ޔަޒޫ މޯލްޑިވްސް އިންޓަނޭޝަނަލް މެރެތަންގައި ދުވަނީ.
24 އޮކްޓޯބަރ 2019 - 12:17
އަންނަ އަހަރު އޮންނަ އެތުލެޓިކްސް އެސޯސިއޭޝަނުގެ އިންތިހާބުގައި އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ކުރީގެ ދުވުންތެރިޔާ އަދި މިހާރުގެ ކޯޗު ޔަޒްނީ ނަޝީދާ (ޔަޒޫ) ކުރިމަތިލާން ނިންމައިފި އެވެ.
އޭނާ މިއަދު "މިހާރު" އަށް ބުނީ ރާއްޖޭގެ އެތުލެޓިކްސްގެ އެންމެ މަތީ މަގާމަށް ދިއުމަށް ޝައުގުވެރިވީ އެސޯސިއޭޝަން މިހާރު ހިނގަމުންދާ ގޮތާ މެދު ހިތްހަމަނުޖެހޭތީ އެކަން ބަދަލުކުރަން ކަމަށެވެ.
"އެންމެންނަށް ހަމަހަމަ ފުރުސަތެއް ލިބެން ޖެހޭ. އޭގެ ތެރޭގައި ކޯޗުންނާއި ޓެކްނިކަލް އޮފިޝަލުންނާއި އެތުލީޓުން ހިމެނޭ. ކްލަބްތައް ރެގިއުލޭޓް ކުރާ ގޮތް ވެސް ހިތްހަމަނުޖެހޭ. އެހެންވެ ބޭނުންވަނީ ބަދަލުތަކެއް ގެންނަން،" ޔަޒޫ ބުންޏެވެ.
'ބޭނުންވަނީ އެތުލެތިކްސް އެސޯސިއޭޝަނުގެ ހިންގުމަށް ހެޔޮ ބަދަލުތަކެއް ގެނައުން."
ސްކޫލް ދައުރުގައި އެތުލެޓިކްސްގެ ތެރެއަށް ވަން ޔަޒޫ ވަނީ 1994-2004 އަށް ގައުމީ ޓީމަށް ދުވެފަ އެވެ. އެގޮތުން 1996 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ދުވެ އޮލިމްޕިއަނެއްގެ ޝަރަފް ހޯދުމުގެ އިތުރުން ވޯލްޑް ޗެމްޕިއަންޝިޕް، އޭޝިއަން ގޭމްސް، އޭޝިއަން ޗެމްޕިއަންޝިޕް އަދި ސާފް ގޭމްސްގައި ދުވި އެވެ.
ދުވުން ހުއްޓާލުމަށް ފަހު ޔަޒޫ އައީ އޭނާގެ ފިރިމީހާ ހަންގޭރީގެ ޗަބާ ކިސްއާ ގުޅިގެން ކީން ޔޫތު ސްޕޯޓްސް އެކަޑަމީ (ކޭވައި އެކަޑަމީ) ގެ ނަމުގައި ފުޅާ ދާއިރާއެއްގައި އެކަޑަމީއެއް ހިންގަމުންނެވެ. މީގެ ދެ އަހަރު ކުރިން އެސޯސިއޭޝަނުން ވަނީ އެ އެކަޑަމީގެ ބައެއް މެމްބަރުން އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން އެސޯސިއޭޝަން ބަދުނާމްކުރުމާއި އެސޯސިއޭޝަނާ މެދު މެމްބަރުންގެ ހިތުގައި ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ދައްކައި ސާބިތު ނުހިފޭ ތުހުމަތުތަކެއް ކުރަމުން އަންނާތީ އެ ކްލަބް ސަސްޕެންޑްކޮށްފަ އެވެ. އަދި އެ މައްސަލަ ޑިސިޕްލިނަރީ ކޮމިޓީން ބެލުމަށް ފަހު މިދިޔަ އަހަރުގެ ފެބްރުއަރީ 14 ވަނަ ދުވަހު ކްލަބުގެ ގިންތި ދަށްކުރުމަށް ނިންމީ އެވެ. އެއާ އެކު އެ އެކަޑަމީ އަށް އިންތިހާބުގައި ވޯޓްލުމުގެ ހައްގު ގެއްލުނެވެ.
އެ އެކަޑަމީން އެ މައްސަލަ ސްޕޯޓްސް ކައުންސިލުގައި އިސްތިއުނާފްކުރުމުން، އެ ކައުންސިލުން ވަނީ އެކަޑަމީގެ މައްޗަށް އެސޯސިއޭޝަނުން އަޅައިފައިވާ ފިޔަވަޅުތައް ބާތިލްކޮށް އެއިން އެއްވެސް ފިޔަވަޅެއް އެކަޑަމީއާ މެދު އަޅައިފައިނުވާ ކަމަށް ބެލުމަށާއި އެކަޑަމީގެ ގިންތި ބަދަލުކުރުމަށް ނިންމާފައިވާ ނިންމުން ބާތިލްކޮށް، އެ ކްލަބް ކުރިން ހުރި ހާލަތަށް އަނބުރާ ރުޖޫއަކުރުމަށް އަންގައިފަ އެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލް އޭރު ވިދާޅުވީ ކައުންސިލުގެ ނިންމުމަށް އިހުތިރާމްކުރައްވާ ކަމަށާއި އެކަމަކު އެ ކައުންސިލުން މައްސަލަ ނިންމާފައިވަނީ ބަލަން ވާވަރަށް ނުބަލައި ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫޖެހި ކޭކު
28 October 2019
މުޅި އެސޯސިއޭޝަން ތިޔަ ހަލާކުވެގެން ދިޔައީ...
ބުނެލީ
26 October 2019
ހިތްހަމަނުޖެހޭ ކަންކަން ހުރީއްޔާ އެކަންކަން ރަނގަޅުކުރަން ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާނީ.. އެހެންމީހުންގެ ކުށްދައްކައިގެން މަޤާމެއް ހޯދަން އުޅުމަކީ އެމަޤާމަކަށް އެމީހެއް ކުފޫ ހަމަނުވާ ކަން ހާމަކޮށްދޭ އެއް ދަލީލު
އަލީ ރާޖާ
25 October 2019
ކުޅުންތެރިންނަށް ހުރީ އަޙުލާގީ ނަމޫނާއެއް މީނައަކީ. މީނަ ރައީސަކަށް އައިއްސިއްޔާ ޖެމެއިކާއިެންވެސް މިތަނަށް އަންނާނެ
ކުޅިވަރު އާއިލާ
24 October 2019
ރާއްޖޭގެ ސްޕޯޓްސް މެނޭޖްމެންޓް ދާއިރާއިން ކިޔަވައިގެންތިބި މީހުންނަށް މިފުރުސަތު ދޭންވީ، ކްލަބްތައް ހަދައިގެން ފުޅާދާއިރާއެއްގަ ވިޔަފާރި ހިންގާ މީހުންނަށް މިފުރުސަތު ދީފިނަމަ އިންސާފުވެރިއެއް ނުވާނެ
ނާތަހުޒީބު
24 October 2019
އެތްލެޓިކްސް ދުއް އެންމެ ނާތަހުޒީބު މީހަކީތީ...
ދިވެހިމީހާގެ މީހާ
24 October 2019
މިކަމައް ބޭނުންވަނީ ސީދާ ހިންގުމުގެ ދާއިރާ ތަޖުރިބާ ހުރި މިކުޅިވަރަށް ލޯބިކުރާ މީހެއް، ކޯޗުންސިޔާސީ މީހުންން މިކަމުން ދުރުކުރަންވީ،