ކައި: ހުސް ފައިގައި މެރެތަނެއް ޖެހި ފުރަތަމަ ދިވެހި އަންހެން ދުވުންތެރިއާ.
17 ނޮވެމްބަރ 2017 - 07:47
ކަސްރަތުގެ ޕާސަނަލް ޓްރެއިނިން ދިނުމާއި ތަފާތު ކްލާސްތައް ނަގައިދިނުމުގެ ތެރޭގައި މުޅި ދުވަސް ހޭދަކުރި ނަމަވެސް އޭނާ އަކީ ދުވުންތެރިއެއް ނޫނެވެ. ދުވުމަކީ އޭނާ ފޫހިވެސް ވާ ކަމެކެވެ. އެކަމަކު ދުވުމުގައި، ފަރުބަދައެއްގެ އުހަށް އެރުން ފަދަ، 42 ކިލޯމީޓަރުގެ މެރެތަން ރޭސް ކައިޝާ ސަލީމް (ކައި) ފުރިހަމަކޮށްފި އެވެ. ހައިރާންނުވެދާނެ އެވެ. އެކަމަކު އޭނާ އެ ބުރަބޮޑު ރޭސް ފުރިހަމަކުރީ ހުސް ފައިގަޔޭ ބުނެފި ނަމަ ޔަގީނުން ވެސް ހައިރާންވާނެ އެވެ. ގްރީކުގެ އެތެންސްގައި މިދިޔަ ހަފުތާގައި ބޭއްވި އެތެންސް އޮތެންޓިކް މެރެތަން 6 ގަޑި 44 މިނެޓުން ފުރިހަމަކުރުމާ އެކު ކައި ވެފައިވަނީ ހުސް ފައިގައި މެރެތަން ރޭހެއް ޖެހި ފުރަތަމަ ދިވެހި އަންހެން ދުވުންތެރިއާއަށެވެ. އަދި ރާއްޖޭން ބޭރުގައި ބޭއްވި ބައިނަލްއަގްވާމީ މެރެތަނެއް ހުސް ފައިގައި ޖެހި ފުރަަތަމަ ދިވެއްސަށެވެ.
ސުވާލަކީ ދުވުމަށް ޝައުގެއް ނެތް މީހަކު މެރެތަން ރޭހެއް، އެވެސް ހުސްފައިގައި ޖެހީ ކީއްވެބާ އެވެ؟
"ކައި އަކީ އަބަދުވެސް އެކްސްޓްރީމް ޗެލެންޖްތަކާ ކުރިމަތިވާ ހިތްވާ މީހެއް. އަބަދުވެސް ރިސްކް ނަގަން ބޭނުންވާނީ،" މާސްޓާ ޓްރެއިނާ ކައި، 27، ބުންޏެވެ.
ޓީއެފްޖީގެ ޓްރެއިނަރެއްގެ ގޮތުގައި އުޅުނުއިރު، އެތަނުން ބޭއްވި ރޭސްތަކުގައި ވެސް އޭނާ އުޅުނީ ދުރުދުރުންނެވެ. އެކަމަކު އޭރު ވެސް ހިތުގައި އޮތީ ދުވަހެއްގެ ކޮޅުން ވެސް ދުވަންޏާ ދުވާނީ މެރެތަން ރޭހެއް ކަމެވެ. އެކަމާ ރަށްޓެހިން ދިމާ ވެސް ކުރި އެވެ. ދިހަ ކިލޯމީޓަރު ނުދުވެވިގެން އުޅޭއިރު ޖެހޭނީ ކޮން މެރެތަނެއް ހެއްޔޭ ކިފައިފަ އެވެ. އެހެން އުޅެނިކޮށް ހުސްފައިގައި ދުވުމާ ބެހޭގޮތުން ޓީއެފްޖީގެ ވެބްސައިޓަށް، ލިއަން ޖެހުނު ލިއުމަކާ ގުޅިގެން އޭނާގެ ބޮލަށް ވަނީ މި ބުރަބޮޑު، އާދަޔާހިލާފު ވިސްނުމެވެ.
"އެހިސާބުން ހިތަށް އަރައިފި ބެއާފުޓްގަޔޭ ދުވާނީ. ބޫޓުގައި ދުވުން ކައި އަށް ވީ ވަރަށް އާއްމު ކަމަކަށް. އެހެން ހުއްޓާ އެއް ދުވަހަކު ހުޅުމާލޭގައި 10 ކިލޯމީޓަރު ދުވެފިން ހުސްފައިގައި. އެ ދުވަހު ފަޔަށް ނުވި އެއްވެސް ތަދެއް. އާއްމުކޮށް ބޫޓަށް އަރައިގެންދުވާއިރު ހުޅުހުޅަށް، ތަންތަނަށްވާ ތަދެއް އެ ދުވަހު ނުވި. ދެން ހިތަށް އެރީ މިއޮތީ އެ ވަގުތު އައިސް ޖެހިފަޔޭ،" ކައި ބުންޏެވެ.
