ނިއު ރޭޑިއަންޓުގެ ނެދަލެންޑްސް މިޑްފީލްޑަރު ޖަމާލް ލީފްލެންގް އާއިލާ ސަބަބަކާ ގުޅިގެން އެނބުރި ގައުމަށް ދާން ޖެހުމުން ނިއު އިން ބަދަލުގައި ސްޕެއިނުގެ މިޑްފީލްޑަރެއް ގެނެސްފި އެވެ.
ނިއު އިން ސޮއިކުރުވާފައިވަނީ އުމުރުން 30 އަހަރުގެ އެންހެލް ލުއިސް ރުއިޒް ޕަޒް (ކަންޑޭލާ) އެވެ. މިޑް ޓްރާންސްފާ ބާޒާރު މިހާރު ހުޅުވިފައިވާތީ އެސްޓީއޯ މާލޭ ލީގުގެ ފަހު މެޗުގައި ބުދަ ދުވަހުގެރޭ މާޒިޔާއާ ދެކޮޅަށް ނިއު ކުޅޭ މެޗުގައި ކަންޑޭލާ އަށް ކުޅެވޭނެ އެވެ.
އުމުރުން 30 އަހަރުގެ ކަންޑޭލާ އަކީ ސެންޓްރަލް މިޑްފީލްޑަރުގެ މަގާމުގެ އިތުރުން ޑިވެންސިވް މިޑްފީލްޑަރަކަށް ވެސް ކުޅެވޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ ސްޕެއިނުގެ ދެ ވަނަ ޑިވިޝަނުގެ އަލްބަކެޓޭ އާއި އާއި ސެލްޓާ ވީގޯ އަށް ކުޅެފަ އެވެ. މިދިޔަ ތިން އަހަރަށް ބަލާއިރު އޭނާ ވަނީ އޮސްޓްރިއާގެ ތިން ވަނަ ޑިވިޝަނުގެ ފަސްޓް ވިއެނާ އާއި ސްޕެއިނުގެ ތިން ވަނަ ޑިވިޝަނުގެ ބަރަކަލްޑޯ އާއި ލަ ރޮޑާ އަށް ކުޅެފަ އެވެ. އޭނާ ވަނީ ސްޕެނިޝް ކަޕުގެ މެޗުތައް ވެސް ކުޅެފަ އެވެ.
ކަންޑޭލާގެ އިތުރުން މި ވަގުތު ނިއުގައި ތިބި ބިދޭސީ ކުޅުންތެރިންނަކީ ސާބިއާގެ ސެންޓްރަލް ޑިފެންޑަރު ސްޓެވަން މާކޮވިޗާއި އަލަށް ގެނެސްފައިވާ ލުބްނާން ޑިފެންޑަރު ހުސެއިން އެލް ޑޯރް އަދި ސްޕެއިން ފޯވާޑް އެޑްރިއެން ގަލާޑޯ އެވެ.
ކަންޑޭލާ އާއި ހުސެއިންގެ އިތުރުން ޓްރާންސްފާގައި ނިއުގެ ލިސްޓަށް އިތުރުކުރާނީ އަލީ އަޝްފާގް (ދަގަނޑޭ) އާއި އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ. ލީގު ކަށަވަރުކުރަން މޮޅުވާން މަޖުބޫރު މެޗެއްގައި ބުދަ ދުވަހުގެރޭ މާޒިޔާއާ ދެކޮޅަށް ނިއު ނުކުންނަ މެޗުގައި މި ހަތަރު ކުޅުންތެރިންނަށް ވެސް ކުޅެވޭނެ އެވެ.
މި ސީޒަނުގައި ނިއުގައި މޮޅު ކުޅުމެއް ދެއްކި ނެދަލެންޑްސްގެ ޖަމާލް އެނބުރި ގައުމަށް ދާން ޖެހުނީ އޭނާގެ މާމަ ބަލިވުމުންނެވެ.