01 ޖޫން 2019 - 15:15
ކުޅުންތެރިންނަށް މުސާރަ ނުދީގެން އެފްއޭއެމުން ސަސްޕެންޑްކޮށްފައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް މި ސީޒަނުގައި ކުޅެން ފުރުސަތު ލިބޭތޯ، އެ ކްލަބުން ކުރަމުން އައި މަސައްކަތް ހުއްޓާލައިފި އެވެ.
ނިއުގެ ޗެއާމަން މުހައްމަދު ޒިޔާދު އިސްތިއުފާ ދެއްވުމާ އެކު، ސައްޔިދު އަލީ އެކްޓިން ޗެއާމަނަކަށް ހަމަޖައްސައި ބޯޑް މެމްބަރުންނާއި ސަޕޯޓަރުން ހިމެނޭ ގޮތަށް އުފެއްދި ކޮމިޓީން މަސައްކަތްކުރަމުން އައީ ދަރަނިތައް ދެއްކުމަށް ފަހު އެފްއޭއެމްއާ ވާހަކަދައްކައިގެން އަލުން ފުރުސަތު ލިބޭނެ ގޮތެއް ހޯދާށެވެ. އަދި މި ސީޒަނަށް ޓީމެއް އެކުލަވާލުމަށްޓަކައި ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމާ ވެސް ވާހަކަދެއްކި އެވެ.
ނިއު އިން ދިވެހި ކުޅުންތެރިންނަށް 2.4 މިލިއަން ރުފިޔާ ދޭން ޖެހެ އެވެ. އަފްގާނިސްތާން ޑިފެންޑަރު ހާރޫން އަމީރީ އަށް މުސާރައިގެ ގޮތުގައި އަދި އުސޫލުން ބޭރުން ކޮންޓްރެކްޓް ބާތިލްކޮށްފައިވާތީ 703،707ރ. ދޭން ފީފާ އިން ވަނީ އަންގައިފަ އެވެ. އަދި ކުރީގެ ކޯޗު ބެނާޑޯ ޓަވަރޭޒް އަށް 511،342ރ. ދޭން ޖެހެ އެވެ. މީގެ ތެރެއިން އަމީރީ އަށް ދޭން ޖެހޭ ފައިސާ ނުދޭހާ ހިނދަކު، ކުރިއަށް އޮތް ތިން ޓްރާންސްފާ ބާޒާރުގައި ނިއު އަށް ކުޅުންތެރިޔަކު ނުގެނެވޭނެ އެވެ.
ނިއުގެ އޮފިޝަލަކު ބުނީ ދަރަނިތައް ހަލާސްކުރުމަށާއި މި ސީޒަނަށް ޓީމެއް އެކުލަވައިލަން ބޭނުންވާ ވަރަށް ފައިސާ ލިބެން ނެތް ކަމަށެވެ. އަދި ދަރަނިތައް އަދާކުރި ނަމަވެސް އެފްއޭއެމުން ސަސްޕެންޝަން އުވާލަފާނެ ކަމުގެ އުއްމީދެއް ވެސް ނެތް ކަމަށެވެ. ސަބަބަކީ އެފްއޭއެމުން ކްލަބަށް ދޭން ޖެހޭ ފައިސާ ވެސް ލިބޭނެ ގޮތެއް ނެތުމެވެ.
"އަޅުގަނޑުމެންގެ ހިސާބުތައް ދައްކާ ގޮތުން އެފްއޭއެމްގައި އެބަހުރި ކްލަބަށް ލިބެން ޖެހޭ 1.2 މިލިއަން ރުފިޔާ. އެފްއޭއެމުން ބުނަނީ ހަ ލައްކަ ރުފިޔާ ކަމަށް ހުރީ. އެ ފައިސާ ވެސް ލިބޭނެ ގޮތެއް ނެތް. އެފްއޭއެމްގެ މާބޮޑު އެއްބާރުލުމެއް ނުލިބޭ. އެހެންވެ އަޅުގަނޑުމެން ފައިސާ ދެއްކިޔަސް ސަސްޕެންޝަން އުވާލާނެ ކަމުގެ އުއްމީދެއް ނެތް. އަޅުގަނޑުމެން ފޮނުވާ ސިޓީއަކަށް ޖަވާބެއް ވެސް ނުދޭ،" އޭނާ ބުންޏެވެ.
އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން ނިއު އަށް ދިން ސަސްޕެންޝަން ކޮންގްރެސް އިން ދަމަހައްޓައިފައިވާތީ، އެ ސަސްޕެންޝަން އުވާލުމުގެ ބާރު އޮތީ ކޮންގްރެސް އަށެވެ.
