މިނިވަން ޗެމްޕިއަންޝިޕް، ޖަޒީރާ ފުޓްބޯލް ޗެމްޕިއަންޝިޕުގެ ނަމަށް ބަދަލުކޮށްފި

އަތޮޅު ފުޓްބޯޅަ މުބާރާތް ކަމަށްވާ މިނިވަން ޗެމްޕިއަންޝިޕް، 2016 ވަނަ އަހަރު ބޭއްވި ގޮތަށް ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ގޮތަށް ބަދަލުކޮށް މުބާރާތުގެ ނަން "ޖަޒީރާ ފުޓްބޯލް ޗެމްޕިއަންޝިޕް" އަށް ރިބްރޭންޑްކޮށްފި އެވެ.


އެހެންވެ މި އަހަރު މިނިވަން ޗެމްޕިއަންޝިޕް ނޯންނާނެ އެވެ. އާ ނަމުގައި މުބާރަތް އަލުން ފަށާނީ އަންނަ އަހަރު އެވެ. މި ބަދަލު ގެނައީ ދިވެހި ޕްރިމިއާ ލީގުގެ ފޯރިކުޑަވެ އެ މުބާރާތް ހޯމް އެންޑް އަވޭ އުސޫލަށް ލީގު ބަދަލުކުރަން ގޮވާލާ އަޑުތައް ގަދަވަމުން އަންނަނިކޮށެވެ. އެކަމަކު މި ގެނައި ބަދަލާ އެކު ވެސް ޕްރިމިއާ ލީގު ކުރިއަށްދާނީ މިހާރު ކުޅޭ އުސޫލުން މާލޭގަ އެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ޕްރިމިއާ ލީގު ހޯމް އެންޑް އަވޭ އުސޫލަށް ބަދަލުކުރަން މިވަގުތު ހުރަސްތަކެއް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ރަށްރަށުގައި ވަސީލަތްތައް ނެތުން ހިމެނެ އެވެ.

މުބާރާތުގެ ނަމުގެ ކުރިއަށް އިތުރުކުރި "ޖަޒީރާ" އަކީ މި ސަރުކާރުގެ ކެމްޕެއިން ސްލޯގަން އެކެވެ. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ބޭނުންކުރީ "ޖަޒީރާ ރާއްޖެ" ސްލޯގަން އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ "ޖަޒީރާ ފުޓްބޯލް ޗެމްޕިއަންޝިޕް" ކުރިއަށްދާނީ ކޮންމެ ރަށެއްގައި ކައުންސިލުން ފުރަތަމަ ރަށު ފެންވަރުގެ މުބާރާތެއް ބާއްވާ ގޮތަށް ކަމަށެވެ. އެ މުބާރާތުގައި ރަޖިސްޓްރީ ވިޔަސް ނުވިޔަސް ކޮންމެ ޓީމަކަށް ވެސް ބައިވެރިވެވޭނެ އެވެ. އަދި މައި މުބާރާތުގެ އަތޮޅު ބައިގައި ރަށް ތަމްސީލްކުރާނީ ރަށު މުބާރާތުގެ ޗެމްޕިއަން ޓީމުން އެ ރަށެއްގެ ނަމުގަ އެވެ. އެއަށް ފަހު އަތޮޅު ޗެމްޕިއަން ޓީމު ޒޯން ބައިގައި ވާދަކުރާނެ އެވެ.

އެފްއޭއެމުން 2015 ވަނަ އަހަރު ތައާރަފްކުރި މިނިވަން ޗެމްޕިއަންޝިޕް 2016 ފިޔަވައި އެހެން ހުރިހާ އަހަރެއްގައި ބާއްވަނީ ކޮންމެ އަތޮޅެއްގައި ކަނޑައެޅޭ ވަކި ރަށެއްގަ އެވެ. އެކަމަކު 2016 ގައި ހޯމް އެންޑް އަވޭ އުސޫލުން ބޭއްވި އެވެ. އެ ނޫން އަހަރުތަކުގައި ވެސް ދެ ޓީމު ބައިވެރިވެއްޖެ ނަމަ ކުޅެނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ.

މަހުލޫފު ވިދާޅުވީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮކްޓޯބަރު 15 އާ ހަމަޔަށް ހުޅުވިފައިވާނެ ކަމަށާއި މުބާރާތް ކުރިއަށް ގެންދާނެ ގޮތުގެ ބައެއް ކަންކަން ނިންމާށާއި އަދި ހުރި ދަތިތައް އޮޅުން ފިލުވަން ޓީމުތަކުގެ މަންދޫބުންނާ އެކު ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

މިނިވަން ޗެމްޕިއަންޝިޕަކީ މިހާރު ރާއްޖޭގެ ލީގު ސިސްޓަމުގެ ޑިވިޝަނެކެވެ. އެފްއޭއެމުން މިހާރު ރާވާފައިވާ ގޮތުން މިނިވަން ޗެމްޕިއަންޝިޕުގެ ގަދަ ޓީމުތަކަށް ދިވެހި ޕްރިމިއާ ލީގުން ފުރުސަތުދެ އެވެ. އެކަމަކު ދިގު މުއްދަތެއްގައި މާލެ އައިސް ތިބެން ޖެހޭތީ އެ ޓީމުތަކަށް ދަތިތައް ކުރިމަތިވެ އެވެ. އެހެންވެ ޖަޒީރާ ޗެމްޕިއަންޝިޕުން އަންނަ ޓީމުތަކަށް ލީގުގެ ބަދަލުގައި ޕްރެޒިޑެންޓްސް ކަޕުން ފުރުސަތު ދޭން ވިސްނާ ކަމަށް ބައްސާމް ވިދާޅުވި އެވެ. އެކަމަކު އެފަދަ ބަދަލެއް ގެނަޔަސް ގެންނާނީ ވަރަށް ފުންކޮށް ވިސްނުމަށް ފަހު ކަމަށް ބައްސާމް ވިދާޅުވި އެވެ.