23 ނޮވެމްބަރ 2021 - 21:02
ސީ ސްޕޯޓްސް ރަންނަމާރި ޗެލެންޖް 2021ގެ ފުރަތަމަ ދުވަހު އަށް ގަޑިއިރަށް ދެމިގެން ދިޔަ ހީޓްތައް ނިންމާލައިފި އެވެ.
މިއަދު ހެނދުނު 8:30 ގައި ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ފެށި 13 ވަނަ ގައުމީ ސާފިން މުބާރާތުގެ ފުރަތަމަ ދުވަހުގެ ހީޓުތައް ނިމުނީ ހަވީރު ހަތަރުގަޑި ބައި އެހާއިރު އެވެ.
މުބާރާތް އިންތިޒާމްކުރާ މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ބުނީ މިއަދަކީ ރާޅުގަނޑުގައި ހެނދުނުން ފެށިގެން ހަވީރާ ހަމައަށް ވެސް އެއްވަރަކަށް ރީތި ރާޅު ޖަހާލަ ޖަހާލާ އޮތް ދުވަހެއް ކަމަށެވެ.
މުބާރާތުގެ ހީޓުތައް ފެށީ އަންހެން އޯޕަން ޝޯޓްބޯޑް ޑިވިޝަނުންނެވެ. މި ޑިވިޝަނުގެ ފައިނަލް ހީޓަށް ހޮވުނީ ޝާޒިޔާ ސައީދު (ޝާޒު) އާއި އާޔާ ނަސީމް އެވެ. އަންހެން ޑިވިޝަނަށް ފަހު ވަނީ ފިރިހެން އޯޕަން ޑިވިޝަނާއި މާސްޓާސް ޑިވިޝަނުގެ ފުރަތަމަ ބުރުގެ ހީޓުތައް ކުރިޔަށް ގެންގޮސްފަ އެވެ.
ފިރިހެން އޯޕަން ޑިވިޝަނުގައި ފުރަތަމަ ބުރުގެ 12 ހީޓެއް ކުރިޔަށް ދިޔައިރު މާސްޓާސް ޑިވިޝަނުގައި ކުރިޔަށް ގެންދަން ނިންމާފައިވާ ހަ ހީޓުގެ ތެރެއިން ފަސް ހީޓެއް މިއަދު ވަނީ ކުރިޔަށް ގެންގޮސްފަ އެވެ.
ފިރިހެން އޯޕަންގެ ފުރަތަމަ ހީޓު ގައި އާދަމް މުއީން އިބްރާހިމް ވަނީ ރާއްޖޭގެ އެއްވަނަ ރާޅާއެޅުންތެރިޔާ އިސްމާއިލް ރަޝީދު (ސްމައިލޭ) އާ ރަނގަޅު ވާދައެއް ކޮށްފަ އެވެ. ސްމައިލީ މި ހީޓު ކާމިޔާބުކުރީ 0.1 ޕޮއިންޓުގެ ތަފާތުންނެވެ. ސްމައިލީ ހީޓުގެ އެއްވަނަ ހޯދީ 12.27 ޕޮއިންޓުންނެވެ. ސްމައިލީ މި ހީޓުގައި ނުވަ ރާޅަށް އެރިއިރު މުއީން އެރީ ފަސް ރާޅަށެވެ. ރާޅަކަށް އެންމެ ގިނަ ޕޮއިންޓު މި ހީޓުގައި ހޯދީ މުއީނެވެ. އޭނާގެ ހަތަރު ވަނަ ރާޅަށް ވަނީ 7.00 ޕޮއިންޓް ނަގައިފަ އެވެ. މިއީ ޕޮއިންޓް ދޭ މިންގަނޑުން ރާޅުގެ ކޮލިޓީއަށް ބަލާއިރު "ރަނގަޅު" ރާޅެކެވެ.
އެންމެ ފަހުން ބޭއްވި 2019 ވަނަ އަހަރުގެ ގައުމީ މުބާރާތް ވެސް ކާމިޔާބު ކޮށް، ހަތް ފަހަރު ޗެމްޕިއަންކަން ހޯދާފައި ވާ އަދި ރާއްޖޭގެ ގައުމީ ޓީމުގެ ވެސް ކެޕްޓަން ހުސެއިން އަރީފް (އިބޫ) މިއަހަރުގެ މުބާރާތުގައި ބައިވެރިއެއް ނުވެ އެވެ.
