ކުޅިވަރު

ޑުންގާ ޝަރީފް އައްޑޫގައި ފުޓްބޯޅަ އެކަޑަމީއެއް ހުޅުވަނީ

ޑުންގާ (ވ) އަމިއްލަ ފުށި ރިޒޯޓުގައި އޮތް ފުޓްބޯޅަ ކޯޗިން ކޭމްޕެއްގައި އޮސްޓްރޭލިއާގެ ކުރީގެ ފޯވާޑް ޓިމް ކޭހިލްއާ އެކު. --ފޮޓޯ: ހައްވާ އަމާނީ އަބްދުﷲ/ މިހާރު

އެފްއޭއެމްގެ ޔޫތު ޑިވެލޮޕްމަންޓް ކޯޗެއްގެ ގޮތުން 2000 ވަނަ އަހަރުން ފެށިގެން އައްޑޫގައި ކުޅުންތެރިން ބިނާކުރުމުގެ މަސައްކަތުގައި އެންމެ އިސް ދައުރެއް އަދާކުރި އަހުމަދު ޝަރީފް (ޑުންގާ) އައްޑޫގައި އޭނާގެ އަމިއްލަ އެކަޑަމީއެއް ހުޅުވަން ނިންމައިފި އެވެ.

އޯކިޑް ސްޕޯޓްސް ކްލަބުގެ ކުރީގެ ކެޕްޓަން، "ޑުންގާ ފުޓްބޯލް އެކަޑަމީ" ގެ ނަމުގައި އެކަޑަމީ ހުޅުވަން އެންމެ ފުރަތަމަ މަސައްކަތްކުރީ މާޗު މަހު އެވެ. އެކަމަކު ކޮވިޑް-19 ގެ ސަބަބުން ފަސްކުރީ އެވެ. ޑުންގާ މިހާރު ނިންމާފައިވަނީ ހާލަތު ރަނގަޅު ނަމަ، އޮގަސްޓް 1 ގައި ނުރަސްމީކޮށް ފަށައި އަންނަ އަހަރުގެ ޖެނުއަރީ 1 ގައި ރަސްމީކޮށް ފަށާށެވެ.

ޑުންގާ ބުނީ މި ދުވަސްވަރު އާއްމުންގެ ދިރިއުޅުމުގެ އާއްމު ހާލަތު ދަށަށް ގޮސްފައިވާތީވެ، ފުރަތަމަ ދެ މަސް ދުވަހު ތަމްރީން ދޭނީ އެއްވެސް ފީ އެއް ނުނަގައި ކަމަށާއި އެއަށް ފަހު ވެސް ނަގާނީ ކުޑަ އަދަދެއްގެ ފީއެއް ކަމަށެވެ. ތަމްރީންތައް އޮންނާނީ ޑުންގާގެ އުފަން ރަށް ސ. ފޭދޫ އަދި ހިތަދޫގަ އެވެ.

ރާއްޖޭގައި މިހާރު ހިންގާ ގިނަ އެކަޑަމީތަކުން ފެންނަނީ ކޮންމެ ސެޝަނަކަށް ވެސް ގިނަ އަދަދެއްގެ ކުދިންތަކެއް ގެނެސް އެންމެ އަސާސީ ތަމްރީންދޭ ތަނެވެ. އޭގެ ސަބަބުން ވަކިވަކި ކުޅުންތެރިންގެ ހުނަރު ތަރައްގީކުރަން ސަމާލުކަން ނުދެވި އެންމެ އެދެވޭ ނަތީޖާ ނުނުކުންނަ ކަމަށް ޓެކްނިކަލް މީހުން ބުނެ އެވެ.

ޑުންގާ ބުނީ އޭނާގެ އެކަޑަމީގައި އުމުރުން ހަތަރު އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން ކޮންމެ އުމުފުރާއަކުން ވެސް ނަގާނީ އެންމެ 10 ކުދިން ކަމަށާއި ބޭނުމަކީ، ވަކިވަކި ކުޅުންތެރިންނަށް ފޯކަސްކޮށްގެން ކުޅުންތެރިޔާގެ ހުނަރު ތަރައްގީކުރުން ކަމަށެވެ.

"އެއަށް ވުރެ އިތުރުކޮށްގެން ނަތީޖާއެއް ނެރެވިދާނެ ކަމަށް ގަބޫލެއް ނުކުރެވޭ،" ޔޫތު ޑިވެލޮޕްމަންޓުގެ 20 އަހަރުގެ ތަޖުރިބާއާ އެކު ޑުންގާ ބުންޏެވެ. "ބާރަ އަހަރުން މަތިން ވެސް ޖާގަ ދޭނީ ކަނޑައެޅޭ ވަކި އަދަދަކަށް."

ޓެކްނިކަލް ހުރިހާ ކަމެއް ޑުންގާގެ ބެލުމުގެ ދަށުން ކުރިއަށްގެންދަން ނިންމާފައިވާއިރު އެންމެ ފުރަތަމަ ކޯޗުންގެ ގޮތުގައި މަސައްކަތްކުރާނީ ވެސް އޭނާ އާއި ގްރާންސްރޫޓް ޓްރެއިނިން ލައިސަންސް އޮތް އޭނާގެ ދަރިފުޅެވެ. އެކަމަކު އަންނަ ޖެނުއަރީން ފެށިގެން ކޯޗުން ނަގާނެ އެވެ.

"ކޯޗުން ހޯދާއިރު ވެސް ހޯދާނީ ސީދާ ގްރާސްރޫޓް ކޯޗިންގެ ތަޖުރިބާ އާއި ތަމްރީން ހުރި މީހުން ބަލައިގެން." ޑުންގާ ބުންޏެވެ. "މިއީ މާލީ ފައިދާއެއް ހޯދުމަށް ކުރާ ކަމެއް ނޫން. ބޭނުމަކީ ކުޅުންތެރިންތަކެއް އުފެއްދުން."

ޑުންގާ އަކީ އެފަދަ ފުރުސަތެއް ނެތް ދުވަސްވަރެއްގައި، މަގުމަތީގައި ހުސްފައިގައި ކުޅެގެން ފުރަތަމަ ޑިވިޝަނާ ހަމަޔަށް ދިޔަ ކުޅުންތެރިޔެކެވެ. ޖަމާއަތުގެ ގުޅުމުގެ ފޭދޫ ގޮފީގެ ޓީމަށް 1985 ވަނަ އަހަރު ޒޯން މުބާރާތުގައި ކުޅުމަކީ އޭނާގެ ފެށުމެވެ. އޭގެ ފަހުން 1986 ވަނަ އަހަރު ފޭދޫ ސްޕޯޓްސް ކްލަބަށް ޒޯން މުބާރާތުގައި އަދި ޖެހިގެން އައި ދެ އަހަރު ފުރަތަމަ ޑިވިޝަނުގައި ކުޅުނެވެ.

އެކަމަކު އޭރު ފުޓްބޯޅަ ކުޅެގެން އާމްދަނީ ލިބޭނެ ގޮތެއް ނެތުމުން އޭނާ ނިންމީ، ރިޒޯޓް ވަޒީފާއަށް ބަދަލުވާށެވެ. އަލުން މަތީ ފަންތީގައި ކުޅެން ފުރުސަތު ލިބުނީ ބަނޑޮސް ރިޒޯޓުގެ ފުޓްބޯޅަ ޓީމަށް ކުޅޭ ގޮތަށް އެ ރިޒޯޓުން ވަޒީފާ ލިބުމުންނެވެ. އޭނާ ވަނީ ނުވަދިހައިގެ އަހަރުތަކުގައި ބަނޑޮސް އޯކިޑަށް ކުޅެ، ބްރެޒިލްގެ ކުރީގެ ކެޕްޓަން "ޑުންގާ" ގެ ނަމުން މަޝްހޫރުކަން ހޯދައިފަ އެވެ. އޯކިޑް އޮއްސުމާ އެކު، ހުއްރިއްޔާ އަށް ބަދަލުވާން ފުރުސަތު ލިބުނު ނަމަވެސް އޭނާ ރިޒޯޓުގައި މަޑުކުރީ އެވެ. ޑުންގާއާ އެކު އޯކިޑަށް ކުޅެ ފަހުން ހުއްރިއްޔާ އަށް ބަދަލުވި އައްޑޫގެ މަޝްހޫރު ކުޅުންތެރިޔާ ހުސެއިން ލުތުފީ (ލުއްޑާ) ނިއު ރޭޑިއަންޓާއި ވެލެންސިއާ އަދި ގައުމީ ޓީމުގައި ވިދާލި އެވެ.

