ޝިފާޒް ކެންޔާގައި ދުވަނީ.
22 ޖޫން 2019 - 10:27
އަންނަ މަހު 19 ގައި މޮރިޝަސްގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ރަން މެޑަލް ހޯދޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށް ހާފް މެރެތަން އަށް ތައްޔާރުވަމުން އަންނަ ދުވުންތެރިޔާ ޝިފާޒް މުހައްމަދު ބުނެފި އެވެ.
ސަރުކާރުން ދިން ފުރުސަތެއްގައި މިވަގުތު ކެންޔާގައި ތަމްރީން ހަދަމުން އަންނަ ޝިފާޒް ވަނީ މިދިޔަ އޭޕްރިލް މަހު ޗެޕް ރިޕަބްލިކުގެ ޕްރާގް މެރެތަންގައި 1 ގަޑި 13:04 މިނެޓުން ދުވެގެން ގައުމީ ހާފް މެރެތަން ރެކޯޑް ހަދައިފަ އެވެ. އޭގެ ފަހުން އަހުމަދު ޝަރަފް ވަނީ 1 ގަޑި 12:52 މިނެޓުން ދުވެ އެ ރެކޯޑް މުގުރާލައިފަ އެވެ. އެކަމަކު ގޭމްސްގެ ކުރިން ވާދަކުރި ފަހު ވާދަވެރި ރޭހުގައި ރެކޯޑް މުގުރާލެވިފައިވުން އެއީ ޝިފާޒަށް އޮތް ހިތްހަމަޖެހުމެކެވެ.
ޝިފާޒް "މިހާރަ"ށް ބުނީ އައިއޯއައިޖީ ގައި ވާދަކުރާ ގައުމުތަކުގެ ދުވުންތެރިންގެ ޓައިމިން އާއި އޭނާގެ ޓައިމިން އަށް ބަލާއިރު އަދި ތައްޔާރީތައް ދާ ގޮތުން ރަން މެޑެއްޔެއް ލިބުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.
"ހުރިހާ ކަމެއް ވެސް ވަރަށް ރަނގަޅު. ތަމްރީންތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ. މޮރިޝަސްގެ މޫސުން ވެސް ރަނގަޅުވާނެ އެދުވަސްކޮޅު. އަނެއްކާ އަޅުގަނޑުގެ ޓައިމިން އާއި ސަރަހައްދުގެ އެހެން ދުވުންތެރިންގެ ޓައިމިންއާ ބަލާއިރު ވެސް ފެންނަނީ އުއްމީދީ މަންޒަރުތަކެއް. އަނިޔާއެއް ނުވެ މިގޮތުގައި ކުރިއަށްދެވޭނެ ނަމަ އިރާދަކުރެވިއްޔާ ގޯލްޑަށް ކުރާ އުއްމީދު މި ފަހަރު ހާސިލްވާނެ." ދިގު ރާސްތާ ދުވުންތެރިން އުފެއްދުމުގައި އެފަދަ ދެ ވަނައެއް ނެތް ކެންޔާގައި ހުރެ ޝިފާޒް ބުންޏެވެ.
އޭނާ އަށް ޔަގީންނުވާ ހަމައެކަނި ކަމަކީ މޮރިޝަސްގައި ދުވަން ޖެހޭ ރޫޓުގައި ހިލް އޭރިއާ ނުވަތަ އުސް ހިސާބުތައް ހުންނާނެ ވަރާއި މިންތަކެވެ. އެކަމަކު ކެންޔާގައި އުހުގައި ހަދަމުން އަންނަ ތަމްރީންތަކާ އެކު، އުހުގައި ދުވަން ވެސް މިހާރު ހުރީ ތައްޔާރަށެވެ.
ޝިފާޒް އަންނަނީ ހޯމަ ދުވަސް ފިޔަވައި ހަފުތާގެ ކޮންމެ ދުވަހަކު ދެ އިރު، ޖުމްލަ 25 ކިލޯމީޓަރު ދުވަމުންނެވެ. ހަފުތާއަކު މަދުވެގެން 150 ކިލޯމީޓަރު، ގިނަވެގެން 175 ކިލޯމީޓަރުގެ ދުވުމުގެ ތަމްރީން ހަދަ އެވެ. އޭގެ އިތުރުން ސްޓްރެންތެނިންގެ އިތުރު ކްލާސްތަކުގައި ބައިވެރިވެ އެކަމުގެ ތަމްރީންތައް ވެސް އަންނަނީ ހަދަމުންނެވެ.
"އަޅުގަނޑުގެ ސިކުނޑީގައި މިވަގުތު ނެތް އެހެން ކަމެއް. ހުރިހާ ސަމާލުކަމެއް ދީގެން މިވަގުތު މިހިރީ ރަން މެޑަލް ހޯދަން. އަމިއްލަ ނަފްސަށް އެ އިތުބާރު އެބައޮތް،" ޝިފާޒް ބުންޏެވެ.
އުސް ސަރަހައްދުގައި ހަދާ ތަމްރީންތަކުގެ ފައިދާ ވީހާ ވެސް ބޮޑަކަށް ނެގުމަށްޓަކައި އޭނާ ބޭނުންވަނީ ރޭހާ ވީހާ ވެސް ކައިރިކޮށްފައި މޮރިޝަސް އަށް ދާށެވެ. މާނައަކީ ރާއްޖޭގެ ކޮންޓިންޖެންޓާ އެކު، މާލޭން ސީދާ ފުރުމުގެ ބަދަލުގައި ކެންޔާ އިން މޮރިޝަސް އަށް ދާން ބޭނުންވުމެވެ.
"މާލެ ގޮސް ރަށްޓެހިންނާއި އާއިލާއާ އެކު ވަގުތު ހޭދަކޮށްލާފައި ކުޑަކޮށް ތަމްރީން ހަދާލާފައި ދެވިދާނެ. އެކަމަކު ބޭނުމެއް ނުވޭ އެންމެ ވަގުތުކޮޅަކަށް ވެސް ފޯކަސް ގެއްލުވާނަން. އެހެންވެ ސީދާ މޮރިޝަސް އަށް ދާން ބޭނުންވަނީ. އަނެއްކާ އަޅުގަނޑު ވާހަކަދެއްކި ތަޖުރިބާކާރުން ލަފާ ދެނީ ވެސް، އުހުގައި ހެދި ތަމްރީންތަކުގެ ފައިދާ ވީހާ ވެސް ބޮޑަކަށް ނެގޭނީ، ލޯ އެލްޓިޓިއުޑުގައި ހޭދަކުރާ ވަގުތު ވީހާ ވެސް މަދުކޮށް، ސީދާ ރޭހުގައި ދުވެގެން ކަމަށް،" ޝިފާޒް ބުންޏެވެ
ޝިފާޒް (ކ) ކެންޔާގައި ތަމްރީން ހަދަނީ.
ކޮކާކޯލާ އާއި މެރެތަން ޝޮޕުން ސްޕޮންސާކޮށްފައިވާ ޝިފާޒް އައިއޯއައިޖީ އަށް ކޮލިފައިވުމަށް އެސޯސިއޭޝަނުން ދިން ޓާގެޓަށް ވާސިލްވީ މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ކެންޔާގައި ހެދި ވަރުގަދަ ތަމްރީންތަކުން ހޯދި ކުރިއެރުންތަކުންނެވެ. އޭނާ ނޮވެމްބަރުން ފެށިގެން ފެބްރުއަރީއާ ހަމަޔަށް އެތަނުގައި ތަމްރީން ހެދީ ހެޔޮއެދޭ ފަރާތަކުން ހޯދައިދިން ފުރުސަތެއްގަ އެވެ. އޭގެ ފަހުން ތަމްރީން ހަދަމުން އަންނަނީ އައިއޯއައިޖީ އަށް ތައްޔާރުވުމަށް ސްޕޯޓްސް މިނިސްޓްރީ އާއި އެތުލެޓިކްސް އެސޯސިއޭޝަނުން ހޯދައިދިން ފުރުސަތެއްގަ އެވެ.
ޝިފާޒް ޕްރާގް މެރެތަންގައި ދުވީ ވެސް ގޭމްސްގެ ކުރިން ފެންވަރު ވަޒަންކުރާށެވެ. އާއްމުކޮށް ބައެއް ކޯޗުން ދުވުންތެރިޔާގެ ފެންވަރު ވަޒަންކުރުމަށް ވާދަވެރި އިވެންޓެއްގައި ބައިވެރިކުރުވަނީ މައި އިވެންޓާ ކައިރިކޮށްފަ އެވެ. އެކަމަކު އައިއޯއައިޖީގެ ތިން މަހެއްހާ ދުވަސް ކުރިން އޭނާ ޕްރާގް މެރެތަންގައި ދުވީ މައި އިވެންޓާ ކައިރިކޮށް ދުވުމުން އަނިޔާގެ މައްސަލަތައް ދިމާވުމުގެ ފުރުސަތު އޮންނާނެތީވެ އެވެ.
ޝިފާޒަކީ އަސްލު މެރެތަން އަށް ހާއްސަ ދުވުންތެރިޔެކެވެ. އޭނާ ގައުމީ މެރެތަން ރެކޯޑް މިދިޔަ ޖެނުއަރީ މަހު ހަތަރު ވަނަ ފަހަރަށް މުގުރާލައިފަ އެވެ. އެކަމަކު އައިއޯއައިޖީގައި އޮތީ ހާފް މެރެތަން ކަމަށްވާތީ އޭނާ މިވަގުތަށް އެ އިވެންޓަށް ހާއްސަވީ އެވެ.
ޝިފާޒްގެ އިތުރުން އަހުމަދު ޝަރަފް ވެސް އަންނަނީ އައިއޯއައިޖީގެ ހާފް މެރެތަން އަށް ތައްޔާރުވާން މޮރޮކޯގައި ތަމްރީން ހަދަމުންނެވެ. އޭނާ އަށް ވެސް އެ ފުރުސަތު ހޯދައިދިނީ މިނިސްޓްރީ އާއި އެސޯސިއޭޝަނުންނެވެ.
އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވީ އައިއޯއައިޖީގައި ބައިވެރިކުރާ ހުރިހާ އެތުލީޓުންނަށް ރާއްޖޭން ބޭރުން ތަމްރީނުގެ ފުރުސަތު ހޯދައިދޭނެ ކަމަށެވެ. އަދި ތަޖުރިބާ ހޯދަން އެސޯސިއޭޝަނުން އެތުލީޓުން ނުފޮނުވާނެ ކަމަށާއި ބައިވެރިވާނީ މެޑަލް ލިބޭނެ އިވެންޓްތަކުގައި ކަމަށް ވެސް އެސޯސިއޭޝަނުން ބުނެފައިވެ އެވެ.
އެތުލެޓިކްސް އަކީ ފަހަކަށް އައިސް ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަށް އެންމެ ގިނަ މެޑަލް ހޯދައިދިން ކުޅިވަރެވެ. އެގޮތުން 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދުވުންތެރިޔާ ހަސަން ސާއިދު ވަނީ ރަން މެޑަލް ހޯދައި ތާރީހުގެ ތެރެއަށް ވަދެފަ އެވެ. އަދި އެ މުބާރާތާއި ޖެހިގެން އައި އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ސާއިދު ވަނީ ރިހި މެޑަލް ހޯދައިފަ އެވެ.
އެފްރިކާގެ އިރުމަތީ ބިތުގައި، އިންޑިއާ ކަނޑުގައި އޮންނަ ޖަޒީރާ ގައުމުތަކުގެ ކުޅިވަރު މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ މޮރިޝަސް، ރިޔޫނިއަން އައިލެންޑްސް، ކޮމޮރޯސް، މެޔޯޓް، ސީޝެލްސް އަދި މަޑަގަސްކަރަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންބޮތްކެއް
25 June 2019
ތީ މީހުން ގަބޫލުކުރާ މީހެއް ނޫން.
ކަމަޔެލް
24 June 2019
ޝިފާޒު މަ ސެކަންޑް ޑެޑީ. ވިޝް ޔޫ އާލް ދަ ބެސްޓް.
އެތްލެޓިކްސް
23 June 2019
އެތްލެޓިކްސް ގައި ޕަރފޯރމާންސްއަށް ވުރެ ބޮޑަށް ބަލަނީ ޑިސިޕްލިން. އަހަރެއް ބަލައިގަންނަ މަދު ބައެއް ރާއްޖޭގަ މިއުޅެނީ. އެކަމަކުވެސް އެންމެ ލާމަސީލު އެތްލީޓަކީ ދުވާ މޯޑް. އަޅެ އޭނައަށް ކޮންއިރަކުންބާ ފުރުސަތު ދޭނީ.
ޟާނު
23 June 2019
އާން 3 މީހުން އިވެންޓެއްގަ ދުވީމަ މެޑަލް ލިބޭނެ. ހިނގިޔަސް މެޑަލް. މާފަށްކާ ގޮތެއް ތީ.
ޟާނު
23 June 2019
ޓިކަހަލަ ދަށްފަނަތީގެ މުބާރާތަކުން ލިބޭ މެޑެލް ނުގުނޭނެ ރަގަލުމުބާރާތަކުން މެޑެލް ހޯދާ
ޖުމީ
23 June 2019
ޝިފާޒް ބޭނުމެއް ނުވޭ ކޮންމެހެން މޮޅުވާކަށް. އައި. އޯ. އައި. ޖީ ގައި ދުވުމަކީ އޭނަގެ ހުވަފެނެއް. މިފަހަރު އިރާދަކުރެއްވިއްޔާ އޭނަ އެ މުބާރާތުގައި ދުވާނެ. އެކަމް ދެރައީ އެއުމުރުގަ ކުޑަކުދިންނާއެކު ދުވާތީ.
