25 ޑިސެމްބަރ 2020 - 11:02
މީގެ 10 ވަރަކަށް އަހަރު ކުރިން އާއިލާ އަށް ގެއްލުނު މީހަކު މަރުވި ކަމަށް ނިންމައިގެން ތިއްބައި ސޯޝަލް މީޑިއާގައި އާންމުވި ފޮޓޯތަކަކުން، އޭނާ ދުނިޔޭގައި ހުރިކަން އާއިލާ އަށް އެނގި، ބައްދަލުވެއްޖެ އެވެ.
ބޯހިޔާވަހިކަމެއް ނެތި ބްރެޒިލްގެ އެކި ތަންތަނުގައި އުޅުނު މި މީހާ ދުނިޔޭގައި ހުރިކަން އާއިލާ އަށް ކަށަވަރުވީ އިންސްޓަގްރާމްގައި އާންމުވި އޭނާގެ ފޮޓޯތަކަކުންނެވެ. އޭގައި ފެންނަނީ ދިގުވެފައިވާ އިސްތަށިގަނޑާއި ތުނބުޅި ކޮށައިލުމުން އޭނާގެ ސިފަ އަށް އައިސްފައި ހުރި ބަދަލެވެ. މި މީހާ އަކީ ޖޮއާއޯ ކޮއެލްހޯ ގުމަރޭޒް އެވެ. އާއިލާއާ ވަކިވި ފަހުން އޭނާ މުޅިން ވެސް އުޅުނީ މަގުމަތީގަ އެވެ. އަދި ކައިބޮއެ އުޅުނީ މަގުމަތިން ހޮވާ ތަކެތިންނެވެ.
އޭނާ ދުނިޔޭގައި ހުރިކަން އާއިލާ އަށް ކަށަވަރުވުމުގެ އަސްލަކީ ބްރެޒލިލްގެ ވިޔަފާރިވެރިއެއް ކަމަށްވާ އެލެސެންޑްރޯ ލޯބޯ އެވެ. މީޑިއާތަކަށް އޭނާ ކިޔައިދިން ގޮތުގައި ގުމަރޭޒް ލޯބޯގެ ސަމާލުކަމަށް އައީ ވަރަށް ނިކަމެތި ގޮތަކަށް މަގުމަތީގައި އިށީނދެލައިގެން އިންދަ އެވެ.
"ކާނެ އެއްޗެއް ބޭނުންތޯ އެހީމަ އޭނަ އެކަމަށް އިންކާރުކުރި. ދެން ބުނީ ބޭނުންވަނީ ބޯކޮށާލެވޭނެ ގޮތެކޭ،" ފިރިހެނުންނަށް ހާއްސަ ފެޝަން ސްޓޯރެއް ވެސް ހިންގާ ލޯބޯ ބުންޏެވެ.
އެ ހިސާބުން ގުމަރޭޒްގެ ސެލޫނަށް ގެންގޮސްފައި ބޯކޮށާލައި ތުނބުޅި އާއި މަތިމަސް ރީތިކޮށްލުމުން އޭނާގެ އަސްލު ސިފަ ފާޅުވި އެވެ. ލޯބޯ ބުނި ގޮތުގައި ހަދިޔާއަކަށް ގުމަރޭޒަށް ގަމީހާއި ޖީންސާއި ކޯޓަކާއި ބޫޓްތަކެއް ވެސް ދިނެވެ.
ބޯކޮށި ތަނުން އޭނާ ފޮނުވައިލުމުގެ ކުރިން ގުމަރޭޒްގެ ފޮޓޯ އާއި ވީޑިއޯ ވެސް ނެގި އެވެ. އަދި އެ އެއްޗެހިން އޭނާ ކުރިން ހުރި ގޮތާއި މިހާރު ހުރި ގޮތް އިންސްޓަގްރާމުން ދައްކައިލި އެވެ.
"ގުމަރޭޒަކީ ވަރަށް ލަދުރަކި ބަސް މަދު މީހެއް. އެކަމަކު އޭނަ އަކީ ވަރަށް ރީތި މީހެއް،" ލޯބޯ ބުންޏެވެ.
އޭނާގެ ވާހަކަ އިންސްޓަގްރާމަށްލީ އާއިލާގެ ބަޔަކަށް އެއްވެސް ގޮތަކުން ގުމަރޭޒް ދުނިޔޭގައި ހުރިކަން އެނގޭތޯ އެވެ. ނަސީބު ދިމާކުރި ގޮތުން ފޮޓޯތައް ޕޯސްޓްކުރި ދުވަހު ލޯބޯ އަށް ގުމަރޭޒްގެ އާއިލާގެ ފަރާތުން މެސެޖްތަކެއް ލިބުނެވެ. އޭގައި އެދިފައި އޮތީ އެ މީހުން އޭނާއާ ބައްދަލުކުރަން ދާން ބޭނުންވާ ވާހަކަ އާއި އެކަން ވާނެ ގޮތެއް ހަދައި ދިނުމަށެވެ.
އަދި މި މަހުގެ 17 ވަނަ ދުވަހު އާއިލާގެ މީހުންނާ ގުމަރޭޒާ ވަނީ ބައްދަލުވެފަ އެވެ.
"މިއީ ވަރަށް ބޮޑު އުފަލެއް. މީހެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެސްދިނުމަށް ވުރެ ބޮޑު އުފަލެއް ނޯންނާނެ،" ލޯބޯ ބުންޏެވެ.
އާއިލާގެ މީހުންނާއި ގުމަރޭޒް ބައްދަލުވި ވީޑިއޯތައް ވެސް އިންސްޓަގްރާމަށް ލާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy