ނިއު ރޭޑިއަންޓުގެ މިޑްފީލްޑަރު ހަމްޒާ މުހައްމަދު (ހަމްޕު) ގެ ކަނާތު ކަކުލަށް އަނިޔާވެ ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިދާނެ ކަމުގެ ބިރާ ކުރިމަތިވެއްޖެ އެވެ.
އެކަމަކު އޭގެ ތަފްސީލް އެނގޭނީ އެމްއާރްއައި ރިޕޯޓް މިއަދު ލިބުމުންނެވެ.
ހަމްޕުގެ ކަނާތު ކަކުލަށް މީގެ ހަފުތާއެއްހާ ދުވަސްކުރިން އަނިޔާވީ ޕްރެކްޓިހުގަ އެވެ. އޭނާ ބެލި ޑޮކްޓަރުން ބުނެފައިވަނީ ކަކުލުގެ މެނިސްކަސް އަށް ގެއްލުންވެފައިވާ ކަމަށެވެ. އެފަދަ އަނިޔާތަކުން ރިކަވާވެ އަލުން ކުޅެން ނުކުންނަން އާއްމުކޮށް ދެމަހެއްހާ ދުވަސް ނަގަ އެވެ.
"މިއަދު އެމްއާރްއައި ރިޕޯޓް ލިބުމުން އެނގޭނީ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ މުއްދަތު،" ހަމްޕު ބުންޏެވެ.
ބ. އޭދަފުށްޓަށް ނިސްބަތްވާ ހަމްޕު އަކީ ނިއުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮންގެ ޕްލޭނުގައި ހިމެނޭ މުހިއްމު ކުޅުންތެރިޔެކެވެ. އޭނާ ވަނީ ނިއު އިން މިދިޔަ ސީޒަނުގައި އުރީދޫ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ސީޒަން ފެށެން ގާތްވެފައިވަނިކޮށް ހަމްޕު ކުޅުމާ ދުރަށް ދާން ޖެހިއްޖެ ނަމަ އެއީ ނިއު އަށް ކުރިމަތިވާނެ މައްސަލައެކެވެ.