ނަމަވެސް އޯޕަން ޑިވިޝަނުގައި، ރ. ރަސްމާދޫއަށް ނިސްބަތްވާ އިބޫގެ ކޮއްކޮ އަބްދުﷲ އަރީފާއި އޭނާގެ ދަރިފުޅު ކަޔާން އަބްދުﷲ އަރީފް ވަނީ ވާދަކޮށްފަ އެވެ. ހަތްވަނަ ހީޓުގައި އަބްދުﷲ އަރީފް ވަނީ 13.50 ޕޮއިންޓުން ހީޓު ކާމިޔާބު ކޮށްފަ އެވެ. އަދި ފުރަތަމަ ބުރުގެ ހީޓުތަކުން ރާޅަކަށް އެންމެ ގިނަ ޕޮއިންޓު ވެސް ހޯދީ އޭނާ އެވެ. އޭނާގެ ދެވަނަ ރާޅުގައި 8.0 ޕޮއިންޓް ހޯދި އެވެ. ޕޮއިންޓު ދޭ މިންގަނޑުން އަށަކާއި 10 އާ ދެމެދުގެ ޕޮއިންޓު ލިބޭ ރާޅަކީ "އެންމެ ރަނގަޅު" ދަރަޖައިގެ ރާޅެކެވެ.
އަބްދުﷲ އަރީފްގެ ދަރިފުޅު، ކަޔާން އަށް ލިބުނީ އޭނާ ވާދަކުރި ހީޓް ހަތަރެއްގެ ތިންވަނަ އެވެ. މިއާ އެކު މި ޑިވިޝަނުގައި މާދަމާގެ ރެޕޯ ޗާޖް (ޕްލޭއޮފް) ބުރުގައި ކަޔާން ވާދަކުރާނީ މުހައްމަދު ޝުހާންއާ އެވެ. ޖޫނިއާ ބައިގައި ވެސް ކަޔާން ބައިވެރި ވެފައިވެ އެވެ. މިއީ ޕޮއިންޓުގެ ގޮތުން އޯޕަން ޑިވިޝަނުގެ ފުރަތަމަ ބުރުގައި އެންމެ ވާދަވެރިކޮށް ނިމުނު ހީޓެވެ. ހީޓް ކާމިޔާބުކުރި އަބްދުﷲ އަރުޝަދަށް ލިބުނީ 7.43 ޕޮއިންޓެވެ. ދެވަނައަށް ދިޔަ މުހައްމަދު ވިޝާލް އަލީ އަށް 6.60 ޕޮއިންޓު ލިބުނުއިރު ކަޔާން އަށް ލިބުނީ 6.53 ޕޮއިންޓެވެ. ހީޓުގެ ފުލަށް ދިޔައީ ރާއްޖޭގެ ރޭންކިންގެ ގަދަ 10 ގައި ވެސް ހިމެނޭ، ގދ. ގައްދޫ އިސްމާއިލް ޒަހީނެވެ. ޒަހީނަށް ލިބުނީ 5.50 ޕޮއިންޓެވެ.
މިދިޔަ ފަހަރުގެ ރަނަރަޕް، ކ. ތުލުސްދޫއަށް ނިސްބަތްވާ، ރާއްޖޭގެ ގައުމީ ސާފިން ޓީމުގައި ވެސް ހިމެނޭ އަހުމަދު އަގީލް (އަންމަޑޭ) ވަނީ 12.37 ޕޮއިންޓް ހޯދައިގެން އޭނާ ވާދަކުރި ހީޓުގެ އެއްވަނަ ނަގައިފަ އެވެ.
މިފަހުން ބޭއްވުނު ފަރަމަންތާ ޗެލެންޖުގެ ޖޫނިއާ ސާފިން ބައިގެ ޗެމްޕިއަންކަން ހޯދި މުހައްމަދު ޒަޔާން (ޗޮއްޕު) ވަނީ އޭނާ ވާދަކުރި ހީޓުގެ ދެވަނަ ނަގައިފަ އެވެ. މިދިޔަ އަހަރު އެމްއެސްއޭ އިން ބޭއްވި ގައުމީ ސާފިން ޓުއާގެ ދެކުނު ރާޅު ދަތުރުގެ ގައްދޫ ޕްރޯ މުބާރާތުގެ ޖޫނިއާ ބައިގެ ތިންވަނަ ހޯދި ޒަޔާނަށް ވަނީ މިދިޔަ އަހަރު އިންޓަނޭޝަނަލް ސާފިންގް އެސޯސިއޭޝަން (އައިއެސްއޭ)ގެ ފަރާތުން ސްކޮލާޝިޕެއް ވެސް ލިބުނެވެ. ފުރަތަމަ ފަހަރަށް ގައުމީ މުބާރާތުގައި 2019 ވަނަ އަހަރު ވާދަކުރިއިރު ޗޮއްޕުގެ އުމުރަކީ 14 އަހަރެވެ.
މާސްޓާސް ޑިވިޝަނުގައި، އިބޫގެ އެއްބަނޑު އެއްބަފާ ތިން ބޭބެ ވަނީ ބައިވެރި ވެފަ އެވެ. މުހައްމަދު އަރީފް ވާދަކުރި ހީޓް ފަހެއްގެ ދެވަނަ ހޯދައިގެން ތިންވަނަ ބުރުން ޖާގަ ޔަގީން ކުރިއިރު، އޭނާއަށް ވުރެ ދެ ޕޮއިންޓް އިތުރަށް ހޯދައިގެން މި ހީޓް ނެގީ އަހުމަދު މައުރޫފެވެ. ހަސަން އަރީފާއި އިބްރާހިމް އަރީފް ވާދަކުރީ ފަހު ހީޓުގަ އެވެ. ދެބެން ވެސް 10.50 ޕޮއިންޓުން އެއްވަރު ވިއިރު، އެއްވަނައަށް ދިޔަ ސާފަރަކު ހޮވަން ބެލީ އެންމެ ގިނަ ޕޮއިންޓް ހޯދި ރާޅަށެވެ. ހަސަން އަރީފް ވަނީ އޭނާގެ ފަސްވަނަ ރާޅުގައި 6.33 ޕޮއިންޓް ސްކޯ ކޮށްފަ އެވެ.
