ނިއު ރޭޑިއަންޓް އެކަޑަމީގެ ކޯޗުން، ކުދިންނާ ވާހަކަދައްކަނީ. --ފޮޓޯ: ނިއު ރޭޑިއަންޓް
02 މާޗް 2018 - 11:01
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ހަރަކާތްތައް މުޅި ރާއްޖެ އަށް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން އެ ކްލަބުގެ ފުޓްބޯޅަ އެކަޑަމީއެއް ލ. ފޮނަދޫގައި ހުޅުވައިފި އެވެ.
"ލާމު އެކަޑަމީ" ގެ ނަމުގައި 110 ކުދިންނާ އެކު އިއްޔެ ހަވީރު ރަސްމީކޮށް ފެށި މި ތަމްރީން ޕްރޮގްރާމުގައި 6 އަހަރުން ފެށިގެން 16 އަހަރާ ދެމެދުގެ ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ނިއު އިން ވަނީ ހުޅުވާލައިފަ އެވެ.
ނިއުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒް (ޓެޑް) ވިދާޅުވީ އެކެޑަމީގައި މަސައްކަތްކުރާނީ އެ އަތޮޅަށް ނިސްބަތްވާ ކޯޗުން ކަމަށާއި ނިއުގެ ސީނިއާ ޓީމުގެ ކޯޗުން ވެސް އެކަޑަމީ އަށް ޒިޔާރަތްކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ހެޑްކޯޗު ވެސް ދާނެ އެކޮޅަށް. ގޮސް ކޯޗިން ކޭމްޕްތައް ހިންގާނެ. އެކަމަކު ދުވަހުން ދުވަހަށް ތަމްރީންތައް ކުރިއަށްގެންދާނީ ލ. އަތޮޅުގެ ކޯޗުން. އެއީ ހަމަ ކްލަބުގެ ވަޒީފާގައި ތިބި ކޯޗުން،" ޓެޑް ވިދާޅުވި އެވެ.
ނިއު އިން ވަނީ އަންހެން ކުދިންނަށް ހާއްސަކޮށްގެން ދާދި ފަހުން އެކަޑަމީއެއް ފަށައިފަ އެވެ. އަންހެން ކޯޗުންނާ އެކު ފެށި މި އެކަޑަމީ އަކީ އަންހެން ކުޅުންތެރިންނަށް ހާއްސަކޮށްގެން ރާއްޖޭގައި ހުޅުވި ފުރަތަމަ ފުޓްބޯޅަ އެކަޑަމީ އެވެ.
ނިއު އިން ބުނީ އެ ކްލަބުގެ ޗެއާމަން މުހައްމަދު ޒިޔާދުގެ ޕްލޭނާ އެއްގޮތަށް ހުރިހާ ކަމެއް ވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން ލ. އަތޮޅުގައި ހުޅުވި އެކަޑަމީ އަކީ މުޅި ރާއްޖެ އަށް ނިއު ފުޅާކުރުމުގެ ފުރަތަމަ މަސައްކަތް ކަމަށާއި އިތުރު ރަށްރަށުގައި ފަށާނެ ކަމަށެވެ.
"ސީޒަނަށް ބޮޑު އިންވެސްޓްމަންތަކެއް ކުރި ނަމަވެސް، ކްލަބުގެ އިތުރު ހަރަކާތްތައް ވެސް ޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދޭ. އެގޮތުން އަންހެން ކުޅުންތެރިންގެ އެކަޑަމީ އާއި ލާމު އެކަޑަމީ އަކީ އެ މަސައްކަތުގެ ބަޔެއް. އެފަދަ ވަރަށް ގިނަ މަސައްކަތްތައް އެބަހުރި ކުރިއަށް ރޭވިފައި،" އޮފިޝަލް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިނާޔަތުލޯ
03 March 2018
ލ. ގަމުގައި މިކަހަލަ ކަމެއް ނުބާއް ވަނީ ކީއްވެ ތޯ؟
ސަބްނަމް
03 March 2018
ފުޓްބޯޅަ ކުޅޭބައެއްތަ ތިޔަ ރަށުގެ މިހުންނަކީ. ހާދަ ޓީމެއްވެސް ނުފެނެޔޭ
ޗިކާޔާ
02 March 2018
ގަމުގަ ވެސް ބާއްވާނަމަ ގަމަކީ ލ.ފުޓްބޯޅައިގެ ހުނަރުވެރި ކުދިންއުފެދެމުން ގޮސްފައިވާ އަދި މުފެދެމުންދާ ރަށެއް އަދި ބޮޑު އާބާދީއެއް އޮއް ރަށެއް..ނިއު..މާޒިޔާ ކަހަލަ ޓީމެއްގެ އެހީބޭނުންވެފަ..ނިއުއިން ވިސްނާނެކަމައް ހީކުރަން..