އަޒްރާ ބިލިއާޑް ކުޅެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
14 މާޗް 2023 - 11:01
ބިލިއާޑަކީ ރާއްޖޭގައި އަންހެނުންގެ ތެރޭގައި އެހާ މަގުބޫލު ކުޅިވަރެއް ނޫނެވެ. ދެހާސް ހަތަރުވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބިލިއާޑް އެސޯސިއޭޝަނެއް އުފައްދައި މުބާރާތްތައް ކުރިއަށް ގެންދިޔަ ނަމަވެސް މި ކުޅިވަރު ކުޅޭ ފިރިހެން ކުޅުންތެރިންނަށް ވުރެ އަންހެން ކުޅުންތެރިންގެ އަދަދު ނިސްބަތުން ވަރަށް ބޮޑަށް މަދެވެ. އެކަމަކު އެކަން އެބަ ބަދަލުވެ އެވެ. އެ ބަދަލުގެ ތެރެއިން އައިސް ރާއްޖޭގައި މިހާރު މި ކުޅިވަރުން އެންމެ ކުރީގައި އުޅޭ އެއް ކުޅުންތެރިޔަކީ އަންހެން ކުޅުންތެރިޔެލެވެ. އެއީ އައިމިނަތު އަޒްރާ އެވެ.
މި އަހަރުގެ މިހާތަނަށް ބިލިއާޑް އެސޯސިއޭޝަނުން ބޭއްވި ގައުމީ ރޭންކިން އަށް ގުނާ ދެ މުބާރާތުގެ ވެސް އަންހެން ބައިގެ ޗެމްޕިއަންކަން ހޯދައި، ރޭންކިންގެ އެއް ވަނައިގައި އޮތް އަޒްރާ ބިލިއާޑް ކުޅެން ފެށީ ސްކޫލު ދައުރު ނިންމުމަށް ފަހު ލިބުނު ހުސްވަގުތުތަކުގަ އެވެ. ފޫހި ފިލުވާލުމުގެ ގޮތުން ކުރިން މާލޭގައި ހިންގި ސީބީސީ އާއި ގޯޑައުން އަދި ސްޓާ ސިނަމާ ގައި ހުންނަ އެލްނީނޯ އަށް ގޮސް ރަހުމަތްތެރިންނާ އެކު ކުޅެން ދިޔަ އެވެ. އެކަމަކު އޭރު ވެސް މިއީ ޕްރޮފެޝަނަލް ލެވެލް ގައި ކުޅެވިދާނެ ކުޅިވަރެއް ކަމަށް އަޒްރާ އެއްވެސް ވަރަކަށް ވިސްނާފައެއް ނުވެ އެވެ.
އަޒްރާ ބުނި ގޮތުގައި މިއީ ވާދަވެރި މާހައުލެއްގައި ޕްރޮފެޝަނަލް ކޮށް ކުޅެވިދާނެ ކުޅިވަރެއްގެ ގޮތުގައި ދެކެވުނީ 2012 ވަނަ އަހަރު އިންޓަ އޮފީސް މުބާރާތެއްގައި ކުޅެން ފެށި ހިސާބުންނެވެ.
"ސްކޫލް ނިންމާފައި މަޖަލަކަށް ކުޅެން ފެށީ އޭރު ރަހުމަތްތެރިންނާ އެކު. ހުސްވަގުތުތަކުގައި ފުދޭވަރަކަށް ގިނައިން ކުޅުނިން. ދެން 2012 ވަނަ އަހަރު އޮފީސް މުބާރާތްތައް ކުޅެމުން އަސްލު ސީރިއަސް ކޮށް ކޮމްޕެޓިޓިވް ކޮށް ކުޅެން ފެށުނީ،" ފްލައިމީ އާއި އެމްޓީސީސީ އަދި ސްޓެލްކޯ އަށް އޮފީސް މުބާރާތްތަކުގައި ކުޅެފައިވާ އަޒްރާ ބުންޏެވެ.
ބިލިއާޑުގައި ރާއްޖޭގައި ގިނައީ ހާއްސަ ތަމްރީނެއް ނެތި ހޮބީ އަކަށް ކުޅޭ ކުޅުންތެރިންނެވެ. ގިނަ ފަހަރަށް މުބާރާތްތަކުގައި ވާދަ ކުރަނީ އަމިއްލައަށް ފަރިތަކޮށް ތައްޔާރީތައް ވެގެންނެވެ. ކުޑައިރުން ފެށިގެން މި ކުޅިވަރަށް ހޭލުންތެރިކުރުން އިތުރު ވެއްޖެ ނަމަ އަޒްރާ ދެކޭގޮތުގައި ރާއްޖޭއިން ވެސް އަންހެން ކުޅުންތެރިން އުފެދޭނެ އެވެ. އެކަމަށް ބޭނުން ވަނީ ކުޑައިރުން ފެށިގެން ބޭސިކްސް އާއެކު ރަނގަޅު ތަމްރީނު ފޯރުކޮށްދިނުމެވެ. އޭރުން ފިރިހެނުންނެކޭ އެއްވަރަށް ފެންވަރު ރަނގަޅު އަންހެން ކުޅުންތެރިން ވެސް ރާއްޖޭގައި މި ކުޅިވަރުން އުފެދޭނެ ކަމަށް އޭނާ ބުންޏެވެ.
އަޒްރާ ޗެމްޕިއަން ޓްރޮފީއާ އެކު. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އަޒްރާ އެންމެ ފުރަތަމަ ބިލިއާޑް އެސޯސިއޭޝަނުން ބާއްވާ ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ވާދަ ކުރަން ފެށީ 2017 ވަނަ އަހަރެވެ. އެ އަހަރު އޭނާ ވަނީ ރާއްޖޭގެ ގައުމީ ބިލިއާޑް ޓީމުގައި ވެސް ހިމެނިފަ އެވެ. ތުރުކުމެނިސްތާނުގައި އެ އަހަރު ބޭއްވި އޭޝިއަން އިންޑޯ ގޭމްސް ގައި ރާއްޖެ ތަމްސީލު ކުރި ގައުމީ ބިލިއާޑް ޓީމުގައި ހިމެނުނު ދެ އަންހެން އެތުލީޓުންގެ ތެރޭގައި އަޒްރާ ހިމެނުނެވެ. މިއީ އަޒްރާ އަށް މި ކުޅިވަރުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ތަޖުރިބާއެވެ.
"އޭޝިއަން އިންޑޯ ގޭމްސް އަށް ދެވުނު، 2017 ވަނަ އަހަރު، އެއީ މިހާތަނަށް ބޭރުގެ މުބާރާތެއްގައި ވާދަކުރި ހަމައެކަނި ފަހަރު. ވަރަށް ރަނގަޅު އެކްސްޕީރިއަންސެއް ލިބުނީ އެ މުބާރާތުން. ދުނިޔޭގެ ނިސްބަތުން ވެސް ވަރުގަދަ ކުޅުންތެރިންނާ ދެކޮޅަށް ކުޅެލަން ލިބޭ މަދު ފުރުސަތުގައި އެ ލިބޭ އެކްސްޕީރިއަންސް އެއީ ވަރަށް މުހިއްމު އެއްޗެއް. އޭގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފޭތޯ އަބަދުވެސް ބަލަން،" ގައުމީ ޓީމާ އެކު ކުރެވުނު ތަޖުރިބާ ކިޔައިދެމުން އަޒްރާ ބުންޏެވެ.
ގައުމީ ޓީމަށް ހޮވުނު ނަމަވެސް އަޒްރާ އަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅު ތަމްރީނެއް ހޯދުމުގެ ފުރުސަތު ނުލިބުމެވެ. އަމިއްލަ މަސައްކަތުން ފަރިތަ ކޮށްގެން ބިލިއާޑް ކުޅެން ފެށި ނަމަވެސް ހުނަރު ތަރައްގީކޮށް، ކުރިއެރުމެއް ހޯދަން މަގުފަހިވީ މިދިޔަ އަހަރެވެ. އެއީ ގައުމީ ޓީމަށް ފުރަތަމަ ފަހަރަށް ބޭރުގެ ކޯޗެއް ހަމަޖެއްސި ހިސާބެވެ. އަޒްރާ ބުނި ގޮތުގައި ބިލިއާޑްގެ ބޭސިކް ދަސްވާން ފެށީ ވެސް މިދިޔަ އަހަރު ގައުމީ ޓީމަށް ގެނައި ކޯޗު ޖަރުމަންގެ ރާލްފް އެކާޓް ގެ ފަރާތުންނެވެ
"އަސްލު ޕްރޮފެޝަނަލް ކޮށް ޓްރޭނިން ލިބެން ފެށީ މިދިޔަ އަހަރު ގައުމީ ޓީމަށް ކޯޗެއް ގެނައި ހިސާބުން. އެންމެ ފުރަތަމަ އެއް މަސްދުވަހަށް ކޯޗެއް ގެނައީ، [ރާލްފް] އެކާޓް ފަށައިދިނީ ފުރަތަމަ ފެށީ ބޭސިކުން. ތަމްރީނުތަކާ އެކު އަސްލު ކޮންފިޑެންސް ބޫސްޓް ވި ވަރަށް ބޮޑަށް،" މި އަހަރުގެ ކުރިން ހަތަރު ފައިނަލެއްގައި ވާދަ ކޮށްފައިވާ އަޒްރާ ބުންޏެވެ.
"ހަގީގަތުގައި މިއީ ވަރަށް އުނދަގޫ ކުޅިވަރެއް. ވަކި ގޮތަކަށް ބޯޅައިގައި ޖަހަން އެނގިގެން ރަނގަޅަށް ކުޅެވޭނީ. ކޯޗުގެ ޓްރޭނިންތަކާ އެކު އެނގުނު މީގެ ކުރިން މި ކުޅުނީ މުޅިއަކުން ރަނގަޅަކަށް ނޫން ކަން. ދެން ފަހުން ގެނައި ކޯޗެއް ވެސް ހަ މަސް ދުވަހު ޓްރެއިން ކޮށްފައި ޖެނުއަރީ މަހު އެ ފުރީ. ބޭސިކް އެނގުމުން މީގައި އިމްޕްރޫވްމަންޓެއް ލިބުނީ."
ކޯޗެއްގެ ފަރާތުން ޕްރޮފެޝަނަލް ތަމްރީނު ލިބެން ފެށި ހިސާބުން އަޒްރާ އައީ ރާއްޖޭގެ ރޭންކިންގެ އެއް ވަނަ ހޯދަން ވެސް ޓާގެޓް ކުރަމުންނެވެ. މިދިޔަ އަހަރު އެންމެ މުބާރާތެއްގެ ފައިނަލް ކުޅެވުނު ނަމަވެސް، މި އަހަރު ބޭއްވި 8 ބޯލް އަދި 10 ބޯލްގެ ޗެމްޕިއަންޝިޕްގެ އެއް ވަނަ ހޯދައި، އޭނާ ވަނީ ޓާގެޓް ހާސިލް ކޮށްފަ އެވެ.
އަޒްރާ ބިލިއާޑް މެޗަކަށް ތައްޔާރުވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އަޒްރާގެ އުންމީދަކީ މި އަހަރު ދެން އޮންނަ މުބާރާތްތަކުން ވެސް ކާމިޔާބު ހޯދުމެވެ. މީގެ އިތުރުން މި އަހަރު އޮންނަ އޭޝިއަން އިންޑޯ ގޭމްސް ގައި ވާދަކުރުމުގެ ފުރުސަތު ހޯދައި، މުބާރާތުގައި ރަނގަޅު ހިސާބަކަށް ދިޔުމަކީ ވެސް އޭނާގެ އަމާޒެކެވެ.
ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާތާ 17 އަހަރު ވެފައިވާ އަޒްރާ ބުނީ، އޮފީހުގެ މަސައްކަތްތަކަށް ފަހު ވަރުބަލިކަން މަތީ ހުރެ ބައެއްފަހަރު ކުޅެން ޖެހުމަކީ ކުރިމަތިވި ބޮޑު ޗެލެންޖެކެވެ. ބިލިއާޑަކީ ފެންނަ ފެނުމަށް ފިޒިކަލް ކުޅިވަރެއް ނޫން ނަމަވެސް އަޒްރާ ބުނި ގޮތުގައި މިއީ ފިޒިކަލީ އަދި މެންޓަލީ ވަރަށް ބޮޑަށް ތައްޔާރު ވެގެން ކުޅެވޭނެ ކުޅިވަރެކެވެ. ހާއްސަ ގޮތެއްގައި ވަޒީފާތަކުގައި ބުރަކޮށް އުޅެފައި އެއްވެސް އަރާމެއް ނެތި މެޗުތަލުގައި އެމީހެއްގެ އެންމެ ބެސްޓް ދައްކަން އުނދަގޫ ވާނެ ކަމަށް އޭނާ ބުންޏެވެ.
"ގޭމަށް ވަރަށް ބޮޑަށް ފޯކަސް ކުރަން ޖެހޭނެ. އޮފީހުގެ ވަރުބަލިކަންމަތީ ހުރެގެން ގިނަފަހަރު ރަނގަޅަށް ނުކުޅެވޭތަން އާދޭ. ބައެއް ފަހަރު ނަތީޖާ ބުރަވޭ އެ ވަގުތެއްގެ ނަސީބަށް ވެސް. އެހެންވެ ފިޒިކަލީ އަދި މެންޓަލީ ވަރަށް ރަނގަޅަށް ތައްޔާރު ވެވިފައި ހުންނަންވާނެ މެޗަށް، އޭރުން އަސްލު ފޯމުގަ ކުޅެވޭނީ،" ފްލައިދުބާއީ އެއާލައިންގެ ގްރައުންޑް ހޭންޑްލިން ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރާ އަޒްރާ ބުންޏެވެ.
މީގެ ކުރިން ޝިފްޓް ޑިއުޓީ މަސައްކަތުގައި އުޅެފައި އައިސް މެޗުތައް ކުޅެން ޖެހުމުން ބައެއް ފަހަރު އުނދަގޫތައް ކުރިމަތި ވި ނަމަވެސް މިދިޔަ އަހަރުން ފެށިގެން އަޒްރާ އަންނަނީ ކުރިއަށް ވުރެ ބޮޑަށް މިކަން ސީރިއަސްކޮށް ދެކިގެން، މެޗުތަކަށް ވަރަށް ރަނގަޅަށް ތައްޔާރު ވަމުންނެވެ. ހަމަ އެއާ އެކު މުބާރާތްތައް އޮންނަ ދުވަސްވަރު އޮފީހުގެ ފަރާތުން ލިބޭ އެއްބާރުލުން އޭނާ ވަނީ ޝުކުރުވެރިކަމާ އެކު ފާހަގަ ކޮށްފަ އެވެ.
"އުއްމީދަކީ މިގޮތުގައި ކުރިއަށް ގޮސް ރާއްޖެ އަށް މި ކުޅިވަރުން މެޑެއްޔެއް ހޯދައިދިނުން،" އަޒްރާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy