ކުޅިވަރު / ބީއޭއެމް މިކްސް ޗެމްޕިއަންޝިޕް

ބެޑްމިންޓަން މިކްސް ޗެމްޕިއަންޝިޕް ރިވައިވަލް ކާމިޔާބުކޮށްފި

ރިވައިވަލް ކުޅުންތެރިން ފައިނަލުން މޮޅުވުމަށް ފަހު ތަށި އުފުލާލަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

29 ޑިސެމްބަރ 2020 - 21:13

happy icon 67%

ފައިނަލުގައި އިންޑޯ ސްޕޯޓްސް 4-2 އިން ބަލިކޮށް ރިވައިވަލް ސްޕޯޓްސް ކްލަބުން ބީއޭއެމް މިކްސް ޗެމްޕިއަންޝިޕް ތަށި މިއަދު އުފުލާލައިފި އެވެ.

ކޮވިޑް-19ގެ މެދުކެނޑުމަށް ފަހު މާލެ ސަރަހައްދަށް ހުޅުވާލައިގެން ބެޑްމިންޓަން އެސޯސިއޭޝަން، ބީއޭއެމް އިން ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ރިވައިވަލް އިން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ފައިނަލުގައި ރިވައިވަލްއާ ދެކޮޅަށް ނުކުތް އިންޑޯ ވެސް ވަނީ މިއަދުގެ ކުރިން މުބާރާތުގައި ކުޅުނު ހަތަރު މެޗުން މޮޅުވެފަ އެވެ.

މިއީ މިދިޔަ އަހަރު ޖޫން މަހު ވުޖޫދުކުރި ރިވައިވަލް އަށް ބެޑްމިންޓަން އެސޯސިއޭޝަނުން ބޭއްވި މުބާރާތެއްގައި ލިބުނު ދެ ވަނަ ކާމިޔާބީ އެވެ. އެ ޓީމުން ވަނީ އެންމެ ފަހުން 2019 ވަނަ އަހަރުގެ ގައުމީ މުބާރާތުގެ ޓީމު އިވެންޓް ބައިން ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި ރިވައިވަލް އިން ވަނީ މިދިޔަ އަހަރު ގާނާގެ ޖޭއީ ވިލްސަން އިންޓަނޭޝަން ސީރީޒްގެ ފިރިހެން ޑަބަލްސް ބައިން ލޯ މެޑަލް ހޯދައިފަ އެވެ.

ފުރަތަމަ ކުޅުނު ފިރިހެން ޑަބަލްސްގައި ރިވައިވަލްގެ ޒަޔާން ޒަކީ އާއި އަހުމަދު ވަސީމްގެ ޕެއާ ވަނީ މާ ބޮޑު ޗެލެންޖެއް ނެތި 15/13، 15/09 އިން އިންޑޯގެ މުހައްމަދު އާކިފް އާއި ހަސަން ފާކިރުގެ ޕެއާ ބަލިކޮށްފަ އެެވެ. ދެ ވަނަ އަށް ކުޅުނު އަންހެން ޑަބަލްސްގެ ފުރަތަމަ ގޭމުން ރިވައިވަލްގެ ފާތިމަތު ނަބާހާ އާއި ޝިޔާނާ އަހުމަދުގެ ޕެއާ ވަނީ އިންޑޯގެ ނާޒިމާ މުހައްމަދާއި އައިމިނަތު ނަސީމާގެ ޕެއާ 15/11، 15/08 އިން ބަލިކޮށްފަ އެވެ.

ފުރަތަމަ އަށް ކުޅުނު ދެ ގޭމް ގެއްލުމުން މެޗުގެ ތެރެއަށް އަލުން އަންނަން އިންޑޯ އަށް އޮތީ ދެން ކުޅުނު ދެ ގޭމުން މޮޅުވާން ޖެހިފަ އެވެ. ރަނގަޅު ރޫހެއްގައި ކުޅެ ދެން ކުޅުނު ދެ ގޭމް އިންޑޯ އިން ގެންދިޔަ އެވެ. ފުރަތަމަ މިކްސް ޑަބަލްސް އިން އިންޑޯގެ އާކިފް އާއި ނަސީމާގެ ޕެއާ ވަނީ ދެ ސެޓު އެއް ސެޓުން ރިވައިވަލްގެ ނަބާހާ އާއި އިބްރާހިމް ރާޝިއުގެ ޕެއާ އަތުން މޮޅުވެފަ އެވެ. ސެޓުތައް ދިޔައީ 15/07، 14/15 އަދި 11/05 އިންނެވެ. ދެން ކުޅުނު ދެ ވަނަ ފިރިހެން ޑަބަލްސް އިން އިންޑޯގެ ރިޝްވާން ޝިޔާމް އާއި ފާކިރުގެ ޕެއާ ވަނީ ދެ ސެޓު އެއް ސެޓުން ރިވައިވަލްގެ ޒަޔާން އާއި އާދަމް ނަޝްވަތުގެ ޕެއާ ބަލިކޮށްފަ އެވެ. ފުރަތަމަ ސެޓު ޒަޔާން އާއި ނަޝްވަތުގެ ޕެއާ 10/15 އިން ގެންގޮސްފައިވަނިކޮށް ރިޝްވާން އާއި ފާކިރުގެ ޕެއާ މޮޅުވީ ފަހަތުން އަރައި ދެން ކުޅުނު ދެ ސެޓު 15/12 އަދި 11/10 އިން ގެންގޮސްގެންނެވެ.

އިންޑޯ އިން އެއްވަރުކުރުމުން ރިވައިވަލް އިން އަލުން ލީޑުނަގަން އަމާޒުހިފައި ދެއްކި މޮޅު ކުޅުން ތަކުރާރުކޮށް ދެެ ގޭމު ނެގުމާ އެކު އެ ޓީމު މެޗުން މޮޅުވީ އެވެ. އެ ގޮތުން ފަސް ވަނަ އަށް ކުޅުނު ދެ ވަނަ އަންހެން ޑަބަލްސް އާއި ހަ ވަނަ އަށް ކުޅުނު ދެ ވަނަ މިކްސް ޑަބަލްސް އިން ރިވައިވަލް މޮޅުވުމުން ފަހުން ކުޅެން އޮތް ތިން ވަނަ ފިރިހެން ޑަބަލްސް ގޭމް ނުކުޅެ ރިވައިވަލް މޮޅުވީ އެވެ.

ދެ ވަނަ އަންހެން ޑަބަލްސް އިން ރިވައިވަލް މޮޅުކޮށްދިނީ އައިމިނަތު ނަބީހާ އާއި ޝިޔާނާގެ ޕެއާ އެވެ. އެއީ އިންޑޯގެ މަރިޔަމް ޝަފާހަތާއި ފާތިމަތު އިމްތިޝާލްގެ ޕެއާ އަތުން 01/15، 05/15 އިން މޮޅުވެގެންނެވެ. ދެ ވަނަ މިކްސް ޑަބަލްސްގައި އިންޑޯގެ އައްފާން އަލީ އާއި ނާޒިމާގެ ޕެއާ އަތުން ރިވައިވަލްގެ ނަބީހާ އާއި ވަސީމްގެ ޕެއާ މޮޅުވީ 06/15، 14/15 އިންނެވެ.

މާލެ ސަރަހައްދަށް ހުޅުވާލައިގެން ބީއޭއެމް އިން ކުރިއަށްގެންދިޔަ މި މުބާރާތުގައި ނިސްބަތުން ބަލާއިރު ރަނގަޅު މެޗުތަކެއް ފެނިގެންދިޔަ އެވެ. އަދި އާ ޓީމުތަކެއް މުބާރާތުގައި ވާދަކުރިއިރު، އޭގެ ތެރޭގައި ގައުމީ ޓީމުގެ ކުޅުންތެރިޔާ މުހައްމަދު އަޖުފާން ރަޝީދު ދާދި ފަހުން ފެށީ އަޖުފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކެޑަމީ (އައިބާ) ވެސް ހިމެނެ އެވެ. އަލަތު މުބާރާތުގައި އެ ޓީމުން ސެމީ ފައިނަލުގައި ވާދަކުރި އެވެ.

0 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454