ކުޅިވަރު / ނިއުރޭޑިއަންޓް ސ.ކ

ނާޒިމާގެ ކެޕްޓަންކަމުގެ ދަށުން ނިއު އިން ހޭންޑްބޯޅަ ތަށި ހޯދައިފި

ނިއުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒް (ޓެޑް) އާއި ހޭންޑްބޯޅަ ޓީމުގެ ކެޕްޓަން ނާޒިމާ ތަށި އުފުލާލާއިރު އެހެން ކުޅުންތެރިން ބައިވެރިވަނީ.

ފުޓްބޯޅަ އެސޯސިއޭޝަނުގެ ނައިބް ރައީސާ އައިޝަތު ނާޒިމާގެ ކެޕްޓަންކަމުގެ ދަށުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ހޭންޑްބޯލް އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ނިއުއާ ގުޅުން ބޮޑު އާއިލާއަކަށް ނިސްބަތްވާ ނާޒިމާ ވަނީ އެ ކްލަބުގެ ބޯޑް މެމްބަރުކަން ވެސް ކޮށްފަ އެވެ. އޭނާގެ ބޭބެ އަލީ ޝަމީމް (ކޮޔަރޭ) އާއި އަހުމަދު ޝަމީމް (އާންސީ) އަކީ ނިއުގެ ފުޓްބޯޅަ ޓީމުގެ ކުރީގެ ދެ ކުޅުންތެރިންނެވެ.

ނިއު އިން މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ރޭ ހޯދީ އޮރީޒް ހޭންޑްބޯލް ކްލަބާ ވާދަކޮށް 22-21 ޕޮއިންޓުން މޮޅުވެގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ނިއު އަށް ކުޅޭ، ރާއްޖޭގެ ކުރީގެ އެއް ވަނަ އަންހެން ބާސްކެޓްބޯޅަ ކުޅުންތެރިއާ ފާތިމަތު ރިޝްމާ އެވެ.

ރިޝްމާގެ އިތުރުން، "ހަވީރު"ން ހޮވި ރާއްޖޭގެ އެންމެ މޮޅު އަންހެން ބާސްކެޓްބޯޅަ ކުޅުންތެރިއާގެ އެވޯޑް ހޯދާފައިވާ އައިޝަތު ރީމާ އާއި ނަޝްފާ އާމިރާ (ނައްފަ) ވެސް ނިއު އަށް ކުޅުނެވެ. އެ ތިން ކުޅުންތެރިންނާ އެކު އަންހެން ޑިވިޝަނުގެ ގަދަ ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ނިއުގެ ފާތިމަތު ޝިފާ އާއި އޮރީޒްގެ ޒުލައިޚާ އިބްރާހިމް (ރިޒީ) އާއި އައިމިނަތު އިސްރާއު އަބްދުލްޝުކުރާއި ޔޫތު ސްޕޯޓްސް ކްލަބުގެ ނާހިދާ އަހުމަދެވެ. މީގެ ތެރެއިން ރިޒީ އާއި އިސްރާއު އަކީ "ހަވީރު" އެވޯޑްސްގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިއާގެ އެވޯޑް ހޯދާފައިވާ ދެ ކުޅުންތެރިންނެވެ.

ނިއުގެ ކެޕްޓަން ނާޒިމާ ވަނީ "ހަވީރު" ގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިއާގެ މަގާމް ދެ ފަހަރު ހޯދައިފަ އެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް އަންހެން ވޮލީބޯޅަ ކުޅުންތެރިއާ ވަނީ ނެޓްބޯޅައިގެ އިތުރުން ބާސްކެޓްބޯޅައިގައި ވެސް ވިދާލައިފަ އެވެ. މީގެ ތިން ވަރަކަށް އަހަރު ކުރިން ރަސްމީކޮށް ކުޅުން ހުއްޓާލި ނަމަވެސް ބައެއް މުބާރާތްތަކުން އޭނާ އަދިވެސް ފެނެ އެވެ.

މިދިޔަ އަހަރު ނިއުއާ ހަވާލުވި މުހައްމަދުގެ ޒިޔާދުގެ ޗެއާމަންކަމުގެ ދަށުން ނިއު އިން އަންނަނީ އަނެއްކާ ވެސް ފުޓްބޯޅަ ނޫން ކުޅިވަރުތަކުގައި ވާދަކުރަމުންނެވެ. އެގޮތުން ގައުމީ ރާޒުވާ ޗެމްޕިއަންކަމާއި ޓޭބަލް ޓެނިސް ރަނަރަޕްކަން އެ ޓީމުން ވަނީ ހޯދައިފަ އެވެ. ނިއުގެ ވޮލީބޯޅަ ޓީމާއި ކްރިކެޓް ޓީމަކީ އަށްޑިހައިގެ އަހަރުތަކުން ފެށިގެން ނުވަދިހައިގެ އަހަރުތަކާ ހަމައަށް ވަރަށް ކާމިޔާބު ޓީމެކެވެ.

ރޭ ނިމުނު ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ޗެމްޕިއަން ޓީމަކީ ޔޫތު ސްޕޯޓްސް ކްލަބެވެ. އެ ޓީމު ތަށި ހޯދީ ދިވެހި ސިފައިންގެ ކްލަބާ ވާދަކޮށް 29-26 ޕޮއިންޓުން މޮޅުވެގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ޔޫތުގެ އަބްދުﷲ ޒިޔާއު އެވެ. އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ އޭނާގެ އިތުރުން އެ ޓީމުގެ އަހުމަދު ސައިފް ނައީމާއި ރިޝްފާން ރަޝީދާއި މުހައްމަދު ފިރުނާޝް އަބްދުﷲ އާއި އަހުމަދު އިނާޝް އަދި ސިފައިންގެ ޓީމުގެ އަހުމަދު ނަސީރާއި އަހުމަދު ރަޒުނީ އެވެ.

0 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454