ބިޔޯންސޭ: އޭނާއާ ދެކޮޅަށް ލޯފަން މީހަކު ވަނީ ދައުވާކޮށްފައި.
05 ޖެނުއަރީ 2019 - 08:04
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭގެ އެތައް މިލިއަން ފޭނުންގެ ތެރޭގައި ލޯފަން މީހުން ވެސް ހިމެނޭއިރު ބިޔޯންސޭގެ ވެބްސައިޓަކީ އެފަދަ މީހުންނަށް ބޭނުން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެއް ނޫން ކަމަށް ބުނެ ނިއު ޔޯކްގެ މީހަކު ދައުވާކުރަން ނިންމައިފި އެވެ.
މޭރީ ކާނާ ކިޔާ މީހާ ބުނި ގޮތުގައި ބިޔޯންސޭގެ ވެބްސައިޓް ފަރުމާކޮށްފައި ވަނީ 1990 އިން ފެށިގެން އަމަލުކުރަމުން އަންނަ، އެމެރިކާގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގާނޫނާ ހިލާފަށެވެ. އޭނާ ބުނި ގޮތުގައި ބިޔޯންސޭގެ ސައިޓް މިހާރު އިން ގޮތުން އެއީ ލޯފަން މީހުންނަށް ބޭނުން ކުރެވޭ ގޮތަށް އިން އެއްޗެއް ނޫނެވެ.
އެހެންވެ އެއީ ގާނޫނަކުން ލިބި ދީފައިވާ ހައްގަކަށް އަރައިގެންފައިވުމުގެ އަމަލެއް ކަމަށްވާތީ، ބިޔޯންސޭގެ އަތުން ގެއްލުމުގެ ބަދަކު ހޯދަން ވެސް މޭރީގެ ދައުވާގައި ހުށަހަޅާފައިވެ އެވެ.
އޭނާ ބުނީ މިއުޒިކަކީ ލޯފަން މީހުންގެ ހިތްހަމަޖެހުމުގެ ވަރަށް މުހިއްމު ބައެއް ކަމަށާއި ބިޔޯންސޭ ކަހަލަ އެތައް މިލިއަން ފޭނުން ފޮލޯ ކުރާ ނުފޫޒު ގަދަ ލަވަކިޔުންތެރިއެއްގެ ވެބްސައިޓުން އޭނާގެ ލަވަތަކާއި ފޮޓޯތަކާއި އަދި އެ ނޫން ވެސް އެހެން އެކިއެކި ފީޗާތަކަށް އެކްސެސް ނުވުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.
މޭރީ ފާހަގަކުރި ގޮތުގައި މިހާތަނަށް 22 ގްރެމީ އެވޯޑް ހާސިލުކޮށްފައިވާ ލަވަކިޔުންތެރިޔާގެ ވެބްސައިޓްގައި ޓްކެޓްސްތައް ކޯޑެޑްކޮށްފައި ނުވުމާއި ބްރައިލް ޑިސްޕްލޭ ނެތުން ފަދަ ކަންކަމަކީ ލޯފަން މީހުންނަށް އެ ބޭނުން ކުރަން ހުރި ހުރަސްތަކެވެ.
Beyoncé: Signup for the Beehive
Beyoncé: Signup for the Beehive
ބިޔޯންސޭގެ ވެބްސައިޓްގެ ލިންކެއް.
މިކަމާ ބެހޭ ގޮތުން މޭރީގެ ވަކީލް ޑޭން ޝޭކްޑް ވިދާޅުވީ މޭރީއަކީ އަބަދު ވެސް ބިޔޯންސޭގެ ވަރަށް ބޮޑު ފޭނެއް ކަމަށާއި އެހެންވެ އޭނާއާ އެންމެ ފަހުގެ މައުލޫމާތުތައް ހޯދުމަކީ މޭރީ އަބަދު ވެސް ވަރަށް ލޯބި ކުރާ ކަމެއް ކަމަށެވެ.
"އެކަމަކު ބިޔޯންސޭގެ ވެބްސައިޓް ބްރައުޒް ކުރުމުގައި އަހަރެންގެ މުވައްކިލް ކަހަލަ ލޯފަން މީހުންނަށް ހުރި ހުރަސްތައް ގިނަ،" އޭނާ ވިދާޅުވި އެވެ. "މިހާރު އެ ވެބްސައިޓްގެ ބޭނުން ކުރަން މި ޖެހެނީ އެހެން މީހެއްގެ އެހީގައި. އެހެންވެ ބިޔޯންސޭއާ ދެކޮޅަށް މޭރީ ދައުވާ ކުރަނީ ލޯފަން އެތައް ބައެއްގެ ހައްގުގައި."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy