ބ. އޭދަފުށީގައި އެ ރަށުގެ ވިޔަފާރިވެރިޔާ ކްރައުން ނަޒީރު އެޅި ޓާފް ދަނޑު ހުޅުވުމުގެ ގޮތުން ކުޅުނު މެޗުގައި ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ކުޅެނީ.
27 ޖޫން 2019 - 19:05
މި އަހަރުގެ ތެރޭގައި އިތުރު 14 ރަށެއްގައި ފުލްސައިޒުގެ ފުޓްބޯޅަ ޓާފް ދަނޑު އަޅަން ސްޕޯޓްސް މިނިސްޓްރީން ނިންމައި ރަށްތައް ކަނޑައަޅައިފި އެވެ.
އެއީ ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ހދ. ނޮޅިވަރަމް، ށ. މިލަންދޫ، ށ. ފޯކައިދޫ، ފުނަދޫ، ނ. ކުޑަފަރީ، ނ. ވެލިދޫ، ރ. މާކުރަތު، ކ. މާފުށި، އއ. ރަސްދޫ، މ. ދިއްގަރު ، ދ. ކުޑަހުވަދޫ އަދި ތ. ތިމަރަފުށްޓެވެ.
މިނިސްޓްރީން ވަނީ މީގެ ކުރިން 13 ރަށެއްގައި ދަނޑު އަޅަން ނިންމައި އެ މަސައްކަތްކުރާނެ ކުންފުނިތަކެއް ހޯދުމަށް ޓެންޑާ ބޯޑަށް ފޮނުވައިފި އެވެ. މިއަދު ކަނޑައެޅި 14 ރަށުގެ ދަނޑުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ވެސް ވަރަށް އަވަހަށް ޓެންޑާ ބޯޑަށް ފޮނުވާނެ އެވެ. މާނައަކީ މި އަހަރުގެ ތެރޭގައި 27 ރަށެއްގައި ފެންވަރު ރަނގަޅު ޓާފް ދަނޑުތަކެއް އެޅިގެން ދިއުމެވެ.
މިއަދު އިއުލާންކުރި ރަށްތަކުގެ ތެރޭގައި ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ރަށްތަކެއް ހިމެނެ އެވެ. އެގޮތުން ތ. ތިމަރަފުށްޓަކީ ފަހަކަށް އައިސް ފުރަތަމަ ޑިވިޝަނަށް ގިނަ އަދަދެއްގެ ހުނަރުވެރި ކުޅުންތެރިން ނެރެފައިވާ ރަށެކެވެ. މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި އެ ރަށަށް ސީޒަން ހުޅުވާ މެޗުގައި ކުޅެން ލިބުނު ފުރުސަތު ދޫކޮށްލަން ޖެހުނީ ވެސް އެކަށީގެންވާ ދަނޑެއް ނެތުމުންނެވެ.
ބަދަލުގައި އެ މެޗުގައި އެއްކޮޅުން ކުޅުނު މިދިޔަ އަހަރުގެ މިނިވަނޖް ޗެމްޕިއަންޝިޕުގެ ރަނަރަޕް ށ. ފޯކައިދޫން އަންނަނީ މި އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ވެސް ވާދަކުރަމުންނެވެ.
ހދ. ހަނިމާދޫ އަކީ ވެސް މީގެ ކުރިން ޒޯން ޗެމްޕިއަންކަން ހޯދާފައިވާ ރަށެކެވެ. އެ ރަށަށް އުފަން ޑިފެންޑަރު މުހައްމަދު ނާސިރު ވަނީ ގައުމީ ޓީމާއި ނިއު ރޭޑިއަންޓުގެ ފަހަތް މުހިއްމު މުބާރާތްތަކެއްގައި ބަލަހައްޓައިފަ އެވެ.