މި ޑިވިޝަނުގައި މިއަދު އެންމެ ގިނަ ޕޮއިންޓް ނެގީ ހަތަރުވަނަ ހީޓު ކާމިޔާބުކުރި އަހުމަދު ފަޔާޒެވެ. އޭނާ ވަނީ 8.66 ޕޮއިންޓު ސްކޯ ކޮށްފަ އެވެ. ފުރަތަމަ ހީޓް 7.10 ޕޮއިންޓުން އަބްދުލް ގަފޫރު އަލީ (ގައްބެ) ކާމިޔާބު ކުރިއިރު އަލީ ނިޔާޒް ދެވަނަ ހީޓް ކާމިޔާބުކުރީ 6.77 ޕޮއިންޓުންނެވެ.
ތިންވަނަ ހީޓުގައި ވާދަކުރަން ތިބި ތިން ބައިވެރިންގެ ތެރެއިން ހާޒިރުވީ ހަމައެކަނި އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) އެވެ. މި ހީޓް އިތުރަށް ކުރިޔަށް ނުގެންގޮސް، ކުޑަ އިއްސެ އަށް ތިންވަނަ ބުރުން ސީދާ ޖާގައެއް ދިނެވެ. މާސްޓާސް ޑިވިޝަން މުޅިން އަލަށް 2019 ވަނަ އަހަރު ފެށިއިރު، ޑިވިޝަން ކާމިޔާބު ކުރި އަޒްލީ ނަސީމް މިއަދުގެ ހީޓަށް ހާޒިރު ނުވެވުމުން އޭނާ ވާދަ ކުރަން ޖެހޭނީ މާދަމާގެ ރެޕޯ ޗާޖް ބުރުގަ އެވެ.
މި ދެ ޑިވިޝަނުގައި ވެސް ފުރަތަމަ ބުރުގެ ހީޓުތަކުގެ އެއްވަނަ އަދި ދެވަނައަށް ދިޔަ ސާފަރުންނަށް ތިންވަނަ ބުރުގެ ޖާގައެއް ލިބޭއިރު، ބާކީ ތިބި ހުރިހާ ސާފަރުން ވެސް ވާދަކުރާނީ ރެޕޯ ޗާޖް ބުރުގަ އެވެ. މި ބުރުގެ ހީޓްތައް ކާމިޔާބު ކޮށްގެން ތިންވަނަ ބުރުން ޖާގަ ލިބޭނެ އެވެ.
ލޯންގް ބޯޑާއި ސްޓޭންޑް އަޕް ޕެޑްލްބޯޑިން (އެސްޔޫޕީ) ގެ ހީޓުތައް މާދަމާ ވެސް ނުފަށާނެ އެވެ. ނަމަވެސް ފިރިހެން އޯޕަން ޑިވިޝަނާއި މާސްޓާސް ޑިވިޝަނުގެ އިތުރުން އަންހެން ޑިވިޝަނުގެ ފަހު ހީޓުތައް ކުރިޔަށް ގެންދާނެ އެވެ. މޫސުން ތަން ދޭނަމަ ފިރިހެން ޖޫނިއާ ބައިގެ ހީޓުތައް ވެސް ކުރިޔަށް ގެންދާނެ ކަމަށް އެމްއެސްއޭއިން ބުނެއެވެ. އަދި މާދަމާގެ ހީޓުތައް ހެނދުނު 7:30 އަށް ފަށަން ތައްޔާރު ވަމުން އަންނަ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.
މި އަހަރުގެ ރަންނަމާރި ޗެލެންޖުގެ ޓައިޓަލް އަދި މެއިން ސްޕޮންސަރަކީ ސީ ސްޕޯޓްސް އެވެ. ކޯ ސްޕޮންސަރުންނަށް އެސްޓީއޯ އާއި ޔޫރޯ ސްޓޯރު، އެޓޯލް އެޑްވެންޗާސް ޕްރައިވެޓް ލިމިޓެޑް އަދި ރާއްޖޭގެ ސާފް ގައިޑް އެސޯސިއޭޝަނެވެ. މީގެ އިތުރުން ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ ހަމަޖައްސާފައި ވާއިރު، ސެޓަޕް ޕާޓްނަރަކީ އިވެންޓް މޯލްޑިވްސް އެވެ. ބްރޯޑްކާސްޓިން ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސާފައި ވާއިރު އޮންލައިން މީޑިއާ ޕާޓްނަރަކީ "މިހާރު" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy