ކުޅިވަރު

ރަށްޓެހިންނާ އެކު ރާޅަށް ނުކުތް ޖާއްޓެގެ އަޒުމް ވަރުގަދަ!

ކުޅިވަރުގައި އުޅޭ ޒުވާނުން ކުރިއަރައިގެން ދިއުމުގެ ފަހަތުގައި އޮންނަ އެންމެ ބޮޑު އެއް ސަބަބަކީ ލިބެންޖެހޭ ވަރަށް އެއްބާރުލުން ނުލިބުނަސް ފަސް ބެލުމެއްނެތި ކުރިއަށް ދިއުމެވެ. ރާއްޖޭގެ މޫދު ކުޅިވަރުތަކުގައި ކާމިޔާބު ހޯދާފައިވާ ގިނަ ޒުވާނުންގެ ކާމިޔާބުވުމުގެ އެންމެ ބޮޑު އެއް ސިއްރަކީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރާ އެކަމުން ކުރިއަަށްދާން ގާތް އެކުވެރިން ދޭ ހިތްވަރެވެ. ރާއްޖޭގައި މި ވަގުތު ހުރި އެންމެ މޮޅު އެއް ބޮޑީބޯޑަރު އަލީ ޖާވިދު (ޖާއްޓެ)ގެ ވާހަކަ ވެސް ފަށަން ޖެހެނީ އެހެންނެވެ.

ޖާއްޓެ ވެސް ފުރަތަމަ ރާޅާ އަޅަން ފެށީ މީގެ ގިނަ އަހަރުތަކެއްގެ ކުރިން ރައްޓެހިންނާ އެކުގަ އެވެ. މޫދު ކައިރީގައި ޖާއްޓޭ މެންގެ ހުންނައިރު ގިނަ އެކުވެރިން ވެސް އެކަމުގައި އުޅޭތީ މޫދަށް ދިއުމުގެ ޝައުގު ޖާއްޓެ ހިތުގައި ވެސް އުފެދުނީ އެވެ.

"ކިހާވަރެއްގެ ކަމެއްތޯ ބަލާލަންވެގެން އަސްލު މޫދަށް އެރުނީ. ފުރަތަމަ އެރުނީ ވެސް ބޮޑީބޯޑެއް ހިފައިގެން. ދެން އެރިފައި ފުރަތަމަ ދުވަހު ވެސް އެޅުނު ރާޅެއްގައި އެހެންވެ ވަރަށް ސަޅި ތަފާތު ކަމަކަށްވި. އެ ދުވަހުން ފެށިގެން ރާޅާ އަޅަން ފެށުނީ. އެ ދުވަހު އެކީގައި ރާޅަށްދާން ބުނި ކުދިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އެއީ ފުރަތަމަ ދުވަހު ގެންދިޔައީމަ،" "މިހާރު" އަށް ޖާއްޓެ ކިޔައިދިނެވެ.

ޖާއްޓެ އެންމެ ފުރަތަމަ މުބާރާތެއްގައި ވާދަކުރީ 2010 ވަނަ އަހަރު މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ބޭއްވި އައްސަދި ޗެލެންޖުގަ އެވެ. ނޮކްއައުޓް އުސޫލުން ކުރިއަށްދިޔަ އެ މުބާރާތުގައި ޖާއްޓެ އަށް ކުރަން ޖެހުނު ތަޖުރިބާ އަކީ އޭނާ މިކަމުގައި ކުރިއަށްދާން ލިބިގެންދިޔަ ހިތްވަރެވެ.

"ހަތަރު ބައިވެރިންނާ އެކު ފުރަތަމަ ބުރުގައި މި ޖެހުނީ. ފުރަތަމަ ބުރުން ވެސް ކަޓައިގެން ދިޔައީ. އެއީ ދެ ބައިވެރިން ދަނީ. ދެ ބައިވެރިން ކަޓަނީ. މި ބުރުގައި ޖެހުނީ ކުޑަ އައްޔަ އާއި ނާޒިމް އާއި ހޯސްއާ. ކުޑަ އައްޔަ އާއި ނާޒިމް ދިޔައީ އަނެއް ބުރަށް. އެއީ އެންމެ ފުރަތަމަ މުބާރާތް. އެ އަށް ފަހު ތަންކޮޅެއް ގަދަ އަށް މި އަޅަން ފެށީ. ހިތްވަރެއް ލިބުނީ ފުރަތަމަ ވެސް ކަޓައިގެން ދިޔައީމަ،" ޖާއްޓެ ބުންޏެވެ.

އެކުގައި އެންމެ ފުރަތަމަ ރާޅާ އަޅަން އުޅުނު ކުދިންގެ ތެރެއިން އެއްބައި ރައްޓެހިން މިހާރު ކެރިއަރެއްގެ ގޮތުގައި މިކަން ނުކުރިނަމަވެސް ޖާއްޓެ އަށް އަބަދުވެސް ގާތްކޮށް އުޅޭ ފަރާތްތަކުގެ އެހީތެރިކަން ލިބެ އެވެ.

"މިހާރު ސްޕޯޓްސް ޓްރިވިއާ" އަށް ޖާއްޓެ އިންޓަވިއުދެނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އޭރު އަޅަން ފެށިއިރު ބޮޑީބޯޑް ކެޓަގަރީން އައްޔަ އާއި ދައްޔު އަކީ ޗެމްޕިއަނެއް. އަދި އަދަށް ވެސް އައްޔަ އަކީ ޗެމްޕިއަނެއް. ވަރަށް އެމީހުންގެ ފަރާތުން ހިތްވަރު ލިބޭ ކުރިއަށްދާން ވެސް. އަސްލު މުބާރާތްތަކުގައި ވެސް ވަރަށް ކިޔައިދޭ. އޭރު އަސްލު ފެށިިއިރު އުޅޭ ގިނަ ކުދިންގެ ތެރެއިން ހުރިހާ އެންމެނެއް ހަމައެކަނި މުބާރާތުގައި އަޅާކަށް ނޫޅޭ. ދެން ބައެއް ކުދިން އުޅޭ ބައެއް ސާފް ގައިޑުން ގޮތަށް ވެސް މަސައްކަތްކުރާ،" ޖާއްޓެ ބުންޏެވެ.

ގިނަ ރާޅާއެޅުންތެރިންނެކޭ އެއްގޮތަށް ޖާއްޓެ ވެސް އެދެނީ ދިވެހިރާއްޖޭގައި މިހުރި ރާޅުތައް (ސާފިން ޕޮއިންޓްތައް) ހިމާޔަތްކުރުމަށެވެ. ޖާއްޓެ ބުނީ މިހާރު ވެސް ވަރަށް ގިނަ ރާޅުތައް ނެތިގޮސްފައިވާ ކަމަށާއި ބަޔެއްގެ އިހުމާލުން ހަލާކުވެސް ވެފައިވާ ކަމަށެވެ. އަދި ދެން ހުރި ރާޅުތަަކަށް އެހެންވާން ނޭދޭ ކަމަށް ޖާއްޓެ ބުންޏެވެ.

"މުޅި ދުނިޔޭގެ ނިސްބަތަށް ބަލާއިރު ވަރަށް ގިނަ ރާޅާ އެޅުންތެރިން އެބައުޅޭ. އޭގެ ތެރެއިން ކޮންމެ ރާޅާ އެޅުންތެރިއެއް ވެސް ހުވަފެނެއް ދިވެހިރާއްޖެ އައިސް ރާޅާއަޅާލުން. އޭގެ އިން ވެސް އެނގެނީ ދިވެހިރާއްޖެ އަކީ ކިހާ މުހިއްމު ކިހާ ސަޅި ކިހާ ރީތި ރާޅުތަކެއް ހުރިތަނެއްކަން،" ޖާއްޓެ ބުންޏެވެ.

ރާއްޖެ އަށް ސާފިން އާއި ބޮޑީބޯޑިން އިން ވަނީ ވަނަތަކެއް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ގެނެސްދީފަ އެވެ. ޖާއްޓެ ވެސް ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރަނގަޅު ކާމިޔާބެއް ހޯދައިފަ އެވެ. އަދި މުސްތަގުބަލުގައި އެ އަދަދު ގިނަ ކުރުމަށް އޭނާ މަސައްކަތްކުރަމުން އަންނައިރު، އޭނާ ދެކޭ ގޮތުގައި އެ ފުރުސަތު އެހެން ރާޅާއެޅުންތެރިންނަށް ވެސް އެބައޮތެވެ.

"ދުނިޔޭގެ ފެންވަރުގައި ރާޅާ އަަޅަން ބޭނުމިއްޔާ ވަރަށް ބައިވަރު ފުރުސަތުތައް ދިވެހިންނަށް އެބައޮތް. އެންމެ ބޮޑު ކަމަކީ ދިވެހިރާއްޖޭގައި މިހުރި ރީތި ރާޅުތައް. އެ ރާޅުތަކުގައި އަޅައިގެން ޕްރެކްޓިސްކޮށް އެކަން ކުރާނެ ޗާންސް ދީފައި އެހެން މުބާރާތްތަކަށް ދާން ފުރުސަތު ދީފިއްޔާ ދިވެހި ރާޅާ އެޅުންތެރިން ވާނެ ދުނިޔޭގެ ފެންވަރުގެ މޮޅެތި ރާޅާއެޅުންތެރިންނަށް،" ޔަގީންކަމާ އެކު ޖާއްޓެ ބުންޏެވެ.

ބޮޑީބޯޑަރުންނާއި ސާފިން އިން އަރަމުން އަންނަ ކުދިންނަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ މި ކަމަށް ބޭނުންވާ އިކުއިޕްމަންޓްސް (ސާމާނު) ނުލިބުމެވެ. ޖާއްޓެ ބުނީ ރާޅާއަޅާ ކުދިންނަށް ސަރުކާރާއި ވިޔަފާރިތަކުގެ އެހީތެރިކަން ވަރަށް މުހިއްމު ކަމަށެވެ.

ރާއްޖޭގައި ތިބި އެންމެ މޮޅު ބޮޑީބޯޑަރުން އިސްވެ ރާއްޖެ ބޮޑީބޯޑަރުންގެ ނަމުގައި މިހާރު އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ޖާއްޓެ ވެސް ހިމެނޭ ރާއްޖެ ބޮޑީބޯޑިންގެ އެންމެ ބޮޑު އަމާޒަކީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބޮޑީބޯރުންނަށް ފުރުސަތު ފަހިކޮށްދިނުމެވެ.

"ރާއްޖެ ބޮޑީބޯޑިންގެ އެންމެ ބޮޑު މަގުސަދަކީ މިއުޅޭ ހުރިހާ ގަދަ ބޮޑީބޯޑަރުން ވެގެން ދެން ތިބި ކުދިންނަށް ފުރުސަތެއް ހޯދައިދިނުން. އެ މީހުންނަށް ބޭނުންވާ ހުރިހާ ކަންތައްތައް. މިސާލަކަށް މުބާރާތުގައި އެޅުމުގައި. ނޫނީ އެ ނޫން ވެސް އެ މީހުންނަށް އެހީތެރިކަން ބޭނުންވާ ކަންތައްތަކުގައި މަސައްކަތްކުރުން އެހީވެދޭން، ކިޔައިދޭން އޮންނަ ބައެއް ރާއްޖެ ބޮޑީބޯޑިން އަކީ،" ޖާއްޓެ ބުންޏެވެ.

ސީޒަން އޯޕަނިން މުބާރާތުގައި ޖާއްޓެ ރާޅާއަޅަނީ.--- ފޮޓޯ: މިހާރު

މޫދު ކުޅިވަރުގައި ރާއްޖޭން ކުރިއަށް ގޮސްފައިތިބި ކޮންމެ އެތުލީޓަކަށް ވެސް ވަނީ ސްޕޮންސަރުންގެ ގޮތުގައި އެކި ފަރާތްތަކުން އެހީތެރިވެދީފަ އެވެ. ރާއްޖޭގެ ވިޔަފާރިތަކުގެ އިތުރުން އިންޓަނޭޝަނަލް ބޮޑު ބްރޭންޑްތައް ވެސް ވަނީ ދިވެހި ރާޅާއެޅުންތެރިންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލައިފަ އެވެ. އެ ގޮތުން ޖާއްޓެ އަށް އެހީތެރިވީ ސީސްޕޯޓްސް އިންނެވެ.

"އަހަރެންގެ ސާފިން ކެރިއަރުގައި މިހާ ހިސާބަށް އައިސް ހުއްޓައި ސީސްޕޯޓްސް އިން އަހަރެން ބަލައިގަތުމުން ވަރަށް ބޮޑަށް އުފާވޭ. އަހަންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް މިއީ މިކަމުން ކުރިއަށްދާން. ސީ ސްޕޯޓްސް އަށް ވަރަށް ބޮޑު ޝުކުރެއް އަދާކުރަން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި މި އަށް ވުރެ ރަނގަޅުވާނެ،" ޖާއްޓެ ބުންޏެވެ.

ޖާއްޓެ އެންމެ ފުރަތަމަ މޫދަށް އެރުނީ އެކުވެރިންނާ އެކު ހުސްވަގުތު ހޭދަކޮށްލުމުގެ ވިސްނުމުގަ އެވެ. ރާޅުތެރޭގައި ބޯޑެއް ހިފައިގެން ހޭދަކުރި ފުރަތަމަ ދުވަހު ވެސް އުއްމީދުތައް އާވި އެވެ. ފުރަތަމަ ވާދަކުރި މުބާރާތުން ކަޓައިގެން ދިއުމަކީ ލިބުނު ފިލާވަޅެކެވެ. އެ އަށް ފަހު ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަރައިގެން ގޮސް އޭނާ ދުނިޔޭގެ ރާޅުތަކުގެ ތެރޭގައި ފިޔަޖަހައިފި އެވެ. އަދިވެސް އުއްމީދަށް ބަދަލެއް ނާންނައިރު، މިކަމުން ކުރިއަށް ދިއުމެކޭ އެއްވަރަށް ޖާއްޓެ ހުރީ މި ދާއިރާ އިން ކުރިއަށްދާން އެދޭ ޒުވާނުންނަށް އެހީތެރިކަމުގެ އަތް ދިއްކޮށްލަން ވެސް ތައްޔާރަށެވެ. ރަށްޓެހިންނާ އެކު ފެށި ދަތުރުގައި ޖާއްޓެ މިހާރު ހުރީ މާ ބޮޑަށް ވެސް އަޒުމް ވަރުގަދަކޮށެވެ.

1 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 97%
icon sad icon sad 3%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

55559

14 September 2019

ޖާއްޓެމެނަށް ކާމިޔާބީއަށް އެދެން. އެކަމު އިސްލާހު ކޮންލަން ޖެހޭ ކަމެއް ބުނެލަން ބޭނުން. ރާޅުގަނޑު ސަރަހައްދުގައި ރާޅާ އަޅާ ކުދިން ވަރަށް ހުތުރު ބަހުން ބާރަށް ވާހަކަ ދައްކާ އަދި އެ ތަނުން ހިނގާ މީހުންނަށް ފުރައްސާރަ ކުރާކަން ފާހަގަކޮށްލަން. ވަރަށް އެދޭ ކަމެއް އެކަން ރަގަޅުކޮށްލުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454