އެސްޓީއޯ މާލޭ ލީގުގައި ނިއު އާއި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
01 އެޕްރީލް 2018 - 13:50
މިހާރު ކުރިޔަށްދާ ކްލަބް މޯލްޑިވްސް ފުޓްސަލް ކަޕަށް ނިއު ރޭޑިއަންޓްގެ ކުޅުންތެރިން ދޫކުރަން ޖެހުނީ ހާލަތުގެ ސަބަބުން ކަމަށް އެ ޓީމުގެ އެސިސްޓަންޓް ކޯޗު އަޝްރަފު ލުތުފީ (ސަމްޕަތު) ބުނެފި އެވެ.
މީގެ ކުރިން ސަމްޕަތު ބުނެފައިވަނީ ނިއުގެ ކުޅުންތެރިން ފުޓްސަލަށް ނުދާނެ ކަމަށެވެ. އެހެން ނަމަވެސް އެ ކްލަބުން ފަހުން ނިންމުން ބަދަލުކުރަން ޖެހުނީ ކުޅުންތެރިން ވަޒީފާ އަދާކުރަމުން އަންނަ އޮފީސްތަކުން އެދުމުން ކަމަށް އޭނާ ބުންޏެވެ.
"ކްލަބުން ކުރިން އޮތީ އެއްވެސް ކުއްޖަކަށް ހުއްދަ ނުދޭ ގޮތަށް. އެކަމަކު ފަހުން ވާ ގޮތަކީ ޕްރޮފެޝަނަލް ކުޅުންތެރިންނެއް ނޫން މި އުޅެނީ ބައެއް ކުޅުންތެރިންނަކީ އޮފީސްތަކުގައި މަސައްކަތްކުރާ ކުދިން. ދެން އޮފީސްތަކުން އެދޭ އެ ޕްލޭޔަރުން އޮފީސްތަކަށް ކުޅެން. ދެން އެ އޮފީސްތަކުން ކްލަބަށް ސިޓީ ފޮނުވައިގެން ވަރަށް ބޮޑަށް ރިކުއެސްޓް ކޮށްގެން ރިލީސްދިނީ،" ސަމްޕަތު ބުންޏެވެ.
ސަމްޕަތު ބުނީ ނިންމުން ބަދަލުކުރަން ޖެހުނީ އޮފީސްތަކުން ކްލަބަށް ވެސް އެކި ކަންކަމުގައި އެއްބާރުލުންދޭތީ ކަމަށެވެ.
"އެއީ އެ ކުދިން (ކުޅުންތެރިން)ގެ އޮފީހުން މިސާލަކަށް އޭއެފްސީ ޓްރެވަލް އެ މީހުން ދޫކުރަން ޖެހޭނެ. އެހެންވެ އަޅުގަނޑުމެން ވެސް ޖެހޭ އޮފީހަށް ވެސް ފުރުސަތު ދޭން. ކުޅުންތެރިން ވެސް ވަރަށް ކުޅޭހިތުން ތިބެނީ އެއީ އޮފީހުން އެ މީހުންނަށް ވަރަށް ބައިވަރު ކަންތައްތަކެއް ކޮށްދޭ. ޕްރެކްޓިސް އަށް ފޮނުވަން ވެސް،" އޭނާ ބުންޏެވެ.
ނިއު އިން މިދިޔަ އަހަރު ވެސް އަދި މި އަހަރު ވެސް ކުޅުންތެރިން ފުޓްސަލަށް ނުފޮނުވަން މަސައްކަތް ކުރި ކަމަށާއި އެކަން ވާން ނެތީ ކުޅުންތެރިންނަކީ އެއްކޮށް ޕްރޮފެޝަނަލް ކުޅުންތެރިންނަށް ނުވާތީ ކަމަށް އޭނާ ބުންޏެވެ.
"ކްލަބް ބޭނުންވަނީ ކުޅުންތެރިން ފުޓްސަލް އަށް ނުދާން. މިދިޔަ އަހަރު ވެސް މަސައްކަތްކުރިން. މި އަހަރު ވެސް ވަރަށް ސްޓްރިކްޓް (ހަރުކަށި) ކޮށް ބެލިން ނުފޮނުވާވޭތޯ. އަޅުގަނޑުމެން ޕްރޮފެޝަނަލް ނުވީމަ އެކަމެއް ނުކުރެވޭ މިތާކުއެއް. ފޮނުވަން ޖެހޭ،" އޭނާ ބުންޏެވެ.
ކުރިން ގައުމީ ޓީމާއި ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަށް ކުޅުނު ސަމްޕަތު ބުނީ ކުޅުންތެރިން ފުޓްސަލަށް ނުދާން އޭނާ ވެސް އެދޭ ކަމަށެވެ.
