13 ސެޕްޓެމްބަރ 2020 - 16:05
މި އަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ކްލަބް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗަކަށް ފުރަތަމަ ޑިވިޝަނާއި ގައުމީ ޓީމުތަކުގައި މަސައްކަތްކުރި ތަޖުރިބާކާރު ކޯޗު އަހުމަދު ނާޝިދު (ނާދު) ހަމަޖައްސައިފި އެވެ.
ސަސްގެ ކޯޗަކަށް ނާދު ގެނައީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ސަސްގެ މެނޭޖަރު އިސްމާއިލް ތޯރިގު "މިހާރަ"ށް ބުނީ ނާދު ގެންނަން ވިސްނި އެންމެ ބޮޑު ސަބަބަކީ މިހާލަތުގެ ގޮތުން ބަލާއިރު ޓީމުގެ މެނޭޖްމަންޓަށް އެންމެ ރަނގަޅު ކޯޗަކަށް ފެނުނީ ނާދު ކަމަށްވާތީ ކަމަށެވެ.
"ކޯޗުން ވެސް މި ހުރީ ވަރަށް ލިމިޓެޑްކޮށް ރާއްޖޭގައި. ދެން ރަނގަޅު ކޯޗުންނަށް ބަލާއިރު މި ވަގުތު ލިބެން ތިބި މި ކްލަބަށް އެންމެ ރަނގަޅު ކޯޗަކަށް ފެނުނީ ނާދު. އެހެންވެ ނާދުއާ އެކު ކުރިއަށްދާން މި ނިންމީ،" ތޯރިގު ބުންޏެވެ.
ފުރަތަމަ ޑިވިޝަނުގައި ކުޅޭ ފުރަތަމަ އަހަރު ކަމަށްވާތީ ސަސްގެ ވިސްނުން އޮތީ މި ޑިވިޝަނުގައި އޮވެލުމަށާއި ގަދަ ހައެއްގެ ތެރޭގައި ހިމެނޭ ވަރުގެ ސްކޮޑެއް އެކުލަވާލުމަށެވެ. އެ ގޮތުން އެ ޓީމުގެ ވިސްނުމަކީ ފުރަތަމަ ޑިވިޝަނުގައި ކުރިން ކުޅެފައިވާ 10 ވަރަކަށް ކުޅުންތެރިންގެ އިތުރުން ކީޕަރެއް ހިމެނޭ ގޮތަށް ބިދޭސީ ހަތަރު ކުޅުންތެރިން ގެންނާށެވެ.
"ކްލަބްގެ ބަޖެޓަށް ފެތޭ ވަރުގެ ޓީމެއް މި އެކުލަވާލާނީ. ބަޖެޓާ މެދު ވިސްނާއިރު އެފްއޭއެމުން ދޭ ފައިސާގެ އެހީގެ އިތުރުން އެހެން ސްޕޮންސަރުންގެ ފަރާތުން ވެސް ލިބޭނެ ކަމަށް މި ބަލަނީ،" ތޯރިގު ބުންޏެވެ.
ސަސްގެ ކޯޗިން ޓީމު: (ކ.ވ) ޑަކޭ އާއި ނާދު އަދި ފަރިއްޓެ.
ނާދުގެ އިތުރުން ދެން ސަސްގެ ކޯޗިން ޓީމުގައި ހިމެނެނީ ޒުވާން ގައުމީ ޓީމުތަކާއި ފުރަތަމަ ޑިވިޝަނުގެ ބައެއް ކްލަބްތަކުގައި މަސައްކަތްކުރި ޒުވާން ކޯޗު ފަރީދު މުހައްމަދު (ފަރިއްޓެ) އެވެ. ގޯލްކީޕަރު ޓްރެއިނަރަކީ ގައުމީ ޓީމާއި ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ހަސަން ހަމީދު (ޑަކޭ) އެވެ.
