23 ސެޕްޓެމްބަރ 2019 - 08:14
ހަޔާތުގެ ބައިވެރިއަކު އިހުތިޔާރުކުރަން ވާނީ ވަރަށް ގިނަ ކަންކަމަށް ބަލައިފަ އެވެ. އެއީ އުމުރު ދުވަހު އެކީގައި އުޅެންޖެހޭ މީހާ ކަމަށް ގަބޫލުކޮށްގެންނެވެ. ލޯބިވެރިއެއް ނުވަތަ ހަޔާތުގެ ބައިވެރިއެއް އިހުތިޔާރުކުރާ އިރު މީހާގެ ސިފަ އާއި އެ މީހަކަށް ލިބޭ އާމްދަނީ ފަދަ ކަންކަމަށް ބެލުމަކީ ގުޅުން ކާމިބުވުމަށް އޮތް ސިއްރެއް ނޫނެވެ. އޭގެ ބަދަލުގައި އެއަށް ވުރެ ފުޅާކޮށް އެކަމާ ދޭތެރޭ ވިސްނަން ޖެހޭނެ އެވެ.
ލޯތްބަކީ ފައިސާ އަށް ގަނެވޭނެ އެއްޗެއް ނޫންކަން ވެސް ދަންނަން ޖެހޭނެ އެވެ. އެހެންވެ ފައިސާ އަކީ ހުރިހާ އެއްޗެއް ކަމަށް ދެކިގެން ނުވާނެ އެވެ. ކާމިޔާބު ގުޅުމެއް ދަމަހައްޓަން ބޭނުންވާ ނަމަ ހޯދަން ވާނީ ތިމާއާ ގުޅޭ، ތިމާގެ އިހުސާސްތައް ވެސް އެނގޭ ވަރުގެ މީހެކެވެ. އެހެން ނޫން ނަމަ އެ ގުޅުމެއް ކާމިޔާބުވުމުގެ ފުރުސަތު ވަރަށް ކުޑަވާނެ އެވެ.
ހަޔާތުގެ ބައިވެރިއަކަށް ހަދަން ހިތުލައިގެން އުޅޭ މީހާ އާއި ތިމާގެ ގުޅުމުގެ ބަދަހިކަން އޮތް މިންވަރު ވަޒަންކޮށްލަން މިއޮތީ 15 ސުވާލެކެވެ. ރިލޭޝަންޝިޕް ސައިންޓިސްޓް އަދި އެމެރިކާގެ މޮންމައުތު ޔުނިވަސިޓީގެ ޕްރޮފެސަރު ގެރީ ޑަބްލިއު ލެވެންޑޯސްކީ ވިދާޅުވާ ގޮތުގައި މި 15 ސުވާލަށް ސާފު ތެދު ބަހުން އާއެކޭ ބުނެވިއްޖެ ނަމަ އެ ގުޅުމަކީ ދެމަހެއްޓިދާނެ ގުޅުމެކެވެ. ފަނަރަ ސުވާލުގެ ތެރެއިން ދެ ބަކައިކުޅަ އެއް ބަޔަށް ވެސް ނޫކެނޭ ބުނަން ޖެހިއްޖެ ނަމަ، އެއީ ތި ގުޅުން ކުރިއަށް ގެންދިއުމާ ދޭތެރޭ އިތުރަށް ވިސްނައިލަން ޖެހޭނެ ކަމެކެވެ.
ސައިންސްއޮފްރިލޭޝަންޝިޕްސް.ކޮމް ވެސް ގެނެސްދިން ލެވެންޑޯސްކީގެ 15 ސުވާލަކީ މި އެވެ.
