ވޯލްޑް ކަޕް 2018

ޓީމް ޕްރޮފައިލް: މިސްރު

މިސްރުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން. --ފޮޓޯ: އޭއެފްޕީ

01 ޖޫން 2018 - 00:00

އެފްރިކާ ފުޓްބޯޅައިގައި މިސްރަކީ ވަރުގަދަ ބާރެކެވެ. މިސްރަކީ އެފްރިކާގެ ސަަރަހައްދީ ފުޓްބޯޅަ މުބާރާތުގެ އެންމެ ކާމިޔާބު ގައުމެވެ. އެގޮތުން އެފްރިކަން ކަޕް އޮފް ނޭޝަންސް ޖުމްލަ ހަތް ފަހަރު ކާމިޔާބުކޮށް، މި މުބާރާތުގެ ތަށި އެންމެ ގިނަ ފަހަރު އުފުލައިލުމުގެ ޝަރަފް އޮތީ މިސްރަށެވެ.

ނަމަވެސް ވޯލްޑް ކަޕްގައި މިހާތަނަށް މިސްރަށް މާ މުއްސަނދި ތާރީހެއް ލިބިފައެއް ނެތެވެ. އަދި 1990 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕަަކަށް މިސްރު ކޮލިފައިނުވުމަކީ އެ ގައުމުގެ ފުޓްބޯޅަ އަށް ލިބިފައި އޮތް ހީނަރުކަމެކެވެ.

މިއީ މިސްރު ވޯލްޑް ކަޕްގައި ވާދަކުރާ ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ވާދަކުރީ 1934 ވަނަ އަހަރެވެ. އެ އަހަރުގެ މުބާރާތުގެ ފުރަތަމަ ބުރުގައި ހަންގޭރީ އަތުން 4-2 އިން ބަލިވެ، މުބާރާތުން ކެޓީ އެވެ.

އިޓަލީގައި 1990ގައި އޮތް ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި މިސްރުން ވާދަކުރި އެެވެ. ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު އެއްވަރުވިއިރު، އެއް މެޗުން މިސްރު ވަނީ ބަލިވެފަ އެވެ.

ކޮލިފައިވި ގޮތް

މި އަހަރުގެ ވޯލްޑް ކަޕަށް މިސްރު ކޮލިފައިވީ ކޮންގޯ އަތުން 2-1 އިން މޮޅުވެގެންނެވެ. މެޗުގެ ފަހު 10 މިނިޓުގެ ތެރޭގައި ކޮންގޯ އިން ނަތީޖާ އެއްވަރުކޮށްފައިވަނިކޮށް، އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، މިސްރަށް ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުކޮށްދިނީ މުހައްމަދު ސަލާހު އެވެ. މި މޮޅާ އެކު، މިސްރު ވަނީ ގުރޫޕް އީގައި ޔުގަންޑާގެ މައްޗަށް ހަތަރު ޕޮއިންޓްގެ ލީޑެއް ހޯދައި، ބާކީ އެއް މެޗު އޮއްވައި ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުކޮށްފަ އެވެ. ވޯލްޑް ކަޕަށް 1990ގެ ފަހުން ފުރަތަމަ ފަހަރަށް ކޮލިފައިވުމާ އެކު، މިސްރުގައި އެކަން ގައުމީ ފެންވަރެއްގައި ފާހަގަކުރި އެވެ.

