27 ޖުލައި 2019 - 10:46
ރާއްޖޭގެ ނިއު ރޭޑިއަންޓަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދިން ސްޕެއިނުގެ ކޯޗު އޮސްކާ ބްރުޒޮން ބަންގްލަދޭޝް ފުޓްބޯޅައިގައި ވެސް ވިދާލައިފަ އެވެ. އޭނާ މިވަނީ ފުރަތަމަ ސީޒަނުގައި ބަޝުންދުރަ ކިންގްސް ގޮވައިގެން ނުކުމެ ބަންގްލަދޭޝްގެ ޕްރިމިއާ ލީގާއި އިންޑިޕެންޑެންސް ކަޕް ކާމިޔާބުކުރި ފުރަތަމަ ކޯޗު ޝަރަފާ އެކު ބަންގްލަދޭޝް ފުޓްބޯޅައިގެ ބޮޑު ރެކޯޑެއް ގާއިމުކޮށްފަ އެވެ.
ނިއުއާ އެކު 2017 ވަނަ އަހަރުގެ ސީޒަނުގައި ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕްގެ އިތުރުން މިދިޔަ އަހަރުގެ މާލޭ ލީގު ކާމިޔާބުކުރި އޮސްކާ ނިއު ދޫކޮށްލީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.
ބަންގްލަދޭޝްގެ އެންމެ މުއްސަނދި އެއް ވިޔަފާރިވެރިންގެ ގްރޫޕު ހިންގާ ބަޝުންދުރާ ކިންގްސް ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ފުރަތަމަ އަހަރު އެ ޓީމަށް ކާމިޔާބު ހޯދައިދޭން އޮސްކާ ގެނައީ އޭނާގެ މަސައްކަތް ގާތުން ބެލުމަށް ފަހު އެވެ. އޮސްކާގެ އެދުމުގެ މަތިން އޭނާގެ ކޯޗުކަމުގައި ބަޝުންދުރަ އެންމެ ފުރަތަމަ ކުޅުނީ ވެސް އެކުވެރިކަމުގެ މެޗެއްގައި ނިއުއާ ދެކޮޅަށެވެ. މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ކުޅުނު މެޗުން ބަޝުންދުރަ މޮޅުވީ 4-1 އިންނެވެ.
އޮސްކާ ވަނީ ބަންގްލަދޭޝްގެ މަތީ ޑިވިޝަނުގައި ޖެހިޖެހިގެން 14 މެޗުން މޮޅުވުމުގެ ރެކޯޑެއް ވެސް ގާއިމުކޮށްފަ އެވެ. އެ ރެކޯޑަށް ނިމުން އައީ މިދިޔަ ޖުލައި މަހު އޭރު ލީގުގެ ދެ ވަނައިގައި އޮތް ޝެއިހް ރަސަލް އަތުން 1-0 އިން ބަލިވުމުންނެވެ. މިއީ މިހާތަނަށް ލީގުގައި ބަޝުންދުރަ ކުޅުނު 22 މެޗުގެ ތެރެއިން ބަލިވި ހަމައެކަނި މެޗެވެ.
ލީގުގައި ނުކުޅެ ބާކީ ދެ މެޗު އޮއްވައި ބަޝުންދުރަ އިން ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރީ މީގެ ދެ ދުވަސް ކުރިން މުހައްމަދޭންއާ 1-1 އިން އެއްވަރުކުރުކޮށްގެންނެވެ. ބަޝުންދުރަ އަށް 22 މެޗުން ލިބިފައިވަނީ 59 ޕޮއިންޓެވެ.
ބަޝުންދުރަ އަށް ލީގުގެ ކާމިޔާބީއާ އެކު ވަނީ އަންނަ އަހަރުގެ އޭއެފްސީ ކަޕުން ފުރުސަތު ލިބިފަ އެވެ. ބަޝުންދުރަ ވެގެންދާނީ އޮސްކާ އެ މުބާރާތުގައި އިރުޝާދުދޭނެ ދެ ވަނަ ކްލަބަށެވެ. މީގެ ކުރިން މިދިޔަ އަހަރު ނިއު ގޮވައިގެން އޮސްކާ ވަނީ އެ މުބާރާތުގައި ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ.
"މިއީ ބަޝުންދުރަ އަށް ފެށުމެއް އަަހަރެމެން އަންނަ އަހަރަށް މި އަށް ވުރެ ފުރިހަަމަ އަށް ތައްޔާރުވާންޖެހޭ،" ލީގުގެ ކާމިޔާބީ އަށް ފަހު ކޯޗު އޮސްކާ ބުންޏެވެ.
އުމުރުން 40 އަހަރުގެ އޮސްކާ ކޯޗިން ކެރިއަރު ފެށީ ސްޕެނިޝް ލީގުގެ ސެލްޓާ ޑި ވީގޯގެ ޔޫތު ޓީމު ކޯޗުގެ ގޮތުގަ އެވެ. އެގޮތުން އެ ޓީމުގައި 2009 އިން 2011 އަށް މަސައްކަތްކުރުމަށް ފަހު 2011 އިން 2013 އަށް މަސައްކަތްކުރީ އިންޑިއާގެ އެކަޑަމީއެއް ކަމަށްވާ އެސްޕީޓީ ސްޕޯޓްސް އޭޝިއާގެ ހެޑް ކޯޗަކަށެވެ.
