އާލީ ޓަޗް އެކެޑަމީގެ ބައެެއް ކުދިންތަކެއް ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: މިހާރު
24 މެއި 2020 - 13:35
ކޮވިޑް-19ގެ ސަބަބުން ދިމާވާ އުނދަގޫތަކަށް ލުޔެ އްހޯދުމުގެ ގޮތުން ސަރުކާރުން ކަނޑައަޅާފައިވާ އިކޮނޮމިކް ރިލީފް ފަންޑުން ކުޅިވަރު ކްލަބްތަކުގެ ކޯޗުންނާއި އެކެޑަމީތަކަށް ވެސް އެހީ ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުނެފި އެވެ.
ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރޭތީ ރާއްޖެ ލޮކްޑައުންގައި އޮތުމާ އެކު ކުޅިވަރުގެ ތެރެއިން އާމްދަނީ ހޯދަމުން އައި ފަރާތްތަކަށް ވެސް ވަނީ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. ހާއްސަކޮށް ކުޅިވަރު ޓީމުތަކުގެ ކޯޗުންނާއި އެކެޑަމީތައް މެދުވެރިކޮށް ފައިސާ ލިބޭ މީހުންނަށެވެ. ކޯޗުންނާއި އެކެޑަމީތަކަށް ސަރުކާރުގެ އެހީތެރިކަމެއް ނުލިބޭތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ދާދި ފަހުން ކުޅިވަރު އެސޯސިއޭޝަންތަކާ އެކު ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ބޭއްވި ބައްދަލުވުމުގައިވަނީ ކޯޗުންނާއި އެކެޑަމީތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފަ އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި ކުޅިވަރުތަކުގެ އެކެޑަމީތައް އަންނަނީ ހިންގަމުންނެވެ. އަދި ހާއްސަކޮށް މާލެ ސަރަހައްދުގައި ގިނަ ފުޓްބޯޅަ އެކެޑަމީތައް ހިންގަ އެވެ. އެންމެ ފުޅާކޮށް ފުޓްބޯޅަ އެކެޑަމީ ހިންގަނީ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުންނެވެ. ރާއްޖޭގެ ކްލަބްތަކުގެ އެކެޑަމީތަކުން އަންނަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވެސް ވާދަކޮށް ރަނގަޅު ވަނަތަކެއް ހޯދަމުންނެވެ.
ސްޕޯޓްސް މިނިސްޓްރީގެ އޮފިޝަލަކު "މިހާރަ"ށް ބުނީ ސަރުކާރުގެ އެހީތެރިކަން ކޯޗުންނާއި އެކެޑަމީތަކަށް ލިބޭނެ ގޮތްތައް ކަނޑައަޅާފައިވާ ކަމަށެވެ.
"އެކެޑަމީތަކުގެ ތެރެއިން ފައިނޭންޝިއަލް އެސިސްޓަންސް ޕެކޭޖްގެ ތެރޭގައި ހިމެނޭނީ ވިޔަފާރިއެއް ގޮތުގައި ރަޖިސްޓްރީކުރެވިގެން ހިންގާ އެކެޑަމީތައް. ކޯޗުންނަށް އެޕްލައި ކުރެވޭ ގޮތަށް އޮތީ އަންއެމްޕްލޯއިމަންޓް ބެނެފިޓްސް ތެރެއިން،" އޮފިޝަލް ބުންޏެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންގެ ބައްދަލުވުމެއްގެ ތެރެއިން މިނިސްޓަރު މަހުލޫފް ވާހަކަ ދައްކަވަނީ. -- ފޮޓޯ: މިހާރު
މި ފުރުސަތުގައި އެހީ އަށް އެދި ހުށަހަޅަން ޖެހޭނީ އިކޮނޮކިމް މިނިސްޓްރީން ކަނޑައަޅާފައިވާ ޖޮބް ސެންޓަރު މެދުވެރިކޮށް އޮންލައިންކޮށް ނުވަތަ އީމެއިލްގެ ޒަރީއާއިންނެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މަހުލޫފް ވަނީ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދެނީ މުސާރައެއް ނޫން ކަމަށާއި އެއީ އެލަވަންސެއް ކަމަށާއި، އެ ފައިސާ މިވަގުތު ނުދެވެނީ ޕްރެކްޓިސްތައް ނޯންނާތީ ކަމަށް ވިދާޅުވެފަ އެވެ.
ލޮކްޑައުން އެއްގައި މި ވަގުތު އޮތުމުން ހުރިހާ ގައުމީ ޓީމުތަކެއްގެ ޕްރެކްޓިސް ވެސް އޮތީ ހުއްޓިފަ އެވެ. ހަމައެކަނި ކުޅިވަރަށް ހާއްސަވެގެން ތިބޭ ކުޅުންތެރިންނަށް އާމްދަނީއެއް ނުލިބޭތީ އެ ކުޅުންތެރިންނަށް ވަނީ ދަތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިނިސްޓަރު މަހުލޫފް އަންނަނީ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި ވާހަކަދައްކައި ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވަމުންނެވެ. އެ ގޮތުން ލޮކްޑައުންގެ ހާލަތުން ލުޔެއް ލިބި ނިއު ނޯމަލްގައި ގައުމީ ޓީމުތަކުގެ ޕްރެކްޓިސްތައް ފަށާނެ ގޮތްތަކާ ބެހޭގޮތުން ވާހަކަ ދެކެވުނެވެ.
ގައުމީ ޓީމެއްގެ ކުޅުންތެރިޔަކު "މިހާރަ"ށް ބުނީ ދެކެވުނު ވާހަކަތަކުގައި ކުޅުންތެރިންގެ އެލަވަންސް ދެވޭނެ ގޮތްތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެއްގެ ގޮތުގައި ހުރިހާ ކުޅިވަރު ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ތަފާތު ކުރުމެއްނެތި ފައިސާ ދެމުން އައި ކަމަށް ސްޕޯޓްސް މިނިސްޓަރީން މައުލޫމާތު ދެ އެވެ. އެގޮތުން މަހެއްގެ މައްޗަށް 328 ކުޅުންތެރިންނަށް ގާތްގަނޑަކަށް 1.4 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. ކޮންމެ ކުޅުންތެރިޔަކަށް މިހާރު ދެނީ މަހަކު 5000ރ އެވެ. އަދި ބައިނަލްއަގުވާމީ މުބާރާތްތަކުގައި މެޑަލް ގެންނަ ކުޅުންތެރިންނަށް ބޯނަސް ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟާނު
27 May 2020
ޜެފްރީންނަށް މީގެން އެހީ ނުލިބޭންވީ ކީއްވެތޯ
ބެލެނި ވެރިން
25 May 2020
ރާއްޖޭގެ ހުރިހާ އެކަޑަމީތައް އުވާލަން ފެނޭ ، މުޅިން ވެސް ބެލެނިވެރިން ފެލައިގެން ކުދހިންނަކައް ކުރިއެރުމެއް ނުލިބެ ހާއްސަކޮއް ބާއްސްކެޓް
ނޯމީ
24 May 2020
އެކަޑަމީތަކަކީ ސަރުކާރު ބިންތަކުން ބޮޑެތި މަންފާތައް ހޯދާ ބައެއް..