ސައުތު އޭޝިއާ އެތުލެޓިކްސް ފެޑެރޭޝަންގެ ކައުންސިލް ބައްދަލުވުން އަންނަ އާދިއްތަ ދުވަހު އައްޑޫ ސިޓީގައި ބާއްވާގޮތަށް ހަމަޖެހިއްޖެ އެވެ.
އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ ކައުންސިލް ބައްދަލުވުމުގައި ނޭޕާލް ފިޔަވައި ދެކުނު އޭޝިއާގެ ހަތް ގައުމަކުން ބައިވެރިވާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
ސައުތު އޭޝިއާ ކައުންސިލް މީޓީން ބާއްވާގޮތަށް ހަމަޖެހިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ގިނަވަނަތަކެއް ހޯދަމުން އަންނަ އީކުއޭޓަރު ވިލެޖްގަ އެވެ.
މި ބައްދަލުވުމުގައި 2018 ވަނަ އަހަރު މި ސަރަޙައްދުގައި ބާއްވާ މުބާރާތްތަކުގެ ތާރީހުތައް ކަނޑައެޅުމަށް ވަނީ ނިންމައިފަ އެވެ. އަދި ދެކުނު އޭޝިއާ އެތުލެޓިކްސް ފެޑެރޭޝަންގެ އަސާސީ ގަވައިދަށް ގެންނަން ޖެހޭ އިސްލާހުތަކަށް ވޯޓަށް އަހައި، އެ ބަދަލުތަކާ އެކު އާ އަސާސީ ގަވައިދު ފާސްކުރުން އޮންނާނެ އެވެ.
މި ބައްދަލުވުން ރާއްޖޭގައި މި ފަހަރު ބާއްވާއިރު، އެންމެ ފަހުން ބޭއްވި ސައުތު އޭޝިއާ އެތުލެޓިކްސް ފެޑެރޭޝަންގެ އިންތިޚާބްގައި އެ ފެޑެރޭޝަންގެ ނާއިބް ރައީސްގެ މަގާމަށް ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް ވަނީ އިންތިހާބުވެވަޑައިގެންފަ އެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ މި ބައްދަލުވުން ރާއްޖޭގައި ބާއްވަނީ ކުޅިވަރާ ބެހޭ މިނިސްޓްރީ އާއި އީކުއޭޓަރު ވިލެޖްގެ ވަރަށް ބޮޑު އެހީތެރިކަމާއެކުގައި ކަމަށެވެ.