާގިނަ. އެކަން ނެތި ދިޔައީ އެފްއޭއެމްއަށް ނުބައި އެދުމަކާއި އެޖެންޑާއަކާއެކު މީހުން އަންނަން ފެށި ހިސާބުން އެމީހުން އެފްއޭއެމް ދެކުނީ ރަންބިސްއަޅާ ކުކުޅެއް ގޮތައް. އެމީހުން ކުޅިވަރުގެ ދުވަސް ދުއްވާލީ. މިހާރު މެޗެއް ކުޅުނަސް ނޭގޭނެ، މިހަކު އަހާނުލާނެ ކޮންބައެއްތޯ ކުޅެނީވެސް.

The name is already taken The name is available. Register?

ކޮރަލް

23 December 2023

ގައުމަށް ބޮޑެތި ހިދުމަތް ތައް ކޮށްފަ ވާ ކުދި އަދި މެދު ފަންތީގެ ވަޒީފާ ތައް އަދާ ކޮށްފަވާ މީހުންނަށް ރިޓަޔަރމަންޓް އަކަށް ދާއިރު މީހުން ކައިރިން ސަލާން ނުޖަހާ އުޅެވޭނެ ގޮތެއް ސަރުކާރުން ހަމަ ޖައްސަން ޖެހެ އެވެ. 5 އަހަރު މަތީ ތައުލީމް އެއްނެތި މެމްބަރު ކަން ކުރީމަ މުޅި އުމުރަށް ކޮންމެ މަހަކު އެލިބޭ ފައިސާ އަކީ އާދައިގެ ވަޒީފާ އެއްގަ އުޅޭ މީހަކު ވިހިއަހަރު ފަހުން ރިޓަޔަރ ކުރީމަ ލިބޭ ވ ވުރެ މާ މަތީ އަދަދެކެވެ.

The name is already taken The name is available. Register?

ކުދުރޭޑިއޯ

23 December 2023

އޭރުގެ ފިރިހެން ބޭފުޅެއްގެ އަޑު، އެއީ ވަރަށް ބަރާބަރު ޖޯޝުން ފުރިގެންވާ އަޑެއް، އިދިކޮޅު ހާފުތެއެއް ބޯޅަގޮއްސިއްޔާ ސަލާމަތެއް ނުހުންނާނެ، ކޮމެންޓްރީގެ އަޑުއަވަސްގެ އަޑުގަދަވެ ހީވާނީ ދެންމެ ދެންމެ ލަނޑުޖަހާލަފާނެހެން އެހާވެސް އަޑުގައި ފޯރިހުރޭ، އެއީ ވަރަށް އެކަމުގެ ތެރެއަށްވަދެގެން އެކަން ކުރިބޭފުޅެއް. މިހާރުގެ ކޮންމެންޓްރީ ވަރަށް މޮނޮޓޮނަސް، ނޯ އިންޕްލެކްޝަންސް. ބޮޑަ މެޗުތަކުގެ ވާދަވެރިކަމެއް ނުހުންނާތީކަންނޭގޭ

The name is already taken The name is available. Register?

ވާމިލް

23 December 2023

ކޮބާ ނަޖުމާއްތަ .. އެވެސް ?

The name is already taken The name is available. Register?

ހުވޭ

23 December 2023

އޭރުގެ ޕްރޮގްރާމްތައް ހާދަރީއްޗޭ ހިތްގައިމޭ އަޑުއަހާހިތުން އަޑުއަހަނީ. ރޭޑިއޯ އަޑުއަހައިގެން އެކަނިވެސް ދިރިއުޅުމެއް ބިނާކޮށްލެވޭހާ ފުރިހަމަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454