މާލޭ ލީގުން ހަ ޓީމާ އެކު ދިވެހި ލީގުގައި 10 ޓީމު

އަންނަ އަހަރުގެ މާލޭ ލީގުގެ ގަދަ ހަ ޓީމަށް ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ދީ އަދި ޖުމްލަ 10 ޓީމާ އެކު ޕްރިމިއާ ލީގުގެ ފުރަތަމަ ބުރު ކުރިއަށްގެންދަން ނިންމައި އަދި ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ޓީމު އޮޓޮމެޓިކުން މާލޭ ލީގަށް ކޮލިފައިވާ ގޮތަށް އެފްއޭއެމުން ނިންމައިފި އެވެ.


އަންނަ އަހަރުގެ ސީޒަން ހުޅުވާނީ ފެބްރުއަރީ 6 ވަނަ ދުވަހު ކުޅޭ މެޗުންނެވެ. އަންނަ ފެބްރުއަރީ 25 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މާލޭ ލީގުގައި ވާދަކުރާނީ މި އަހަރުގެ މުބާރާތުގެ ގަދަ ހަތަރު ޓީމު ކަމަށްވާ މާޒިޔާ، ގްރީންސްޓްރީޓްސް، ނިއު ރޭޑިއަންޓް އަދި ޓީސީގެ އިތުރުން މި އަހަރު ގަދަ ހަތަރަކުން ކެޓި ހަތަރު ޓީމު ކަމަށްވާ ޔުނައިޓެޑް ވިކްޓަރީ، ވެލެންސިއާ، ވިކްޓަރީ އަދި އީގަލްސް އެވެ. އެ ހަތަރު ޓީމަށް އޮޓޮމެޓިކުން ފުުރުސަތު ލިބުނީ މި އަހަރު މާލޭ ލީގު ކޮލިފައިން ކެންސަލްވެފައިވާތީ އެވެ.

އެ އަށް ޓީމާ އެކު ދެ ބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ހަ ޓީމަށް ޕްރިމިއާ ލީގުން ފުރުސަތު ލިބޭނެ އެވެ. ފުލަށްދާ ދެ ޓީމަށް ޖެހޭނީ ދެ ވަނަ ޑިިވިޝަނުގެ ރަނަރަޕްއާ އެކު ދެ ބުރު ހިމެނޭ ގްރޫޕް ސްޓޭޖެއް ކުޅޭށެެވެ. އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމު ޖެހިގެން އަންނަ އަހަރުގެ މާލޭ ލީގުން ފުރުސަތު ލިބޭއިރު ފުލަށްދާ ދެ ޓީމު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވާނެ އެވެ. ޖެހިގެން އަންނަ އަހަރުގެ މާލޭ ލީގުގެ ފަހު ޖާގަ ލިބޭނީ އެ ބުރުގެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ.

އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލްގަނީ (ސާންތީ) ވިދާޅުވީ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ޓީމަށް އޮޓޮމެޓިކް ޖާގައެއްދޭން ނިންމީ އެ މުބާރާތުގެ ވެސް ފެންވަރު ރަނގަޅުވަމުން އަންނާތީ، ފުޓްބޯޅައިގެ ކުރިއެރުމަށް ކަމަށެވެ.

"ދެ ވަނަ ޑިވިޝަން ވަރުގަދަވެގެން ފުރަތަމަ ޑިވިޝަން ވެސް ވަރުގަދަވާނީ. އެއީ އަޅުގަނޑުގެ ވިސްނުމަކީ،" ސާންތީ ވިދާޅުވި އެވެ.

ދިވެހި ލީގުގެ ފުރަތަމަ ބުރުގައި ވާދަކުރާނީ މާލޭ ލީގުގެ ގަދަ ހަ ޓީމާއި މިނިވަން ޗެމްޕިއަންޝިޕުގެ ގަދަ ހަތަރު ޓީމާ އެކު ޖުމްލަ 10 ޓީމެވެ. އަދި ދެ ވަނަ ބުރަށް ހޮވޭނީ އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ހޯދާ އަށް ޓީމެވެ. އަދި ޕްރެޒިޑެންޓްސް ކަޕަށް ކޮލިފައިވާނީ ގަދަ ހަތަރު ޓީމެވެ.