އޭނާ ސީނިއާ ކޯޗިން ކެރިއަރު ފަށާފައިވަނީ 2013 ވަނަ އިންޑިއާ އައި ލީގުގެ ސްޕޯޓިން ކްލަބް ޑި ގޯއާ އަށް ކޯޗުގެ ގޮތުގަ އެވެ. އެ ޓީމަށް ދެ އަހަރު ކޯޗުކޮށްދިނުމަށް ފަހު 2015 ގައި އިންޑިއަން ސުޕަ ލީގުގެ މުމްބާއީ ސިޓީގެ އެފްސީގެ ކޯޗު ފްރާންސުގެ ކުރީގެ ފޯވާޑް ނިކްލަސް އަނެލްކާގެ އެސިސްޓަންޓަކަށް މަސައްކަތްކުރި އެވެ. އޭނާ ވަނީ ސްޕެއިނުގެ ދެ ވަނަ ޑިވިޝަނުގެ މަޔޯކާގެ އެސިސްޓަންޓް ކޯޗުކަން ވެސް ކޮށްފަ އެވެ.
އޮސްކާ ފާހަގަކުރެވެނީ ޕާސިން ގޭމެއް ކުޅުވާ ކޯޗެއްގެ ގޮތުގަ އެވެ. ރާއްޖޭގައި ވެސް ނިއުއާ ހަވާލުވެ އޭނާ ވަނީ ހަތަރު ހަފްތާގެ ތެރޭގައި އޭނާ ބޭނުންވާ ސްޓައިލަށް ޓީމު ހާނުވާ ތަފާތު ދައްކާނެ ކަމަށް ބުނެފަ އެވެ. އެ ތަފާތު އޭނާ ދެއްކީ ހަތަރު މުބާރާތް ކާމިޔާބު ކޮށްގެންނެވެ. ބަންގްލަދޭޝްގައި ވެސް މިހާރު އެ ވަނީ އެ ފެންވަރު ސާބިތުކޮށްދީފަ އެވެ.
ބަންގްލަދޭޝްގެ ތަޖުރިބާކާރު ނޫސްވެރިއަކު ބުނީ އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި ވެސް އޮސްކާ ހާއްސަވާނެ ކަމަށެވެ. އެއީ އޭނާ ކުޅުވާ ސްޓައިލް ތަފާތު ކަމަށާއި އޭނާގެ ކޯޗުކަމުގައި ކުޅޭ ބަންގްލަދޭޝްގެ ކުޅުންތެރިންގެ ފެންވަރު ވެސް އެތަށް ގުނައެއް އުފުލިފައިވާ ކަމަށް ބުންޏެވެ.
ބަޝުންދުރަ އަކީ މި ފަހަރުގެ ސީޒަނަށް އެންމެ ބޮޑު ހަރަދުކޮށް ތައްޔާރުވި އެއް ޓީމެވެ. އެގޮތުން ބަންގްލަދޭޝްގެ ފެންވަރު ރަނގަޅު ކުޅުންތެރިންގެ އިތުރުން ބިދޭސީ ކުޅުންތެރިން ވެސް ގެނަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ ކޮސްޓަ ރިކާ ގައުމީ ޓީމުގެ ފޯވާޑް ޑެނިއަލް ކޮލިންދްރެސް އެވެ. އޭނާ އަކީ މިދިޔަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް ކުޅުނު ކުޅުންތެރިޔެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަގިއްޔާ
27 July 2019
އޮސްކާ ރާއްޖޭގަ އުޅުނީ ވަރަށް އުޅޭހިތުން ދިވެހި މާހައުލު ކަމުދާތީ އެކަމަކު އެކޯޗު ގެންގުޅުނު ކުލަބަށް އެގުނީ ހަމައެކަނި ބަނގުރޫޓްވާން. އެހެންނޫންނަމަ އޮސްކާއުޅޭނީ ނިއުރޭޑިއަންޓް ގޮވައިގެން ކާޕެންޓާ ޝޮޕެއްގަ ލިބޭތަށިގިނަކަމުން ބޮޑް ޓްރެފީ ކެބިނެއްޓެއް ތައްޔާރުކުރަން.
މީނަ
27 July 2019
ވަރަށް ރަނގަޅު ވާހަކައެއް. ނިއުގެ މެނޭޖްމަންޓް ފެއިލްވެ މުޅި ކްލަބު ބަނގުރޫޓުކޮށްލާފައި ގޮސް ފިލީ. ރަނގަޅު މެނޭޖްމަންޓެއް އޮތްނަމަ ނިއު މިހާރު އަތެއްނުވާނެ.
މީނަ
27 July 2019
އޮސްކާ ތިއީ ކިހާވަރެއްގެ ކޯޗެއްކަން އަހަރުމެންނަކަށް ނޯޅޭ. އުންމީދުކުރަން ބަޝުންދުރަ ކިންގްސް ގޮވައިގެން އޭއެފްސީ ކަޕް ކާމިޔާބު ކުރާނެކަމަށް. ބެންގަލޫރު އެފްސީޔަށް އެކަނި ގްރޫޕް ސްޓޭޖުގައި ފައިޓެއް ދެވޭނީ. ރާއްޖޭގެ ޓީމުތަށް ދާނީ ޗޮކުން. އޮސްކާ ކަހަލަ ރިތި ޕާސިންގް ގޭމް ކުޅޭ ކޯޗެއް މިރާއްޖޭގެ ޤައުމީ ޓީމަށްވެސް ބޭނުންވަނީ. ވެލިޒާ ޕޮޕޯވްވެސް ކުޅުވީ އެކަހަލަ ގޮތަކަށް. އެކަމަކު އޭނަވެސް ފޮނުވާލީ.
ތިބެބަލަ
27 July 2019
ކަލެއަށް ތިއޮތީ އެނގިފަ.
ައަލީ.
27 July 2019
މިހާރު ރާއްޖޭގެ ކޯޗަކަށްހުރީ ގާޑިޔަލަށްވުރެވެސް މޮޅުމީހެކޭ ކިޔާތީއިވޭ. ވެދުން