ނިއުގެ އޮފިޝަލް ބުނީ މިވަގުތު ކުޅުންތެރިންނަށް ދޭން ހުރި ފައިސާތައް ދިނަސް، ފީފާ އަށް ބިދޭސީ ކުޅުންތެރިން ހުށަހަޅައިފާ މައްސަލަތައް ނިމުމާ އެކު އިތުރު ހުރަސްތަކެއް އަތުވެދާނެ ކަމަށެވެ. އެހެންވެ އަލުން ޓީމެއް އެކުލަވައިލަން ކުރާ މަސައްކަތް ނާކާމިޔާބުވެ ކްލަބް އިތުރަށް ދަރަނިވެރިވުމުގެ ފުރުސަތު އޮތުމާ އެކު މެނޭޖްމަންޓުން ނިންމީ މި އަހަރު ހަމައެކަނި ދަރަނިތައް ހަލާސްކުރަން އިސްކަންދޭން ކަމަށެވެ.
"ފީފާގައި ހުރި މައްސަލަތަކަށް ވެސް އެޓެންޑްވަމުން މި އަންނަނީ. އަޅުގަނޑުމެންނަށް މި އަހަރު ދެކަން ކުރެވޭކަށް ނެތް. އެހެންވެ މި އަހަރު ދެން މަސައްކަތްކުރާނީ ދަރަނިތައް ދައްކަން،" އޭނާ ބުންޏެވެ.
ނިއު އަށް މި އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުނީ، ކުޅުންތެރިންނަށް މުސާރަ ނުދޭ ކަމަށް ބުނެ އެފްއޭއެމުން ޖެނުއަރީ މަހު ކުއްލި ގޮތަކަށް އެ ކްލަބް ސަސްޕެންޑްކުރުމުންނެވެ. ނިއު އިން ތުހުމަތުކުރާ ގޮތުގައި އެ ކްލަބް ސަސްޕެންޑްކުރީ އެފްއޭއެމްގެ ވެރިންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ހުށަހަޅަން އުޅޭތީ ކަމަށެވެ. ސަބަބަކީ ފުރަތަމަ ޑިވިޝަނުގެ ދެ ކްލަބެއް ފިޔަވައި ހުރިހާ ކްލަބަކުން މުސާރަ ނުދިނުމުގެ މައްސަލަތައް އެފްއޭއެމް އަށް ހުށަހަޅައި އޭގެ ތެރޭގައި ނިއު އަށް ވުރެ ގިނަ ދުވަސްވީ މައްސަލަތައް ހުއްޓާ އެ ކްލަބަށް ހަމައެކަނި އަދަބު ދިނުމެވެ. އެކަމަކު އެފްއޭއެމުން އެ ތުހުމަތުތައް ކަނޑައެޅިގެން ދޮގުކުރެ އެވެ
ނިއު އިން އޭރު ބުނީ ސަސްޕެންޝަން އުވާލައިފި ނަމަ ފުރަތަމަ އިސްކަންދޭނީ ކުޅުންތެރިންގެ މުސާރަތައްދީ ދަރަނިތައް ހަލާސްކޮށް ފުރަތަމަ ޑިވިޝަނުގައި ދެމި އޮވެލެވޭވަރުގެ ޓީމެއް ނެރެން ކަމަށެވެ. އަދި އެކަން ކުރުމަށްޓަކައި ސްޕޮންސަރުންނާއި އެހެނިގެން ގޮތްގޮތުން ފައިސާ ހޯދެން އޮތީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު އޮވެގެން ކަމަށްވާތީ ސަސްޕެންޝަން އުވާލައިދޭން ނިއު އިން އެދުނެވެ.
އެއާ އެކު މުސާރަ ދޭން އެފްއޭއެމްގެ ޕްލޭޔާސް ކޮމިޓީން އެ ކްލަބަށް މުހުލަތެއްދީ އަދި އެ މުއްދަތުގެ ތެރޭގައި އެ ފައިސާ ހަލާސްކުރަން މަސައްކަތްކުރަމުން އަންނަނިކޮށް، އެފްއޭއެމްގެ ކޮންގްރެސް އިން އަންނަ އަހަރުގެ ކޮންގްރެސްގެ ނިޔަލަށް ސަސްޕެންޝަން ދެމެހެއްޓީ އެވެ. ނިއުގެ ބަދަލުގައި އެފްއޭއެމުން އެއްވެސް ޓީމަކަށް ފުރަތަމަ ޑިވިޝަނުގެ ޖާގަ ދީފައެއް ނުވެ އެވެ.
ނިއުގެ ސީނިއާ ކުޅުންތެރިންގެ ތެރެއިން ކްލަބަކާ ނުގުޅި ހުރި އަލީ ފާސިރު (ސެންޓޭ) ވަނީ މިހާރު ކްލަބް އީގަލްސް އަށް ސޮއިކޮށްފަ އެވެ. އަދި ސަޕޯޓަރުންނާ އެކު، ނިއު އަށް އަލުން ފުރުސަތު ހޯދައިދޭން މަސައްކަތްކުރަމުން އައި ގޯލްކީޕަރު އިމްރާން މުހައްމަދު ވަނީ ޓީސީ ސްޕޯޓްސް ކްލަބާ ގުޅިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުލޫ
02 June 2019
ސަރުކާރުން ދިވެހި ފުޓްބޯޅައަށް އިސްކަން ދޭނަމަ ނިއުގެ ދަރަނިތައް އަދާކޮށްދީފަ މި ސީޒަނުގަ ކުޅެވޭގޮތް ހަދާދިނިސް. ސުފޯޓްސް މިނިސްޓްރީއެއް ހުރުމުގެ ބޭނުމަކީ ކޮބާ?
