ލީގުގެ މެޗެއްގެ ތެރެއިން ނިއުގެ ކޯޗު ޓަވަރޭސް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
06 މާޗް 2019 - 22:19
ނިއު ރޭޑިއަންޓަށް 2017 ވަނަ އަހަރު ކޯޗުކޮށްދިން ޕޯޗުގަލްގެ ކޯޗު ބެނާޑޯ ޓަވަރޭސް އަށް ދޭން ޖެހޭ މުސާރަ ދިނުމަށް އެ ކްލަބަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން އަންގައިފި އެވެ.
ނިއުގެ ކޯޗުކަމާ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހު ހަވާލުވި ޓަވަރޭސް މަގާމުން ވަކިކުރީ އެ އަހަރު ޖޫން މަހު އެވެ. ނިއު އިން ބުނީ އޭނާ މަގާމުން ދުރުކުރީ ކްލަބުން ބޭނުންވި ފަދަ ނަތީޖާތަކެއް އޭނާގެ ކޯޗުކަމުގައި ނެރެވިފައިނުވާތީ ކަމަށެވެ.
ޓަވަރޭސްގެ އިރުޝާދުގެ ދަށުން 2017 ވަނަ އަހަރުގެ އެސްޓީއޯ މާލޭ ލީގުގައި ފުރަތަމަ ކުޅުނު 10 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވެ، ތިން މެޗުން ބަލިވިއިރު އެ ޓީމު އޭރު އޮތީ ލީގުގެ ދެ ވަނައިގަ އެވެ. އެ ޓީމު ބަލިވީ ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާ އަތުން 2-1 އާއި އީގަލްސް އަތުން 1-0 އަދި ލީގުގެ ފަހު ބުރުގައި ގްރީން ސްޓްރީޓްސް އަތުން 3-0 އިންނެވެ.
ގްރީން ސްޓްރީޓްސް އަތުން ބަލިވި މެޗާއި އޭގެ ފަހުން ނިއު ކުޅުނު މެޗު ކަމަށްވާ ޓީސީ އަތުން 4-3 އިން މޮޅުވި މެޗުގެ ދެމެދު ގާތްގަނޑަކަށް އެއް މަސް ދުވަހުގެ ބްރޭކެއް ލިބުނެވެ. ނިއު އިން ވަނީ އެ މުއްދަތުގެ ތެރޭގައި ޓަވަރޭސަށް މަގާމުން ވަކިކުރުމުގެ ކުރިން ދޭން ޖެހޭ އެއް މަހުގެ ނޯޓިސް ވެސް ދިން ކަމަށް ބުނެފަ އެވެ. އެކަމަކު ޓަވަރޭސް ފުރައިގެން ދިޔައީ އޭނާ އަށް ދޭން ޖެހޭ އެންމެ ފަހު މަހުގެ މުސާރަ ވެސް ގަބޫލުނުކޮށް ކަންތައް ކުރިގޮތާ މެދު ހިތްހަމަ ނުޖެހޭ ކަމަށް ބުނެފަ އެވެ. ފީފާ އަށް މައްސަލަ ހުށަހެޅީ އޭނާ އަށް ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދާށެވެ.
ޓަވަރޭސް ހުށަހެޅި މައްސަލައިގައި ފީފާ އަށް ނިއު އިން އެންމެ ފުރަތަމަ ޖަވާބުދާރީވިއިރު، އެ ކްލަބުން ވަނީ ކަންކުރިގޮތް އޮޅުން ފިލުވައިދީފަ އެވެ. އެކަމަކު ފީފާ އިން މިއަދު ނިއު އަށް އެންގީ ކަންތައްތައް ކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށް ބުނެ ޓަވަރޭސް އަށް 30 ދުވަހުގެ ތެރޭގައި މުސާރަ ދޭން އަންގައިފަ އެވެ.
ފީފާ އިން އަންގާފައިވަނީ މުސާރައިގެ ގޮތުގައި ޓަވަރޭޒަށް ދޭން ޖެހޭ 4000 އެމެރިކާ ޑޮލަރު (61،680ރ) އާއި ނިއު އިން ހަދާފައިވާ ކޮންޓްރެކްޓާއި ހިލާފުވެފައިވާތީވެ ބަދަލެއްގެ ގޮތުން ދޭން ޖެހޭ 20،000 އެމެރިކާ ޑޮލަރު (308،400ރ) އަދި ފީފާ އަށް ދޭން ޖެހޭ 7961 އެމެރިކާ ޑޮލަރު (122،758ރ) ދިނުމަށެވެ. އިންޓްރެސްޓާ އެކު ނިއު އިން ދައްކަން ޖެހޭ ޖުމްލަ އަދަދު މުޅި ޖުމްލަ 33،161 އެމެރިކާ ޑޮލަރު (511،342.62ރ) އަށް އަރާނެ އެވެ.
ނިއުގެ ކޯޗު ޓަވަރޭސް (ވ) ޗެއާމަން ޒިޔާދު ގައިގައި ބައްދާލަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ނިއު އިން ޓަވަރޭސްގެ މައްސަލަ ކުރިއަށްގެންދަނީ ރާއްޖޭގެ ލޯ ފާމެއް ކަމަށްވާ ވިޝާމް އެންޑް ކޯ އެލްއެލްޕީ އާ ހަވާލުކޮށްގެންނެވެ. ނިއު އިން "މިހާރަ"ށް ބުނެފައިވަނީ ޓަވަރޭސް މައްސަލައިގައި ލޯ ފާމުން މަސައްކަތްކުރަމުން އަންނަ ކަމަށާއި ޓަވަރޭސްގެ މުސާރައިގެ ކަންތައްތަކުގައި ވެސް ފީފާއާ އެ ލޯ ފާމާ މަޝްވަރާ ކުރާނެ ކަމަށެވެ.
މިދިޔަ މަހު ހަތް ވަނަ ދުވަހު ފީފާ އިން ވަނީ މިދިޔަ ސީޒަނުގައި ނިއު އަށް ކުޅުނު އަފްގާނިސްތާންގެ ފުލްބެކް ހާރޫން އަމީރީ އަށް ދޭން ޖެހޭ މުސާރަ ދެއްކުމަށް 45 ދުވަހުގެ މުހުލަތެއް ދީފަ އެވެ. ފީފާގެ އެންގުމުގައިވާ ގޮތުން އަމިރީ އަށް ޖުމްލަ ނިއު އިން ވަނީ އަމީރީ އަށް 45،636 ޑޮލަރު (703،707.12 ރ) ދައްކަން ޖެހެ އެވެ. ދީފައިވާ މުހުލަތު ހަމަވާނީ މި މަހު 23 އަށެވެ.
އެފްއޭއެމުން މިދިޔަ ޖެނުއަރީ މަހު ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ނިއު ސަސްޕެންޑްކުރީ ސީނިއާ ޓީމުގެ 10 ކުޅުންތެރިއަކަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުން ކަމަށް ބުނެ އެވެ. އެކަމަކު އެހެން ކްލަބްތަކުގައި ވެސް އެ މައްސަލަ ދިމާވެފައި އޮއްވާ، ކުއްލި ގޮތަކަށް ނިއު ސަސްޕެންޑްކުރަން ނިންމީ އެފްއޭއެމްގެ ލީޑާޝިޕުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެ ކްލަބުން ހުށަހަޅަން އުޅޭތީ ޒާތީކޮށް އެކަން ނަގައިގެން ކަމަށް ކްލަބުން ބުނެ އެވެ.
ކުޅުންތެރިންގެ މުސާރަ ކަންތައްތައް ހަމަޖައްސައިދޭނެ ގޮތެއް ނިއު އިން ހަމަޖެއްސިހާ އަވަހަކަށް އެ ކްލަބްގެ ސަސްޕެންޝަން އުވާލާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ. އެކަމަކު ނިއު އިން އެންމެ ފަހުން ބުނީ ސަސްޕެންޑްކޮށްފައި އޮތުމުން، އެ މުސާރަ ދެވޭނެ ގޮތެއް ވެސް ނެތް ކަމަށާއި ސަސްޕެންޝަން އުވާލައިފި ނަމަ މަސައްކަތްކުރާނީ ދަރަނިތައް ހަލާސްކޮށް ފުރަތަމަ ޑިވިޝަނުގައި ދެމި އޮވެލެވޭވަރުގެ ޓީމެއް މި އަހަރު ނެރެން ކަމަށެވެ.
މި އަހަރުގެ ސީޒަން އަންނަ ޖޫން މަހު ފަށަން ތާވަލްކޮށްފައިވާއިރު، ޓީމުތަކުން އަންނަނީ ކުޅުންތެރިންގެ ސޮއި ހޯދަމުންނެވެ. މިދިޔަ އަހަރުތަކުގައި ނިއު އަށް ކުޅުނު ކުޅުންތެރިން މިހާރު އަންނަނީ އެކި ޓީމަށް ސޮއިކުރަމުންނެވެ.
ރާއްޖޭގެ ކްލަބްތަކަށް ގެންނަ ބިދޭސީ ކުޅުންތެރިންނަށް މުސާރަ ނުދޭ ގިނަ މައްސަލަތަކެއް މިހާރު ވެސް ފީފާ އަށް ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން ގިނަ ކުޅުންތެރިންނަށް މުސާރަ ލިބެނީ އެ މައްސަލަ ހުށަހަޅާތާ އެތަކެއް ދުވަސް ފަހުންނެވެ.
ކްލަބް ވެލެންސިއާ އަށް 2016 ވަނަ އަހަރު ކުޅުނު ސްޕެއިންގެ މިޑްފީލްޑަރު އެންހެލް މުނޯޒަށް ނުދީ އޮތް މުސާރަ ދެ އަހަރަށް ފަހު އޭނާ އަށް ދިނީ މިދިޔަ ނޮވެމްބަރު މަހު އެވެ. އެކި މުހުލަތުތަކެއް ދީގެން މުނޯޒަށް ޖުމްލަ އެކު ވެލެންސިއާ އިން މުނޯޒަށް 9595 ޑޮލަރު (147،954 ރުފިޔާ) ދައްކަން ޖެހުނެވެ. އަދި ދާދި ފަހުން ވިކްޓަރީ އަށް 2016 ވަނަ އަހަރު ކުޅުނު ޖަޕާނުގެ މިޑްފީލްޑަރު އަޓްސުޝީ ޝިމޯނޯ އަށް މުސާރަނުދީ އޮތް މައްސަލައެއްގައި އެ ކްލަބުން ޖަވާބުދާރީ ނުވާތީ އެ ޓީމު އަތުން ތިން ޕޮއިންޓު އުނިކުރަން ފީފާ އިން އެފްއޭއެމް އަށް އެންގި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖީލް
07 March 2019
އަނެއްހެން ދެން މީހަކު ބަލާވެސް އެއްޗެއް ނޫން ދިވެހި ބޯޅަ އަކީ. އެކަމު ބަޔަކު ލައްވާ މަސައްކަތެއް ކުރުވާފަ އުޖޫރަ ދޭންޖެހޭ. އެފްއޭއެމް ވެސް މިކަމުގަ އެހީތެރިވުން ބުއްދިވެރީ ޖައްސާލުމަކީ ބައްސާމް ޅަ ކުއްޖަކަށްވީމާ ލީޑަރޝިޕް ފެންވަރު ދަށްކަމުން ކަންވެސް ގަބޫލުކުރަން. އަލިމަގެއް ހޯދާ މުސާރަކޮޅު ދީ. ނިއު ވެސް ނުހިންގޭ ހިސާބަށް ދިޔާމަ ވިއްކާލުން ނޫނީ އުވާލަންވީ މިހިރީ ހައްތާވެސް ގޮތް ގޮތް.
