17 ސެޕްޓެމްބަރ 2018 - 12:20
ނިއު ރޭޑިއަންޓުގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން މިހާރު ކޯޗުކޮށްދޭ ބަންގްލަދޭޝްގެ ބަސަންދުރާ ކިންގްސްއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެން ނިއު އިން މިރޭ ބަންގްލަދޭޝް އަށް ދިއުމަށް ފުރާނެ އެވެ.
ނިލްޕަމަރީގައި ހުންނަ ޝެއިޚް ކަމާލް ސްޓޭޑިއަމުގައި ހުކުރު ދުވަހު ކުޅޭ މި މެޗުގެ ހުރިހާ ހަރަދެއްކުރަނީ ބަސަންދުރާ ކިންގްސް ހިންގާ، ބަންގްލަދޭޝްގެ އެންމެ ވަރުގަދަ އެއް ވިޔަފާރި ކުންފުނި ބަސަންދުރަ ގްރޫޕުންނެވެ.
މި މެޗުގައި ނިއު އަށް ކޯޗުކޮށްދޭނީ އެސިސްޓަންޓް ކޯޗު އަޝްރަފް ލުތުފީ (ސަމްޕަތު) އެވެ. އޮސްކާގެ ބަދަލުގައި ނިއު އަށް އަދި ދާއިމީ ކޯޗެއް ހަމަނުޖައްސަ އެވެ.
ނިއު އިން ބަންގްލަދޭޝަށް ފުރާއިރު އެ ޓީމުގެ މުހިއްމު ކުޅުންތެރިން ހިމެނިގެން ގައުމީ ޓީމުން ވަނީ އެ ގައުމުގައި ބޭއްވި ސާފް ސުޒުކީ ކަޕް ހޮނިހިރު ދުވަހުގެރޭ ކާމިޔާބުކޮށްފަ އެވެ. ގައުމީ ޓީމު މާދަމާ މާލެ އައުމަށް ހަމަޖެހިފައިވާއިރު ނިއުގެ ކުޅުންތެރިން ޖެހިގެން އަންނަ ދުވަހު އަނބުރާ ބަންގްލަދޭޝަށް ގޮސް ނިއުގެ ޓީމާ ގުޅޭނެ އެވެ. އޭގެ ތެރޭގައި ގޯލްކީޕަރު މުހައްމަދު ފައިސަލާއި އަކްރަމް އަބްދުލްގަނީ އާއި ހަމްޒާ މުހައްމަދު (ހަމްޕު) އާއި އަލީ ފާސިރު (ސެންޓޭ) އާއި އާއި ރިހާމް އަބްދުލްގަނީ (ބޮބީ) ހިމެނެ އެވެ.
ނިއުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒް (ޓެޑް) ވިދާޅުވީ ބަސަންދުރާ ކިންގްސް އާއި ނިއު ގުޅިގެން ފުޓްބޯޅައާ ގުޅުން ހުރި ކަންތައްތަކެއް ކުރަން ރާވާފައިވާ ކަމަށާއި އެކަމުގެ މަޝްވަރާތައް ވެސް މި ދަތުރުގައި ކުރިއަށްދާނެ ކަމަށެވެ.
ބަސަންދުރަ ކިންގުން މި މެޗު ކުޅެނީ ނޮވެމްބަރު މަހު ފަށާ ބަންގްލަދޭޝް ޕްރިމިއާ ލީގަށް ތައްޔާރުވުމުގެ ގޮތުންނެވެ. އަދި މި މެޗުގައި ނިއުއާ ވާދަކުރަން ލަފާ ދިނީ އޮސްކާ ކަމަށާއި އެއީ ސަރަހައްދުގެ ވަރުގަދަ ޓީމަކާ އެކު ކުޅެ ބަސަންދުރަގެ ފެންވަރު ވަޒަންކޮށްލުން ކަން ވެސް އެނގިފައިވެ އެވެ. އެ ޓީމުން ވަނީ މި އަހަރުގެ ވޯލްޑް ކަޕުގައި ކޮސްޓަރީކާ ގައުމީ ޓީމަށް ކުޅުނު ފޯވާޑެއް ކަމަށްވާ ޑެނިއަލް ކޮލިންދްރެސް ގެނެސްފަ އެވެ.
ނިއު ވަނީ އޮސްކާގެ ކޯޗުކަމުގެ ދަށުން މި އަހަރުގެ އޭއެފްސީ ކަޕުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ދެ މެޗު ކުޅެ ދެ މެޗުން ވެސް މޮޅުވެފަ އެވެ. ޑާކާގައި 1-0 އިން ނިއު މޮޅުވިއިރު މާލޭގައި މޮޅުވީ 5-1 އިންނެވެ. އަދު އިންޑިއާގެ ގަދަބާރު ބެންގަލޫރު އެފްސީ އަތުން މާލޭގައި މޮޅުވެ އަދި ރަށުން ބޭރުގައި ވެސް ވަރުގަދަ ފައިޓެއް ވެސް ދިނެވެ. ދެ ވަނަ ބުރަށް ނުގޮސް ނިއު ކެޓީ ފަހު މެޗުން އިންޑިއާގެ އައިޒޯލް އަތުން ބަލިވުމުންނެވެ.
މިދިޔަ އަހަރުގެ މެދުތެރެއިން ނިއުއާ ހަވާލުވެ އެ ޓީމަށް ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް އަދި މި އަހަރުގެ އެސްޓީއޯ މާލޭ ލީގު ކާމިޔާބުކޮށްދިން އޮސްކާ ނިއު ދޫކޮށްލީ، އެ ޓީމުން ބުނި ގޮތުގައި ބަންގްލަދޭޝް ޓީމުން ރަނގަޅު އޮފާއެއް ދިނުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ އަލީ
17 September 2018
އަސްފާގު ގޮވައިގެން ދާތި! އެހެންނޫނީ މިވެރިން މޮޔަފުޅުވެދާނެ!
ލޯ އޮފް ދަ ގޭމް
17 September 2018
ސާފް ޗެމްޕިއަންޝިޕް ހޯދި ކުޅުންތެރިންނަށް ރެސްޓެއްވެސް ނުދޭތަ؟ ނޫނީ މީ ހަމަ މިކަން އޮންނަގޮތް ބާ؟ ވަރަށް ވެދުން....
ބާބާ
17 September 2018
ގައުމީޓީމުގަ ތިބި ކުޅުންތެރިން މިހާރުތިބޭނީ ޕިޒިކަލީ އަދި އިމޯޝަނަލީ ވަރުބަލިވެފަ އަދި އެހާ އުވާވެރި ނިމުމަކުން ނިމުނީމަ ތިބޭނީ ހާންތިވެފަ. އެހެންވީމާ ޓީމުގަ ތިބި ނިއުގެ ކުޅުންތެރިން ލައްވާ އެހާ އަވަހަށް މެޗެއް ކުޅުވަން އަދި މާއަވަސް. އެމީހުން ބޭނުންވާނެ އަރާމުކުރަން، އާއިލާ، ރައްޓެހިންނާއެކު ވަގުތު އެއްމަސްވަންދެން ބޭރުގަ ތިބެފަ އެއަންނަނީ. މީދެން ވާދަވެރި މެޗެއްވެސްނޫން ފްރެންޑްލީގަނޑެއް.
ގްރީން
17 September 2018
ތިކަން ރަނގަޅު. އެކަމަކު އެކަން ގޯސް.
ޢަލީބަލީ
17 September 2018
އަޅެމަޑު ކޮއްބަލަ. ތަށިގެންނަތަން ބަލާލާފަދާން.