ކައި (ކ) އައި ރަނާސްގެ ކޯޗު ޝުޖާއުއާ އެކު.
ކައި އެ ވާހަކަ އެންމެ ފުރަތަމަ ހިއްސާކުރީ އައި ރަނާސްގެ ކޯޗު ހުސެއިން ޝުޖާއު ގާތުގަ އެވެ. އޭނާ ދިނީ ވަރަށް ވެސް ބޮޑު ހިތްވަރެކެވެ. ކައިގެ އަނގަނައިން ރަނގަޅަށް އެ ބަސް ބޭރު ނުވަނީސް ޝުޖާއު ބުނީ "އެކަން ވާނެ" ކަމަށެވެ.
ކައި ހުސްފައިގައި އެންމެ ފުރަތަމަ ރޭހެއްގައި ދުވީ މި އަހަރު އައްޑޫގައި ބޭއްވި ދުވުމެއްގަ އެވެ. ބޯވަރޭގައި، މަގު އޮންނާނެ ގޮތަކަށް އޮއްވާ އޭނާ ހާފް މެރެތަން ރޭހެއް ފުރިހަމަ ކުރި އެވެ. ރޭސް ނިމުމުން އޭނާ އަށް އެނގުނީ އޭނާ ދިޔައީ ދެ ވަނަ އަށް ކަމެވެ. އަލަށް ހާފް މެރެތަން ރޭހެއް، އެވެސް ހުސްފައިގައި ދުވެ ދެ ވަނަ އަށް ދިއުމުން އޭނާ އަށް ލިބުނީ އާދަޔާހިލާފު ހިތްވަރެކެވެ. އިތުބާރެކެވެ.
ދެން އޭނާ ކުރިމަތިލީ އެތެންސްގައި އޮތް މެރެތަންއާ އެވެ. މެރެތަން ރޭހުގެ އަސްލާ ގުޅިފައިވާ ގްރީކުގައި އެތެންސް މެރެތަން ދުވުމަކީ ކޮންމެ ދުވުންތެރިއެއްގެ ހުވަފެކެނެވެ. ކައި އަށް މިކަން ވެގެންދިޔައީ އިތުރު ހިތްވަރަކަށެވެ. ސަބަބަކީ ދުނިޔޭގެ އެންމެ ޝަރަފްވެރި އެއް މެރެތަން ރޭހުގައި، އޭނާގެ އުއްމީދު ފުރިހަމަކުރެވޭތީ އެވެ. އެކަމަކު އައްޑޫ ރޭހަށް ފަހު މާލެ އައިސް ވެސް ދުވަން ތަމްރީނަށް ދާ ހިތެއް ނުވި އެވެ. މެރެތަން އަށް ތައްޔާރުވާން ލިބުނު އެއް މަސް ދުވަހު، ހުޅުމާލޭގައި ހަތަރު ގަޑިއިރުގެ ތަމްރީން ހެދި އެވެ. ފަހުން ވެސް ދުވުމުގެ ބަދަލުގައި އޭނާ ކުރިއަށްގެންދިޔައީ އަމިއްލަ ބޫޓް ކޭމްޕުގެ ތަމްރީންތަކެވެ.
"ދުވުމާއި ތަފާތު އެތައް ވޯކްއައުޓް ހިމެނޭ ބޫޓް ކޭމްޕް އަމިއްލަ އަށް އެ ދުވަހު ބައިވެރިއަކަށް ވެގެން ހެދީ. އެއްގޮތަކަށް ދުވުމުގެ ތަމްރީން ހަދާ ހިތެއް ނުވި،" "ޓްރެއިން ވިތު ކައި" ގެ ނަމުގައި ބޫޓް ކޭމްޕްތައް ކުރިއަށްގެންދާ ކައި ބުންޏެވެ.
ކައި (ވ) އައި ރަނާސްގެ ކޯޗު ޝުޖާއު (ކ) އަދި އެހެން ބައިވެރިން.
