29 އޯގަސްޓް 2019 - 16:13
ހދ. ނޮޅިވަރަންފަރުން ފުރައިގެން ހަނިމަދޫ އަށް ދަތުރުކުރަނިކޮށް ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި މަރުވި ފަސް މީހުންގެ ތެރޭގައި ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ ވަހީދު) ގެ އާއިލާ މެމްބަރުން ހިމެނޭތީ، މިވަގުތު ސްރީ ލަންކާގައި އޮތް ގައުމީ ޓީމުގެ ކޭމްޕް ދޫކޮށް އޭނާ ރާއްޖެ އަންނަން ދަތުރު ފަށައިފި އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ އިއްބެގެ ބޮޑުބޭބެގެ އާއިލާގެ މެމްބަރުންގެ މަރާ އެކު ކުރިމަތިވި ހިތާމަވެރި ހާދިސާގައި ބައިވެރިވެ ހިތާމަ ފާޅުކުރުމުގެ ގޮތުން ގައުމީ ޓީމުގެ ތަމްރީން ޕްރޮގްރާމްތައް މިވަގުތު މެދުކަނޑާލާފައިވާ ކަމަށެވެ. އަދި އޭނާ ކުޅޭ މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނުގެ މިއަދުގެ ފަރިތަކުރުންތައް ވެސް ވަނީ ކެންސަލްކޮށްފަ އެވެ.
"އިއްބެ މިވަގުތު ހުރީ މާލެ ދިއުމަށް (ކޮލަމްބޯ) އެއާޕޯޓުގައި،" ޖަވާޒް ވިދާޅުވި އެވެ.
ލަންކާގައި ގައުމީ ޓީމު ތިބީ ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހުގެ ފަސް ވަނަ ދުވަހު ގުއާމާ ދެކޮޅަށް އެ ގައުމުގައި ކުޅޭ މެޗަށް ދިއުމަށް ވިސާ ނެގުމަށެވެ. ޔޫއެސް ވިސާ ނަގަން ދިގު މުއްދަތެއް ނަގާތީ ގައުމީ ޓީމުގެ ތަމްރީންތައް ލަންކާގައި ކުރިއަށްގެންދަނީ އެވެ.
އައިއޯއައިޖީގެ ތެރެއިން އިއްބެ (ކ) ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދަނީ.-- އެމްއޯސީ ފޮޓޯ: ނިޝާން އަލީ/މިހާރު
ޖަވާޒް ވިދާޅުވީ ގުއާމް މެޗަށް އިއްބެ ދިއުމާ އަދި ގޮތެއް ނިންމާނީ ފަހުން ކަމަށާއި މިވަގުތު މުހިއްމީ އިއްބެގެ އާއިލާއާ އެކު ގައުމީ ޓީމު އޮތުން ކަމަށެވެ. އިއްބެ އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި އެއް މިޑްފީލްޑަރެވެ. ޑިސިޕްލިން ރަނގަޅު، މަސައްކަތުގެ ރޭޓް އެހާމެ ރަނގަޅު އިއްބެ އަކީ ރާއްޖޭން މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރު މޮޅަށް ކުޅުނު ކުޅުންތެރިޔެކެވެ. އޭނާ ވިދާލީ 2015-2018 އަށް ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނުއިރެވެ.
ހަނިމާދޫން ވާހަކަ ދެއްކި މީހުން ގޮތުގައި ލޯންޗް ބަންޑުން ޖަހާލީ ހަނިމާދޫ ކަނޑިންމަ އަށް ވަންނަ އުޅެނިކޮށް ކަމަށެވެ. އާންމުގޮތެއްގައި ހުޅަނގު މޫސުމުގައި އެ ކަނޑިންމަ ގަދަކަމުން އެތަނަށް ވަދެ ނޫޅެ އެވެ. އެކަމަކު ކޮންމެވެސް ސަބަބަކާ ހެދި ޑިންގީ އެ ކަނޑިންމަ އަށް ވަނުމާ އެކު ނެގި ރާޅަކާ އެކު ލޯންޗު ބަންޑުން ޖަހާލީ އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ލޯންޗް ބަންޑުން ޖަހާލައިގެން އުޅޭކަން އެނގުނީ އޭގެން ދަތުރުކުރި އެކަކު ފަތާފައި ހަނިމާދު އަށް ގޮސް އެ ވާހަކަ ބުނުމުންނެވެ. ލޯންގް ބަންޑުން ޖަހާލި ވަގުތު ކަމަށް މިހާރު ބެލެވޭ ގަޑީގައި، މެޓުން އޮތީ ޔެލޯ އެލާޓް ވެސް ނެރެފަ އެވެ. އޭރު ވައިގެ ބާރުމިން ހުރީ ގަޑިއަކު 20 މޭލާއި 35 މޭލާ ދެމެދުގައި ކަމަށްވީ ނަމަވެސް ކޮޅިގަނޑުގައި އެއަށް ވުރެ ވައި ގަދަވާނެކަމަށް ލަފާކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
nashha
30 August 2019
إنا لله وإنا إليه راجعون. އާއިލާއަށް ކެއްތެރިކަން މިންވަރުކުރައްވާށިއެވެ. އާމީން
ސައްދާމް އަލުން
30 August 2019
إنا لله وإنا إليه راجعون. އާއިލާއަށް ކެއްތެރިކަން މިންވަރުކުރައްވާށިއެވެ. އާމީން
ތުނިޔަ
30 August 2019
إنا لله وإنا إليه راجعون
މުބީނު މާރނީ
29 August 2019
ދާދި އަވަހަށް ނެތިފަނާ ވިޔަކަސް އަގެއް ނެތް ޖިސްމް ތައް......
ޙަމަ
29 August 2019
إنا لله وإنا إليه راجعون
ސާދާސީދާ
29 August 2019
إنا لله وإنا إليه راجعون ޝަހީދުންނަށް ސުވަރުގެ މިންވަރުކުރައްވާށި
ބަނީ
29 August 2019
إنا لله وإنا إليه راجعون