ލޯކަލް ޓޫރިޒަމްގެ ހަބެއްގެ ގޮތުގައި ފާހަގަކުރެވޭ މާފުށްޓަކީ ވެސް ފުޓްބޯޅައިގައި ކުރިން ވާދަކުރި ވަރުގަދަ ރަށެކެވެ. އެގޮތުން އެ ރަށުގެ ނިއުސްޓާ އިން ވަނީ 2003 ވަނަ އަހަރުގެ އެފްއޭ ކަޕުގައި ނިއުއާ ވާދަކޮށްފަ އެވެ.
އއ. ރަސްދޫ އަކީ ވެސް، ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ޒޯން މުބާރާތް ފޯރީގައި ބޭއްވިއިރު މޮޅު ކުޅުންތެރިންތަކެއް ނެރުނު ރަށެކެވެ.
މި ދަނޑުތައް އަޅަނީ މި ސަރުކާރުގެ އެއް ވައުދު ކަމަށްވާ ކުޅިވަރު ކުޅޭ ތަންތަން ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ. އެގޮތުން ފަސް އަހަރު ތެރޭ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 100 ޓާފް ދަނޑު އެޅުމަކީ އެންމެ ބޮޑު އެއް އަމާޒުކަމަށް ކުޅިވަރާ ވެހޭ ވަޒީރު އަހުމަދު މަހުލޫފް ވަނީ ވިދާޅުވެފަ އެވެ.
ކުރީ ސަރުކާރުން ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ފުޓްސަލް ދަނޑުތަކެއް އަޅައިފަ އެވެ. އެކަމަކު ފުޓްސަލްގެ ސަބަބުން ފުޓްބޯޅަ އަށް ގޯސް އަސަރުތަކެއް ކުރާތީ މި ސަރުކާރުން ފުޓްބޯޅަ އަށް ދޭ އަހައްމިއްޔަތު ބޮޑުކޮށް ދަނޑުތައް ތަރައްގީކޮށްދޭން ނިންމީ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
"މިއީ ޓާފެއް ފަތުރާލުމަށް ވުރެން ބޮޑަށް ބޮޑު ޕްރޮޖެކްޓެއް މިދަނީ. އަޅުގަނޑު ވަކިން އޭއެފްސީގެ ރައީސަށް ވެސް ދެންވިން މަދުވެގެން އަޅުގަނޑުމެން މި ފަސް އަހަރު ތެރޭ އެބަ ޓާގެޓްކުރަމާ 100 ދަނޑަށް. ވަރަށް ގިނަ ދަނޑުތަކެއްގެ ވާހަކަ މި ދައްކަނީ. މި ކުރެވޭ ކަމަކީ ކޮލިޓީ ކަމަކަށް ވާންޖެހޭ،" މަހުލޫފު ވިދާޅުވެފައިވެ އެވެ.
މި ސަރުކާރުން އެންމެ ފުރަތަމަ ބެލީ ރަށްރަށުގައި ނެޗުރަލް ގްރާސް ދަނޑުތަކެއް އެޅުމަށް ކަމަށާއި އެކަމަކު އެއީ ދަނޑުތައް ބެލެހެއްޓުމާއި އެ ހުރިހާ ކަމަކަށް ބަލާއިރު ފަސޭހަކަމަށް ނުވާތީ ޓާފް ދަނޑު އަޅަން ނިންމީ ކަމަށް މަހްލޫފް ވިދާޅުވި އެވެ.
