ރާއްޖޭގެ ތާރީހުގައި ގައުމީ ފެންވަރުގައި ބޭއްވި ފުރަތަމަ އަންހެނުންގެ ރާޅާއެޅުމު މުބާރާތް އާޔާ ނަސީމް މިއަދު ކާމިޔާބުކޮށްފި އެވެ.

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ސީ ސްޕޯޓްސް ރަންނަމާރި ޗެލެންޖް 2021 ނަމުގައި އިއްޔެ ފެށި 13 ވަނަ ގައުމީ ރާޅާ އެޅުމުގެ މުބާރާތުގެ އަންހެން އޯޕަން ޝޯޓްބޯޑް ފައިނަލް ހީޓުގައި މިއަދު ހަވީރު ޝާޒިޔާ ސައީދު (ޝާޒު) އާ ވާދަކޮށް އާޔާ ކާމިޔާބުކުރީ 8.17 ޕޮއިންޓް ހޯދައިގެންނެވެ. ފައިނަލް ހީޓުގައި ޝާޒަށް ލިބުނީ 5.70 ޕޮއިންޓެވެ.

ޝާޒު އާއި އާޔާ އަކީ، "ސާފްގާލްސްއެމްވީ" ގެ ނަމުގައި ރާޅާއެޅުމުގައި އަންހެނުން ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ދެ އެތުލީޓުންނެވެ.

އަންހެން ޑިވިޝަނުގެ ތިންވަނަ ހޮވި ހީޓުގައި ވާދަކުރީ ފުރަތަމަ ބުރުގެ ދެ ހީޓުގައި ދެވަނަ ހޯދި ފާތިމަތު ރިޝްތާ ޝުޖާއު އާއި އައިޝަތު ނަހާ ނަސްރުﷲ އެވެ.

ކާމިޔާބަށް ފަހު "މިހާރު" އަށް ދިން އިންޓަވިއުގައި އާޔާ ބުނީ ރާއްޖޭގެ ގައުމީ އަންހެން ޗެމްޕިއަނަކަށް ވުމަކީ ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ.

"ގާތްގަނޑަަކަށް މަހެއްހާ ދުވަހުގެ މަސައްކަތް މިއީ. ސީދާ މި މުބާރާތަށް ހައްސަކޮށް، އަންހެން ޑިވިޝަން ހިމެނި ހިސާބުން ވަރަށް އެކްސައިޓްވި. އެހެންވެ ވަރަށް ބޮޑަށް މަސައްކަތް ކުރިން. މި ކާމިޔާބުގެ ފަހަތުގައި ވަރަށް ބައިވަރު މީހުންގެ މަސައްކަތް ހިމެނޭނެ،" އާޔާ ބުންޏެވެ.

އަޔާ ބުނީ މީގެ ކުރިން އޭނާ އާއި ޝާޒް ވާދަކުރި އިވެންޓްތައް ދިޔައީ ވަރަށް ވާދަވެރިކޮށް ކަމަށެވެ.

"ފައިނަލް ވަރަށް ވާދަވެރި ވާނެކަން ކުރިން ވެސް އެނގޭ،" އާޔާ ބުންނެވެ.

މިއަދުގެ ފައިނަލްގައި އާޔާ ރާޅާ އަޅަނީ. --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މިއަދުގެ ފައިނަލްގައި އާޔާ ރާޅާ އަޅަނީ. --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އަންހެން ޑިވިޝަނުގެ ތިންވަނަ ހޮވި ހީޓުގައި ވާދަކުރީ ފުރަތަމަ ބުރުގެ ދެ ހީޓުގައި ދެވަނަ ހޯދި ފާތިމަތު ރިޝްތާ ޝުޖާއު އާއި އައިޝަތު ނަހާ ނަސްރުﷲ އެވެ. 1.80 ޕޮއިންޓުގެ ތަފާތުން ހީޓު ކާމިޔާބު ކޮށް ތިންވަނަ ހޯދީ އައްޑޫ ސިޓީއަށް ނިސްބަތްވާ ނަހާ އެވެ.

މި ހީޓުގެ ދެވަނައަށް ދިޔަ ރިޝްތާއަކީ އެމްއެސްއޭގެ ކުރީގެ ނައިބު ރައީސް، މަރުހޫމް ހުސެއިން ޝުޖާއުގެ ދަރިފުޅެވެ.