1. ބައިވެރިޔާގެ ސަބަބުން ތިމާ އަށް ނުވަތަ ތިމާގެ ސަބަބުން އޭނާ އަށް ހެޔޮ ބަދަލުތަކެއް އާދޭތަ؟
2. އެކަކު އެނަކަކުގެ އިހުސާސްތައް ހިއްސާކުރަން ފަސްޖެހޭތަ؟
3. ތިމާހެ ގޮތުގައި ބައިވެރިތާ ތިމާ ބަލައިގަނޭތަ؟
4. ކަމަކާ މެދު ހިޔާލު ތަތާފުވެއްޖެ ނަމަ، އެކަކު އަނެކަކުގެ ހިޔާލަށް އިހުތިރާމު ކުރެވޭތަ؟
5. ކަންކަން ނިންމުމުގައި ދެ މީހުންގެ ހިއްސާ އެއްވަރަކަށް އޮވޭތަ؟
6. އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ބައިވެރިޔާ ދެކެންތަ؟
7. "މަ" ވުމުގެ ބަދަލުގައި ބައިވެރިޔާ އަކީ "އަހަރެމެންނޭ" ބުނާ މީހެއްތަ؟
8. ޕާސްވޯޑާއި ބޭންކް އެކައުންޓް ނަންބަރު ފަދަ އެއްޗެހި ހިއްސާކުރުމުގައި އިތުބާރުކުރެވޭތަ؟
9. ހައްގު ނޫން ތައުރީފާ ނުލައި، އެކަކު އަނެކަކަށް ފާޑުކިޔޭތަ؟
10. ބައިވެރިޔާ އާއި ރައްޓެހިންނާ އޮންނަ ގުޅުން ރަނގަޅު ކަމަށް އެ މީހުން ގަބޫލުކުރޭތަ؟
11. ބައިވެރިޔާގެ ކިބައިގައި ބޭވަފާތެރިވުމާއި ހަސަދަ އާއި ކޮންޓްރޯލްކުރުމުގެ ވިސްނުން ހުރޭތަ؟
12. ކަންކަމާ ގުޅޭ ގޮތުން (މިސާލަކަށް ކައިވެންޏާއި ދަރިން ހޯދުން ފަދަ ކަންކަމުގައި) ހިޔާލު އެއްގޮތްތަ؟
13. އެކަކު އަނެކަކަށްޓަކައި އަމިއްލަ ބޭނުންތައް ގުރުބާންކުރެވޭތަ؟
14. ދެ މީހުންގެ މިޒާޖު ގުޅޭތަ؟
15. ބައިވެރިޔާއަކީ ތިމާ އަށް "އުފާ ހޯދައިދެވޭ" ކަހަލަ މީހެއްތަ؟
ލެވެންޑޯސްކީ ވިދާޅުވަނީ މި ސުވާލުތަކަށް "ނޫނެކޭ" ބުނަން ޖެހޭ ނަމަ އެ ގުޅުމެއްގެ މަތީގައި ދެމިހުރުމުގެ މާނައެއް ނެތް ކަމަށެވެ. އެހެންވެ ގަޔާނުވާ ކަހަލަ ގުޅުމެއްގެ ތެރޭގައި އުޅުމަށް ވުރު އެކަހަލަ ގުޅުމަކުން އެއްފަރާތްވުން މާ ރަނގަޅު ކަމަށް ވިދާޅުވި އެވެ.
"ބްރޭކަޕްވުމަކީ ފަސޭހަ ކަމަކަށް ނުވެދާނެ. އެކަމަކު ތިމާއާ ނުގުޅޭ މީހަކާ އެކު އުޅެވޭނެ ގޮތެއް ނޯންނާނެ،" ލެވެންޑޯސްވީ ވިދާޅުވި އެވެ. "އެކަހަލަ ގުޅުމަކުން ލިބޭނެ އުފަލެއް ވެސް ނޯންނާނެ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞުވާލު
26 September 2019
ޢަންހެނަކަށް ކެތްނުވާ ވަރަށް އަނިޔާވެރިވެ ދުނިޔެ އުޅެން ދަތިކުރާ އިރު އެމީހަކާ ދުރަށްދާ މިޙާ އުނދަގޫ ތަނެއްގަ ރަނގަޅޅުވާނީ މިކަހަލަ ސުވާލު ކުރިމަތި ނުކުރު ވިއްޔާ?
ފުންއަސަރު
23 September 2019
.ތިޔަ ސުވާލުތަކުން ގިނަ ސުވާލުތަކަށް ނޫނެކޭ ބުނެފީމެވެ. ދޮގުހަދަން ބޭނުން ނުވާތީއެވެ. އެކަމަކު މިގުޅުން ވަކިވެދާކަށް ބޭނުމެއްނޫނެވެ. އުފަލާ ހިތާމައިގެ ދުވަސްތައް މާޒީވެގޮސް މިހާރު މުސްކުޅިއުމުރަށް އަޅައިފިއެވެ. އެހުރިހާދުވަހަކު ކެތްތެރިވެފާ ތިހެންކޮށްލާ ސުވާލުތަކަކަށް ޖަވާބުދޭއިރު ނޫންބަސްބުނަން ޖެހުނަސް ފަރުވާލެއްނެތެވެ. މިގުޅުމަކަށް ދެން ބަދަލެއްނުގެންނާނަމެވެ. މަރުވެދާންދެން މިގޮތުގާ ވާނަމެވެ. އުދުހިއުޅުމަށްވުރެ ބިންމަތީ ފެތުރެން މާ އަރާމެވެ.
ރާވެރިބެ
24 September 2019
ވަރަށް ބަރާބަރު ވާހަކައެއް ... ޚިޔާލީ ދުނިޔެއެއްގައި ފިކުރު އުދުއްސުމަށްވުރެ ހަޤީޤަތާ ކުރިމަތިލާ އެކަން ބަލައިގަނެ އެކުގާ އުޅުން އެއީ ބުއްދިވެރިން ޚިޔާރުކުރާނެ ގޮތަކީ ...