އެންމެ ފަހުން ފުރަތަމަ ޑިވިޝަނުގެ ހެޑް ކޯޗެއްގެ ގޮތުގައި ނާދު ފެނުނީ މީގެ ފަސް ވަރަކަށް އަހަރު ކުރިން ވިކްޓްރީގެ ބެންޗުންނެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ޒުވާން ޓީމަށް ޔޫތު ޗެމްޕިއަންޝިޕްގައި ކޯޗުކޮށްދީފަ އެވެ. ފުރަތަމަ ޑިވިޝަނުގައި ކުރިން އޮތް އޯލްޔޫތުލިންކްއޭޖް (އޭވައިއެލް)ގައި ވެސް ރަނގަޅު މަސައްކަތްތަކެއްކުރި ނާދު ވަނީ އެ ނޫން ޓީމުތަކުގައި ވެސް އެކި މަސައްކަތްތަކުގައި އުޅެފަ އެވެ. އޭގެ ތެރޭގައި ކްލަބް ވެލެންސިއާ ރެލިގޭޝަން ޒޯންގައި 2012 ވަނަ އަހަރު ކުޅުނުއިރު އެ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރެ ހެޑް ކޯޗެއްގެ ޒިންމާ ނެގި އެވެ. ފާއިތުވި އަހަރުތަކުގައި ނާދު ބޮޑަށް ފެނިފައިވަނީ ދެ ވަނަ ޑިވިޝަނުގެ ކްލަބްތަކާއި އުމުރުފުރާ ގައުމީ ޓީމުތަކުގެ ކޯޗެއްގެ ގޮތުގަ އެވެ.
އެ ގޮތުން މިދިޔަ އަހަރު އޭނާ ވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމާއި ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ވެސް އިރުޝާދުދީފަ އެވެ. ނާދު އަކީ މިދިޔަ ޑިސެމްބަރު މަހު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން ޓީމުން ލޯ މެޑަލް ހޯދި ޓީމުގެ ކޯޗެވެ. މިއީ ބައިނަލްއަގުވާމީ މުބާރާތްތަކުގެ ތެރެއިން ދެކުނު އޭޝިއާގައި ރާއްޖެ އަށް އަންހެން ފުޓްބޯޅަ އިން ލިބުނު ފުރަތަމަ މެޑަލް އެވެ.
ސަސް މިދިޔަ ސީޒަނުގައި ދެ ވަނަ ޑިވިޝަނުގެ ރަނަރަޕްގެ ގޮތުގައި ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިންއިރު ޓީމުގެ ކޯޗަކީ މާޒިޔާގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒައިރު (ކޮއްކޮ) އެވެ. ފުރަތަަމަ ޑިވިޝަނުގައި މި އަހަރު ވާދަކުރާއިރު ރަނގަޅު ސިސްޓަމެއްގެ ތެރެއިން ޓީމު ކުރިއަށްގެންދިއުމުގެ ގޮތުން ސަސް އިން އަންނަނީ ޕްރޮގްރާމެއް ރާވަމުންނެވެ. އެ ގޮތުން އެ ކްލަބުން ވަނީ ކްލަބަށް މާލީ ގޮތުން އެހީތެރިކަން ހޯދުމުގެ ގޮތުން ކޮފީ ޝޮޕެއް ވަނީ ހުޅުވައިފަ އެވެ.
ތޯރިގު ބުނީ ކޮފީ ޝޮޕަކީ ކްލަބް ފައިނޭންޝިއަލީ ރަނގަޅުކުރުމުގެ ގޮތުން ފެށުމެއް ކަމަށާއި އިތުރު ކަންތައްތަކެއް ކުރުމުގެ ވިސްނުން އެ ކްލަބްގެ މެނޭޖްމަންޓުން ގެންގުޅޭ ކަމަށެވެ.
މިހާރު އޮތްގޮތުން މި ފަހަރުގެ ފުޓްބޯޅަ ސީޒަން އަށް ކްލަބާ އެކު ފަށަން ނިންމާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy