މިދިޔަ ސީޒަނުގައި ކްލަބް އީގަލްސް އަށް ކުޅުނު ހުނަރުވެރި މިޑްފީލްޑަރު ރިހާމް އަބްދުލްގަނީ (ބޮބީ) ނިއު ރޭޑިއަންޓަށް ގެނެސްފި އެވެ.
ނިއު އިން ވަނީ އުމުރުން 20 އަހަރުގެ ކުޅުންތެރިޔާ އެކު މިއަދު ކޮންޓްރެކްޓް ހަދައިފަ އެވެ.
ބޮބީ އަކީ އީގަލްސްގެ އޭރުގެ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) މިދިޔަ ފުރަތަމަ ޑިވިޝަނަށް ތައާރަފްކުރި ކުޅުންތެރިޔެކެވެ. ސާންތީ ވަނީ އޭނާ އަށް ޖޫނިއާ ލެވެލުން ފެށިގެން އުމުރުފުރާތަކުގެ ގައުމީ ޓީމުގައި ކޯޗުކޮށްދީފަ އެވެ. އޭނާ ފުރަތަމަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗުގައި ވެސް މާޒިޔާއާ ދެކޮޅަށް މޮޅު ކުޅުމެއް ދެއްކި އެވެ. އަދި އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް ކުޅެން ނެގި ގައުމީ ސްކޮޑުން ވެސް ޖާގަ ހޯދި އެވެ.
އީގަލްސްގެ ޔޫތު ޓީމާ އެކު ޔޫތު ޗެމްޕިއަންޝިޕް ވެސް ކާމިޔާބުކޮށްފައިވާ ބޮބީ އަކީ ގައުމީ ފެންވަރުގައި ވިދާލާނެ ކުޅުންތެރިޔެއް ކަމަށާއި، އޭނާ އަކީ ދިވެހި ފުޓްބޯޅަ އަށް ކުރާ ހަދިޔާއެއް ކަމަށް ސާންތީ ވަނީ ބުނެފަ އެވެ. އެކަމަކު ކްލަބަށް ވުރެ ފުޓްސަލް މުބާރާތްތަކަށް އިސްކަންދިން ދިނުމުގެ ސަބަބުން އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ބުރުގައި އޭނާ އަށް އެ ޓީމުން ފުރުސަތެއް ނުދެ އެވެ.
ނިއު އިން ވަނީ އާ ސީޒަނަށް މާޒިޔާ އާއި ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އުމެއިރާއި އީގަލްސްގެ ކެޕްޓަން އިމްރާން ނަޝީދު (އިންމަ) އާއި ކްލަބް ވެލެންސިއާގެ ފުލްބެކް ހިޝާމް ސަލީމް (ކޮކީ) ގެނެސްފަ އެވެ.
މީގެ އިތުރުން ނިމިގެން ދިޔަ ޔޫތު ޗެމްޕިއަންޝިޕުގެ އެންމެ ގިނަ ލަނޑު ޖަހައި އަދި މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންގެ ތެރޭގައި ހިމެނުނު މާޒިޔާގެ އިބްރާހިމް އަތީގާއި ސިޔާމް މައުރޫފް ސޮކާ ކަޕުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދި ހަސަން އަބްދުލްހަކީމް ގެނެސްފަ އެވެ.