ކޯޗު

ޔޫރަޕްގެ ކްލަބް ފުޓްބޯޅައިގައި ގިނަ ތަޖުރިބާތަކެއް ހާސިލްކޮށްފައިވާ ހެކްޓާ ކޫޕާ މިސްރުގެ ގައުމީ ޓީމާ ހަވާލުވީ 2015 ވަނަ އަހަރެވެ. އޭގެ ކުރިން، ހެކްޓާ ވަނީ ސްޕެއިންގެ މަޔޯކާ އާއި ވެލެންސިއާ އާއި ރެއާލް ބެޓިސް އާއި ރޭސިން ސެންޓަންޑާ އަދި އިޓަލީގެ އިންޓަ މިލާނާއި ޕާމާ އަށް ކޯޗުކޮށްދީފަ އެވެ. މިސްރުގެ ގައުމީ ޓީމާ ހަވާލުވެ، ހެކްޓާގެ ފުރަތަމަ އިމްތިހާނަކަށް ވީ 2017 ގެ އެފްރިކަން ކަޕް އޮފް ނޭޝަންސް އެވެ. އެ މުބާރާތުގެ ފައިނަލަށް މިސްރު ދަތުރުކުރި ނަމަވެސް، ފައިނަލްގައި ކެމަރޫން އަތުން ބަލިވީ އެވެ. ހެކްޓާގެ އިރުޝާދުގެ ދަށުން މިސްރު ވޯލްޑް ކަޕަށް ކޮލިފައިވުމުން މިސްރުގެ ފުޓްބޯލް ފެޑަރޭޝަނުން ވަނީ އޭނާއާ މެދު ހިތްހަމަޖެހުން ފާޅުކޮށް، ސަޕޯޓް ދީފަ އެވެ. މި ކާމިޔާބީއާ ގުޅިގެން، 2017ގެ އެފްރިކާގެ އެންމެ މޮޅު ކޯޗުގެ މަގާމު ހެކްޓާ އަށް ވަނީ ލިބިފަ އެވެ.

މުހިންމު ކުޅުންތެރިން:

މުހައްމަދު ސަލާހު: މި އަހަރުގެ ވޯލްޑް ކަޕަށް މިސްރު ކޮލިފައިކޮށްދިން ލަނޑު ޖަހައިދިން ސަލާހަކީ މިސްރުގައި ބަތަލެކެވެ. މިސްރުގެ ގައުމީ ޓީމަށް 2011 އިން ފެށިގެން ކުޅެމުން އަންނަ ސަލާހް ވަނީ މިހާތަނަށް ކުޅުނު 56 މެޗުން 32 ލަނޑު ޖަހައިފަ އެވެ. އިޓަލީގެ އޭއެސް ރޯމާ އިން އިންގްލެންޑްގެ ލިވަޕޫލަށް 2017 ގައި ބަދަލުވެ، ސަލާހް ވަނީ ވިދާލައިފަ އެވެ. މިސްރުގެ ގައުމީ ޓީމާއި ލިވަޕޫލްގައި އޭނާ ދެއްކި މޮޅު ކުޅުމާ އެކު، އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 2017 ގައި ލިބުނީ ވެސް ސަލާހަށެވެ. މި އަހަރުގެ ވޯލްޑް ކަޕްގައި މިސްރުގެ އުންމީދުތައް އެންމެ ބޮޑަށް ގުޅިފައި ވަނީ އޭނާއާ އެވެ. ހަމަ އެހެންމެ، އިދިކޮޅު ޓީމުތަކުން އެންމެ ބޮޑަށް ސަމާލުކަމެއް ދޭން ޖެހޭނެ ކުޅުންތެރިޔަކީ ވެސް ނުރައްކާތެރި މި ފޯވަޑެވެ.

މިސްރުގެ މުހައްމަދު ސަލާހް (ކ) އަތުން ބޯޅަ ހޯދަން ގާނާގެ ޑެނިއަލް އަމާޓޭ މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ

މުހައްމަދު އެލްނެނީ: އާސެނަލް އަށް ކުޅެމުން އަންނަ މިޑްފީލްޑަރު އެލްނެނީ އަކީ މިސްރު ޓީމުގެ މިޑްފީލްޑްގައި މުހިންމު ތަނބެކެވެ. މިސްރުގެ އަލް މޮވަކްލޫން އިން ކެރިއަރު ފެށުމަށް ފަހު، އެލްނެނީ ބަދަލުވީ ސްވިޓްޒަލޭންޑްގެ ބާސެލްއަށެވެ. ޔޫރަޕްގައި އޭނާ ވިދާލީ ބާސެލްގަ އެވެ. އާސެނަލްއަށް އޭނާ ގެންދިޔައީ 2016ގަ އެވެ. އެލްނެނީ މިސްރުގެ ގައުމީ ޓީމަށް ކުޅެން ފެށީ 2011 ވަނަ އަހަރެވެ. މިހާތަނަށް އޭނާ ވަނީ 50 އަށް ވުރެ ގިނަ މެޗު ކުޅެފަ އެވެ. މި އަހަރުގެ ވޯލްޑް ކަޕްގައި ވެސް އެލްނެނީ ވާނީ މިސްރުގެ މުހިންމު ކުޅުންތެރިޔަކަށެވެ.

ރަމަދާން ސޮބްހީ: އިންގެލެންޑްގެ ސްޓޯކް ސިޓީ އަށް ކުޅެމުން އަންނަ ޒުވާން މިޑްފީލްޑަރު ރަމަދާން ސޮބްހީ އަކީ މި ވަގުތު މިސްރުގެ ގައުމީ ޓީމުގައި ހުރި އެންމެ އުންމީދީ ކުޅުންތެރިޔާ އެވެ. މިސްރުގެ އެންމެ މަޝްހޫރު އެއް ކްލަބް ކަމަށްވާ އަލް އަހްލީގެ ޔޫތު ޓީމަށް ކުޅުމަށް ފަހު، އެ ކްލަބުގެ ސީނިއަ ޓީމުން ސޮބްހީ ޖާގަ ހޯދީ އުމުރުން އެންމެ 16 އަހަރުގަ އެވެ. އަލް އަހްލީގައި ސޮބްހީ ދެއްކި މޮޅު ކުޅުމާ އެކު، ޔޫރަޕްގެ ކްލަބުތަކުގެ ސަމާލުކަން އޭނާ އަށް ލިބުނެވެ. އިންގްލެންޑްގެ ސްޓޯކް ސިޓީ އަށް ސޮބްހީ ބަދަލުވީ 2016 ވަނަ އަހަރެވެ. ސޮބްހީ މިސްރުގެ ގައުމީ ޓީމަށް ކުޅެން ފެށީ 2015ގަ އެވެ. މި ވޯލްޑް ކަޕްގައި އޭނާ ވެސް ވާނީ މިސްރުގެ މުހިންމު ތަރިއަކަށެވެ.

ގުރޫޕްގައި އޮތް ފުރުސަތު

ގުރޫޕް އޭގައި މިސްރާ އެކު އޮތީ ސައުދީ އަރަބިއްޔާ އާއި އުރުގުއޭ އަދި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ރަޝިއާ އެވެ. މި ގުރޫޕްގައި އެންމެ ވަރުގަދަވާނެ ކަމަށް ބެލެވެނީ އުރުގުއޭ އެވެ. ދެވަނަ ބުރުގެ ޖާގަައަކަށް ދެން ވާދަކުރާނެ ކަމަށް ބެލެވެނީ މިސްރާއި ރަޝިއާ އެވެ. ރަޝިއާ އަކީ މުބާރާތް ބާއްވާ ގައުމު ކަމަށްވި ނަމަވެސް، މިސްރުގައި ތިބި ކުޅުންތެރިންނަށް ބަލާއިރު އެއީ ދެވަނަ ބުރަށް ދިއުމުގެ ފެންވަރު ހުރި ޓީމެކެވެ. ހާއްސަކޮށް މުހައްމަދު ސަލާޙް މި އަހަރު ހުރި ފޯމުގެ ސަބަބުން މިސްރު ވާނީ އެންމެ ނުރައްކާތެރި އެއް ޓީމަށެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454