12 ސެޕްޓެމްބަރ 2019 - 14:10
ބައިނަލްއަގްވާމީ މުބާރާތްތަކުން މަތީ ވަނަތައް ހޯދާ ކުޅުންތެރިންނަށް ސަރުކާރުން ބޯނަސް ދޭން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، ނިމިގެން ދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން އެންމެ ބޮޑު ކާމިޔާބެއް ހޯދި ގައުމީ ޓީޓީ ޓީމުގެ ކުޅުންތެރިންނަށް ޖުމްލަ 1.1 މިލިއަން ރުފިޔާ ލިބޭނެ އެވެ.
މިއީ 2017 ވަނަ އަހަރު ޖޫން މަހު ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ފާސްކޮށް އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ހުއްދަ ދެއްވުމުން ކުޅިވަރާ ބެހޭ މިނިސްޓްރީން ތަންފީޒްކުރަން ފެށި އުސޫލެކެވެ. ބައިނަލްއަގްވާމީ މައިދާނުގައި ކުޅުންތެރިން ހޯދާ ރަންވަނަތަކަށް ފާހަގަކޮށް ފައިސާގެ އިނާމް ސަރުކާރުން ދޭން ނިންމީ 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ފަހު އެ އަހަރުގެ އޮގަސްޓް 10 ވަނަ ދުވަހު އެވެ. އަދި އޭގެ ދަށުން އައިއޯއައިޖޯ އާއި 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ކާމިޔާބު ހޯދި ކުޅުންތެރިންނަށް ފައިސާގެ އިނާމް ދީފައިވެ އެވެ.
އެކަމަކު އިނާމް ފައިސާ ދޭން ވާނީ ކުޅިވަރުތައް ގިންތިކޮށް މުބާރާތްތަކުގެ ފެންވަރަށް ބަލައިގެން ކަމަށް ފެނިގެން، ރައީސް އޮފީހުން ދިން މިންގަނޑެއްގެ ދަށުން ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެސް މަޝްވަރާގެ މަތިން ކުޅިވަރުގެ ގައުމީ މަޖިލީހުން މި އުސޫލު ހެދީ އެވެ. އަދި ރައީސް ޔާމީން ހުއްދަ ދެއްވުމުން މިނިސްޓްރީން އެ އުސޫލު އައީ ތަންފީޒްކުރަމުންނެވެ.
މި އުސޫލުގެ އެންމެ މަތީ ކެޓަގަރީގައި ހިމެނޭ އޮލިމްޕިކް ގޭމްސް އާއި އޮލިމްޕިކް ކުޅިވަރުތަކުގެ ދުނިޔޭގެ ފެޑެރޭޝަނުން ބާއްވާ މުބާރާތްތެއްގެ އިންޑިވިޖުއަލް ބައިން ރަން މެޑަލް ހޯދައިފި ނަމަ ކޮންމެ ކުޅުންތެރިޔަކަށް 100،000ރ.، ރިހި މެޑަލް ހޯދައިފި ނަމަ 50،000ރ އަދި ލޯ މެޑަލް ހޯދައިފި ނަމަ 50،000ރ. ދޭނެ އެވެ. އެފަދަ މުބާރާތެއްގެ އިންޑިވިޖުއަލް އިވެންޓަކުން ރަން މެޑަލް ހޯދައިފި ނަމަ 1.5 މިލިއަން ރުފިޔާ، ރިހި މެޑަލް ހޯދައިފި ނަމަ އެއް މިލިއަން ރުފިޔާ އަދި ލޯ މެޑަލް ހޯދައިފި ނަމަ 750،000ރ. ދޭނެ އެވެ.
ނޮން އޮލިމްޕިކް ކުޅިވަރުތަކުގެ އިންޓަނޭޝަނަލް ފެޑެރޭޝަންގެ މުބާރާތްތަކާއި އެކި ފެޑެރޭޝަންތަކުން ބާއްވާ އުމުރުފުރާގެ މުބާރާތްތަކުން ވަނަ ހޯދައިފި ނަމަ ދެވެނީ އެއްވަރެއްގެ ބޯނަސްތަކެކެވެ. އެގޮތުން އޭގެން މުބާރާތެއްގެ ޓީމު އިވެންޓަކުން ރަން މެޑަލް ހޯދައިފި ނަމަ 200،000ރ.، ރިހި މެޑަލް ހޯދައިފި ނަމަ 150،000ރ. އަދި ލޯ މެޑަލް ހޯދައިފި ނަމަ 75،000ރ. ދޭނެ އެވެ. އިންޑިވިޖުއަލް އިވެންޓަކުން ރަން މެޑަލް ހޯދައިފި ނަމަ 50،000ރ.، ރިހި މެޑަލް ހޯދައިފި ނަމަ 40،000ރ. އަދި ލޯ މެޑަލް ހޯދައިފި ނަމަ 30،000ރ. ދޭނެ އެވެ.
އަދި ދެ ވަނަ ކެޓަގަރީގައި ހިމެނޭ އޭޝިއަން ގޭމްސް އާއި ނޮން އޮލިމްޕިކް ކުޅިވަރުތަކުގެ ސަރަހައްދީ މުބާރާތްތަކުގެ ޓީމު އިވެންޓަކުން ރަން މެޑަލް ހޯދައިފި ނަމަ 100،000ރ.، ރިހި މެޑަލް ހޯދައިފި ނަމަ 75،000ރ. އަދި ލޯ މެޑެއްޔަށް 50،000ރ. ދޭނެ އެވެ. އިންޑިވިޖުއަލް އިވެންޓްތަކުން ރަން މެޑެއްޔަށް އެއް މިލިއަން ރުފިޔާ، ރިހި މެޑެއްޔަށް 750،000ރ. އަދި ލޯ މެޑެއްޔަށް 500،000ރ. ދޭނެ އެވެ.
އޮލިމްޕިކް ނޫން ކުޅިވަރުތަކުގެ ސަރަހައްދީ މުބާރާތެއްގެ ޓީމު އިވެންޓަކުން ރަން މެޑަލް ހޯދައިފި ނަމަ 75،000ރ، ރިހި މެޑަލަށް 50،000ރ. އަދި ލޯ މެޑެއްޔަށް 25،000ރ. ދޭނެ އެވެ. އިންޑިވިޖުއަލް ރަން މެޑެއްޔަށް 150،000ރ، ރިހި މެޑެއްޔަށް 10،000ރ. އަދި ލޯ މެޑެއްޔަށް 50،000ރ. ދޭނެ އެވެ.
ތިން ވަނަ ކެޓަގަރީގައި ހިމެނެނީ އޮލިމްޕިކްސް ޔޫތު ގޭމްސް، އޭޝިއަން ޔޫތު ގޭމްސް، އޭޝިއަން އިންޑޯ ގޭމްސް، އޭޝިއަން ބީޗް ގޭމްސް އަދި އޮލިމްޕިކް ކުޅިވަރުތަކާއި ނޮން އޮލިމްޕިކް ކުޅިވަރުތަކުގެ ސަބް ރީޖަނަލް ފެޑެރޭޝަންތަކުގެ މުބާރާތްތަކާއި ސަބް ރީޖަނަލް ގޭމްސްތަކާއި އުމުރުފުރާގެ މުބާރާތްތަކާއި ރީޖަނަލް އަދި ސަބް ރީޖަނަލް އުމުރުފުރާގެ މުބާރާތްތަކަކެވެ. އެހެނިހެން ކެޓަގަރީގައި ހިމެނެނީ ދައުވަތު ލިބިގެން ގައުމީ ޓީމުތަކާއި ކްލަބްތައް ބައިވެރިވާ މުބާރާތްތަކާއި ކޮލިފިކޭޝަން މުބާރާތްތަކެވެ.
މީގެ ތެރެއިން ދާދި ފަހުން ނިމިގެން ދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ހިމެނެނީ ތިން ވަނަ ކެޓަގަރީގައި ހިމެނޭ ސަބް ރީޖަނަލް ބައިގަ އެވެ. އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސް އަދި ޔުނިވާސިޓީ ގޭމްސް ހިމެނޭ މި ކެޓަގަރީގެ މުބާރާތެއްގެ ޓީމު އިވެންޓަކުން ރަން މެޑަލް ހޯދައިފި ނަމަ 35،000ރ.، ރިހި މެޑަލް ހޯދައިފި ނަމަ 25،000ރ. އަދި ލޯ މެޑަލް ހޯދައިފި ނަމަ 15،000ރ. ދޭނެ އެވެ. އިންޑިވިޖުއަލް ބައިން ރަން މެޑެއްޔަކަށް 250،000ރ.، ރިހި މެޑެއްޔަކަށް 100،000ރ. އަދި ލޯ މެޑެއްޔަކަށް 20،000ރ. ދޭނެ އެވެ.
