އީލޮން މަސްކު
18 އެޕްރީލް 2023 - 11:28
ކުރީގެ ވެރިން ޓްވިޓާ ހިންގާފައި ވަނީ "އެކްޓިވިސްޓް އޯގަނައިޒޭޝަން" އެއް ގޮތަށް ކަމަށް މިހާރުގެ ސީއީއޯ އީލޮން މަސްކު ބުނެފި އެވެ.
"ފޮކްސް" ނޫހަށް ދިން އިންޓަވިއުއެއްގައި މަސްކު ވަނީ ބޭނުންނުވާ ވަރަށް ގިނައިން ކުރިން މުވައްޒަފުން ގެންގުޅެފައިވާ ކަމަށް ބުނެ އެކަމަށް ޖޯކު ވެސް ޖަހައިފަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު 44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަތުމަށް ފަހު އޭނާ ވަނީ ކުންފުނީގެ 80 ޕަސެންޓު މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިކަން ކަށަވަރުކޮށްދެމުން އޭނާ ބުނީ އެއީ ކުރަން މާ އުނދަގޫ ކަމެއް ނޫން ކަމަށެވެ.
"ޓްވިޓާ ހިންގާކަށް މާގިނަ މީހުންނެއް އަސްލު ބޭނުމެއް ނުވޭ،" މަސްކު ބުންޏެވެ.
އެހާ ގިނަ މުވައްޒަފުންނެއް ވަޒީފާއިން ވަކިކުރުމާ ގުޅޭ ގޮތުން އިންޓަވިއުގައި ސުވާލުކުރުމުން މަސްކު ބުނީ "މަތިވެރިކޮށްގެން ގެންގުޅޭ" އެކްޓިވިސްޓް އޯގަނައިޒޭޝަނެއް ހިންގަން ނޫޅޭ ނަމަ އަދި ސެންސަޝިޕަށް އަޅާނުލާ ނަމަ، ވަރަށް ގިނަ މީހުން ވަޒީފާއިން ވަކިކުރެވޭނެ ކަމަށެވެ.
Elon Musk claims US gov. had ‘full access’ to private messages on Twitter https://t.co/w2aw3tXytT pic.twitter.com/qrixCXu26f
— New York Post (@nypost) April 18, 2023
"އަހަރެން ދެކޭ ގޮތުން ކުރިން ޓްވީޓާގައި ބޭކާރު މުވައްޒަފުން މާ ގިނަ،" މަސްކު ބުންޏެވެ.
ޓްވިޓާއާ ހަވާލުވުމުގެ ކުރިން އެ ކުންފުނީގެ ހާލަތު ރަނގަޅުވަމުން އައި ވާހަކަ ދޮގުކޮށް މަސްކު ބުނީ، ކަންކަން ކުރިއަރުވަން އެތައް އަހަރުތަކެއް ނަގާފައިވާކަމަށެވެ.
"ރަނގަޅަށް މަސައްކަތް ވެސް ނުކުރާ އެޑިޓް ބަޓަނެއް އުފައްދަން އަހަރެއް ނެގި. އަހަންނަށް ހަމަ ހީވީ އެއީ ކޮމެޑީއެއް ހެން. މި ހަދަނީ ކާރުތަކެއް ނޫންވިއްޔަ. އެނގޭތަ ކާރެއް ހެދުމަކީ ކިހާ އުނދަގޫކަމެއް ކަން. ސުވާލަކީ، އެހާ ތާކުންތާކު ނުޖެހޭ ވަރަށް މުވައްޒަފުން ގިނަވީ ކީއްވެހޭ!" މަސްކު ބުންޏެވެ.
އޭގެ އިތުރުން މަސްކް ވަނީ ޓްވިޓާ ބޭނުންކުރާ މީހުންގެ ޑައިރެކްޓް މެސެޖުތައް މެސެޖުތައް ބެލުމުގެ ފުރުސަތު އެމެރިކާގެ ސަރުކާރަށް ކުރިން އޮތް ކަމަށް ތުހުމަތުކޮށްފަ އެވެ.
ޓްވިޓާއާ ހަވާލުވުމަށް ފަހު މަސްކު ވަނީ އެ ކުންފުނީގެ ސިޔާސަތުތަކަށް ވެސް ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ތެރޭގައި، އެކައުންޓް ވެރިފައިކުރާ ނަމަ ފީ ދައްކަން ޖެހޭ "ޓްވިޓާ ބްލޫ" ތައާރަފްކުރުން ފާހަގަކޮށްލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy