މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން ދޫކޮށް ތަޖުރިބާކާރު މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) ކްލަބް ގްރީންސްޓްރީޓްސް އަށް ސޮއިކޮށްފި އެވެ.
ގްރީންސްޓްރީޓްސްއާ އަޑުބަރޭ ގުޅުނުއިރު އެ ޓީމުގެ އާ ކޯޗަކީ އޭނާގެ ކެރިއަރުގެ ކުރީކޮޅު ވިކްޓަރީ ސްޕޯޓްސް ކްލަބުގައި އިރުޝާދުދިން އަލީ ސުޒޭނެވެ.
އަޑުބަރޭ ބުނީ އާ ޗެލެންޖަށް ކުރިމަތިލާން ކެތްމަދުވެފައިވާ ކަމަށެވެ. އޭނާ ވަނީ ކުރީގެ ކްލަބް، މާޒިޔާގެ މެނޭޖްމަންޓަށާއި ސަޕޯޓަރުންނަށް ޝުކުރުއަދާކޮށްފަ އެވެ.
ވެލެންސިއާ އިން ކެރިއަރު ފަށައި ވިކްޓަރީގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައިވާ އަޑުބަރޭ ވަނީ ވީބީ އައްޑޫ އެފްސީ އާއި ނިއު ރޭޑިއަންޓަށް ވެސް ކުޅެފަ އެވެ. މީގެ ތެރެއިން ނިއު އިން ވަނީ އޭނާގެ ކެޕްޓަންކަމުގެ ދަށުން 2015 ވަނަ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ. އޭނާ މިދިޔަ ދެ ސީޒަނުގައި ފެނުނީ މާޒިޔާ އިންނެވެ.
ފޯވާޑެއްގެ ގޮތުގައި ކެރިއަރު ފެށި އަޑުބަރޭ އަކީ މިހާރު ޑިފެންސިވް މިޑްފީލްޑަރެކެވެ. ޖެހިލުންކުޑަ ސްޓައިލަކަށް ކުޅޭ އަޑުބަރޭ އަކީ ގައުމީ ޓީމުގެ ވެސް މުހިއްމު ކުޅުންތެރިޔެކެވެ.
އަޑުބަރޭ އަކީ ގްރީންސްޓްރީޓްސް އިން އާ ސީޒަނަށް ގެނައި އެންމެ މަޝްހޫރު ކުޅުންތެރިޔާ އެވެ. މިދިޔަ އަހަރު ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކޮށް އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ހޯދި ޓީމުން ބުނީ މި ފަހަރު ނުކުންނާނީ ތަށްޓަކަށް އަމާޒުކޮށްގެންނެވެ.
އެ ކްލަބުން ބުނެފައިވާ ގޮތުގައި މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ޔޫކްރޭނުގެ މިޑްފީލްޑަރު ސޮބުލް އިލިއާ މި ސީޒަނަށް ވެސް ގެންނާނެ ކަމަށާއި ބިދޭސީ އިތުރު ފޯވާޑަކާއި ޑިފެންޑަރެއް ވެސް ގެންނާނެ ކަމަށެވެ.
އެ ޓީމަށް މިދިޔަ ސީޒަނުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން އަހުމަދު ހަސަން (އައްމަޑޭ) އާއި އަހުމަދު ނިޒާމް ވަނީ މާޒިޔާ އަށް ބަދަލުވެފަ އެވެ.