ގައުމީ ސްކޮޑުން ވެސް ފުރުސަތު ލިބުނު ޑުންގާ އަނެއްކާ ވެސް ފުޓްބޯޅަ އަށް ހުސްވީ، އައްޑޫގައި އޮތް "ސީ" ލައިސަންސް ކޯޗިން ކޯހެއް ފުރިހަމަކުރުމަށް ފަހު، 2000 ވަނަ އަހަރު އެފްއޭއެމްގެ ވަޒީފާ ލިބުމުންނެވެ. އޭގެ ފަހުން ފަހަކާ ޖެހެންދެން، އައްޑޫ ވައިޑީޕީންނާއި ސްކޫލް މުބާރާތްތަކުން ވިދާލި ކުޅުންތެރިންގެ ތެރޭގައި ޑުންގާގެ ތަމްރީން ނުލިބޭ ކުޅުންތެރިޔަކު ނުހުންނާނެ އެވެ. އޭގެ ތެރެއިން ވެސް، ގައުމީ ޓީމުގެ ޖާޒީ ލާފައިވާ މުހައްމަދު އާރިފް (ބަކާ) އާއި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އާއި އަލީ ނާފިއު އާއި އަބްދުﷲ ހަނީފް (ބެންޖޯ) އާއި އަހުމަދު ނާޝިދު (ނައްޓޭ) ފާހަގަކުރެވެ އެވެ.

އޭއެފްސީ ކޯޗިން "އޭ" ލައިސަންސާއި ފީފާ ގްރާސްރޫޓް އިންސްޓްރަކްޓާ ލައިސަންސް އަދި އޭއެފްސީ "ބީ" އިންސްޓްރަކްޓާ ލައިސަންސް ނަގާފައިވާ ޑުންގާ މިހާރު ފަށަން އުޅޭ މަސައްކަތަކީ އައްޑޫ ފުޓްބޯޅަ އަށް އަނެއްކާ ވެސް އުއްމީދީ މަސައްކަތަކަށް ވާނެ ކަމަށް، މި މަސައްކަތުގައި އޭނާގެ ތަޖުރިބާ އާއި ހޯދާފައިވާ ކާމިޔާބީތައް ހެކިވެ އެވެ.

2 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 96%
icon sad icon sad 0%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާމަ333

16 July 2020

ސާބަހޭ ޑުންގާ....މިފަަދަ ކަންކަމަށް އައްޑޫ ވިޔަފާރިވެރިންގެ ރަނގަޅު ސްޕޮންސާއެއް ލިބެންޖެހޭ....ރާއްޖޭގެ ލީގު ހޯމް އެންޑް އަވޭ އުސޫލަށް ބަދަލުކުރަންޖެހޭ...ސްޓޭޑިއަމްތަކުގެ ފެންވަރު ރަނގަޅުކުރަން އެބަޖެހޭ....ދިރުން ގެންނަންޖެހޭ....

The name is already taken The name is available. Register?

އަދުރޭ ބެ

16 July 2020

ދެން ބުނެލަން އޮތީ ބާސްކެޓް ކުޅިވަރު ކީއްހޭ މިކުރަނީ ސުޕުން ނެއް ބަހައްޓައިގެން ބޮޑުމުސާރދީ ގެން .\، 25 އަހަރު ސުސޕުން ބަހައްޓައްއިގެން ކުރިނާރާތީ ވެ ހަމަ ހާމަކޮއްލީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454