އެފްއޭއެމުން ރާވާފައިވަނީ މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕުގެ ގަދަ ހަތަރު ޓީމަށް، އަންނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕުގެ ފައިނަލް ބުރުން ފުރުސަތު ދޭގޮތަށެވެ. މާނައަކީ އަތޮޅު ބުރާއި ޒޯން ބުރުގައި އެ ޓީމުތައް ވާދަކުރަން ނުޖެހި ސަލާމަތްވުމެވެ.

އަންނަ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން ގައުމީ ޓީމަށް ވަގުތު ދިނުމަށް ސީޒަނުގެ މެދުތެރެއިން 25 ދުވަހުގެ ބްރޭކެއް އަންނާނެ އެވެ. އަންނަ އަހަރު 23 އަހަރުން ދަށުގެ ގައުމީ ޓީމު ވާދަކުރަން ޖެހޭނީ އޮގަސްޓް 18 އިން ސެޕްޓެމްބަރު 2 އަށް ކުރިއަށްދާ އޭޝިއަން ގޭމްސްގަ އެވެ. އަދި ސީނިއާ ޓީމު ސެޕްޓެމްބަރު 4-15 އަށް ބާއްވާ ސާފް ޗެމްޕިއަންޝިޕުގައި ކުޅޭނެ އެވެ.

ސާންތީ ވިދާޅުވީ އަންނަ އަހަރު އެފްއޭއެމުން އެންމެ އިސްކަންދެނީ ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމަށް ރަނގަޅު ކާމިޔާބެއް ހޯދައިދޭން ކަމަށާއި އެހެންވެ ގައުމީ ޓީމަށް ވަގުތު ދިނުމަށް 25 ދުވަހަށް ސީޒަން މެދުކަނޑާލާނެ ކަމަށެވެ.

ސާންތީ ވިދާޅުވީ މުބާރާތްތައް ރޭވިއިރު ވިސްނީ މި އަހަރަށް ވުރެ ޓީމުތަކަށް ލިބޭ މެޗުތަކުގެ އަދަދު މަދުނުވާނެ ގޮތަކަށް ރޭވުމަށް ކަމަށާއި އެގޮތުން ހުރިހާ މުބާރާތެއް ކުޅޭ ޓީމަކަށް 35 މެޗު ކުޅެން ލިބޭނެ ކަމަށެވެ.

"އަޅުގަނޑު ކްލަބްތަކުގައި އެދެން ވަގުތު އޮއްވާ ތައްޔާރުވާން ފަށަން އަދި ރަނގަޅު ޕްރީ ސީޒަނެއް ކުރިއަށްގެންދަން. އޭގެ ސަބަބުން ދިގު ސީޒަނަކާ ކުރިމަތިލާއިރު ފަސޭހަތަކެއް ވެގެންދާނެ،" ސާންތީ ވިދާޅުވި އެވެ. "ރޭވިފައިވާ ގޮތަށް ކުރިއަށްދާ ނަމަ ޑިސެމްބަރު މަސް އޮންނާނީ ހުސްކޮށް."

ކަލަންޑަރުގައިވާ ގޮތުން ގައުމީ ޓީމަށް ވަގުތު ދިނުމަށް ސީޒަން މެދުކަނޑާލާއިރު އޮންނާނީ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރު ނިމިފަ އެވެ. މާނައަކީ ފުރަތަމަ ބުރުން ބާކީވާ ދެ ޓީމަށް ވެސް އިތުރު އިންތިޒާރެއް ކުރަން ނުޖެހުމެވެ.