މާބޮޑު ތަމްރީނެއް ނެތި މެރެތަން ޖަހަން އޭނާ އެތެންސް އަށް ފުރައިގެން ދިޔައީ ވެސް ތެޅެމުން ފޮޅެމުންނެވެ. ކުރަން މިއުޅެނީ ކޮން ކަމެއްކަން ބޮލަށް ވަނީ އެތެންސް އަށް ދެވުމުންނެވެ. އެކަމަކު ދެން ލިބެން ފެށީ ހިތްވަރެވެ. މެރެރަން ރޭސް ނިންމުމަށް އެތެންސްގެ ތާރީހީ ސްޓޭޑިއަމަށް ވަންނަ ވަގުތާއި މެޑަލާ އެކު ދިވެހި ދިދަ ހިފައިގެން ހުންނާނެ ވަގުތު އޭނާ ހިތަށް ގެނަ އެވެ. ހުވަފެނުގައި ވެސް ފެންނަނީ އެވެ.
ރޭސް ޖަހަން ލައިނަށް އެރިއިރު މާހައުލު ވަރަށް ފިންޏެވެ. އެކަމަކު ބިބް އެއްކޮށް ފެންނަން ހުންނަން ޖެހޭތީ ޖެހުނީ ޖެކެޓް ބާލާށެވެ. ގަދަ ފިނީގައި ހުސްފައިގައި ދުވަނިކޮށް ވާތު ފައިގެ އިނގިލިތައް އަކުނިވަޔަށް ދަމައިގަތެވެ. އެއީ މެރެތަން ރޭހެއްގައި ކުރިމަތިވާނެ އެންމެ އުނދަގޫ އެއް ހާލަތެވެ. އެ އުނދަގުލުގައި ދުވަނިކޮށް އިރު އަރައި، ހޫނުވާން ފެށި އެވެ. ހިލަ މަގުތައް ހޫނުވެ އޭނާ ވޭން ބޮޑުވި އެވެ. އެކަމަކު ހިތްވަރު ލިބުނީ ދުވުންތެރިންގެ ފަރާތުންނެވެ.
"ކައިރިން ދަމުން އެންމެން ދިޔައީ ސެލިއުޓް ނަގަމުން. ވީ ރެސްޕެކްޓް ޔޫ އޭ ގޮވަމުން އެންމެން ދިޔައީ. އެހެންވެ ވަރަށް ބޮޑު ހިތްވަރެއް ލިބުނު. ހުސްފައިގަތި ދުވާތީ އެންމެން ދިޔައީ ވަރަށް ބޮޑަށް ތަރުހީބު ދެމުން. އެއްމެން އަހަނީ ކިހިނެއްހޭ ތިކަން ތިކުރަނީ؟" ކައި ބުންޏެވެ.
ކައި ހުސް ފައިގައި އެތެންސް މެރެތަން ދުވަނީ.
ފުރަތަމަ 21 ކިލޯމީޓަރު ކަޑައްތުކުރުމާ އެކު އަނެއްކާ ވެސް ފިނިވާން ފެށި އެވެ. ކުރިއަށް ވުރެ ގަދައަށެވެ. އަނެއްކޮޅުން އަލަށް މެރެތަން ޖަހާ ދުވުންތެރިއަކަށް ވުމުން ތަފާތު އުނދަގޫތައް ވަމުން ދިޔަ އެވެ. ބަނޑުހައިވުމާއި އަކުނިވަޔަށް ދެމުމުގެ މައްސަލަ އެވެ. އެވަރުން ވެސް ހުއްޓާ ނުލައި، މަޑު ދުވެއްޔައި ދުވަމުން ދުވަމުން އޭނާ ބައްޕަ އަށް ފޯންކުރި އެވެ.
"ބައްޕަ ބުނީ އެއްގޮތަކަށް ވެސް ދުލެއް ނުދެއްޗޭ. ނިންމައްޗޭ ރޭސް. ބައްޕައަކީ ވެސް އާދަޔާހިލާފު ކަންކަން ކުރާ މީހެއް. ބައްޕަގެ އެ ވާހަކަތަކާ އެކު ވަރަށް ބޮޑަށް ހިތްވަރު ލިބުނު. އަނެއްކާ ރަށްޓެހިންނާއި ކްލަޔަންޓުން ވެސް ދިޔައީ ކައި ޓްރެކްކުރަމުން، ހިތްވަރުގެ މެސެޖް ފޮނުވަމުން،" އޭނާ ބުންޏެވެ.
