ގދ. ތިނަދޫ އަތުން 2-0 އިން މޮޅުވެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދ. ކުޑަހުވަދޫ މިރޭ ހޯދައިފި އެވެ.
ކުޑަހުވަދޫން އަތޮޅު ފުޓްބޯޅައިގެ އެއް ވަނަ ހޯދީ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުކަމާއި ނިއު ރޭޑިއަންޓުގެ ކޯޗުކަންކޮށްފައިވާ މުހައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދުގެ ދަށުން ކުޅެ އެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު ފައިނަލް މެޗުގައި، މީގެ ކުރިން ވެސް އަތޮޅު ޗެމްޕިއަންކަން ހޯދައި ދިވެހި ލީގުގައި ވެސް ކުޅެފައިވާ ތިނަދޫ ކޮޅަށް ކުޑަހުވަދޫގެ ފުރަތަމަ ގޯލް ޖަހައިދިނީ 19 ވަނަ މިނެޓުގައި އިރުފާން އާދަމް ނަސީރެވެ. ކުޑަހުވަދޫގެ ދެ ވަނަ ލަނޑު 79 ވަނަ މިނެޓުގައި ކާމިޔާބުކުރީ އެފޯނިއާ ޖިބޮލާ އެވެ.
މުޅި ރާއްޖެ އަށް ހުޅުވާލައިގެން، އަތޮޅު ބުރާއި ޒޯން ބުރު އަދި ފައިނަލް ބުރަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މުބާރާތުގެ ގަދަ ހަތަރު ޓީމަށް ވަނީ މި އަހަރުގެ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބިފަ އެވެ. އެއީ ކުޑަހުވަދޫ އާއި ތިނަދޫގެ އިތުރުން އއ. މާޅޮހާއި ށ. މިލަންދޫ އެވެ. ލީގުގައި ދެން ވާދަކުރާނީ އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރު ޓީމު ކަމަށްވާ މާޒިޔާ، ގްރީންސްޓްރީޓްސް، ނިއު ރޭޑިއަންޓް އަދި ޓީސީ ސްޕޯޓްސް ކްލަބެވެ.
މިދިޔަ އަހަރުގެ ޗެމްޕިއަން ބ. އޭދަފުށްޓާއި ރަނަރަޕް ތ. ތިމަރަފުށި އަދި ކުރީ އަހަރުގެ ޗެމްޕިއަން ސ. ފޭދޫ އަށް މި ފަހަރު ގަދަ ހަތަރެއްގައި ލައްވާލާ ގޮތެއް ނުވި އެވެ.
ކުޑަހުވަދޫ ޓީމުގެ ކޯޗު މޯހަން ބުނީ މިރޭ މި ކާމިޔާބުކުރެވުނީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި މި ކާމިޔާބީއާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ގިނަ ދުވަސްތަކެއްގައިކޮށް 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ވެސް މަސައްކަތްކުރި މޯހަން ވަނީ ފުރަތަމަ ޑިވިޝަނުގައި ވެސް ގިނަ އަހަރުތަކެއްގައި މަސައްކަތްކޮށްފަ އެވެ. އެގޮތުން 2012 ވަނަ އަހަރުގެ ދިވެހި ލީގާއި ގައުމީ މުބާރާތް މެޗަކުން ބަލިނުވެ ނިއު އަށް ކާމިޔާބުކޮށްދީ އެ އަހަރުގެ މޮޅު ކޯޗުގެ މަގާމް ހޯދި އެވެ. އޭގެ ފަހުން ކްލަބް ވެލެންސިއާ އަށް ވެސް ކޯޗުކޮށްދިނެވެ.
އެންމެ ފަހުން އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރަކަށް މަސައްކަތްކުރި މޯހަން ބުނީ މި ޗެލެންޖް ނެގީ ހުސްކޮށް ހުރުމަށް ވުރެ ބަޔަކަށް އެއްޗެހިތަކެއް ބުނެ ދިނުން ފައިދާވާނެ ކަމަށް ފެނުމުން ކަމަށެވެ.
"ބޭނުންވީ އަޅުގަނޑުގެ ފަރާތުން އެއްޗެހިތަކެއް ބުނެދޭން. ހަގީގަތުގައި މިއީ ވަރަށް ބޮޑު ޗެލެންޖެއް. ވަރަށް އުނދަގޫ މަސައްކަތެއް މިއީ ރަށްރަށަށް ދަތުރުކޮށް މި ގޮތަށް ކޯޗުކޮށްދިނުމަކީ. އެކަމަކު ވެސް މި ޗެލެންޖް ނެގީ. ބަޔަކަށް އެއްޗެހިތަކެއް ބުނެދިނުމުގެ ބޭނުމުގައި އަޅުގަނޑު ގުރުބާނީތަކެއްވީ. އޭގެ އަގު ލިބިއްޖެ،" މޯހަން ބުންޏެވެ.
މިނިވަން ޗެމްޕިއަންޝިޕާ އެކު މޯހަން އާއި ކުޑަހުވަދޫއާ އެކު އެއްބަސްވުން ނިމުނީ އެވެ. ޕްރިމިއާ ލީގުން އޭނާ އެ ޓީމުގައި ހުންނާނެކަމެއް އަދި މުޅިން ނޭގެ އެވެ. މޯހަން ބުނީ އެހިސާބަށް އަދި ނުވިސްނާ ކަމަށާއި އެކަމާ ވިސްނާނީ ދެ ދުވަހެއްގެ ބްރޭކެއް ނެގުމަށް ފަހު ކަމަށެވެ.
"އަޅުގަނޑުގެ ޓާގެޓް މިހިސާބުން މި ހާސިލްވީ،" މޯހަން ބުންޏެވެ.