"އަޅުގަނޑު ވަރަށް ހިތްހަމަ ނުޖެހޭ ކުޅުންތެރިން ފުޓްސަލް ކުޅޭތީ. ދެން ވަރަށް އެއްޗެހި ވެސް ކިޔަން. އެއީ ފުޓްބޯޅަ އަށް އޭގެ އަސަރުކުރޭ ވަރަށް ބޮޑަށް. ވޭތުވެދިޔަ ތަނުގައި ވަރަށް ބޮޑަށް އެތަން ފެނިފައި ހުރީ. އަޅުގަނޑުމެންގެ ސްޓާ ޕްލޭޔާސް ފުޓްސަލް ކުޅެން ފެށީމަ ފުޓްބޯޅަ އަށް ހުރި އަހައްމިއްޔަތުކަން ދަށްވޭ،" އޭނާ ބުންޏެވެ.
ކުޅުންތެރިން ފުޓްސަލް އަށްދާން ޖެހެނީ މުސާރައިގެ މައްސަލަތަކެއް އުޅޭތީ ކަމަށާއި ނިއުގައި އެކަން ނެތް ނަމަވެސް މައްސަލަ ދިމާވަނީ އޮފީސްތަކުން ކުޅުންތެރިން ރިލީސްކުރަން އެދޭތީ ކަމަށް އޭނާ ފާހަގަކުރި އެވެ.
"އެހެން އެ ވާހަކަ އޮންނަނީ ބޮޑަށް. ލާރި ލިބޭތީވެ ދަނީ. ކްލަބްތަކުން މުސާރަ ނުލިބެޔޭ ކިޔާފައި ވެސް ބައެއް ކުޅުންތެރިންދަނީ. އެއީ މީޑިއާގައި އުޅޭނެ އަބަދުވެސް ބައެއް ކްލަބްތަކުގެ ވާހަކަ މުސާރަ ނުދެވޭތީ. ދެ ކްލަބެއް ތިން ކްލަބެއް. މިސާލަކަށް ނިއު ރޭޑިއަންޓް ވަރަށް ރަނގަޅު ސެލަރީ (މުސާރަ)ތަކާ އެއްޗެހި ދޭ ކްލަބެއް. ވަރަށް ނޫޅޭނެ މައްސަލަ ބައެއް ޑިލޭތައް އުޅުނަސް. ބަރާބަރަށްދޭނެ. އެހެންވީމަ އަޅުގަނޑުމެންނަށް ކުޅުންތެރިންނަށް ޕްރެޝަރުކުރަން ފަސޭހަ،" ސަމްޕަތު ބުންޏެވެ.
ނިއުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ކްލަބް މޯލްޑިވްސްގައި ކްލަބް އިމިގްރޭޝަނަށް ކުޅުނީ އެ ކްލަބުން ވަރަށް ބޮޑަށް އެދުމުން ކަމަށް އޭނާ ބުންޏެވެ. ދަގަނޑޭ އެ ޓީމަށް ކުޅުނީ އޭނާގެ ބޭބެ އަހުމަދު އަޝްފާންގެ އެދުމުން ނޫން ކަމަށް ވެސް ސަމްޕަތު ބުންޏެވެ.
"ބޭބެ އަށް ވުރެ ބޮޑަށް އިމިގްރޭޝަނުން އަޝްފާގު (ދަގަނޑޭ) ބޭނުންވީ. އެ މީހުން ރިކުއެސްޓް ކުރަނީ ވެސް. ކްލަބްގެ އިސް ބޭފުޅުންނާ ވާހަކަ ދައްކާފައި ރިލީސް ހޯދާފައި އޮތީ ބައެއް ކުޅުންތެރިންނަށް. ފުރަތަމަ ބުރުގައި ނުދޭ ކުޅުންތެރިންނެއް. ދެން އެ މުބާރާތުގައި ކުރިއަށްދާން އެޓީމުތަކުން ބޭނުންވާތީ މުހިއްމުކަން ފެނުނީ މޮޅެތި ކުޅުންތެރިންގެ،" ސަމްޕަތު ބުންޏެވެ.
އޭނާ ބުނީ އަހަރުގެ މެދުތެރެއިން ކުޅުންތެރިން ފުޓްސަލް އަށް ދިއުމަކީ ގޯސް ކަމެއް ކަމަށާއި ސީޒަން ނިންމާލުމަށް ފަހު ފުޓްސަލް ކުޅެން ދިއުމަކުން މާ ބޮޑު މައްސަލަތަކެއް ކުރިމަތިނުވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދާގީނާ
03 April 2018
ހެހެ. ހަމަ ކުޅުންތެރިންގެ ދަށުވީ!!! ދެން ކޮންމެސް ބަހަނާ އެއް ދައްކަނީ ދެކޮޅުޖައްސަން، އެކަމް މިހާރު ތިއޮތީ އަނެއްކާވެސް މެދުން ބިނދިފަ!!!
ާފްރޭންކް
02 April 2018
ފުޓްސެލް އަކީ ދިވެހިރާއްޖޭގަ ފުޓުބޯޅައިގެ ހަލާކު ސަބަބަކީ މިހާރު އެންމެ ކުޑަ އިރުން ފެށިގެން ވެސް ރައްޓެހިންނާ އެކީ މަޖަލަކައްވެސް ކުޅެން މިދަނީ ފުޓްސެލް ބޯޅައެެއް ހިފައިގެން ކުޅެން ދެން ބޮޑުވާ އިރު މިހުންނަނީ ފުޓްސެލް ބޯޅަ އައް ހޭނިފަ ހުންނަނީ ފުޓްސެލް ހުނަރު ފުޓުބޯޅައިގެ އެެއްވެސް ހުނަރެއް ވައްޓަފާޅިއެއް ގައިގަ ހަރުލާފައެއް ނުހުރޭ ދިވެހިރާއްޖޭގަ ފުޓްބޯޅަ ކުރިއަރުވަން ބޭނުން ނަމަ މިކަމުގަ އޮތް ހަމައެކަނި ހައްލަކީ ދިވެހިރާއްޖޭގަ ފުޓްސެލް ކުޅުމަކީ އަދި ދިވެހިރާއްޖެ ފުޓްސެލް ބޯޅަ އެތެރެ ކުރުމަކީ މަނާކަމެއް އަދި އެކަމަކީ ބޮޑު އަދަދަކުން ޖޫރިމައިނާ ކުރެވޭ ޤާނޫނީ ކުށެެއް ކަމަށް ޤާނޫން އަސާސީގައި ބަޔާން ކޮށް އެޔައް އަމަލު ކުރުން ދިވެހިރާއްޖެ ފުޓްބޯޅައިން ކުރިޔަށް ދާން ބޭނުން ނަމަ ހައްލަކީމީ!
އަހައްމާ
02 April 2018
ބުނަން ވާހަކަ އެއް، މި ރައީސްގެ ހުންނަ ކަހަލަ ވިސްނުން ތިހުންނަނީ . ފުރަތަމަ ކަމަކައް ފުޓްސަލް ކުރިއަރާ ސަބަބު ހޯދަންވީ. މި މާލޭގަ ކުޅެން ދާނެ އެތައް ހާސް ބަޔަކު ،ކުޅެންޖެހެނީ ތޮއްޖެހިގެން ފުޓްސެލް ނޫން ބޯޅައަކުން ނުއެއް ކުޅެވޭނެ ކުޑަ ދަނޑެއްގަ. ހުރިހާ ކަމެއް މަނާ ކުރީމަ އެއީކީ ހައްލެއް ނޫން. އެހެންތާ ވާނީދޯ މިގައުމުގަ މިހާރު ހުރިހާކަމެއް މަނާކުރަންޔާ!!!!!
ރެޓޭ
01 April 2018
ދެން ނިއުގެ ކުޅުންތެރިން އޮށްވަޅުގަނޑު ކުޅެންވެސް ފޮނުވާތި! ކުލަބެއް ޕްރޮފެޝަންވާނީ ތިހާކަންވަރަށް!
ނޫމާނު
01 April 2018
އެފް. އޭ. އެމް އިން ނިކަން ފޭންސްއާ ބެހޭ ބައެއް ހިމަނަބަލަ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް. އިންޑިއާ ސުޕަލީގުގެ މެޗަކަށް 20,000 ސަޕޯޓަރުން އެއީ އެމީހުން ވަންނާނެކަމަށް ގެރެންޓީކޮށްފަ އިންނަ އަދަދެއް. ރާއްޖޭގަވެސް ކޮންމެސް ބޭސްލައިންއެއް ކަނޑައަޅާ އެޓާގެޓް ހާސިލްކުރަން ފެނޭ. އޯކޭވާނެކަންނޭގެ 500 ސްޓާޓުކުރިޔަސް. މިހާރު ނޭނގެ 100 ވެސް ވަންނަ ކަމެއް.
ފުތުބޯޅަ
01 April 2018
ރަނގަޅު. ޚިޔާލެއް.