މެރެތަންގެ އެންމެ އުނދަގޫ ހިސާބަކީ ފަހުކޮޅެވެ. މީހާގެ ގައިން ހަކަތަ ހުސްވެ އެވެ. ދެން ދުވަން ޖެހޭނީ ސިކުންޑިންނެވެ. ކަށިން ހިތްވަރު ނެރެން ހަށިގަނޑަށް މަޖުބޫރުކުރާނީ ސިކުނޑި އެވެ. އެ ހާލަތުގައި އޭނާ އަށް ކުރިމަތިވީ ބޮޑު ޗެލެންޖަކާ އެވެ. އެއީ ފަހުކޮޅުގެ ރޫޓަކީ އަވަސް އަވަހަށް އުހަށް އަރައި ތިރިއަށް ފައިބަން ޖެހޭ ރޫޓަކަށް ވުމެވެ. ގަދަ ހިތްވަރާ އެކު، އުހަށް އަރާ ތަނުން، އެއްވެސް ހުއްޓުމެއް ނެތި ތިރި އަށް ސޮއްސާލަ އެވެ. އެ ވަގުތު އޭނާ ފައިތިލައިގެ ދަށްފުށް ދާނީ ގޭނިގެންނެވެ. ހިލަކަރުދާސްގަނޑެއް ފަދަ މަގުގައި އެއީ ބޮޑު ވޭނެކެވެ. ލަވަ ޖެހުމުގެ ބަދަލުގައި، ގުރުއާނުގެ އާޔަތްތައް ހިތުން ކިޔަމުން ކައި ދުވަމުން ދިޔައީ، ގަދަ ހިތްވަރަށެވެ.
"ހިތަށް އެރީ މިހިސާބަށް އައިސް ދެން ނުހުއްޓާނަމޭ. އެހެންގޮސް ވަރަށް ހިތްވަރުން ނިންމުނީ. ނިންމި އިރު ވަށައިގެން މީހުން ތިބި މަރުހަބާ ކިޔަން އައިސް. އެންމެން އަހަނީ ކިހިނެއްހޭ ތިކަންކުރީ. ވަރަށް ގިނަ މީހުން ކައިއާ ފޮޓޯ ވެސް ނެގި،" އޭނާ ބުންޏެވެ.
ކައި (މ) ހުސް ފައިގައި އެތެންސް މެރެތަން ދުވަނީ.
އެތެންސްގައި މެރެތަންގައި މެރެތަން ރޭސް ޖެހި 18،000 މީހުންގެ ތެރެއިން ހުސް ފައިގައި ދުވި ހަމައެކަނި މީހާ އަށް ދިވެއްސަކު ވުމަކީ ކައި ދެކޭ ގޮތުގައި ކިތަންމެ ކުޑަ ގައުމެއްގެ މީހަކަށް ވިޔަސް ހުވަފެނެއްގައި ކުލަ ޖެއްސިދާނެ ކަމެވެ.
"މީގެން އެނގުނީ ކަމެއް ކުރަން މަސައްކަތްކޮށްފިއްޔާ ވާނެކަން. މީހާގެ ސިކުނޑި ހުރިހާ ވެސް ކަމަކީ. ސިކުނޑި އަށް ވިސްނައިދެންވީ ވާނެކަން. އޭރުން ކުރެވޭނެ،" ކައި ބުންޏެވެ.
ކައި ދެކޭ ގޮތުގައި އެންމެ މޮޅު ބޫޓަކީ ގުދުރަތުން ލިބިފައިވާ ފައިތިލަ އެވެ. އެ "ބޫޓުގައި" އޭނާ އިތުރު ޗެލެންޖްތަކާ ކުރިމަތިލާނެ އެވެ. ދެން އޮތީ އަންނަ އަހަރުގެ ބާލިން މެރެތަން އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަސީމު
18 November 2017
ގައުމު ތަމްސީލުކުރަން ތިހުރީ އަތްކެނޑި ހެދުން ތުރުކުރައްވައިގެން.
އަތްފުނާ
18 November 2017
ރާއްޖޭގެ ދިދަ ކޮންމެވެސް ގޮތަކަށް ފާޅުވިނަމަ އިތުރަށް ސަޅިވީސް
މެރަތަން
17 November 2017
ގައުމު ފަހުރުވެރި ވާންވީ މިފަދަ ދަރިންނަށް، މަރުހަބާ ތި ހޯއްދެވި ކާމިޔާބީއަށް، މަރުހަބާ ކައި، މަރުހަބާ ކޯޗު ޝުޖާއު
ޢަލީޢަލީ
17 November 2017
ތިޔަކުރާ ހިތްވަރަށް ސާބަސް ދެން. ކުރިޔަށް އޮތް ރޭސްތަކުގަ ރަގަޅު ކާމިޔާބެއް ލިބޭނެކަމަށް އުންމީދުކުރަށް. ހުއްޓާނުލާ ކުރިޔަށް.