ސާންތީ ވިދާޅުވީ މި ފަހަރު ދިގު ބްރޭކްތައް މަދުކުރަން ވަރަށް ބޮޑަށް ވިސްނާފައިވާނެ ކަމަށާއި އޭގެ ބޭނުމަކީ މުބާރާތުގެ ފޯރި ހިފެއްޓުން ކަމަށެވެ. އަދި ކޮންމެ ޓީމަކަށް ވެސް މެޗެއްގެ ދެމެދު ހަތަރު ވަރަކަށް ދުވަސް ލިބޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ 2019 އަށް މިހާރުން ފެށިގެން ޕްލޭންތައް ހަދަން ފަށާފައިވާ ކަމަށާއި އެގޮތުން އެފްއޭއެމްގެ ވިސްނުމަކީ ދިވެހި ޕްރިމިއާ ލީގަކީ ކޮންމެ އަހަރަކު ކޮލިފައިވާން ޖެހޭ މުބާރާތެއްގެ ބަދަލުގައި 10 ނުވަތަ 12 ޓީމާ އެކު ކުރިއަށްގެންދެވޭ މުބާރާތަކަށް ހެދުން ކަމަށެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން ޕްރެޒިޑެންޓްސް ކަޕަކީ ސީޒަން ފަށާ މުބާރާތަކަށް ހަދަން ރާވަމުން އަންނަ ކަމަށާއި އޭގެ ސަބަބުން އޭއެފްސީ ކަޕުގައި ކުޅޭ ޓީމުތަކަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށް ވެސް ތަޖުރިބާކާރު ފުޓްބޯޅަ ކޯޗު ވިދާޅުވި އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ ކަލަންޑަރު މިއަދު އާއްމުކުރި ނަމަވެސް އޭއެފްސީ ކަޕުގައި ނިއު ރޭޑިއަންޓާއި ޓީސީ ކުޅޭ މެޗުތަކަށް އަދި ކުދި ބަަދަލުތަކެއް އަތުވެދާނެ ކަމަށާއި އެ ދެ ކްލަބަށް އެފްއޭއެމުން ވަރަށް ބޮޑު އިސްކަމެއްދޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ އެ ދެ ޓީމު މުބާރާތުގެ ވީހާ ވެސް ދުރަކަށް ދިއުން. ފައިނަލާ ހަމަޔަށް ވެސް ދިއުން. އެހެންވެ އެ ދެ ކްލަބަށް ފަސޭހަކުރުމުގެ ގޮތުން ގެންނަން ޖެހޭ އެޖެސްޓްމަންޓްތަކެއް ގެންނާން،" ޖަވާޒް ވިދާޅުވި އެވެ.

އަންނަ އަހަރުގެ ސީޒަން ފެބްރުއަރީ 6 ގައި ރަސްމީކޮށް ފެށި ނަމަވެސް ރާއްޖޭގެ ޓީސީ އަށް އަންނަ ޖެނުއަރީ މަހު ސީޒަން ފެށޭނެ އެވެ. އެގޮތުން އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ބުރުގައި ޓީސީ ކުޅޭ ފުރަތަމަ ލެގު ޖެނުއަރީ 23 ގައި އޮންނައިރު ދެ ވަނަ ލެގު ޖެނުއަރީ 30 ގައި އޮންނާނެ އެވެ. އެ ބުރުން ކުރި ލިބިއްޖެ ނަމަ ޕްލޭއޮފުގައި ކުޅެން ޖެހޭނީ ފެބްރުއަރީ 13 އަދި 20 ގަ އެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖް ފަށާނީ މާޗު 6 ގަ އެވެ. ގްރޫޕް ސްޓޭޖުގައި ނިއު ރޭޑިއަންޓް ވާދަކުރާއިރު ޕްލޭއޮފުން ކުރި ލިބިއްޖެ ނަމަ ޓީސީ އަށް ވެސް އެ ފުރުސަތު ލިބޭނެ އެވެ. ކަލަންޑަރު ރޭވިފައިވާ ގޮތުން އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ ކުރިން ނިއު އަށް މާލޭ ލީގުގެ މެޗުތަކެއް ކުޅެން ލިބޭނެ އެވެ.