ފުޓްމޭނިޔާ
01 April 2018
ބޯޅަދަނޑުގެ ޖާގަޔާ އެކަށީގެންވާވަރަށް ފައިނަލެއްގަ ނޫނީ ގައުމީ ޓީމު ކުޅޭ މެޗެއްގަ މީހުން ނުވަންނަންޏާ އެއީ އެފް. އޭ. އެމް އަދި ކުލަބުތަކުގެވެސް ފެއިލިޔަރ. އެފް. އޭ. އެމް ގަ ގައުމީ ޓީމު ޕްރޮމޯޓްކުރުމުގެ ގާބިލުކަން ހުންނަންޖެހޭ. ކްލަބްތަކުގަވެސް އެ ކްލަބަކަށް ސަޕޯޓަރުން ހޯދުމުގެ ގާބިލުކަން ހުންނަންޖެހޭ. އަދި ތަނަކަށް ވަދެ ބޯޅަކުޅުނަކަސް ނުވާނެދޯ. މިހާރު ތިކުޅޭކުޅުމެކޭ ކަންމަތިތަކުގަ ހަދާފަހުރި ފުޓްސެލް ދަނޑުތަކުގަ އިރުއޮއްސޭ ގަޑީގަ ގްރޫޕުހަދާފަ ގޮސް ކުޅޭކުޅުމެކޭ ކޮބާ ތަފާތެއް?
ފުޓްބޯޅަ
01 April 2018
ޤައުމީ ފުޓްބޯޅަ މުބާރާތެއްނޯންނަ ދުވަސްވަރެއްގައި ނޫނީ ފުޓްސަލް މުބާރާތެއް މާލޭގައި ނުބާއްވަންވީ. ކުލަބް މޯލްޑިވްސްގެ ނަމުގައި ތިޔަބާއްވާ ފުޓްސަލް މުބާރާތް އުވާލަންވީ. ރެއިންބޯއިން ދިވެހި ފުޓްބޯޅަ ކުރިއަރުވަން ބޭނުންވާނަމަ، މި ކަން ހުއްޓާލައްވާ....
ހެހެހެ
01 April 2018
ދަގޭ ވެސް ހަމަ ލާރިބޭނުންނުވާނެތަ؟
ނުކިއްސަރު
01 April 2018
ކ.މާލެތެރޭގައި ވިއްސަކަށް ކަންމަތީ ކުލަބު އެބައުޅޭ. ކުލަބެއްގަ ފަސްދޮޅަހަކަށްމީހުން އުޅޭއިރު އެއީ 1000 މީހުން. އެހާ ގިނަބަޔަކު ބާސެލޯނާ ހެދިގެން ދުނިޔޭގެ ހުރިހާކަމެއް ހުއްޓާލާފަ ބޯޅަކުޅެންތިބީމަ ދެންހުންނަ ކަންކަން ކުރަނީ ކޮންބައެއްތޯ.
ހައިސަމް
01 April 2018
ނިއު ވެލެންސިއާ ވިކްޓަރީ އަކީ ވެސް 80 ގެ އަހަރު ތަކުގެ ތެރޭގެ ހަމަ ކަންމަތި ތަކުން އުފެދިގެން އައި ކްލަބް ތައް.
އަލީ ޗޮން
01 April 2018
ކުރިޔަކުން ނޭގޭބައި ތިކަން ތިހިން ކަން އޮންނަނީ.
ފުޓްބޯލް ފޭން
01 April 2018
ކުރިއަރަން ޖެހޭވަރަށް ކުޅިވަރު ކުރިނާރާތީ ދިމާވާ މައްސަލައެއް މައްސަލައަކީ. އެހެންނޫންނަމަ ބޮޑެތި ޓީމުތަކުގަ އެޓީމުތަކުގެ އެކްސްކްލޫސިވް ޕްލޭޔަރސް ތިބެން ނުޖެހޭނެ ސަބަބެއް ނޯންނާނެ މިއަދަކު. މީގެ 20 ވަރަކަށް އަހަރު ކުރިން އޮތް ފޯރި އާއި އެއްވަރަށް ނުވަތަ އެޔަށްވުރެ ކުޑަތަންކޮޅެއް ބޮޑަށް މިއަދު ފުޓުބޯޅައިގެ ފޯރި އޮތްނަމަހީވެސް ތިކުޅުންތެރިން 2 ވަޒީފާއަށް ބަރޯސާވާން ނުޖެހުނީސް. ކްލަބްތަކުން އަމިއްލަ ފޭންބޭސް އިތުރުކުރަން ހާއްސަ ހަރަކާތްތަކެއް ހިންގާ ފުރަތަމަ ޑިވިޝަންގެ ކޮންމެ ޓީމަކަށް ކުޅޭ ކޮންމެ މެޗަކަށް 1000 ސަޕޯޓަރުންގެ ޓާގެޓެއް ކަނޑައަޅާ ހުރިހާ ޓީމުތަކުންވެސް މިޓާގެޓް ހާސިލުކުރަންވީ. އޭރުން މުސްތަގްބަލު ރަނގަޅުވާނެ.