ބަސަންދުރާ އާއި ނިއު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ބަންގްލަދޭޝް ފުޓްބޯލް ފެޑެެރޭޝަން
21 ސެޕްޓެމްބަރ 2018 - 17:09
ނިއު ރޭޑިއަންޓުގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން މިހާރު ކޯޗުކޮށްދޭ ބަންގްލަދޭޝްގެ ބަސަންދުރާ ކިންގްސްއާ ދެކޮޅަށް ނިއު މިއަދު އެ ގައުމުގައި ކުޅުނު އެކުވެރިކަމުގެ މެޗުން 4-1 އިން ބަލިވެއްޖެ އެވެ.
ނިލްޕަމަރީގައި ހުންނަ ޝެއިޚް ކަމާލް ސްޓޭޑިއަމުގައި 21 ހާހަށް ވުރެން ގިނަ މީހުން ކުރިމަތީގައި ކުޅުނު މި މެޗުގައި ނިއު އަށް އިރުޝާދުދިނީ މި ސީޒަނުގައި ވެލެންސިއާ އަށް ކޯޗުކޮށްދިން ސޮބާހު މުހައްމަދު އިބްރާހީމް (ސޮބާ) އެވެ. ނިއުގެ ކުރީގެ ކުޅުންތެރިޔާ އެ ކްލަބާ ދެ ވަނަ ފަހަރަށް ހަވާލުވި އިރު އޭގެ އެއްވެސް ތަފްސީލެއް ކްލަބުން ނުދެ އެވެ.
މި މެޗު ނިއު އިން ކުޅުނީ ބައެއް ކުޅުންތެރިން ނުލަ އެވެ. އޭގެ ތެރޭގައި އަނިޔާގައި ހުރި ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދާއި ޒުވާން މިޑްފީލްޑަރު ރިހާމް އަބްދުލް ގަނީ (ބޮބީ) އާއި މުހައްމަދު ރަޝީދު (ހޮކޭ) އަދި ރިލްވާން ވަހީދު (ރިލޭ) ހިމެނެ އެވެ.
ނިއުގެ ފަހަތަށް މި މެޗުގައި ކުޅެމުން ދިޔައީ އަހުމަދު އަބްދުﷲ (ލިލީ) އާއި މިޑްފީލްޑަރު އިމްރާން ނަޝީދު އެވެ. އަރިމަތިން ޑިފެންސަށް ކުޅުނީ ފޯވާޑް އިބްރާހިމް އަތީގް އަދި ހިސާމް ސަލީމް (ކޮކީ) އެވެ. ބަސަންދުރާ އިން ވަނީ މި މެޗުގެ ފުރަތަމަ 21 މިނިޓް ތެރޭ ދެ ލަނޑު ޖަަހައިފަ އެވެ. ފުރަތަމަ ލަނޑު މެޗުގެ 17 ވަނަ މިނިޓްގައި ޖަހައިދިނީ މި އަހަރުގެ ވޯލްޑް ކަޕުގައި ކޮސްޓަ ރިކާ ގައުމީ ޓީމަށް ކުޅުނު ޑެނިއަލް ކޮލިންދްރެސް ނަގައިިދިން ބޯޅައަކުން ހައިޓީ ގައުމީ ޓީމުގެ ފޯވާޑް ބެލްފޯޓެވެ.
އޭގެ ތިން މިނިޓް ފަހުން ބެލްފޯޓް ނަގައިދިން ހުރަހަކުން އޭރިއާ ތެރެއިން ބޮލުން ފޮނުވާލި ބޯޅައެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން ބަސަންދުރާގެ ކެޕްޓަން އަލާމް ސާބުޒް ވަނީ އެ ޓީމުގެ ލީޑުފުޅާކޮށްފަ އެވެ.
ނިއުގެ ކުރިއަށް ކުޅޭ ރުވާންޑާ ފޯވާޑް އަތުހިއޭ ކިޕްސަން އަށް ފުރަތަމަ ހާފުގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ފުރަތަމަ ހާފުގައި ނިއު އަށް ލަނޑު ޖަހައިދޭން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އަށެވެ. އިބްރާހިމް އަތީގަށް އޭރިއާ ތެރެއިން ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ ސެންޓޭ ފޮނުވާލި ނަމަވެސް ދިޔައީ ބޭރަށެވެ.
ދެ ވަނަ ހާފް ފަށައިގެން ނިއުގެ ހަމްޒާ މުހައްމަދު (ހަމްޕު) ލަނޑެއް ޖަހައިދިން ނަމަވެސް ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. ބަސަންދުރާގެ ތިން ވަނަ ލަނޑު ކޮލިންދްރެސް ދިން ބޯޅައަކުން އޭރިއާތެރެއިން ކާމިޔާބުކުރީ ގެމްބިއާގެ ފޯވާޑް އޮސްމާން ޖެލޯ އެވެ. އޭގެ ފަހުން މެޗުގެ 59 ވަނަ މިނިޓްގައި ބަސަންދުރާ އަށް ކުޅޭ ބަންގްލަދޭޝް ގައުމީ ޓީމުގެ ފޯވާޑް މަހުބޫބުއްރަހުމާން ވަނީ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.
ނިއުގެ ލަނޑު މެޗުގެ 62 ވަނަ މިނިޓްގައި ޖެހީ ކިޕްސަން އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ނިއުގެ ހަސަން އަދުހަމް (ސަޑޭ) ފޮނުވާލި ބޯޅައެއް ބަޝުންދުރާގެ ކީޕަރު މިތުލް ހަސަން ފައިގައި ޖެހިފައި ލިބުމުން ކިޕްސަން ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
އޭގެ ފަހުން ބަސަންދުރައިން އިތުރު ލަނޑެއް ޖަހަން ފޮނުވާލި ގިނަ ބޯޅަތައް ހުއްޓުވީ ކީޕަރު ފައިސަލް އެވެ. ނިއު އިން އިތުރު ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވާގޮތެއްނުވި އެވެ.
ބަންގްލަދޭޝްގެ ވަރުގަދަ ވިޔަފާރި ގްރޫޕް ބަސަންދުރަ ގްރޫޕުން އަންނަނީ ފަހަކަށް އައިސް ފުޓްބޯޅައިގައި ކާމިޔާބު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރެއިން ފުރަތަމަ މަސައްކަތެއްގެ ގޮތުގައި އެ ޓީމުން ގެންދިޔައީ އިންޑިއާ އަދި ރާއްޖޭގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ސްޕެއިނުގެ ކޯޗު އޮސްކާ އެވެ. އޭގެ އިތުރުން އަންނަ ނޮވެމްބަރު މަހު ފަށާ ބަންގްލަދޭޝް ޕްރިމިއާ ލީގަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ގިނަ ކުޅުންތެރިންތަކެއް ވަނީ ގެންގޮސްފަ އެވެ.
ދެ މަހުގެ މެދުކެނޑުމަކަށް ފަހު މި މަހު 26 ވަނަ ދުވަހު އަލުން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށާނެ އެވެ. މި މަހު 27 ވަނަ ދުވަހު ނިއު ކުޅޭ މެޗުގައި ނުކުންނާނީ ލީގުގެ އެއް ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯޅަ
22 September 2018
ނަސީބެއްނު ނަސަންދުރާ އަތުން ބަލިނުވިކަން.
އަހްމަދު 22
21 September 2018
މަޗުގެ ފަހުބައިގައި ނިއުގެ ކުޅުން ވެސް ގޯހެއް ނޫން. އިން ޝާ ﷲ އަދި ރަނގަޅުވާނެ!
ކޮއްޔަ11
21 September 2018
ނިއުގެ މެނޭޖްމަނޓްގެ މައްސަލައަކީ، ފުރަތަމަ ދުވަހުވެސް ބަލަކުގެ މެނޭޖްމަންޓާ ޖަދަލު ކުރިން. ނިއުއިން ޖެހޭނީ ނިއުގެ ކުރީގެ މެނޭޖްމަންޓާ ވާދަ ކުރާކަށް ނޫން. ބަލަކު ހިންގި ވަރަކަށް ނިއު އެއް އެއްވެސް މީހަކަށް ނުހިންގޭނެ
އިއްސޭ
21 September 2018
އެއްކަލަހެން ވާންފެށީދޯ. 2 އަހަރެއްހާދުވަހު ތަށިތައް ހޯދަހޯދާފަ، މުސާރަނުދެއްކިގެން ކުޅުންތެރިން ދޫކޮށްލަންޖެހޭ ހިސާބަށް ނިއު އަނެއްކާވެސް މިއޮށް ދަނީ. ސްޕެއިން ފޯވަޑާއި، ކޯޗާއި ދަގަނޑޭ އަދި އަމީރީ ދޫކޮށްލަން މަޖުބޫރުވީ. ދެން ސެންޓޭއާއި ރިލްވާނަށް ބޭރު ކުލަބުތަކުން ލިބުނު ފުރުސަތު ގެއްލުވާލާ ދެކުޅުންތެރިން ހިތްހަމަނުޖެހޭގޮތަށް ކަންތައްކޮށްނިމުނީ. އަނެއްކާވެސް ކޮންމެސް މަހުޖަނެއް ގަނެލަންދެން ނިއު އުޅޭނީ ތާވަލުގެ މެދުތެރޭގަކަމަށް ލަފާކުރެވޭ.
ޖޭޖޭ
21 September 2018
ސޮބާ އަކީ ފެއިލްވެފައި ހުރި ކޯޗެއް. އަނެއްކާވެސް އެބޭފުޅާ ލައިގެން ތިކަން ކުރަން ތިއުޅެނީ އޭނައަށް ކުޅުންތެރިންނަށް ކޮއްދެވޭނީ ކޮންކަމެއް. ތިބި ކުޅުންތެރިންނަށް ބަލާއިރު އެކުޅުންތެރިން އިންސްޕަޔާވާވަރުގެ ކޯޗެއް ނެތި ތިކުރަނީ ހަމަ ބޭކާރު ކަމެއް...
ރިލޭ ވަހީދު
21 September 2018
ސޮބާ ކޯޗަކަށް ހަމަ ޖެއްސުމަކީ ވަރަށް ބޮޑަށް ފަހަތަށް އެޅި ފިޔަވަޅެއް. އޭއެފްސީ ގަބޫލުކުރާ މިންގަނޑެއްގެ ލައިސެންސެއްވެސް ނެތް ސޮބާއަތަކު. ޒިޔާދު ހަމަ ރަނގަޅަށް ފެއިލްވެއްޖެ. ހަމަ ރަނގަޅަށް ފެއިލްވެއްޖެ. މުސާރަ ކޮޅު ނުދޭ، ބޯނަސް ނުދޭ މުޅި ޓީމް އިނދަ ޖައްސާލައިފި