ޗެމްޕިއަންކަން ހޯދި އާޔާ އަށް 15،000ރ. ގެ ފައިސާގެ އިނާމު ދީފައިވާއިރު، ދެވަނައަ ށް 10،000ރ. އަދި ތިންވަނަ އަށް 7،000ރ. ގެ ފައިސާގެ އިނާމު ވަނީ ދީފަ އެވެ. ވޯލްޑް ސާފް ލީގުން 2019 ވަނަ އަހަަރު އަންހެން އަދި ފިރިހެން އެތުލީޓުންނަށް ފައިސާގެ އިނާމު ހަމަހަމަ އުސޫލުން ލިބޭނެހެން ގަވާއިދު ބަދަލުކުރުމާ އެކު، އެމްއެސްއޭ އިން ވެސް ވަނީ މި މުބާރާތުގައި މި އުސޫލަށް އަމަލު ކުރަން ފަށައިފަ އެވެ.

އަންހެން ޑިވިޝަނުގެ ފައިނަލާ އެކު މިއަދުގެ ހީޓުތައް ވެސް ވަނީ ނިންމާލައިފަ އެވެ. ހެނދުނު 10 ޖެހިއިރު ފެށި ހީޓުތައް ނިންމާލީ އިރުއޮއްސި 6 ޖަހަނިކޮނެވެ.

އާޔާގެ ސަޕޮޓަރުން އޭނާ އުފުލާލައިގެން އެއްގަމަށް އަރުވަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އާޔާގެ ސަޕޮޓަރުން އޭނާ އުފުލާލައިގެން އެއްގަމަށް އަރުވަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މުބާރާތުގައި 23 ރަށަކަށް ނިސްބަތްވާ 58 އެތުލީޓުން މުބާރާތުގައި ބައިވެރިވާން މާލެ އަށް ދަތުރު ކުރި އެވެ. އރ އެތުލީޓުންނަށް އެރަށްރަށުގެ ސްކޫލްތަކާއި ކައުންސިލްތަކުން ވަނީ އެކިވަރުގެ އެހީތައް ފޯރު ކޮށްދީފަ އެވެ.

އިއްޔެ ފެށި ގައުމީ ރާޅާއެޅުމުގެ މުބާރާތުގައި އަންހެނުންގެ ޑިވިޝަނެއް ބޭއްވި މިއީ ފުރަތަމަ ފަހަރެވެ. އަންހެން 18 އަހަރުން ދަށުގެ އޯޕަން ޝޯޓްބޯޑް ޑިވިޝަން ކުރިޔަށް ގެންދަން ނިންމާފާއިވީ ނަމަވެސް ފަހު ވަގުތު ކެންސަލް ކުރަން ޖެހުނީ، ގައުމީ ފެތުމުގެ މުބާރާތުގެ ޝެޑިއުލާ ދިމާވާތީ، ބައިވެރިވާން ފޯމު ހުށަހެޅި ފަރާތްތަކުން ފަހުން މުބާރާތުގައި ބައިވެރި ނުވާން ނިންމުމުންނެވެ.

މި އަހަރުގެ ގައުމީ މުބާރާތުގާއި އަންހެން އޯޕަން ޑިވިޝަނުގެ އިތުރުން މުޅިން އަލަށް ލޯންގް ބޯޑާއި ސްޓޭންޑް އަޕް ޕެޑްލްބޯޑިން (އެސްޔޫޕީ) ޑިވިޝަން ހިމެނޭހެން ހަ ޑިވިޝަނެއް ކުރިޔަށް ގެންދިޔަ އެވެ. ފިރިހެން އޯޕަން ޑިވިޝަނުގެ ދެވަނަ އަދި ތިންވަނަ ބުރުގެ ހީޓުތައް ކުރިޔަށް ގެންދިޔަ އިރު، ފިރިހެން ޖޫނިއާ އޯޕަން ޑިވިޝަނާއި އެސްޔޫޕީ އަދި ލޯންގްބޯޑް ޑިވިޝަނުގެ ހީޓްތައް ފަށައިފައެއް އެވެ.

މި އަހަރުގެ ރަންނަމާރި ޗެލެންޖުގެ ޓައިޓަލް އަދި މެއިން ސްޕޮންސަރަކީ ސީ ސްޕޯޓްސް އެވެ. ކޯ ސްޕޮންސަރުންނަކީ އެސްޓީއޯ އާއި ޔޫރޯ ސްޓޯރު، އެޓޯލް އެޑްވެންޗާސް ޕްރައިވެޓް ލިމިޓެޑް އަދި ރާއްޖޭގެ ސާފް ގައިޑް އެސޯސިއޭޝަނެވެ. މީގެ އިތުރުން ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ ހަމަޖައްސާފައިވާއިރު، ސެޓަޕް ޕާޓްނަރަކީ އިވެންޓް މޯލްޑިވްސް އެވެ. ބްރޯޑްކާސްޓިން ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސާފައިވާއިރު އޮންލައިން މީޑިއާ ޕާޓްނަރަކީ "މިހާރު" އެވެ.