ނިއު އަށް ބިދޭސީ ދެ ޑިފެންޑަރުންނާއި ފޯވާޑެއް

ލުބްނާން ޑިފެންޑަރު ހުސެއިން އެލް ޑޯ އާއި މޮންޓެނީގްރޯ ޑިފެންޑަރު ސްޓެވަން މާކޮވިޗުގެ ބަދަލުގައި ނިއު ރޭޑިއަންޓަށް އަންނަ ސީޒަނަށް އޭޝިއާގެ ޑިފެންޑަރަކާއި ޔޫރަޕުގެ ޑިފެންޑަރެއް ގެންނަން ހަމަޖެހިއްޖެ އެވެ.


މީގެ އިތުރުން ސްޕެއިން ފޯވާޑް އެޑްރިއެން ގަލާޑޯގެ ބަދަލުގައި ޔޫރަޕަށް ނިސްބަތްވާ ފޯވާޑެއް ގެންނަން އަންނަނީ މަސައްކަތްކުރަމުންނެވެ.

އަލަށް ގެންނަ ތިން ކުޅުންތެރިންނާ އެކު އަންނަ ސީޒަނުގައި ނިއު އިން ދެން ފެންނާނެ ބިދޭސީ ކުޅުންތެރިޔަކީ މިދިޔަ ސީޒަނުގައި ވެސް ކުޅުނު ސްޕެނިޝް މިޑްފީލްޑަރު ކަންޑޭލާ އެވެ.

މިދިޔަ ސީޒަނުގެ ކުރީކޮޅު މާކޮވިޗް ނިއުގެ ޑިފެންސުގައި މުހިއްމު ދައުރެއް އަދާކުރި ނަމަވެސް އަނިޔާ އާއި ފޯމް ކެޓުމުގެ ސަބަބުން އޭނާ އަށް ފަހުން ފުރުސަތެއް ނުލިބެ އެވެ. ޓްރާންސްފާ މުއްދަތުގައި ގެނައި އެލް ޑޯ ވަނީ އެ ޓީމުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދައްކައިފަ އެވެ. މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ހޮވި އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމް ހޯދި ގަލާޑޯ ޕްރިމިއާ ލީގަށް ފަހު އެނބުރި ދިޔައީ އާއިލީ ސަބަބަކާ ހެދި ކަމަށް ކްލަބުން ބުނެ އެވެ. ސީޒަނުގެ މެދުތެރެއިން ގެނައި ކަންޑޭލާ ވެގެން ދިޔައީ ނިއުގެ މައިބަދަ އަށެވެ. ނިއު އިން ސީޒަން ނުނިމެނީސް އޭނާގެ ކޮންޓްރެކްޓް އާކުރި އެވެ.

ނިއުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒް (ޓެޑް) ވިދާޅުވީ އޭޝިއާ އަށް ނިސްބަތްވާ ޑިފެންޑަރަކާއި ޔޫރަޕުގެ ޑިފެންޑަރަކު ގެންނަން ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށާއި ވަރަށް އަވަހަށް އެ ދެ ކުޅުންތެރިންގެ ނަންތައް އިއުލާންކުރާނެ ކަމަށެވެ. އަދި ގެންނަން ޔޫރަޕް ފޯވާޑް ވެސް ފެށޭ ހަފުތާގެ ތެރޭގައި ހަމަޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިތުރަށް ދެން ހުންނާނީ ކަންޑޭލާ،" ޓެޑް ވިދާޅުވި އެވެ.

އާ ސީޒަނަށް ނިއު އިން ވަނީ ދިވެހި ދެ ކުޅުންތެރިން ގެނެސްފަ އެވެ. އެއީ މާޒިޔާގެ އެޓޭކިން މިޑްފީލްޑަރު މުހައްމަދު އުމެއިރާއި ވެލެންސިއާގެ ފުލްބެކް ހިޝާމް ސަލީމް (ކޮކީ) އެވެ. ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ރަންބޫޓް ވެސް ހޯދާފައިވާ އުމެއިރު ވަނީ ނިއު އިން 2013 ވަނަ އަހަރު ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށް އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލަށް ދިޔައިރު މޮޅު ކުޅުމެއް ދައްކައިފަ އެވެ. ހިޝާމް ވަނީ މިދިޔަ ދެ ސީޒަނެއްގައި ވެލެންސިއާގައި ރަނގަޅު ކުޅުމެއް ދައްކައި ގައުމީ ޓީމުން ވެސް ޖާގަ ހޯދައިފަ އެވެ.

މީގެ އިތުރުން ނިއު އިން ވަނީ ނިމިގެން ދިޔަ ޔޫތު ޗެމްޕިއަންޝިޕުގެ އެންމެ ގިނަ ލަނޑު ޖަހައި އަދި މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންގެ ތެރޭގައި ހިމެނުނު މާޒިޔާގެ އިބްރާހިމް އަތީގް ވެސް ގެނެސްފަ އެވެ. މިދިޔަ ސީޒަނުގައި ކުޅުނު މުހިއްމު ކުޅުންތެރިންގެ ތެރެއިން ގޯލްކީޕަރު އިމްރާން މުހައްމަދާއި ރިލްވާން ވަހީދު (ރިލޭ) އާއި އަހުމަދު އަބްދުﷲ (ލިލީ) އާއި އަކްރަމް އަބްދުލްގަނީ އާއި ހަސަން އަދުހަމް (ސަޑޭ) އަބްދުﷲ މިދުހަތު (ބިޗަޑް) ވަނީ ކޮންޓްރެކްޓް އާކޮށްފަ އެވެ. އަންނަ ސީޒަނުގައި ވެސް ކޯޗުކޮށްދޭ ސްޕެއިނުގެ އޮސްކާ ބްރުޒޮން އެވެ.