ޝާހީން
23 June 2019
އާދައިގެ މުބާރާތެކޭ ބުނެ ކޮމެންޓް ކުރާ މީހުނަށް އެނގޭބާ ސީޝެލްގެ ހާފް މެރަތަން ރެކޯޑަކީ 1 ގަޑި 7 މިނެޓް އަދި މޮރިޝަސްގެ ރެކޯޑަކީ 1 ގަޑި 7 މިނެޓް. ޝިފާޒް އަށް ކާމިޔާބީ އަށް އެދެން.
ޝިފާޒު ސަޕޯޓަރސް
23 June 2019
ވައެއް ނުވައެއް ނޭގި އޮފީހައް ގޮސްތިބެ މަސައްކަތެއް ނެތިގެން ކޮމެޓް ކުރާމީހުނަށް ސާބަސް. ކަލޭމެން އަޅެ ޝިފާޒް އާއި އެކީ ދުވެލަން ނުކުނަން ވީނުން؟ ކަންނެއް ފޮޑަރުތަކާ. ސާބަސް ޝިފާޒް މެޑެލް ގެނެސް އަނގަޔަށް ޖަހާތި. ވަރަށް ވެދުން.
ވާނުވާ.
22 June 2019
އެނގުފައިވާ ގޮތުންނަމަ މޯޑް ކިޔާ ސޮރެއް 5ކިލޯމީޓަރ ރޭހަކުން 1 ވަނަ ހޯދި. އެކަމަކު އެސޮރަށް އެސޯޝިއޭޝަނުން މަރުހަބާ ވެސް ކިޔާނުލާ. ވާނީ ވެސް އެހެންތާ އެސޯސިއޭޝަންގެ އިން އެހީތެރިކަމެއް ނެތި އެކުދިން ވަނަ ހޯދީމަ ކްރެޑިޓް އެއް ނުލިބޭވިއްޔަ. އެކަމަކު ބަލާތި ތި ގޭދޮށު މުބާރާތް މާ ވަރުގަދަ އެއްޗަކަށް ހަދާނެ އޭ އެސޯސިއޭޝަން އިން ކުރާ ކަމަކަށް ވާތީ. އެސޯސިއޭޝަން އަށް ރީތި ނަން ލިބޭ ނަމަ ކިތަންމެ ކައްޕަޅި މުބާރާތެއްވިޔަށް އެމީހުނަށް އޯކޭ ވާނެ.
ހަމޭ
22 June 2019
ޝީފާޒް އަކީ މެރަތަން ޝޮޕް އަދި ކޮކާކޯލާއިން ބޮޑު ޚަރަދުކުރާ އެތްލީޓެއް. އެހެން ވީމަ ކެންޔާ ފަދަ ގައުމަކު ޓްރޭނިންގ ހަދާފަ ތިކަހަލަ އާދައިގެ މުބާރާތެއްގަ ވަނަ ނެގީމަ ބަލަ އެއް ނުގަނެވޭނެ.
ޙެމާ
22 June 2019
ބަލައި ގަނެވޭނީ ކިހިނެއްވީމަ؟
އިއްސޭ
22 June 2019
ކީއްވެގެންތަ އެކި ނަންނަމުގަ ތިކޮމެންޓްކުރަނީ؟ މިހާ އާދައިގެ މުބާރަތެއްގަ 1979އިން ފެށިގެން ބައިވެރިވަމުން އަންނައިރު ރާއްޖެއަށް ހާސިލުކުރެވުނީ އެންމެ ރަންމެޑަލްގަނޑެއް. ޝިފާޒު ނޫޅޭ އޭނައިގެ ވަނަތައް ބަލައިގަންނަނީ ކާކުތޯ ބަލާހިތަކުން.
އިދުރީސްޒ
22 June 2019
ތީ ވަރަށް އާދައިގެ މުބާޜާތެއް. މިފަހަރު ޓީމުގަ ގިނައީ ކޮލިފައި ނުވާ ދުވުންތެރިން. މުބާރާތަށް ގެންދަނީ އެސޯސިއޭޝަންގެ ވެރިން ހިތްޕުޅާ ވާ މީހުން. އާދައިގެ މުބާރާތެއްގަ ސާއިދު މެޑަލް ހޯދީމަ އެސޯސިއޭޝަންގެ ވެރިން ފޮނި ބޮނީ. މީހަގީގަތަކީ. ގުޑްލަކް ސާއިދު.