ސަރުކާރުން ދަނޑުތައް އެޅުމަކީ، ހޯމް އެންޑް އަވޭ އުސޫލަށް ރާއްޖޭގެ ފުޓްބޯޅަ ސިސްޓަމް ބަދަލުކުރަން އެފްއޭއެމުން ރާވާފައިވާ ރޭވުމަށް ލިބުނު ކުރިއެރުމެކެވެ. އެ ސިސްޓަމަށް ބަދަލުކުރަން މިހާރު އޮތް އެންމެ ބޮޑު އެއް ހުރަހަކީ ރަނގަޅު ފެންވަރުގެ ދަނޑުތަކެއް ނެތުމެވެ. މިދިޔަ އަހަރު އެފްއޭއެމުން ވެސް ވަނީ ރާއްޖޭގެ 18 ރަށެއްގައި ނެޗުރަލް ގްރާސް ދަނޑުތަކެއް އަޅަން އިއުލާނުކޮށްފަ އެވެ. އެފްއޭއެމުން އެންމެ ފަހުން ބުނީ އެ ދަނޑުތަކުގެ މަސައްކަތް މިހާރު ހުއްޓިފައި އޮތީ ދިގު މުއްދަތަކަށް ފީފާ އަށް ކުއްޔަށް ބިން ދީގެން ކަމަށްވާއިރު، އެ ކަންތައްތައް ހަމަނުޖެހިގެންނެވެ.
މާލޭ ގަލޮޅު ދަނޑު ފިޔަވައި ރާއްޖޭގައި މިވަގުތު ހުރި ރަނގަޅު ފެންވަރުގެ ދެ ސްޓޭޑިއަމަކީ އައްޑޫ ސިޓީ ޒޯން ސްޓޭޑިއަމާއި ހދ. ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމެވެ. ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވުމުން 2015 ވަނަ އަހަރުގެ ގައުމީ މުބާރާތް ބޭއްވީ އެ ދެ ރަށުގަ އެވެ. އަދި 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕުގް ގްރޫޕް ބީ ގެ މެޗުތައް އައްޑޫގައި ބޭއްވި އެވެ. އެފްއޭއެމާއި މިނިސްޓްރީން، ޔުއެފާއާ ގުޅިގެން އަންނަ މަހު ބާއްވާ ޖޫނިއާ ފުޓްބޯޅަ މުބާރާތް އޮންނާނީ ވެސް އައްޑޫގަ އެވެ.
އެކަމަކު މިވަގުތު ރާއްޖޭގައި އޮތް އެންމެ ރަނގަޅު ފެންވަރުގެ ޕިޗް އޮތީ، ބ. އޭދަފުށީ ޓާފް ދަނޑުގަ އެވެ. އެ ރަށުގެ ވިޔަފާރިވެރިޔާ ކްރައުން އަހުމަދު ނަޒީރު ހަރަދުކުރައްވައިގެން އެޅި ދަނޑުގެ މަސައްކަތްކުރީ ފީފާ އިން ބަލާ މިންގަނޑަށް ފެތޭ ހަތް ކުންފުނީގެ ތެރޭގައި ހިމެނޭ ލިމޮންޓާ ސްޕޯޓްސް އެސްޕީއޭ ކުންފުނިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާާމް
01 July 2019
ފުޓްބޯޅަ އެކަނިތަ ކުޅެނީ. އެހެން ކުޅިވަރުތައް ކުޅޭ މީހުންގެ ހައްޤުތައް ކޮބައި.
ދެރަކަމެއް
29 June 2019
ޓާފް އެޅިޔަސްވާކަމެއް އޮންނަނީކީއްނޫން. ޓާފް އެޅިރަށްރަށުގަ ފުޓުބޯޅަ މަޖުބޫރުމާއްދާއަކަށް ހަދާ. ނުނީ ރައްޔިތުން އަގު ހަމަވަންދެން ކުޅެންނުކުމޭ.
އާަދަމްބެ
29 June 2019
ޝުކުރިއަޔާ ސްޕޯރޓްސް މިނިސްޓަރ! މ.އަތޮޅުގައި އެންމެ ގިނައިން އަތޮޅު މުބާރާތާއި ޒޯން ފުޓްބޯޅަ މުބާރާތް ބާއްވާފައި އޮތީ، އެހެންވީމަ މ.އަތޮޅުން އެންމެ އިސްކަން ދޭންވާނީ ދިއްގަރަށް. މަހޭއަށް ވަރަށް ސަލާމް.
ކިނބިދޫ ދާއިރާ
28 June 2019
ތ.އަތޮޅުން ވެސް ހަމައެކަނި ތިމަރަފުއްޓައް މި ހަމަޖެހިނީ މީގެންވެސް ތިމަރަފުށީ ދާއިރާގެ އެމްޕީގެ ހިންގުންތެރިކަން، ކިނބިދޫ ދާއިރާ އަށް ހޮވާފަ މިހިރީ މާލޭ ބޭފުޅަކަށްވާތީ އޭނައަށް ކޮން ކަމެއް އެ ދާއިރާގެ ރަށަކަށް ކަމެއްވިއްޔާ ނުވިއްޔާ.
ދޯ
28 June 2019
ޓާފް ދަނޑަށްވުރެ ވިނަދަނޑު މާފައްކާވާނެ.
ބޯގޯސް
28 June 2019
ކަލޯ ރައްރަށް ފަޅުކޮށްފަ ކޮން ޓާފު ދަނޑެއް.
ނަސްރުﷲ
28 June 2019
ފަރެސްމާތޮޑާ އަކީ މިނިވަން 50 މުބާރާތުގައި ފައިނަލް ގައި ކުޅެފައިވާ ޓީމް ފަރެސްމާތޮޑާ ގައި ޓާފް ދަޑެއް އޮންނަން ޖެހޭނެ.
ހެ ހެ
27 June 2019
ލ. ގަމު ގައި ނެއް...
ޝޮކްތެރަޕީ
27 June 2019
އެކުވެނި ސަރަހައްދުގާ ހުރި ކޮންޑޭނާ ތަކުގާ ހުރި އެއްޗެހިތަ ތިއަޅަނީ. ތީ ކުރީގެ ސަރުކާރުން ގެނެސްފަ ހުރި ތަކެތި.
ހަމަ.
27 June 2019
ބުރޯ މި ދައްކަނީ ފުޓު ބޯޅަ ދަނޑު އަޅާ ވާހަކަ ފީފާ އެޕްރޫވްޑް ޓާފުގަ.. ތިޔަ ކިޔަނީ ކުދި ކުދި ފުޓްސެލް ދަނޑު އަޅަން ގެނެސްފަ ހުރި ލޯކޮލިޓީ ކަޓުމުއްލާ ޓާފާ ތަރުފާލިތަކެއްގެ ވާހަކަ.. ފުޓުސެލޭ ކިޔާ ކުދި ހަކޮށި އަޅާ ފުޓުބޯޅަ ހަލާކުކޮށްފި.. ހަނައިގަ ހުރޭ
ފާތުމާ ރެހެންދި
28 June 2019
އޭގަ ނެތް ބޭނުން ކުރެވޭނެ އެކައްޗެއްވެސް.
މާރަނގާ - އައްޑޫ ސިޓީ
27 June 2019
ހަލުއި ޒުވާން މިނިސްޓަރަށާއި 14 ރަށުގެ ޒުވާނުންނަށް މަރުޙަބާ!! * * ހޯމްއަވޭބޭއްވޭނީ ދުރާލާ 3 ސްޓޭޑިއަމް ތަރައްޤީކުރާނެރަށްތައްނިންމައި ޕްލޭނަށްމަސައްކަތްކޮށްގެން. * * މާލެއާއި އައްޑޫސިޓީގެއިތުރުން ހަނިމާދޫގައި ސްޓޭޑިއަމްތަރައްޤީކޮށްފިނަމަ އެކޮމަޑޭޝަންއަށާއި ދަތުރުފަސޭހަވެ އިތުރު ޓްރޭނިންގޕިޗްތަކަށް ބިންލިބޭނެ. * * މިނިސްޓަރ އިއުލާންކޮށްދެއްވަންވީ 2023ގެ ލީޤު ހަނިމާދޫ، މާލެ، އައްޑޫގައި ހޯމްއަވޭއުސޫލުންކުޅޭނެކަމާއި އެގޮތަށް ޓީމްތައްތައްޔާރުވުމަށް.