06 ސެޕްޓެމްބަރ 2017 - 06:29
މަޝްހޫރު ސޫޓްސް އެކްޓްރެސް މޭގަން މާކަލް އޭނާގެ ލޯބިވެރިޔާ، އިނގިރޭސި ވިލާތުގެ ޕްރިންސް ހެރީއާ ބެހޭގޮތުން އިންޓަވިއުއެއްގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކައިފި އެވެ.
އެންމެ ފަހުން ނުކުތް ވެނިޓީ ފެއާގެ އަދަދުގައި ހިމަނާފައިވާ މޭގަން، 36، ގެ އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ އެ ދެ މީހުން އުޅެނީ ވަރަށް ލޯބިން އުފަލުގައި ކަމަށެވެ.
ހެރީ އަށް "ލޯބިވެރިޔާ"ގެ ނަމުން މުޚާތަބުކުރާ ކަމަށް މޭގަން ވަނީ އެއްބަސްވެފަ އެވެ. މޭގަން ބުނީ ކޮންމެވެސް ހިސާބަކުން އެ ގުޅުން އާންމުންނަށް އެނގޭނެކަން ގަބޫލުކުރާ ކަމަށާއި ނަމަވެސް އަދި އެ ގުޅުން އެ ދެމީހުންގެ ދެމެދުގައި ބާއްވަން ބޭނުންވާ ކަމަށެވެ.
މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ޕްރިންސް ހެރީ އާއި މޭގަން މާކަލް ބައްދަލުކުރަން ފަށާފައި ވާއިރު، ރަސްމީކޮށް ދެ މީހުންގެ ގުޅުން ކުރިއަށް ގެންދަން ފެށި ކަމަށް އަޑު ފެތުރެން ފެށުނީ މިދިޔަ އޮކްޓޯބަރުގަ އެވެ.
ޝާހީ އާއިލާއެއްގެ މެންބަރަކާ ލޯބީގެ ގޮތުން ގުޅިގެން އުޅުމާ ބެހޭގޮތުން ސުވާލުކުރުމުން މޭގަން ވަނީ އެއީ ފަސޭހަ ކަމެއް ނޫން ކަމަށް ބުނެފަ އެވެ. ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ ކުއްލިއަކަށް ކަމަށް ބުނިއިރު ހުރިހާ ކަމެއްގައި ވެސް ހެރީގެ އެހީތެރިކަން ލިބޭކަމަށް އޭނާ ބުންޏެވެ.
ޕްރިންސް ހެރީ މޭގަން އާއި ކައިވެނި ކޮށްފި ނަމަ އޭނާ ވާނީ، އެޑްވާޑް ސިމްޕްސަން އަށް ފަހު އެމެރިކާ ރައްޔިތަކާ ކައިވެނިކުރާ އިގިރޭސި ޝާހީ އާއިލާގެ ފުރަތަމަ މެންބަރަށެވެ. ނަމަވެސް އެޑްވާޑް ވަނީ މީގެ 80 އަހަރު ކުރީން އޭނާގެ އަންހެނުން ވޭލިސް ސިމްޕްސަންއާ ކައިވެނި ކުރުމަށް އިގިރޭސި ތަޚުތު ދޫކޮށްލާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy