ގޭތެރެއިން މީރު ދުވަސް އެންމެން ވެސް ބޭނުންވާނެ އެވެ. އެކަމުން ހިތްހަމަޖެހުން ގެނެސްދެނީ ގެއަށް ވަންނަ މެހުމާނުންނަށް އެކަންޏެއް ނޫނެވެ. ގޭގައި އުޅޭ އެންމެންނަށް ވެސް މިއީ އުފާވެރި ކަމެކެކެވެ. ކުރާ މަސައްކަތަށާއި މީހާގެ މޫޑަށް ވެސް މިކަމުން އަސަރު ފޯރާނެ އެވެ.
މި ކިޔައިދެނީ ގޭތެރެއިން މީރުވަސް ދުވާނެގޮތަށް ކުރެވިދާނެ ބައެއް ކަންތައްތަކެވެ.
1. ދޮރުތައް ހުޅުވައި ތާޒާ ވައި ވަންނަން ފުރުސަތު ދިނުން
ކޮންމެ ދުވަހަކު މަދު ވަގުތުކޮޅަކަށް ނަމަވެސް ގޭގެ ދޮރުތައް ހުޅުވައި ތާޒާ ވައި ވަންނާނެ ގޮތެއް ހަދާށެވެ. ގޭގައި ބަންދުވެފައި ހުންނަ ޖަރާސީމު އެކުލެވޭ ވައި ވެސް އެއިރުން ބޭރުވެގެން ދާނެ އެވެ.
2. ގޭގައި ސިގިރެޓް ނުބުއިން
ސިގިރެޓް ބޯ ނަމަ އެކަން ހުއްޓާލާށެވެ. އެއީ ސިއްހަތަށް ހުރި ނުރައްކަލެއްކަން ނޭނގޭ މީހަކު ނުހުންނާނެ އެވެ. އަނެއްކޮޅުން، މިއީ ގޭތެރޭގައި ނުބައި ވަސް ހަރުލާން މެދުވެރިކުރުވާ އެއްޗެކެވެ.
3. ގޭތެރޭގައި ކެމިކަލް ނުބެހެއްޓުން
ނުބައިވަސްދުވާ ކެމިކަލަކީ ގޭތެރޭގައި ބަހައްޓަންވާނެ އެއްޗެއް ނޫނެވެ. ގޭތެރޭގައި އެ އެއްޗެހި ބެހެއްޓުމުން ވަސް ނުބައި ކުރުމުގެ އިތުރަށް ނޭވާ ލުމުގެ ނިޒާމަށް ވެސް ނޭދެވޭ އަސަރު ފޯރުވަ އެވެ.
4. ގުދުރަތީ އެއްޗެހިން ޒީނަތްތެރިކުރުން
އަބަދުވެސް ތާޒާ މާ ނުވަތަ ގަސް ފަދަ ގުދުރަތީ ބާވަތްތަކުން ގޭތެރެ ޒީނަތްތެރިކުރާށެވެ. އެއިރުން ގޭތެރޭގެ ވައި ވެސް ސާފުކޮށްދޭނެ އެވެ. އުށްބައްތި ބޭނުންކުރާއިރު ވެސް ބީސް ވެކްސް ފަދަ ބާވަތްތައް ބޭނުން ކުރުމުން ދުމާއި ގަދަ ވަހެއް ނުހުންނާނެ އެވެ. އޭގެ ބަދަލުގައި ތަނުގައި ހުންނާނީ ލުއި ވަހެކެވެ.
5. ހިމާލިޔަން ސޯލްޓް ލޭމްޕް ދިއްލުން
ގޭތެރެއަށް އަލި ކުރުމަށް ކޮންމެވެސް އެއްތަނެއްގައި ނުވަތަ އެއަށްވުރެ ގިނައިން ހިމާލިޔަން ސޯލްޓް ލޭމްޕް ބޭނުން ކުރާށެވެ. މީ މިހާރު މަޝްހޫރު ވަމުން އަންނަ އެއްޗެކެވެ. އެތައް ބަޔަކު ގޭގައި ބޭނުންކުރާ އެއްޗަކަށް މިވަނީ ވެފަ އެވެ. ވައި ސާފުކޮށްދިނުމުގެ އިތުރުން ނޭވާ ހިއްލާ ކެއްސާ މީހުންނަށް ވެސް މިއިން ފައިދާކުރާކަމަށް ގިނަބަޔަކު އެއްބަސްވެ އެވެ.
6. އެގްޒޯސްޓް ޖެއްސުން
ފާހާނާގައި އެގްޒޯސްޓް ހަރުކޮށްފައި ހުންނަ ނަމަ، ފެންވަރާ ނިމުމަށް ފަހު ގަޑިއެއްހާއިރު ވަންދެން އެގްޒޯސްޓް ޖައްސާފައި ބަހައްޓާށެވެ. ފެންވަރާއިރު ބޭނުންކުރާ އެއްޗެހިން ބޭރުވާ ކެމިކަލް އެ ތަނަކުން ބޭރުކޮށްލަން ވަގުތު ނަގާނެ އެވެ.