ސައިމާ
07 March 2019
ޒިޔާދޫ!!!! ނިއުރޭޑިއަންޓް ހަލާކުކޮށް ހަފުސްވިއިރު، ތިބޭފުޅާ ކޮބައިތޯ؟ އަދިވެސް ގޯސްވާންވީ ފީފާތޯ؟ ތިލަމިވަނީ 2017ގެ ޚަރަދުތައް.. އަދިކޮބާ 2018ގެ ޚަރަދުތައް؟؟؟ ކޮންހާލެއްގައިބާ ކްލަބް އޮތީ؟؟ ކްލަބުގެ ފައިނޭންޝަލް ސްޓޭޓްމަންޓުތައް ނެރެ ހާމަކޮށްބަލަ!!
އަހްމަދު2
07 March 2019
އަދިވެސް އެފް އޭ އެމް ގޯސް ވާނީ، މަށަށް ދެރައި ކްލަބް އުވާނުލާ އޮތުމުން.
އަލީ އަލީ
07 March 2019
ސަސްޕެންޑް މައްޗައް ސަސްފެންޑް ކުރަންވީ! ދިވެހި ފުޓްބޯޅަ ހަލާކުރާ މީހުންނަކީ މިއީ!
އަހަންމަ
07 March 2019
އޭރުލިބުނު ހުރިހާފައިސާ ޚަރަދުކުރީ ޢަލީވަޙިދު އަށްދޯ.. އެހެންވެދޯ މިހާބޮޑަށް ޓީމުއަޑިއަޅާލައިގެން މިއުޅެނީ.. ދެންމިކަންތައްވެސް އަޅުވާ އެފްއޭއެމް ގެ ބޮލުގަ.. ހަމަ ރަނގަޅަށް ސަސްޕެންޑް ކުރެވިފަތިއޮތީ.. އަބަދަކު ނިއުރޭޑިއަންޓް ބޭނުންގޮތަކަށް ފުޓްބޯޅައިގެ ހުރިހާކަމެއް ނުހިންގޭނެ.. ވަރަށް ވެދުން
ތެދުވިޔާ ތެދު
07 March 2019
ބޭރު ކުޅުންތެރިން ގެ އިތުބާރު ރާއްޖެ ފުޓްބޯޅަ އަށްގެއްލުވާލައިފި މި ވެރިކަމުގަ ފުޓްބޯޅަ އަޑި އަޅުވާލައިފި ރާއްޖެ އަށްބުދު ގެނެސްފި
ނެޑް
08 March 2019
ސަރުކާރުގެ ފުރަތަމަ ދުވަހު އިސްލާމީ މަރުކަޒު ތަޅާލައިފައި ކެސިނޯއެއް އެޅި ވާހަކަވެސް ލިޔުނުނަމަ. އެވަރު ކަމެއް ކިހިނެތް ހަނދާން ނެތުނީ؟
ޒިޔައްޓޭ
07 March 2019
ނިއުރޭޑިއަންޓް އަ ދަރަނިބޯ. މުޅި މި ދިވެހި ރާއްޖެއަށް ހުރި ލަދެއް. ދަރަނިއަންޓް
ހަސަން ނުވަވަނަ
07 March 2019
އާނއެކޭ އާނއެކޭ ދަރަނީގެ ރަސްގެފާނު. ޕަކާސް
އާދަމް ބާއީ
06 March 2019
މީ ދެން ކިހާ ދެރަކަމެއް. ކީކޭ ރަދީފު ބުނަނީ؟
ކުޅިވަު
06 March 2019
ބިދޭސީ ކުޅުން ތެރިން ގެނެސްގެން ކުޅުވުމުގެ މާނައެއްނެއް ދިވެހިރާއްޖޭގައި ކުޅިވަރު ކުޅެގެން ކުލަބުތައް ދަރަނީ ތިޔަކުޅިވަރު ބަލަން ވަންނާނެ ބަޔަކުނެއް ޒުވާނުން ތިބީ މަސްތުވާ ކުޅިވަރުގަ ޖެހި ނަޖިސްވެފަ .
މުރޭ
06 March 2019
ކޮބާހޭ ޒިޔާދު މުޅި ޓީމު ފުނޑާލައިފިޔޭ