ހުސޭނާ.
02 June 2019
ދަރަނި ދައްކަން؟ ނުވަންޏާ ހުއްޓާލާ.
ސާބަސ
03 June 2019
ދަރަނި ނުދެއްކޭނަަ ކުލަބު އުވާލާ. ކޮއްމެހެން ރައްޔިތުންގެ ޓެކްސް ލާރި ދޭނަކަމެއް ނެތް
މޯޑް
02 June 2019
ބަންސާމް ގެ މަކަރުވެރި ރޭވުން ކާމިޔާބެއް ނުވި. ބަންސާމް ބޭނުންވީ ނިއުގެ މަގާމަށް ވެލެންސިޔާ ގެންނަށް. އެކަން ނުވީމަ ނިއުއަށް ދެވަނަ ފުރުސަތުވެސް ނުދިނީ
މުރޭ
02 June 2019
ކޮބާތަ ޓެޑުގެ ކްލަބު ހައުސް؟ ކޮބާތަ ކްލަބު ކެފޭއާ ކްލަބު ޖިމް؟ ނުވާނެ ޓެޑު ލައިގެނެއް. އޭނަ ބޭރުކޮށްގެން ދެންވެސް ވިޔަސްވާނީ
ޒަހީން
02 June 2019
އަމީން ރަނގަޅުވާނެ ދޯ؟
ޤާދިރު
01 June 2019
އަދިވެސް ނިއުއަށް ސަލާމަތުގެ އައްސޭރިއަށް ދެވޭނެ. އެކަމަކު އެކަން ވާނީ ނިއުއިން ޓެޑް ބޭރުކޮށްގެން.
މޮޓްސް
01 June 2019
ޓެޑް އިސްތިއުފާ. ލީގުގެ އެހެންޓީމުތަކުގެ ހުނަރިވެރި ކުޅުންތެރިން ހުސްކޮށްލާފަ މުޅި ގައުމީޓީމު އެއްކޮށް ގަނެ، މުސާރަނުދިނީމަ އެއޮތީ އަމިއްލައަށް ފޭހުނު އިލޮށި ލޮލަށް ހެރިފަ. އަދި ފޮނިކެނޑި 2 އަހަރުތެރޭ ކެފޭއެއް ހުޅުވާފަ ސްޕޮންސަރުނާ އެފްއޭއެމުންލިބޭ ފައިސާއަށް ބަރޯސާވުން ހުއްޓާލާނަމޭ ކިޔާފަވެސް. އެއްކަމެއްވެސް ނުވި. އަނެއްކާ އެއޮތީ 1979 ފަދައިން ސުމަކުން ފަށަންޖެހިފަ.
މުލޭ
01 June 2019
ނިއު އަށް ދޭންޖެހޭ ފައިސާ އެފްއޭއެމްގަ ހުރެ އެފައިސާ ނިއުއަށް ނުދީ ކްލަބް ސަސްޕެންޑްކުރުމަކީ ވަރަށް ނުބައި ރޭވުމެއްގެ ތެރެއިން ކުރި ކަމެއް. އެފައިސާކޮޅުވެސް ދީފަ ސަސްޕެންޑް ކުރި ނަމަ އިނގިލި ދިގުކުރުމުގެ ފުރުސަތު ކުޑަވީސް.
ވެއިޓް
01 June 2019
މިހިސާބަށް ކަންތައް ގޯސްވިއިރު، މަނޭޖްމަންޓުގައި ތިބި މީހުން، ނިއުގެ ސަޕޯޓަރުންނަށް ޖަވާބުދާރީވާންޖެހޭ. މިވަރުގެ ވަޅަކަށް ކްލަބެއްވެއްޓޭނީ ހާދަ ފަރުވާކުޑަވީމައޭ!
މުރޭ
01 June 2019
ކުރިއަށް އޮތް ސީޒަން ނަމަވެސް، ނޫނީ އޭގެ ފަހުންވެސް ކުޅެންޏަ ޓެޑު ބޭރުކުރޭ
އ. ޖ. އ
01 June 2019
އެކައްޗެސް ދޭނެ ކަމެއް ނެތް.. ދިވެހި ފުޓުބޯޅަ ހަލާކު ކުރީ ބަޔަކީ މިއީ..
ކޮރަލް
01 June 2019
ދެފަރާތުގެ ވެސް މައްސަލަ އެބަ އުޅެއެވެ.