މި އުސޫލަށް ބަލާއިރު އެ މުބާރާތުގެ ސިންގަލްސް އާއި ޑަބަލްސް ރަން މެޑެއްޔާ އެކު ދީމާ އަށް 500،00ރ. އަދި ޓީމު އިވެންޓުގެ ރަން މެޑެއްޔާ އެކު ދޭ 35،000ރ. އާ އެކު 535،000 ލިބޭނެ އެވެ. އައިޝަތު ރަފާ ނާޒިމަށް ޑަބަލްސް ރަން މެޑެއްޔަށް 250،000ރ. ސިންގަލްސް ރިހި މެޑެއްޔަށް 100،000ރ. އަދި ޓީމު އިވެންޓުގެ ރަން މެޑެއްޔަށް ލިބޭ 35،000ރ. އާ އެކު 385،000ރ. ލިބޭނެ އެވެ. ޓީމުގައި ދެން ހިމެނުނު މުއީނާ މުހައްމަދާއި ޖުމާނާ ނިމާލަށް ޑަބަލްސް ރިހި މެޑެއްޔަށް 100،000ރ. އަދި ޓީމު އިވެންޓުގެ ރަން މެޑެއްޔަށް ލިބޭ 35،000ރ. އާ އެކު ކޮންމެ ކުޅުންތެރިޔަކަށް 135،000ރ. ލިބޭނެ އެވެ.
އެހެންވެ ޓީޓީ ޓީމުގެ ކުޅުންތެރިންނަށް ބޯނަސްގެ ގޮތުގައި އެ ގޭމްސް އިން 1.190 މިލިއަން ރުފިޔާ ސަރުކާރުން ދޭން ޖެހޭނެ އެވެ. އެކަމަކު އަދި އެ ފައިސާ ދޫކޮށްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިޔުންތެރި
13 September 2019
ރައްޔިތުންގެ ލާރި ތިޔަގޮތަށް ބޮޑުއަދަދުން ދިނުމަކީނިކަމެތިންނަށް ދެވޭ ދެރައެއް
ދީމާ
13 September 2019
ޝުކުރިއްޔާ ރައީސް ޔާމީން
މޯމް
13 September 2019
ލާރިއަށް ހަދާ ނަހަދާނެ އްއްޗެއް ނޭނގިގެން އުޅޭ ބައެއްހެން ހީވަނީ
އުއްމީދުކުރަންވާނެ
12 September 2019
ތީ ހަމަ އެންމެ ރަނގަޅުކަމެއް. ހަމަ ތިއުސޫލުން ދިވެއްސަކު ފީލްޑްސްމެޑަލް، ނޮބެލް ޕްރައިޒް، އެބަލް ޕްރައިޒް ފަދަ އިލްމީ ކުރިއެރުމެއް ހޯދާފިއްޔާ އިނާމު ދިނުން މުހިއްމު. އިނާމު ކެޓަގަރައިޒް ކުރުމަކީވެސް މުހިއްމު ކަމެއް. މިހާރު ބޭރުގަ ދިވެއްސަކު ކޮންމެކަމެއް ކުރިޔަސް ރިޕޯޓްކުރެވޭގޮތުން ހީވާނީ އެއީއެއްފަންތީގެ ކަންކަންހެން.
ބީކޭކޭ
12 September 2019
މީދެން ބޮޑުވަރު!!! ރައްޔިތުން ބޮޑެތިބަލިތަކުގަ ތެޅިފޮޅެނީ!!!
ާބޮޑުމީހާ
12 September 2019
ބޯނަސްއެއް ދިނުން ގޯހެއްނޫން. އެކަމަކު ތިހިރަ އަދަދުތަކަކީ އަާދައިގެ މީހެއްގެ 2 އަހަރުގެ މުސާރަ.
ލިބޭނެ...
12 September 2019
ތި އޮނިގަޑުގަ ކޯޗުންނަކީ ބޭނުން ބަޔެއްނޫން...އަދި އޮފިސަލްސް ނޫނީ މެނޭޖަރ އަށް ލިބެނީ ވަރަށް ކުޑަ އަދަދެއް އިންށިވިޖުއަލް ކުޅިވަރު ތަކުގެ
މަހޭ
12 September 2019
ތިގޮތައް ސްޓޫޑަންޑް ލޯނައް ދައްކަން ރުފިޔާއެއް ދީބަ.
ާޒާހިރު
12 September 2019
ކިހާވަރެއްބާ އޮފިޝަލުންނާ ކޯޗުންނަށް ލިބެނީ.. އެމީހުނަށްވެސް ހައްގު ލިބެން. ބޮޑު ނޫނަސް ކޮންމެވެސް މިންވަރެއް ހައްގު.
ރަދީފް
12 September 2019
''މިއީ 2017 ވަނަ އަހަރު ޖޫން މަހު ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ފާސްކޮށް އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ހުއްދަ ދެއްވުމުން ކުޅިވަރާ ބެހޭ މިނިސްޓްރީން ތަންފީޒްކުރަން ފެށި އުސޫލެކެވެ. '' މީތި ރަނގަޅުތަ؟؟؟ ރީނދޫ ބައިގަނޑު ބުނާނެ 2019
ދޮން އާމިރު
12 September 2019
ރީނދޫ ގިނައީ. ހަޖަމްކޮށްލާ.